ލިޔުނީ: ޙަސަން ޒަރީރު އިބްރާހީމް
އިންސާނީ ޙައްޤުތައް އެންމެ ފުރިހަމައަށް ކަށަވަރު ކޮށްދީފައިވަނީ އިސްލާމްދީނުގައެވެ. މިސުރުޚީގައި، ކޮށްފައިވާ ދިރާސާ ގައި ހިމެނިފައިވާ މިނިވަންކަމާއި ހަމަހަމަކަމުގެ ޙައްޤާއި، ދިރިހުރުމުގެ ޙައްޤާއި މިނިވަންކަމުގެ ޙައްޤާއި ގުޅޭގޮތުންނެވެ. ޖުމުލަ ގޮތެއްގައި މި މައުޟޫޢަށް ބަލާއިރު، އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤުވާމީ ދުވަސް މިއަދު މި ފާހަގަކުރަނީ އެވެ. މިއަދުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރަމެވެ. އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން ހަނދާންކުރާންޖެހޭ އެންމެ ބޮޑު އެއް ކަމަކީ އިންސާނީ ޙައްޤުތައް ފެށިގެން އައީ އިސްލާމް ދީނުންކަމެވެ. އަދި އެ ޙައްޤުތައް އެންމެ ބޮޑަށް ކަށަވަރު ކޮށްދީފައިވަނީ ވެސް އިސްލާމްދީނުގައި ކަމެވެ. ނަމަވެސް މިއަދު އިންސާނީ ޙައްޤުތަކުގެ ވާހަކަދައްކާ އިރު މިވާހަކަ އަޅުގަނޑުމެންގެ ގިނަ މީހުންނަށް އިހުމާލުކޮށްލެވެއެވެ. ނަމަވެސް ޙަޤީޤަތަކީ އިންސާނީ ޙައްޤުތަކުގެ ހުރިހާ އަސާސްތަކެއް އިސްލާމްދީނުގައި ގެނެސްދީފައިވާ ކަމެވެ.
އެއްވެސް ޝައްކެއް ނެތެވެ. އިސްލާމް ދީނަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތާއި ރަޙުމަތެއް ކަމުގައި މާތް ﷲ ގެ ޙަޟުރަތުން ބާވައިލެއްވި އިލާހީ ދީނެވެ. މާތްﷲ އެކަލާނގެ ޚަލީފާއިންކަމުގައި ބިމުގައި ލެއްވި އިންސާނުން އުޅެންވީ މަގު ބަޔާންކުރައްވައި ބާވައިލެއްވި ޝަރީޢަތެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެ އެވެ. “إنَّ الدِّين عِندَ الله الإسلام” (“ހަމަކަށަވަރުން، اللَّهގެ حضرةގައި، دينއަކީ، إسلام دينއެވެ.”) (آل عمران:19)
އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. “ومن يبتغ غير الإسلام دينا فلن يقبل منه ” (“دينއެއްގެ ގޮތުގައި إسلام دين ނޫން دينއެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبولއެއް ނުކުރައްވާ ހުށްޓެވެ.”) (آل عمران:85) އެހެންވީއިރު ބިން ތަޢުމީރު ކުރެއްވުމަށްޓަކައި އިންސާނާ އުފެއްދެވި ޚާލިޤުވަންތަ އިލާހު، އެ ބިމުގައި އެކަލާނގެ ޚަލީފާއިންކަމުގައި ލެއްވި އިންސާނުންނަށް އެކަމަށްޓަކައި ބޭނުންވާނީ ހުރިހާ އިޚުތިޔާރަކާއި ބާރަކާއި ޙައްޤުތަކެއް ދެއްވައިފައިވާނޭކަމީ ޤަޠުޢީ ގޮތުން ބަލާއިރު ވެސް ޤަބޫލުކުރަންޖެހޭ ކަމެކެވެ.
