އިސްކަންދަރުގެ އިނާމު ދިނުން ބާއްވައިިފި. ޝަރަފުވެރި ކޮށްދެއްވީ ޓްރާންސްޕޯރޓް މިނިސްޓަރ ނަހުލާ

އިސްކަންދަރު ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. އިނާމުދިނުމުގެ ޖަލްސާ ބާއްވައިފައިވަނީ އިސްކަންދަރު ސްކޫލްގައި ރޭގައެވެ. ޙަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާއެވެ. މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢައިޝަތު ޢަލީއާއި އެޑޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންކަމަށްވާ ޑރ ޢަބްދުﷲ ރަޝީދު އަޙުމަދުއާއި ފާޠިމަތު ނަޞީރުއާއި އާތިޔާ ނަޞީރު އާއި އެމިނިސްޓްރީގެ އެހެން ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިޖަލްސާގައި ޝަރަފްވެރި މެހްމާން ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުން ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި އެކުދިންނަށް ހިތްވަރުދެއްވިއެވެ.

” އަޅުގަނޑުމެން މިރޭ ފާހަގަ ކުރަމުން މިގެންދަނީ ތިޔަ ކުދިން ހޯދި ފަޚުރުވެރި ކާމިޔާބީ. ތިޔަކުދިން ކުރި ހިންމަތާއި މިންނެތް މަސައްކަތުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން ތިޔަ ކުދިންނަށްޓަކައި ޚާއްސަ ކުރެވޭ މި ރަސްމިއްޔާތުގައި، ކާމިޔާބީއަށްޓަކައި ތިޔަ ކުރެއްވި މަސައްކަތަށް އައްސަރިބަހާއި ސާބަސް! ”

މިޖަލްސާގައި އެކަމަނާ ޓީޗަރުންނާއި ބެލެނިވެރިންގެ މަސައްކަތުގެ އަގު ވަޒަން ކުރައްވައި އެފަރާތްތަކަށްވެސް ތަޢުރީފް ކުރެއްވިއެވެ.
” ލޮބުވެތި ބެލެނިވެރިން! ތަރުބަވީ ޖީލެއް ބިނާކުރުމަށްޓަކައި ތިޔަ ބޭފުޅުން ތިޔަ ކުރައްވަނީ ވަރަށްވެސް ބޮޑު ހޭދަ އެއް، އަގު ނުކުރެވޭނެ ފަދަ ހިންމަތެއް. ޓީޗަރުންނާއި ބެލެނިވެރީން ގެ ރޯލު އެއީ މި މަސައްކަތުގެ އެންމެ މުހިންމު ހިއްސާދާރުން.”

މީގެ އިތުރުން ބެލެނިވެރިންނާއި ދަރިވަރުން، ޖުމުލަކޮށް މުޖުތަމަޢު ދަރިވަރުންނާއި މެދު ކުރާ އުއްމީދު ޙާޞިލު ކޮށްދެއްވުމަށްޓަކައި މިއަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށްޓަކައި ރައީސުލް ޖުމުހޫރިއްޔާ އަށާއި ސަރުކާރަށް އެކަމަނާޝުކުރު އަދާކުރެއްވިއެވެ.
” ލޮބުވެތި ދަރިވަރުންނާ މެދު ކުރާ ފޮނި އުންމީދުތައް ޙަގީގަތަކަށް ހަދައި ތަޢުލީމީ މުޖުތަމައެއް ބިނާކުރުން އެއީ އަދުގެ ސަރުކާރުގެ އެއް އަމާޒު. މި ސަރުކާރުން މިވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމުގެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދެއްވާފަ. އެކަމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަށް ވަރަށް ޚާޢްސަ ޝުކުރެއް ދަންނަވަން.”

ދަރިވަރުން މަގުމަތީގެ މަގުމަތީގައި އުޅޭ އުޅުމުގައި ހިފަހައްޓަންޖެހޭ އުޞޫލުތަކާއި، ރީތިއާދަކާދަތަކަށާއި އިޙުތިރާމްކުރުމުގެ ކަންކަން ދަސްކޮށްދެއްވުމަށް އެދި ވަޑައިގެން އެކަމަށް އިލްތިމާސް ކުރައްވަމުން އެކަމަނާ ވިދާޅުވީ މަގުމަތީގައި އުޅުމުގެ އަދަބުތަކަށް އިޙުތިރާމްކުރުމުގެ މުހިންމުކަން ދަސްކޮށްދީ، އެ އުޞޫލުތައް ކުދިންގެ ކިބައިގައި އަށަގަންނުވައި ދެއްވުމަށް އެދި ދަރިވަރުންގެ އުނގެނުމާއި ތަރުބިއްޔަތުކުރުމުގެ ޒިންމާނަންގަވާ އެއްމެހައި ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް އެދި އިލްތިމާސްކޮށް ދަންނަވާކަމަށެވެ.

ގިނަ ވަނަތަކެއްހޮވިގެން ދިޔަ މިރަސްމިއްޔާތުގައި ހުރިހާ ގޮތަކުން ވޭތުވެދިޔަ އަހަރުގެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މުޙައްމަދު ލޫޠު އިބްރާހީމް ޒިޔާޢު އެވެ. ގިނަ އައިޓަމްތަކަކުން ފަޅުފިލުވާލަދިން މިޖަލްސާގައި އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ޙުސައިން ސަޢީދުއާއި އެސްކޫލްގެ މެނޭޖްމެންޓާއި ބައެއް ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވިއެވެ. /ޚަބަރު: ޙަސަން ޒަރީރު އިބްރާހީމް

Leave a Comment

Your email address will not be published.