ދަރިވަރުން އިސްނަގައިގެން ހިންގާ “ސްމައިލް އޮން” ކެމްޕެއިން ގެ ދަށުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) ޖަމްޢިއްޔާ ގުޅިގެން ހަނގާކުރުމުން ރައްކާތެރިކުރުވުމަށް ޚާއްޞަ ޙަރަކާތެއް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރައްވައިފައިވަނީ މިހަރަކާތްތައް މިއަދު ރަސްމީކޮށްފެށުމާގުޅިގެން އެމިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައެވެ.
މި ޙަރަކާތުގެ މައިގަނޑު އަމާޒަކީ ދަރިވަރުންނަށް ރައްކާތެރިކަން ލިބިގެންވާ، އުނގެނުމަށް ފަހި އަދި ޝާމިލްވެއްޓެއް ސްކޫލްތަކުގައި ޤާއިމްކުރުމެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މިއީ، އާރކް އާ ގުޅިގެން އެމިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް މަސައްކަތެވެ. އެމިނިސްޓްރީގެ އިސްނެގުމުގެ މަތިން މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އާރކްގެ ފަންނީ އެހީތެރިކަމާއެކުއެވެ.
އާރކް އަކީ ކުޑަކުދިންނަށް ރައްކާތެރި ވެއްޓެއް ޤާއިމްކޮށްދިނުމަށާއި ހަނގާކުރުން ފަދަ ނޭދެވޭ އިޖުތިމާޢީ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ޖަމްޢިއްޔާއެކެވެ.
އެޑިޔުކޭޝަނުން ހާމަކުރެއްވި ގޮތުގައި މި މަހުގައި ކުރިއަށް ގެންދާ ޙަރަކާތްތައް ރާވާފައިވާނީ ކޮންމެ ހަފްތާއަކަށް ވަކި ޝިއާރެއް ކަނޑައަޅައިގެންނެވެ. މިގޮތުން އަލިއަޅުވާލުމަށް ހަމަޖެހިފައިވާ 4 ޝިއާރަކީ:
(1) “ކައިންޑްނަސް” ނުވަތަ އޯގާތެރިކަން،
(2) “ރެސްޕެކްޓް” ނުވަތަ އިޙްތިރާމްކުރުން،
(3) “ޓޮލަރަންސް” ނުވަތަ ތަފާތުތައް ބަލައިގަތުން، އަދި
(4) “ރެސްޕޮންސިވްނަސް” އެވެ.
މި ޝިއާރުތަކުގެ ދަށުން ހިންގާ ހަރަކާތްތައް ފަރުމާކޮށްފައިވަނީ އެކި ކީ ސްޓޭޖްތަކުގެ ދަރިވަރުންގެ އުމުރުފުރާއާއި ގުޅޭގޮތަށެވެ. އެގޮތުން މިމަހުގެ ތެރޭގައި މިދަންނަވާ ކަންކަން ހިމެނިފައިވާކަން ބަޔާންކުރައްވައިފައިވެއެވެ.
(1) ހަފްތާއަށް ކަނޑައެޅިފައިވާ ޝިޔާރާއި ގުޅުވައިގެން އެސެމްބްލީ ކުރިއަށް ގެންދިޔުން – (ހަފްތާގެ ފުރަތަމަ ދުވަހު އެސެމްބްލީ ކުރިއަށް ގެންދާނީ ސްކޫލު މެނޭޖްމަންޓުން އަދި ނިމޭ ދުވަހު އެސެމްބްލީ ކުރިއަށް ގެންދާނީ ދަރިވަރުން)
(2) ޝިއާރާއި ގުޅުވައިގެން ކޮންމެ ދުވަހަކު ސްކޫލުގައި ހުރިހާ ދަރިވަރުންނަށް ވަކި ޙަރަކާތެއް ކުރިއަށް ގެންދިޔުން
(3) ދަރިވަރުންނަށް އިބުރަތްތައް ޙާޞިލްވާ ވާހަކަތައް ކިޔައިދިނުން / މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކޭސް ސްޓަޑީސް އަދި އެކަމާއި ގުޅޭގޮތުން ޑިސްކަޝަން ކުރިއަށް ގެންދިޔުން
(4) ކޮންމެ ހަފްތާއަކު ބެލެނިވެރިން އަދި ޓީޗަރުންނަށް މެސެޖެއް ފޮނުވުން – (ޝިއާރާއި އެއްގޮތަށް ފިލާވަޅުތައް ކުރިއަށް ގެންދިޔުމަށް އަދި ޝިއާރާ ގުޅުވައިގެން ގޭގައި ކަންކަން ކުރިއަށް ގެންދިޔުމަށް)
އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި އެމިނިސްޓްރީގެ އެދިވަޑައިގަތުމަކީ މި އިސްނެގުމުގައި މުޖުތަމަޢުގެ ހުރިހާ ފަރާތްތައް ބައިވެރިވެދެއްވައި، މިއީ ޤައުމީ ފެންވަރުގެ ކެމްޕެއިނަކަށް ވެގެންދިޔުމެވެ. ސްކޫލްގައި ފައްސި މާހައުލެއް ޤާއިމްކުރުމަށްޓަކައި ދަރިވަރުން ކުރިއަށްގެންދާ “ސްމައިލް އޮން” ކެމްޕެއިނާއެކު މިފަދަ މަސައްކަތްތަކުގެ ތެރެއިން ހިތްހެޔޮކަމާއި، އިހްތިރާމްކުރުމާއި، ތަފާތު ބަލައިގަތުމުގެ އިތުރުން ހަނގާކުރުމާއި ދެކޮޅަށް ތެދުވުމަށް ދަރިވަރުންނަށް ދަސްކޮށްދެވޭނެކަމަށާއި މިފަދަ ސަޤާފަތެއް ކުދިންގެ މެދުގައި އާލާވުމުން، މުޅި މުޖުތަމަޢުއަށް އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެކަމަށް އެޑިޔުކޭޝަނުން އުއްމީދުކުރައްވާ ކަމަށްވެސް ހާމަކުރައްވައިފައިވެއެވެ.