ހުވަދޫބަސް ދޫ ނުކުރާށެވެ.

ލިޔުނީ :އަދްރާ ތައުފީޤް

ހުވަދޫބަހުރުވަ ނުވަތަ ހުވަދޫބަހަކީ، ދުނިޔޭގައިވާ މުރަކައިގެ އެންމެ ބޮޑު އަތޮޅުގެ މީހުންގެ ބަހެވެ. ދިވެހިރާއްޖޭގައި އޮތް، ޤުދުރަތީ ގޮތުން އެންމެ ބޮޑު އަތޮޅު ކަމަށްވާ، ހުވަދުންމަތީ މީހުން ބަސް މޮށެ އުޅޭ ބަހެވެ. ދިވެހި ބަހުގެ ބަހުރުވަތަކުގެ ތެރޭން އެންމެ ތަފާތުކަން ބޮޑު އެއް ބަހުރުވައެވެ. މުއްސަނދި ބަސްކޮށާރެއް ލިބިފައިވާ ބަހުރުވަންތަކަން ފުރިހަމަޔަށް ހުރި ބަހުރުވައެއް ވެސް މެއެވެ.

ބަހެއްގައި ނުވަތަ ބަހުރުވައެއްގައި އެންމެ މުހިންމު ބަހާއަކީ، އެ ބަހެއްގެ ނުވަތަ ބަހުރުވައެއްގެ އަޑުތަކެވެ. މި ގޮތުން ބަލާއިރު، ހުވަދޫބަހުރުވައަކީ ޚާއްޞަ އަޑުތަކެއް އެކުލެވިފައިވާ ބަހުރުވައެކެވެ. ދިވެހިބަހުގެ އެހެން ބަހުރުވަތަކާ ޚިލާފަށް، ހުވަދޫ ބަހުރުވައިގައި [ޓ] ގެ ލަފުޒުތައް ގިނަ އެވެ. މިސާލަކަށް: ގޯޓި، ތާޓު، ބޯޓެ، އަގޮއްޓާ، ކައުޓި، މޮޑޮއްޓާ،ނައްސައްޓޭ، (ގޮށި، ތަށި، ބޯޓު، އަނގޮޓީ، ކާށި، މުޅޯށި،ކައިވެނިނުކޮށް) އެވެ. ހަމައެހެންމެ، އެއް ކަމަކަށް ނިސްބަތްކުރާ ތަފާތު އެތައް ލަފުޒެއް ހުވަދޫ ބަހުރުވައިގައި އެބަހުއްޓެވެ. މިސާލަކަށް: އޮޑައިގަނެފައި، ފެކެލީފައި (އެއްޗެއްގައި އަޅައިގެންފައި) އެވެ. ޙާލަތާ ގުޅޭ ގޮތަށް ބަދަލުކޮށްގެން ބޭނުންކުރެވޭ، މުނާސަބު ބަސްކޮށާރެއް ހުވަދޫ ބަހުރުވައިގައި ހިމެނިފައިވުމަކީ، އެ ބަހުރުވައިގެ ޚާއްޞަ ސިފައެކެވެ. ލަފުޒު އެމުނި އެކުލެވުމާއި ޢިބާރާތްތައް ބަދަހިކުރުމުގައި ބޭނުންކުރާ ޚާއްޞަ ގޮތްތަކެއް ހުވަދޫ ބަހުރުވައިގައި އެބަހުއްޓެވެ. އަޑުގެ ގޮތުންނާއި މާނައިގެ ގޮތުން ވެސް ފަރަގު ބޮޑު އަޑުތަކެއް ނުވަތަ ބަސްކޮށާރެއް ހުވަދޫބަހުރުވައަށް ލިބިފައި ވުމަކީ، ހުވަދޫ ބަހުރުވައިގައި ހުރި ބަހުރުވަވަންތަކަން ހާމަކޮށްދޭ މުހިންމު ނިޝާނެކެވެ.

ކޮންމެ ބަހަކީ ނުވަތަ ކޮންމެ ބަހުރުވައަކީ ވެސް، އެ ބައެއްގެ ސަޤާފާތާއި އާދަކާދަ އާއި އެ ބަޔަކު ޤަބޫލުކުރާ ޤަބޫލު ކުރުންތަކާއި  އަގުކުރާ އަގުކުރުންތައް، ހާމަކޮށްދޭ ވަރަށް މުހިންމު ބަހާ އެކެވެ. ކާކުވަންތަކަން ފުރިހަމަޔަށް ދައްކުވައިދޭ މުހިންމު އުންސުރެކެވެ. އެހެންކަމުން، ހުވަދޫބަހުރުވަވެރީން އެ ބަހުރަވައިން މުޢާމަލާތް ކުރާއިރު، އެ މުޢާމަލާތެއްގައި އެކުލެވިގެންވާ ޖަޒްބާތާއި އަސަރާއި ހުވަދޫ މީހުންގެ އުޅުމާއި ގުޅުމާއި ވާހަކަދެއްކުމުގެ ވައްޓަފާޅި، ނިކަން ރަނގަޅަށް މޭރުން ކޮށްދެއެވެ. އެހެންކަމުން، ހުވަދޫ ބަހުރުވައިގައި ހުރި މި ފަދަ ޚާއްޞަ ކަންކަމަށް ޓަކައި ފަޚްރުވެރިވާ ބަޔަކަށްވެ، ބަހުރުވަ ދެމެހެއްޓުމަށް ހުވަދޫ ބަހުރުވަވެރީން މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ބަހުރުވައަކީ މުޢާމަލާތް ކުރުމަށް ބޭނުންކުރާ ވަޞީލަތަކަށް ވީ ހިނދު، ބަހުރުވައިން ވާހަކަދައްކައި މުޢާމަލާތް ކޮށްގެން ނޫނީ ބަހުރުވަ ދަހެއް ނުވާނެއެވެ. ބަހުރުވަ އެނގި ދަސްވެގެން ނޫނީ، ފަހުގެ ޖީލުތަކާ ހަމަޔަށް ބަހުރުވަ ފޯރުކޮށެއް ނުދެވޭނެ އެވެ.

ނަމަވެސް، ހުވަދޫ ބަހުރުވަވެރީން ދަނީ، އެ ބަހުރުވައިން ވާހަކަނުދައްކައި ބަހުރުވަޔާ ބީރައްޓެހި ވަމުންނެވެ. ހުވަދޫގައި ތިބެ ހުވަދޫބަހުރުވައިން ވާހަކަދެއްކުމަކީ ލަދު ކަމެއްގެ ގޮތުގައި ދެކެމުންނެވެ. ރަސްމީ ބަހުން ވާހަކަދައްކަން ނޭނގިދާނެކަމުގެ ބިރު ހީވެ ހުވަދޫގައި ތިބެ ހުވަދޫބަހުރުވައިގެ އަހުލުވެރީން ދަނީ، ބަހުރުވައިން ވާހަކަދެއްކުމުގެ ބަދަލުގައި ގޭގެ މާޙައުލުގައި ވެސް، ތުއްތު ދަރީންނާ ރަސްމީ ބަހުން މުޢާމަލާތް ކުރަމުންނެވެ. އެއީ، ލިބޭ ފަޚްރެއްގެ ގޮތުގައި ނުވަތަ ކުރެވޭ މޮޅު ކަމެއްގެ ގޮތުގައި ދެކެމުންނެވެ. އެހެންކަމުން، ތުއްތު ކުދީން ބަސް ދަސްކުރުމުގެ އެންމެ މުހިންމު ވަޞީލަތްތައްކަމަށްވާ، ގޭގެވެށީންނާއި މައިންބަފައިންގެ ކިބައިން ހުވަދޫ ބަހުރުވަ ދަސްވެ، ބަހުރުވަ އަށަގަތުމުގެ ފުރުޞަތުން އެ ކުދީން ދަނީ އެއްކިބާ ކުރެވެމުންނެވެ. އެހެންކަމުން ފަހުގެ ޖީލުތަކަށް ބަހުރުވަ ގެންގޮސް ދޭން ތިބި، އަދުގެ ޅަ ދަރިންނަށް ހުވަދޫ ބަހުރުވައިން ވާހަކަ ދައްކާކަށް ނޭނގެއެވެ. ބަހުރުވަ ދަހެއް ނުވެއެވެ. ބަހުރަވަޔަށް ބީރައްޓެއްސެވެ. ތުއްތު ކުދީންނަށް ނުވަތަ ޅަ ޖީލަށް އެ ކުދީންގެ ހުވަދޫ ބަހުރުވައިން ވާހަކަ ދައްކަން ނޭނގޭ ނަމަ އިސާހިތަކު ހުވަދޫން، ހުވަދޫބަހުރުވަ ބީވެ ހިނގައި ދާނެއެވެ.