އިސްލާމް ދީނަކީ އިންސާނުންގެ މަޞްލަޙަތު ޙިމާޔަތް ކުރައްވައިފައިވާ ދީނެވެ. އިސްލާމް ދީނުގެ މައިގަނޑު މަޤުޞަދަކީ ވެސް އިންސާނީ މަޞްލަޙަތު ޙިމާޔަތްކުރުމެވެ. އެހެންކަމަށް ވާނަމަ އޭނާއަށް ހުރިހާ ޙައްޤުތަކެއް ވާނޭކަން ޤަބޫލުކުރާންޖެހެއެވެ.
[އިންސާނީ ޙައްޤުތަކަކީ އޭނާއަށް ފިޠުރީގޮތުން ލިބިފައިވާ އެއްޗެކެވެ. އޭނާ ހެއްދެވި އިރު ދެއްވާފައިވާ ޙައްޤުތަކެކެވެ. އާދަމުގެފާނުން ފެށިގެން މުޙައްމަދު ނަބިއްޔާއާ ހަމައަށް ފޮނުއްވާފައިވާ ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ގޮވައިލުންތަކުގައި މި ޙައްޤުތައް ހިމެނެއެވެ. އެކަމަކު އިންސާނީހައްޤުތަކާ ބެހޭ ނަޡަރިއްޔާތުތަކާއި ފިކުރުތައް އުފަންކުރެއްވި މޭސްތިރިންކަމަށް މަޝްހޫރުވެފައިވާ އަފްލާޠޫނާއި، އެރިސްޓޮޓޯލްއާއި، މަކިއަވެލީ އާއި، ލުކާއި، ރޫސޯއާއި، މޮންޓެސްކިއޫ ފަދަ ފިލޯސަފަރުންނާއި މުފައްކިރުންގެ ގޮވައިލުންތަކުގައި ވެސް މި ޙައްޤުތައް] ހިމެނިފައެއްނުވެއެވެ.
ކަން މިހެން ހުރުމާއެކު، އިސްލާމް ދީނުގައި އިންސާނީ ޙައްޤުތަކަށް ދީފައިވާ ދަރަޖައިގެ މައްޗަށް ތަންކޮޅެއް ތަފުޞީލީ ގޮތެއްގައި ބަލައިލާނަމެވެ.
މިނިވަންކަމާއި ހަމަހަމަކަމުގެ ޙައްޤަށްބަލާއިރު، އިންސާނުންގެ ޙައްޤުތަކާ ބެހޭ ޢާއްމު ޤަރާރު (ދަ ޔުނިވަރސާލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސް) ގެ އެއް ވަނަ މާއްދާގައި [ހުރިހާ އިންސާނުން ވެސް ދުނިޔެ އަށް އުފަންވަނީ، މިނިވަންކަމުގައި، ހަމަހަމަ ޙައްޤުތަކާއެކު، ހަމަހަމަ ދަރަޖައެއްގައި ކަމޭހިތެވިގެންވާ ބަޔެއްގެ ގޮތުގައެވެ. ހެޔޮ ވިސްނުމާއި، ހެޔޮ ބުއްދީގެ ބާރު އެ މީހުންނަށް ލިބިގެންވެއެވެ. އަދި އެކަކު އަނެކަކާމެދު އެ މީހުން މުޢާމަލާތްކުރަންވާނީ އުޚުއްވަތްތެރިކަމުގެ ރޫޙެއްގައި] ކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ 10 ޑިސެމްބަރ 1948 ގައި އދ. މަޖިލީހުގެ ޢާއްމު ޖަލްސާއިން ފާސްކޮށް އިޢުލާންކޮށްފައިވާ ޤަރާރެކެވެ. މިއީ މީގެ 14 ސަތޭކަ އަހަރު ކުރިން ކައު އިތުރު ރަސޫލާ މުހައްމަދު صلى الله عليه وسلم މުޅި އިންސާނިއްޔަތާ މުޚާޠަބުކޮށް އިޢުލާންކުރައްވައިފައިވާ އުޞޫލެކެވެ.
