ހަނގާކުރުމުން ދުރުހެލިވުމަށާއި ރައްކައުތެރި ކުރުމަށް ސްކޫލްތަކުގައި ހިންގަންހަމަޖެހިފައިވާ ޙަރަކާތްތައް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ބާއްވަވައިފިއެވެ. މިއީ ދާދިފަހުން ދަރިވަރުންގެ އިސްނެގުމުގެ މަތިން ފެއްޓި ‘ސްމައިލް އޮން’ ކެމްޕެއިންގެ ދަށުން ހިންގާ ޙަރަކާތްތަކެކެވެ. މިފަހަރުގެ ޙަރަކާތްތައް ހިންގުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި ރާއްޖޭގެ އަމިއްލަ ޖަމްއިއްޔާ އެއްކަމަށްވާ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްރަން (އާރކް) ބައިވެރިވެއެވެ.
މިއަދުގެ މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. އެމަނިކުފާނު އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ރަސްމިއްޔާތު އޮތީ މުޙްޔިއްދީން ސްކޫލްގައެވެ.
ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީވެސް ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާގެ ވާހަކަ ފުޅުގައި ވަށައިޖެހިފައިވާ ތަޢުލީމެއް ރާއްޖޭގެ ސްކޫލް ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް މިސަރުކާރުން ކުރަމުން ގެންދާކަމަށް ވިދާޅުވިއެވެ. އެގޮތުން މިވޭތުވެދިޔަ ތަނުގައި ދަރިވަރުންގެ ހެދިބޮޑުވުމަށް މަގުފަހިވާނޭ އެތައްކަމެއް ސްކޫލް ނިޒާމު ތެރެއިން ތަންފީޒުކުރަން ފަށާފައިވާކަން ހާމަކުރައްވަމުން މިކަންމިގޮތަށް ގާއިމުކުރެވެނީ ދަރިވަރުންނަށް އެންމެ ފުރިހަމަޔަށް އުނގެނެވޭނީ، އުނގެނޭ މާހައުލަކީ އުނގެނުމަށްފަހި މާހައުލަކަށްވެގެންކަމަށްވާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ސްކޫލްތެރެ ސާފުތާހިރުވުމުގެ އިތުރުން ކޮންމެ ސްކޫލެއްގެ ކޮންމެ ކްލާހަކީ އަދި ސްކޫލުގެ ހުރިހާ ތަންތަނަކީ ކޮންމެ ދަރިވަރަކަށްވެސް ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރަން ޖެހޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް ގާއިމުކުރެވޭނީ ސްކޫލްތެރޭގައި އުޅޭ ހުރިހާ އެންމެންނަކީވެސް އެކަކު އަނެކަކާ ދޭތެރޭ ހިތްހެޔޮކޮށް ހިތައި އެކަކު އަނެކަކަށް އިހުތިރާމްކުރާ އަދި އެކަކު އަނެކަކުގެ ތަފާތުތައް ބަލައިގަންނަ ބަޔަކަށްވެގެންކަމަށާއި ނޭދެވޭކަމެއް ކުއްޖަކަށް ނުވަތަ މުއައްޒަފަކަށް ވާކަން އެނގިއްޖެއްޔާ އެކަން ހުއްޓުވުމަށް މަސައްކަތްކުރާ ސަގާފަތެއް ސްކޫލްތެރޭގައި ގާއިމުކުރެވިގެންކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި މުހިންމު އެއްމަސައްކަތަކަށްވީ ތަޢުލީމީ ނިޒާމުގައި ހަނގާކުރުން ހުއްޓުވުމަށް އުސޫލެއް ތައްޔާރުކޮށް އެތަންފީޒު ކުރަން ފެށުމެވެ. މިގޮތުން 2019 ވަނަ އަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު މިއުސޫލު ތަންފީޒުކުރަން ފަށާފައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ތަފާތު އައިޓަމް އަކާއެކު ކުރިޔަށްދިޔަ މިރަސްމިއްޔާތުގައި ދުވަހަށް ޚާއްޞަ ޕްލެޖްވޯލް ފައްޓަވައި ދެއްވުން އޮތެވެ. މި ނަންބަރު ފުރިހަމަކުރުމުގައި ނައިބު ރައީސް ފައިސަލް ނަސީމްއާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީއާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން ގެ އިސްބޭފުޅުންނާއި ސްކޫލް ދަރިވަރުން ބައިވެރިވިއެވެ.
މީގެ އިތުރުން މިރަސްމިއްޔާތުގައި މި މުނާސަބާ އާގުޅޭ ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ.