‘އަޕްޝިފްޓް މޯލްޑިވްސް’ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙްކޮށް ދެއްވައިފި – އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ބައިވެެރިވެވަޑައިގެންނެވި

އަޕްޝިފްޓް މޯލްޑިވްސް ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެވެ. އެމަނިކުފާނު އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ މިރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގަތެވެ.

ހިރިޔާ ސްކޫލްގައި ބޭއްވި މިރަސްމިއްޔާތު ތަޢާރުފް ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދުއެވެ. އޭނާގެ ވާހަކަފުޅު ބިނާކުރެއްވީ އަޕްޝިޕްޓް ޕްރޮގްރާމަކީ ކޮބައިކަމާއި މިޕްރޮގްރާމްއާއި ރާއްޖޭގެ ކިޔަވައިދޭ މަންހަޖާ ގުޅޭ ހިސާބާއި ރާއްޖޭގެ ދަރިވަރުންނަށް މިޕްރޮގްރާމުން ކޮށްފާނެ ފައިދާތަކުގެ މައްޗަށެވެ. ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިޕްރޮގްރާމަކީ ބައިނަލް އަގުވާމީ ޕްރޮގްރާމެއް ކަމަށްވާތީ ރާއްޖޭގައި މިޕްރޮގްރާމް ހިންގާނީ ރާއްޖެއާގުޅޭގޮތަށް ބަދަލުކޮށްގެން ކަމަށެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީވެސް ވާހަކަފުުޅު ދެއްކެވިއެވެ. އެންމެ މުހިންމުކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެއްކަމަކީ ރާއްޖޭގެ ތަޢުލީމުގެ މައިގަނޑު ސިޔާސަތުބައްޓަން ކޮށްފައިވަނީ ވަށައިޖެހޭ ތަޢުލީމެއްދީގެން ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުން ކަމަށްވާތީ އަޕްޝިޕްޓްޕްރޮގްރާމްވެސް ބިނާވެގެންވާނީ އެމަގުސަދާ އެއްގޮތަށްކަން ފާހަގަކުރެއްވުމެވެ.

މިރަސްމިއްޔާާތު އިފްތިތާޙް ކޮށްދެއްވައި ކީނޯޓް ސްޕީޗް ދެއްވީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާާގެ ނައިބް ފައިޞަލް ނަސީމްއެވެ.

އަޕްޝިޕްޓް އަކީ ސުކޫލުތަކުގެ ދަރިވަރުންނާއި ފުރާވަރުގެ ޒުވާނުންގެ ކިބައިގައި އިޖްތިމާޢީ އުފެއްދުންތެރިކަން ކުރިއަރުވައި، މިފަދަ ހުނަރުތަކާއި ފުރުސަތުތައް އެފަރާތްތަކަށް ހޯދައިދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ބިނާވެފައިވަނީ މުޖްތަމަޢުގައި އެކުލޭވޭ އިޖްތިމާޢީ މައްސަލަތަކެއް ދަރިވަރުންނާއި ޒުވާނުން ލައްވައި ފާހަގަކޮށް، އިޖްތިމާޢީ އުފެއްދުންތެރިކަން ބޭނުން ކޮށްގެން އެކަންކަމަށް ހައްލު ހޯދާނެގޮތްތަކެއް އުގަންނައިދޭ ވާކްޝޮޕްތަކަކާ، އެކުދީންނަށް ލަފާދޭ ފަރާތްތަކެއްގެ އިރުޝާދުގެ ދަށުން، އިންކިޔުބޭޝަން މަރްހަލާ އަދި މުޖްތަމަޢުއަށް ބޭނުންވާ ހައްލު ފަރުމާކުރުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ، އެކަށޭނެގޮތަކަށް މައްސަލަތަކުގެ ހައްލު ހޯދާނެ ގޮތްތަކެއްގެ މައްޗަށެވެ.

މި ޕްރޮގްރާމުގައި ކިޔަވައި ދެވޭނީ:

  • އިޖްތިމާޢީ ގޮންޖެހުންތައް ދެނެގަތުމަށާއި އެކަންކަމުން މުޖަތަމަޢުއަށް ކުރާ އަސަރު ދެނެގަތުމަށް ދިރާސާކުރާނެ ގޮތާއި ބޭނުން ކުރާނެ އުކުޅުތައް ދެނެގަތުމަށް
  • ހައްލުގައި ހިމެނޭ މައިގަނޑު ބައިތައް ޓެސްޓުކޮށް، ޔޫސަރ ފީޑްބެކް ހޯދައި، ހިޔާލުތައް އަލުން ރާވާލުމުން، ހައްލު ހޯދާ މައްސަލައަކީ ބަޔަކަށް ދިމާވެގެން އުޅޭ ހަގީގީ މައްސަލައެއްކަން ޔަގީން ކުރާނޭގޮތް ދެނެގަތުމަށް
  • ހުށަހެޅިފައިވާ ހައްލަކީ ފައިދާވާފަދަ ބިޒްނަސް މޮޑެލްއަކަށް ހެދޭތޯ ބެލުމަށް

އަޕްޝިފްޓް ޕްރޮގްރާމް މިހާރު ރާއްޖޭގެ 48 ސްކޫލެއްގައި ހިގަމުންދެއެވެ. މިއަދުގެ ރަސްމިއްޔާތުގައި މިޕްރޮގްރާމް މާލެ ސަރަހައްދުގައި ޕައިލެޓްކުރެވޭ 3 ސްކޫލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމަށް ހަނދާނީ ހަދިޔާއެއް އެރުވުން އޮތެވެ.

ނައިބުރައީސްއަށް މިހަދިޔާ އެރުވީ އެ3 ސްކޫލްގެ 3 ދަރިވަރެކެވެ. މިޕްރޮގްރާމް ހިންގުމަށްޓަކައި 210 ފެސިލިޓޭޓަރުން ވަނީ ތަމްރީން ކުރެވިފައެވެ. މިޕްރޮގްރާމްގެ ޕައިލެޓް މަރުހަލާގައި 3400 އަށް ވުރެން ގިނަ ދަރިވަރުން ތަމްރީން ދެވިގެންދާނެކަމަށް މައުލޫމާތު ތައް ބުނެއެވެ. / ޒ

 

 

 

Leave a Comment

Your email address will not be published.