ރަސްމީބަހުން މުޢާމަލާތްކުރަން ޅަ ދަރީންނަށް، ނޭނގިދާނެ ކަމަށް ނުވަތަ އެ ބަސް ދަސްނުވެދާނެކަމުގެ ބިރަށް ޓަކައި ބަހުރުވަވެރީން ބަހުރުވަ އެއް ފަރާތްކޮށް، ތުއްތު ކުދީންނާ ރަސްމީބަހުން މުޢާމަލާތް ކުރަމުން ދިޔަ ނަމަވެސް ކަމުގެ ޙަޤީގަތް އެޔާ މުޅީން ތަފާތެވެ. ބަހުގެ މާހިރުން ވިދާޅުވާ ގޮތުގައި  ގޭގެ މާޙައުލުގައި 12 އަހަރުން ދަށުގެ ކުދީންނާ ވަކި ބަހަކުން ނުވަތަ ބަހުރުވައަކުން، މުޢާމަލާތް ކޮށްފައި މަދަރުސީ މާޙައުލުގައި ނުވަތަ ބަހުގެ އެހެން މާޙައުލުތަކުގައި، ތަފާތު އެތައް ބަހަކުން ވާހަކަދެއްކިކަމުގައި ވިޔަސް އެ ހުރިހައި ބަހެއް އެއް ފަހަރާ ދަސްކުރުމުގެ ޤާބިލުކަން އެ ކުދީންނަށް ލިބިފައިވެއެވެ. ނުވަތަ އެއްވެސް ދަތިކަމެއް ނެތި މައްސަލަތަކެއް ކުރިމަތި ނުވެ، އެއް ފަހަރާ އެތައް ބަހަކުން އެކުދީން މުޢާމަލާތް ކުރެއެވެ. ހަމައެހެންމެ، [ވަން ޕޭރަންޓު  ވަން ލޭންގުއޭޖު] ނުވަތަ ބައްޕަ ވަކި ބަހަކުން، މަންމަ ވަކި ބަހަކުން ދަރިފުޅާ ވާހަކަދެއްކި ކަމުގައި ވިޔަސް، އެ ފަރާތަކާ މުޚާޠަބުކުރަން ހަމަޖެހިފައިވާ ބަހަކުން  އެފަދަ ކުދީން މުޢާމަލާތް ކުރެއެވެ. ތުއްތު ކުދީން އުޅެ ބޮޑުވާ މާޙައުލެއްގައި ހިމެނޭ ހުރިހައި ބަހެއްގެ އަޑުތަކާއި ލަފުޒުތައް އަޑުމަޚްރަޖުން ކިޔުމުގެ ކުޅަދާނަކަން އެ ކުދީންނަނަށް ލިބިގެންވެއެވެ. މި ފަދަ ޤާބިލުކަން އެ ކުދީންނަށް ލިބިފައިވަނީ، އެ ޢުމުރުފުރައިގެ ކުދީންގެ ސިކުނޑީގައި ބައްޓަން ކުރެވިފައިވާ ބަސް ދަސްކުރުމުގެ ޚާއްޞަބައެއްގެ ސަބަބުން ކަން ވެސް ބަހުގެ މާހިރުން ފާހަގަ ކުރައްވައެވެ. އެހެންކަމުން ތުއްތު ޢުމުރުފުރައަކީ، ބަސް ނުވަތަ ބަހުރުވަތައް ދަސްކޮށްދިނުމަށް، އެންމެ ފަހި އުމުރަށް ވީހިނދު ބަހުރުވަވެރީން އެ ބައެއްގެ ބަހުރުވަ ދަސްކޮށްދިނުމާއެކު، އެހެން ބަސްބަހާއި ބަހުރުވަ ދަސްކޮށްދިނުމުގެ ވިސްނުން ގެންގުޅުން  މުހިންމެވެ.

