ހުޅުމާލޭގައި ބައިލިންގުއަލް އިންޓަރނެޝަނަލް ސްކޫލެއްގެ ބިންގާ އަޅުއްވައިފި

‘އަޖިއަލް ބައިލިންގުއަލް ސްކޫލް’ގެ ނަމުގައި ހުޅުމާލޭގައި ބައިލިންގުއަލް އިންޓަރނޭޝަނަލް ސްކޫލެއްގެ ބިންގާ މިއަދު އަޅުއްވައިފިއެވެ. މިއަދު ހުޅުމާލޭ ފޭސް 1 ގައި މި ސްކޫލް އަޅާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއާއި، ކުވެއިތުގެ އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއެވެ.

ހުޅުމާލޭގައި އިންޓަރނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމުގެ އެއްބަސްވުމުގައި ކުވެއިތުގެ އަލްޖެރީ ހޯލްޑިންގ ގްރޫޕާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. މި ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭނެއެވެ. މިއީ އިންގްލިޝް މީޑިއަމް ސްކޫލެކެވެ. އަދި މި ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭން ވަނީ ހަމަޖެހިފައެވެ.

ގާތްގަނޑަކަށް 1200 ދަރިވަރުންގެ ޖާގައިގެ މި ސްކޫލް އިމާރާތް ކުރަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ  ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ނެވެ.

އަލްޖެރީ ހޯލްޑިންގ ގްރޫޕުން ކުވެއިތުގައި 20 އިންޓަނޭޝަނަލް ސްކޫލް ހިންގައެވެ. އަދި މި ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ޝަޚުސިއްޔަތެކެވެ.

 

 

 

 

 

Leave a Comment

Your email address will not be published.