ޓީޖީ ކަޕް ފުޓްސަލް ޗެމްޕިޔަން، އެޑިޔުކޭޝަން މިނިސްޓްރީ ޓީމުގެ ކާމިޔާބީ ފާހަގަކޮށްފި

‘ޓީޖީ ކަޕް 2022’ ގެ ފުޓްސަލް ކެޓެގަރީގެ ޗެމްޕިއަންކަން ހޯދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޓީމަށް މަރުހަބާ ކިޔުމަށާއި ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި މިޙަރަކާތްތަކުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ އާއި އެމިނިސްޓްރީގެ އެސްއެމްޓީ މެންބަރުންނާއި އެހެން މުއައްޒަފުން ބައިވެރިވިއެވެ.

ރޭގައި ނިމިގެންދިޔަ ޓީޖީ ކަޕް-2022 ގެ ފުޓްސަލް ކެޓެގަރީގެ ޗެމްޕިޔަންކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހޯދީ ފަހުވަގުތު މެޗުން މޮޅުވެގެންނެވެ. އެޑިޔުކޭޝަން ޓީމު ފައިނަލް މެޗުގައި ވާދަކުރީ ރެހެންދި ސްކޫލްގެ ފުޓްބޯޅަ ޓީމާއެވެ. މިމެޗު ކުޅެވުނީވެސް ރެހެންދި ސްކޫލްގެ ފުޓްސަލް ދަނޑުގައެވެ.

2016 ވަނައަހަރުން ފެށިގެން ޓީޖީ ކަޕް ބާއްވަމުން އައިނަމަވެސް މިފަހަރުގެ މުބާރާތަކީ އަދި ބޭއްވިފައިވާ އެންމެ ފޯރިގަދަ މުބާރާތެވެ. އަދި މައްސަލަތައް ކުރިމަތިނުވެ އިންތިޒާމްތައް އެންމެ ފުރިހަމަޔަށް ކުރެވިގެން ބޭއްވުނު މުބާރާތްވެސްމެއެވެ.

ތަޢުލީމީ ގުޅުމުން އިންތިޒާމްކޮށްގެން ބޭއްވި މިމުބާރާތުގައި މިފަހަރު 33 ޓީމެއް ބައިވެރިވެ ޖުމުލަ 67 މެޗެއްވަނީ ކުޅެފައެވެ. އެއީ ފުޓްސަލްގައި ބައިވެރިވި 13 ޓީމާއި ހޭންޑްބޯލް ކެޓެގަރީގައި ވާދަކުރި 20 ޓީމެވެ.

މިފަހަރުގެ މުބާރާތް ފެއްޓީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ފެށުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީއެވެ. މިމުބާރާތް ނިމުމުގެ ރަސްމިއްޔާތާއި މެޗުތައް ‘ޔެސް ޓީވީ’ ން ވަގުތުން ދުރަށް ދައްކަމުން ގެންދިޔައެވެ.

Leave a Comment

Your email address will not be published.