ކައުއިތުރު ރަސޫލާ ހިޖުރައިން 10 ވަނަ އަހަރު ޛިލްޙިއްޖާ މަހު 9 ވަނަ ދުވަހު ޢަރަފާތުގައި ހުންވައި ގެން މުޅި އިންސާނިއްޔަތާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވި އެވެ. “لا فضل لعربي على عجمي ، ولا لعجمي على عربي ، ولا لأبيض على أسود ، ولا لأسود على أبيض إلا بالتقوى ، الناس من آدم ، وآدم من تراب.” (“ތަޤުވާވެރިކަމުގެ ސަބަބުން ފިޔަވައި އެއްވެސް ޢަރަބީއަކަށް ޢަޖަމީއެއްގެ މައްޗަށް، އަދި ޢަޖަމީއަކަށް ޢަރަބީއެއްގެ މައްޗަށް، ދޮން މީހަކަށް ކަޅު މީހެއްގެ މައްޗަށް، އަދި ކަޅު މީހަކަށް ދޮން މީހެއްގެ މައްޗަކަށް މާތްކަމެއް ނެތެވެ. ހުރިހާ މީސްތަކުން އުފެދުނީ އާދަމުގެފާނުގެކިބަފުޅުންނެވެ. އާދަމުގެ ފާނު އުފެއްދެވީ މަށިންނެވެ.”) އިންސާނުންގެ ހަމަހަމަ ކަމަށް ގޮވައިލައި ކަނޑައެޅިފައިވާ މިޔަށްވުރެ ވަކިން މަތިވެރި އުޞޫލެއް ކޮބައިތޯ އެވެ؟ އެހެންކަމުން އިންސާނުންގެ ހަމަހަމަ ކަމަށް އިސްލާމް ދީނުގައި އެންމެ މަތީ ދަރަޖައިގެ އަހަންމިއްޔަތު ދީފައިވާކަން ހަމަ އެކަނި ރަސޫލާގެ މި ޙަދީޘުފުޅުންވެސް އެނގެއެވެ. އަދިވެސް ކީރިތި ރަސޫލާގެ އެހެން ޙަދީޘްފުޅެއްގައި ވެއެވެ. “النَّاسُ سَوَاسِيَةٌ كَأَسْنَانِ الْمِشْطِ ” (“މީސްތަކުންނަކީ ފުނަލުގެ ދަތްތައް ފަދައިން ހަމަހަމަވެގެންވާ ބަޔެކެވެ.”)
އިސްވެ ދިޔަ ޙަދީޘްފުޅުތަކުގެ މާނައަށް ވިސްނައިލުމުން އެނގެނީ މިނިވަންކަމާއި ހަމަހަމަ ކަން އެންމެ މަތިވެރި ދަރަޖައަށް ދެއްވައިފައިވަނީ އިސްލާމްދީނުގައި ކަމެވެ. އެހެން އެއްވެސް ދީނެއްގައި ނުވަތަ އެހެން ފަލްސަފާއެއްގައި ވެސް މިޔަށްވުރެ ވަކި އިތުރަކަށް މިނިވަންކަމާއި ހަމަހަމަކަން ދެވިފައި ނުވާ ކަމެވެ.
