ރ. އަލިފުށި ސްކޫލުގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅު

`

الحمد لله رب العالمين والصلاة والسلام على

أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު.

ދައުލަތުގެ ވަޒީރުން،

އަލިފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ރަޝީދު ހުސައިން.

އަލިފުށީ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު ޖަމީލް.

ސްކޫލުގެ ލޮބުވެތި ދަރިވަރުންނާއި ބެލެނިވެރިން،

މުރާލި މުދައްރިސުންނާއި އެހެނިހެން މުވައްޒަފުން،

ސްކޫލުގެ އެންމެހާ ހިއްސާދާރުން އަދި ވަޑައިގެން ތިއްބެވި އެންމެހާ މެހުމާނުން،

އައްސަލާމް ޢަލައިކުމް.

އަޅުގަނޑުމެންގެ ސަރުކާރުން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ލަފާފުޅާއެކު ތަންފީޒުކުރަމުން މިދާ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ކޮންމެ ދަރިވަރަކީ، ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ކެރޭ، މުރާލި، އޯގާތެރި، އަޅާލުންތެރި ދަރިވަރުންތަކަކަށް ހެދުން. މިފަދަ ދަރިވަރުންނަކީ، އައު ކަންކަން ދަސްކުރުމަށް ޝައުޤު ހުންނަ، މުޅި ޢުމުރުގައި އައުކަންކަން ކިޔެވުމަށް ޝައުޤު ހުންނަ ކުދީން. ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ދަރިވަރަކީ ފަސްމީރު ކުރި ރުކަކަށް ހެދުން.

މި ފަދަ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި، ރަސްމީ ގޮތުން އިމްތިޙާނުތަކުން ކިޔަވައިދޭ ތަކެތީގެ އިތުރަށް،  އެތައް އައު ކަންތައްތަކެއް ދަސްކުރަން ޖެހޭ. އައު ހުނަރުތަކެއް ހޯދަން ޖެހޭ.

އޭގެ ތެރޭގައި އެކި މީހުންނާ އެކީ މުޢާމަލާތް ކުރާނޭ ގޮތާއި، އެކި ޙާލަތްތަކުގައި އުޅުން ބަހައްޓާނޭ ގޮތާއި، ފުރިހަމަ ޞިއްޙަތެއްގައި ހުންނާނޭ ގޮތް އެނގެންޖެހޭ.

ރަށުގެ އެހެން މީހުން ބޭނުން ދެތިން އަތު މަސައްކަތަކާއި ހުނަރެއް ވެސް ދަރިވަރުންނަށް އެނގެން ޖެހޭ. ފަސްމީރު ކުރިރުކެކޭ މިދަންނަވަނީ، މިފަދަ ހުރިހާ ކަމެއް ލިބިގެންވާ ކުދީންނަށް.

ކޮންމެ ކުއްޖަކީ ފަސްމީރު ކުރިރުކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ، ބައެއް މަދަރުސާތައް ދެ ދަންފަޅިއަށް ހިންގާކަން. އަދި ބައެއް މަދަރުސާތަކުގައި ރަސްމީ މުޤައްރަރުތަކުގައި ކިޔަވައިދޭ ތަކެތި ކިޔަވައިދިނުމަށް ފަހު،

ހަށިގަނޑުގެ ތަރުބިއްޔަތާއި ސުލޫކުގެ އެހެނިހެން ހަރަކާތްތައް ހިންގާނޭ ޖާގައެއް، މާހައުލެއް ސްކޫލުގައި ނެތުން.

