އިންޓަރ ނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ ތާރީޚް އިޢުލާނުކޮށްފި

އިންޓަރ ނޭޝަނަލް ޓީޗަރސް ކޮންފަރެންސް ބާއްވާނެ ތާރީޚް އިޢުލާނުކޮށްފިއެވެ.

06 ވަނަ އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސް 9-10 އޮކްޓޯބަރ 2022 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އިޢުލާނުކުރެއްވީ މިއަދު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުގައި ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައިއެވެ.

މިފަހަރުގެ ކޮންފަރެންސްގެ ތީމަކީ “އެޑިއުކޭޝަން ފޯރ ކަރަންޓް ޕާރސްޕެކްޓިވް އެންޑް ފިއުޗަރ ޑައިރެކްޝަންސް”އެވެ.

މި ތީމާއި ގުޅޭގޮތުން ކަރުދާސްތައް ހުށަހެޅުމުގެ ފުރުސަތު ދިވެހިރާއްޖެއާއި ބައިނަލްއަޤުވާމީ ފަރާތްތަކަށްވެސް މިހާރުވަނީ ހުޅުވާލާފައެވެ.

މި ތީމް ޚާއްސަ ކުރެވިފައި އޮތީ މިހާރު ބައިނަލްއަޤުވާމީގޮތުން ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއި މި ހާރު އަހަރުމެން ދިރިއުޅެމުންދާ އިންޑަސްޓްރިއަލް ރިވެލިއުޝަންކަމަށްވާ، 4 ވަނަ އިންޑަސްޓްރިއަލް ރިވެލިއުޝަން (އިންޑަސްޓްރީ 4) އާއި ގުޅުވައިގެންނެވެ.

އަދި މި ދައުރު ތަޢުލީމާއި ގުޅޭ ހިސާބަކީ މިހާރު ދުނިޔޭގެ ޙާލާތު ހުރިގޮތާއި، ކުރިމަގުގައި ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ އަމާޒުތަކާއި ގުޅޭގޮތް ކަމަށާއި، މި ފަހަރުގެ ކޮންފަރެންސް މި ތީމަށް ޚާއްސަކުރެވިފައިވަނީ މި ސަބަބުތަކާއި ހުރެކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ކޮންފަރެންސްގެ ކޯޑިނޭޓަރ ޝުހުދާ ރިޟްވާން މަޢުލޫމަތު ދެއްވިއެވެ.

ކޮންމެ 2 އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ޓީޗާރސް ކޮންފަރެންސް މީގެ ކުރިން 4 އަހަރު މާލޭގައި ބޭއްވުނެވެ. އެންމެ ފަހުން މި ކޮންފަރެންސް ބޭއްވީ 2019 ވަނަ އަހަރު އައްޑޫ ސިޓީގައި އެވެ.

2021 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހުނު ކޮންފަރެންސް ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކެންސަލްކުރެވުނެވެ.

މި އަހަރު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަށް އެ އަތޮޅާއި ސަރަޙައްދުގެ ބޮޑު އެއްބާރުލުމެއް ލިބޭނެކަމަށް އުންމީދުކުރާކަމަށް ޝުހުދާ ހާމަކުރެއްވިއެވެ.

މި ކޮންފަރެންސްގައި ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ޢިލްމީ ބޭފުޅުން ކީ ނޯޓް ސްޕީކްރުންގެ ގޮތުގައި ބައިވެރިވާނެ ކަމަށް ޝުހުދާވިދާޅުވިއެވެ.

މިއަދުން ފެށިގެން ދޮޅުމަސް ދުވަހުގެ މުއްދަތަށް މި ކޮންފަރެންސަށް، ކޮންފަރެންސްގެ ތީމާއި ގުޅޭގޮތުން ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޮންފަރެންސްއަށް ރަޖިސްޓަރވުމުގެ ފުރުސަތު ކޮންފަރެންސް ބޭއްވޭ ތާރީޚާއި ކައިރި މުއްދަތެއްގައި އިޢުލާނުކުރެވޭނެއެވެ.

 

 

 

 

 

Leave a Comment

Your email address will not be published.