ތާޖުއްދީން ސްކޫލްގެ ‘ކަރިކިޔުލަމް ޑޭ-2022’ ބާއްވައިފި

ތާޖުއްދީން ސްކޫލްގެ ‘ކަރިކިޔުލަމް ޑޭ-2022’ އިއްޔެ ފާހަގަކޮށްފިއެވެ. ކަރިކިޔުލަމް ޑޭ-2022 ގެ ޙަރަކާތްތައް ރަސްމީކޮށް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދުއެވެ.

ތާޖުއްދީން ސްކޫލުން މަޢުލޫމާތު ދިން ގޮތުގައި ކަރިކިޔުލަމް ޑޭއެއް ފާހަގަކުރުމުގެ މަގްޞަދަކީ ދަރިވަރުންނާއި ބެލެނިވެރިން ޤައުމީ މަންހަޖަށް އަހުލުވެރިކޮށް ދަރިވަރުންނަށް ޤައުމީ މަންހަޖުގެ އެކި ބައިތަކުގެ އަމަލީ ތަޖުރިބާ ހޯދައިދީ ކަރިކިޔުލަމްގެ ތަޞައްވުރާ އެއްގޮތަށް ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކޮށް ދިނުމެވެ.

ކީ ސްޓޭޖް 1 އަދި 2 ގެ ލީޑިން ޓިޗަރުންނާއި ސްކޫލްގެ  އިސްމެނޭޖްމަންޓްގެ އިރުޝާދާއެކު ރޭވި މިކަރިކިޔުލަމް ޑޭ އަކީ ކޮންމެ އަހަރަކުވެސް ރާވާ ޙަރަކާތެކެވެ. ކުރިޔަށް އޮތްތާގައި އެހެން ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ކަރިކިޔުލަމް ޑޭގައި ބަރިވެރިވުމަށް ފުރުޞަތު ހުޅުވާލުމަށް ޚިޔާލު ކުރާކަމަށް ތާޖުއްދީން ސްކޫލުން ބުންޏެވެ.  މިޙަރަކާތަކީ 2016ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޙަރަކާތެކެވެ.

ތާޖުއްދީން ސްކޫލުން ހާމަކުރި ގޮތުގައި ކަރިކިޔުލަމް ޑޭ އަށް ހުށަހެޅި ދައްކާލުންތަކަކީ  ސްކޫލްގެ ހުރިހާ ކުދިން ޝާމިލުވެ ތައްޔާރުކުރެވޭ ތަކެއްޗެކެވެ. މީގެތެރޭގައި ދަރިވަރުން ކުލާހުގައި ކުރާ މަސައްކަތާއި ކުލާހުގައި ޑިސްޕްލޭކޮށް ބެހެއްޓުމަށް ތައްޔާރުކުރާ މަސައްކަތްތައްވެސް ހިމެނެއެވެ.

ޤައުމީމަންހަޖުގައިވާ ފަދައިން ކޮންމެ ދަރިވަރަކީވެސް ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށްވުމަށް މިކަރިކިޔުލަމް ޑޭ އިން އެހީވެދޭނެކަމަށް ދެކޭކަމަށް  ތާޖުއްދީން ސްކޫލުން ބުންޏެވެ. ކަރިކިޔުލަމްގައި ހިމެނިފައިވާ ބައިތައް އެކި ސްޓޯލްތަކުން ދަސްކޮށް އަމިއްލަ ދިރިއުޅުމުންވެސް އެކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ކަރިކިޔުލަމް ޑޭ ގެ ޙަރަކާތްތަކުން ލިބިގެން ދާނެއެވެ. އެހެންކަމުން ދަރިވަރުން ދިރުއުޅުމަށް ނުކުންނައިރު ކަރިކިޔުލަމް އިން މިދަސްވި ބައިތައް އަމަލީމައިދާނުގައި ބޭނުންކުރަން އެނގޭނެކަމަށް ތާޖުއްދީން ސްކޫލުން ދެކެއެވެ.

 

 

 

 

Leave a Comment

Your email address will not be published.