އެހެންކަމުން މިސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކަށްވީ އަޅުގަނޑުމެންގެ ސްކޫލުތަކަކީ ފުރިހަމަ ވަސީލަތްތަކާއެކު އެއް ދަންފަޅިއަށް ހިންގޭ ސްކޫލުތަކަކަށް ހެދުން. އެއިރުން މެންދުރު ފަހުގައި ރަސްމީ މުޤައްރަރުތަކުގައިވާ ބައިތައް ކިޔަވައި ދިނުމަށް ފަހު،

ދަރިވަރުންގެ އަޚްލާޤީ ބައިތައް އެކުދީންގެ ކިބައިގައި އަށަގެންނެވުމަށް ފުރުޞަތު ލިބޭނެ. ސްކޫލްތައް އެއް ދަންފަޅިއަށް ހެދުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ އޮޑިޓް ކޮށްފައި.

އަދި އެކަމަށް މިހާތަނަށް 1.6 ބިލިއަން ރުފިޔާ ބަޖެޓްކޮށް އިމާރާތްތައް އެޅުމުގެ މަސައްކަތް ވަނީ ފަށައިގަނެވިފައި.

މިދައުރުގެ މިހާތަނަށް އައިއިރު ތަޢުލީމީ ދާއިރާގައި ސްކޫލުތަކަށް އުމްރާނީ ތަރައްޤީ ގެނައުމަށް މުޅިއެކު 221 މަޝްރޫޢު އެބަ ހިނގާ.

އޭގެ ތެރޭގައި ޖުމްލަ 1578 ކިލާސްރޫމާއި، 85 މަލްޓިޕާރޕަސްހޯލާއި 509 އެހެނިހެން އިމާރާތްތަކުގެ މަސައްކަތް އެބަކުރިއަށްދޭ.

އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ލެބޯރަޓަރީ، ލައިބްރަރީ، ސްޓާފް ރޫމް، އޮފީސް އިމާރާތް ފަދަ އިމާރާތްތައް ހިމެނޭ.

މިއަދު އަޅުގަނޑުމެން މިތާ ޖަމާވެގެން މިތިބީ، އަލިފުށީ ކޮންމެ ދަރިވަރަކީ ފަސްމީރު ކުރިރުކަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަށް އާ ކުރިއެރުމެއް އައުން ފާހަގަކުރަން. އެކަން އިހްތިފާލްކުރަން.

މިއަދު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ މި ސްކޫލުގައި މި ހުޅުވޭ މަލްޓިޕަރޕަސް ހޯލް ބޭނުންކުރަން ފެށުމާއެކު މި ސްކޫލުގެ ދަރިވަރުންނަށް ސްކޫލުތެރޭގައި ތަފާތު ކުޅިވަރުތައް ކުޅެވޭނެ މާހައުލެއް ލިބިގެންދާކަން.

އަދި މި ހުޅުވުނު މަލްޓި ޕާރޕަސް ހޯލްގައި ރަށުގެ އެކިއެކި ހަރަކާތްތައް ބޭއްވޭނެތީ. އަދި މިއަދު މި ހޯލްގައި ބާއްވާފަދަ ޤައުމީ ފެންވަރުގެ ޖަލްސާތައް މި ރަށުގައި ބޭއްވުމުގެ ފުރުސަތު ފަހިވެގެން ދާތީ.

އަދި އެކަމުގެ ސަބަބުން މަދަރުސާއާ މުޖުތަމަޢާ އޮންނަ ގުޅުން ބަދަހިވެ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި މުޖުތަމަޢުގެ ހިއްސާ ބޮޑުވެގެންދާތީ. މިކަން ފަހިކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ފަށްފަށުން ޝުކުރު ދަންނަވަން.

އަދި މި ހުވަފެން ހަޤީގަތަކަށް ހަދައިދިނުމަށްޓަކައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އަޅުގަނޑުގެ އުއްމީދަކީ މި ސްކޫލުގެ ވަސީލަތްތައް ފުރުހަމަވުމާއެކު އެކަމުގެ އެދެވޭ މަންފާ، ދަރިވަރުންގެ އުޅުމުންނާއި އަޚްލާޤުން ފެނުން. ދަރިވަރުންގެ ކިބައިގައި ކުރީން ނުހުންނަ ހުނަރުތައް އަށަގަނެގެން ދިއުން.

