އެންއައިއީ ރިކްރިއޭޝަން ކްލަބުން ރަމަޟާންމަހު ބޭއްވި ދީނީ ސުވާލު މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ވޭތުވެދިޔަ ރަމަޟާންމަހުގެ ތެރޭގައި އެ އޮފީހުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭއްވި 2 މުބާރާތެއްގެ ނަތީޖާ ފާޅުކުރުން މިއަދު ބާއްވައިފިއެވެ.

މި 2 މުބާރާތަކީ ދީނީސުވާލު މުބާރާތާއި މަދަޙަ މުބާރާތެވެ. ދީނީ ސުވާލު މުބާރާތުން އެއްވަނަ އަށް އައިސްފައިވަނީ އަލީ އާދަމް އެވެ. ދީނީ ސުވާލު މުބާރާތުން 1 ވަނައިގެ އިތުރުން 2 ވަނަ އަދި 3 ވަނަ ހޮވާފައިވެއެވެ.

މަދަޙަ މުބާރާތުގައިވެސް ވަކި ވަކި މުވައްޒަފުންނާއި ގްރޫޕްތަކަށް އެއްވަނަ 2ވަނަ އަދި 3 ވަނަ ކަނޑައަޅާފައިވެއެވެ. ވަކިވަކި މުވައްޒަފުންގެ ބައިން އެއްވަނަ ހޯދީ ޙުސައިން ސަލާޙްއެވެ. ގްރޫޕްތަކުގެބައިން އެއްވަނަ ހޯދީ އަބްދުﷲ ޒަކީގެ ގްރޫޕުންނެވެ.

މިއަދުގެ މިރަސްމިއްޔާތުގައި އެންއައިއީގެ މުވައްޒަފުންނަށް ހިންގާފައިވާ ބައެއް ތަމްރީންތަކުގައި ބައިވެރިވި މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނުންވެސް އޮތެވެ. އަދިމުއައްޒަފުންނަށް އަލަށްފަށާ 2 ސްކީމެއް ތަޢާރުފްކުރުން އޮތެވެ. މި ސްކީމް ތަޢާރުފް ކޮށްދެއްވީ އެންއައިއީގެ ހިންގުމާ ޙަވާލުވެހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަބްދުﷲ ރަޝީދުއެވެ.

މިއަދުގެ މި ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚު އިބްރާހީމް ރަޝީދު ޙަސަން އެވެ. މިރަސްމިއްޔާތުގައި އެންއައިއީގެ އިސްވެރިޔާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަބްދުﷲ ރަޝީދުއާއި ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބު ބައިވެރިވެ ވަޑައިގަތެވެ. ވަނަވަނަޔަށް ހޮވުނު ފަރާތްތަކަށް އިނާމާއިލިޔުން ބައްސަވައިދެއްވީ އައްޝައިޚު އިބްރާހީމް ރަޝީދު ޙަސަން އާއި އަޙުމަދު ޝަކީބުއެވެ.

މި މުބާރާތްތަކުގެ އެކިވަނަތަކަށް އިނާމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއި ސޮނީ ހާޑްވެއަރ އާއި ޕޮއިސް ފިހާރައާއި އެންއައިއީ ރިކްރިއޭޝަން ކްލަބް ހިމެނެއެވެ.

Leave a Comment

Your email address will not be published.