ބަސް ދަސްކުރުމުގެ ޚާއްޞަ މަރުޙަލާގައި ބަހަކަށް ނުވަތަ ބަހުރުވައަކަށް ދޯޅަކުރުވައި، ބަހާއި ބަހުރުވަ ރަނގަޅަށް ދަސްކޮށް ދެވިއްޖެ ނަމަ ފަސޭހަކަމާއެކު، އެ ބަހަކާއި ބަހުރުވައަކުން މުޢާމަލާތް ކުރުމުގެ ކުޅަދާނަކަމާއި ބަހުގެ ޤާބިލުކަން އެ ކުދީންނަށް ފުރިހަމަޔަށް ލިއްބައި ދެވެއެވެ. ވުމާއެކު، ބަސް ދަސްކުރުމުގެ ޚާއްޞަ މަރުޙަލާގައި ނުވަތަ 12 އަހަރު ފަހަނަޅައި ދިއުމުގެ ކުރީން، ހުވަދޫ ބަހުރުވަޔަށް، ހުވަދޫ ކުދީން އަހުލުވެރި ކުރުވުމަށް ޓަކައި ގޭތެރޭގެ މާޙައުލުގައި އެ ކުދީންނާ ހުވަދޫބަހުރުވައިން މުޢާމަލާތް ކުރާށެވެ. ބެލެނިވެރިންނާއި، ޢާއިލާ އަދި ޚާއްޞަކޮށް މަންމަގެ ދައުރު މި ކަމުގައި ވަރަށް މުހިންމެވެ. ހުވަދޫބަހުރުވަ ދިރުވައި އާލާކޮށް ދެމެހެއްޓުމަށް ޓަކައި ޅަ ދަރީންނާ ހުވަދޫބަހުން ވާހަކަދެއްކުމަކީ ފަޚްރެއްކަމުގައި އަދި އުފަލެއް ކަމުގައި ހަދާށެވެ. ބަހުރުވައިން ވާހަކަ ދެއްކުމަށް ޅަ ދަރީންނަށް ހިތްވަރުދީ އެ ކަމަށް ބާރު އަޅާށެވެ. ހުވަދޫބަހުރުވަ ދެމެހެއްޓުމަކީ، ހުވަދޫ ބަހުރުވަރީންގެ ޒިންމާއެއް ކަމުގައި ދެކޭށެވެ. އެހެން ނޫން ނަމަ، ދިވެހިބަހުގެ މުހިންމު ބަހާއެއް، އެ ބަހާ ވަކިވެ ހިނގައިދާނެއެވެ. މިއީ، ދިވެހި ބަހަށް ލިބިގެންދާނެ ނިކަމެތި ކަމެކެވެ. ދިވެހި ބަހަށް ލިބިގެން ދާނެ ހީނަރު ކަމެކެވެ. ހުވަދޫ ބަހުރުވެރީންގެ އަތުން ހުވަދޫ ބަހުރުވަ ބީވެގެން ހިނގައްޖެ ނަމަ އެ ބަހުރުވަ އަބަދަށް ޓަކައި ގެއްލުނީއެވެ. ހުވަދޫ ބަހުރުވަ ދޫކޮށް ނުލާށެވެ.

 

 

 

 

 

 

Leave a Comment

Your email address will not be published.