ސްކޫލްތައް ތަރައްޤީ ކުރުމަށް ކުރާ ކޮންމެ ކަމެއްގެ އަމާޒަކީ، ދަރިވަރުން. އެކުދީންގެ އުޅުމާއި ކެރުމާއި އިސްނެގުމާއި ކިޔެވުން.

ތިޔަ ބޭފުޅުންގެ ޚިޔާލީ ނަޒަރު އެކިދިމާދިމާއަށް ހިންގަވާ! ރާއްޖޭގެ އެއް ދަންފަޅި ސްކޫލްތަކުގައި ކަން ހިނގާގޮތަށް ބައްލަވައިލައްވާ. ފަތިސް ނަމާދަށްފަހު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ ތަފާތު ކަސްރަތުތަކުގައި ދަރިވަރުން ބައިވެރިވާތަން.

އެ ފަދަ ކަސްރަތުތަކުގައި އެކުދިންނާއެކީ ބެލެނިވެރިންނާއި ރަށުގެ އެހެނިހެން ފަރާތްތައްވެސް ބައިވެރިވާތަން. ކަސްރަތު ނިންމުމަށްފަހު. ދަރިވަރުންނަށް ސްކޫލުން ފޯރުކޮށްދޭ ހެނދުނުގެ ނާސްތާއަށް އިންސާފުކުރާ ހިތްގައިމު މަންޒަރު. ދެން މުޤައްރަރުގައިވާ ބައިތައް ކިޔަވަން ފަށާތަން.

ދެން ފެނިވަޑައިގަންނަވާނީ މެންދުރުފަހުގެ ވަގުތުތައް ކްލަބު ހަރަކާތްތަކާއި ހުނަރު ދަސްކުރުމުގެ ހަރަކާތްތަކުގައި ދަރިވަރުން ފޯރިއާ އެކު އުޅޭތަން.  ރަށުގެ ސަގާފީ ކުޅިވަރުތައް އައު ޖީލަށް ދަސްކޮށްދިނުމުގައި، ރަށުގެ އިސް ރައްޔިތުން އުޅޭތަން.

ވީވަރަކުން ގަސް ހެއްދުމުގައި، ޅެން ހެދުމުގައި، ދަރިވަރުން އުޅޭތަން. މުނާޒަރާތަކާއި މުޝާޢިރާ ތަކުގައި ދަރިވަރުން އަވަދިނެތި އުޅޭ މަންޒަރު. ކޮންމެ ކިލާހަކުން އަތުން ލިޔެގެން މަޖައްލާއެއް ނެރުމުގައި ދަރިވަރުން އުޅޭ ތަން. ކޮންސަޓްތަކާއި ތަމްސީލުތައް ބޭއްވުމަށް ދަރިވަރުން ފަރިތަކުރަމުންދާ މަންޒަރު.

މާ ދުރުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ މި ހިތްގައިމު މަންފާހުރި ޙަރަކާތްތަކުން، އަލިފުށީގެ މުސްތަޤްބަލް އަލިވެގެންދާ ތަން. ރަށަށް އައު ރޯޝަންކަމެއް އަންނަތަން.  ތަހުޒީބުގެ އައުފަތިހަކަށް އަލިފުށި އަލިވިލޭ މަންޒަރު. ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ ފަސްމީރު ކުރިރުކަކަށް ވެފައިވާތަން.

އެންމެހާ ހާޒިރީން.

އަޅުގަނޑުގެ ދުއާއަކީ ވަސީލަތް ފުރިހަމަ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް އަލިފުށީ ސްކޫލު ބަދަލުވެގެން ދިއުމުން ދަރިވަރުންނަށް އަދި ރަށަށް އައު ތަރައްޤީއެއް މާތްﷲ މިންވަރުކުރެއްވުން. އާމީން.

ވައްސަލާމް އަލައިކުމް.

5 ޖަނަވަރީ 2022

Leave a Comment

Your email address will not be published.