ދިރިހުރުމުގެ ޙައްޤާއި މިނިވަންކަމުގެ ޙައްޤު
އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޤަރާރު (ޫޑހޜ) ގެ 3 ވަނަ މާއްދާގައި ވަނީ ” ދިރިހުރުމާއި މިނިވަންކަމާއި އަމާންކަމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވާ” ކަމުގައެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑުގެ އެއް މަޤްޞަދަކީ ނަފުސާއި ފުރާނަ ޙިމާޔަތްކުރުމެވެ. ހަމަ އެކަނި އިރުޝާދުދެއްވައިފައިވަނީކީ ނޫނެވެ. އެކަމަށްޓަކައި އިސްލާމްދީނުގައި ތަފާތު ފިޔަވަޅުތައް ވަނީ އަޅުއްވައިފައެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. [مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا] ([އެކަމަށްޓަކައި إسـرآءيـلގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفسއެއް މަރައިގެން، ނުވަތަ ބިމުގައި فسادއެއް އުފައްދައިގެން ނޫން ގޮތަކަށް، نفسއެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ.])) سورة المائدة (32: ޙައްޤަކާ ނުލައި މީހަކު މަރައިފި މީހަކަށް އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ ހަރުކަށި ޢުޤޫބާތަކީ ވެސް އެކަން ކުރުމުން މީހުން ދުރުކުރުމަށް އަޅުއްވައިފައިވާ ބާރެއްކަން ކަށަވަރެވެ. يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالأُنثَى بِالأُنثَى فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاء إِلَيْهِ بِإِحْسَانٍ ذَلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ اعْتَدَى بَعْدَ ذَلِكَ فَلَهُ عَذَابٌ أَلِيمٌ (“އޭ إيمانވެއްޖެ މީސްތަކުންނޭވެ! قتلކުރެވޭ މީހުންނާމެދު قصاصހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخއާގެ ފަރާތުން قصاصގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسانތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمةއެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوةތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ.”) (سورة البقرة:178)
އަދިވެސް ވަޙީކުރައްވައިފައިވެއެވެ. “وَلَكُمْ فِي الْقِصَاصِ حَيَاةٌ يَاْ أُولِيْ الأَلْبَابِ لَعَلَّكُمْ تَتَّقُونَ” (“އަދި قصاصހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهلވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوىވެރިވުމަށްޓަކައެވެ.”) (سورة البقرة:179)
އަޅުން ގެންގުޅުން މަނާކުރުމާއި މިނިވަންކަމުގެ ޙައްޤު.
އަޅުވެތިކަމާއި އަޅުން ގެންގުޅުމަކީ ޖާހިލިއްޔަ ޒަމާނުގައި ވަރަށް ޢާއްމުކަމެއް ކަމުގައި ވީނަމަވެސް އިސްލާމްދީނުގައި އެކަން ހުއްޓުވުމަށް ވަނީ ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. މި ގޮތުން ވަރަށް ގިނަ ކުށްތަކެއްގެ ކައްފާރާއެއްގެ ގޮތުން އަޅަކު މިނިވަންކުރުން އިސްލާމީ ޝަރީޢަތުގައި ހިމެނުއްވި އެވެ. އަދި މިނިވަން އިންސާނަކު އަޅުވެތިކުރުމަކީ ކިހާ ނުބައިކަމެއްކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: قَالَ اللَّهُ ثَلَاثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ رَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ .. މާތް ﷲ ވަޙީކުރެއްވިކަން ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ޙަދީޘްކުރެއްވި މި ޤުދުސިއްޔަ ޙަދީޘްފުޅުން ދޭހަވާ ގޮތުގައި ޤިޔާމަތް ދުވަހު 3 މީހެއްގެ ޚަޞްމެއްގެ ގޮތުގައި ﷲ ހިމެނިވޮޑިގެންވާނެކަމަށް އަންގަވައިފައިވެއެވެ. އެއިގެ ތެރެއިން އެކަކީ މިނިވަނަކު އަޅެއްގެ ގޮތުގައި ވިއްކައި އެ ވިއްކައިގެން ލިބު އެއްޗެއް ކެއި މީހާއެވެ. އެހެން ކަމުން އަޅުވެތިކުރުމަށް އިސްލާމް ދީން ދެކޮޅުހަދާ މިންވަރު މިޔަށްވުރެ ވަކިން ފުރިހަމަޔަށް ބަޔާންކުރާނީ ކިހިނެއްތޯ އެވެ؟ އަޅުންގެންގުޅުން މަނާކުރުމާއި މިނިވަންކަމުގެ ޙައްޤު އިސްލާމް ދީނުގައި ދެއްވައިފައިވާ މިންވަރަށް ވުރެ ބޮޑަށް، އެއްވެސް ދީނެއްގައި ނުވަތަ ފަލްސަފާއެއްގައިވެސް ނުވަތަ ޤަރާރަކުން ވެސް ދީފައި ނުވާކަމަށް ސާބިތުވެއެވެ. [ނުނިމޭ]