އިންސާނީ ޙައްޤުތައް އެންމެ ފުރިހަމައަށް ކަށަވަރު ކޮށްދީފައިވަނީ އިސްލާމްދީނުގައެވެ…

ޙަސަން ޒަރީރު އިބްރާހީމް

ދެވަނަބައި

“އިންސާނީ ޙައްޤުތައް އެންމެ ފުރިހަމައަށް ކަށަވަރު ކޮށްދީފައިވަނީ އިސްލާމްދީނުގައެވެ.” މިސުރުޚީގެ ފުރަތަމަ ބަޔާއި ގުޅޭ!”

އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތަކުން ސަލާމަތްވުމުގެ ޙައްޤު:

އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޤަރާރު (ޫޑހރ) ގެ 5 ވަނަ މާއްދާގައި “އެއްވެސް މީހަކު، އަނިޔާވެރިކަމަށާއި އަނިޔާވެރި ނުވަތަ ލާއިންސާނީ ނުވަތަ އިންސާނީ ޤަދަރަށް ކުޑައިމީސްކަން ލިބެނިވި ގޮތްގޮތަށް ކުރެވޭ މުޢާމަލާތްތަކަށާއި އަދަބުތަކަށް ހުށަހޮޅިގެން ނުވާނެ ކަމަށް ކަނޑައަޅައިފައި ވެއެވެ. މިހެންމިކަން އޮތް އިރު މިއީ އިސްލާމް ދީނުގައި މާތް ﷲ އެތައް ޤަރުނެއްގެ ކުރިން ކަނޑައަޅުއްވައި ބަޔާންކުރައްވައިފައިވާ ކަމެކެވެ. ޤުދުސިއްޔަ ޙަދީޘްފުޅެއްގައި މާތް ﷲ އެކަލާނގެ އަޅުތަކުންނާ މުޚާޠަބުކުރައްވައި އަންގަވާފައިފައިވެއެވެ. “يا عبادي إني حرمت الظلم على نفسي وجعلته بينكم محرما، فلا تظالموا” މި ބަސްފުޅުން ވަރަށް ސާފުކޮށް ކަނޑައަޅުއްވާފައި މިވަނީ އަނިޔާވެރިކަމަކީ ޚުދު މާތް ﷲގެ ޛާތުފުޅަށް ވެސް އެކަލާނގެ ޙަރާމްކުރައްވައިފައިވާ ކަމެއް ކަމާއި، އަދި އެއީ އެކަލާނގެ އަޅުތަކުންނަށް ވެސް ޙަރާމްކުރައްވާފައިވާ ކަމެއް ކަމެވެ. އަދި މި ދުނިޔޭގައި މީސްތަކުންނަށް ޢަޛާބު (އަނިޔާވެރިވާ) ދައްކާ މީހުންނަށް ޤިޔާމަތް ދުވަހުން ﷲ ގަދަފަދަ ޢަޛާބު ދެއްވާނެކަމަށް ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގައިވަނީ ” إن الله يعذ ب الذين يعذبون الناس فى الدنيا ” މިފަދައިންނެވެ. އެހެންކަމުން އަނިޔާވެރިކަން މަނާކޮށް އަނިޔާއިން ސަލާމަތްވެގެން ތިބުމުގެ ޙައްޤު އެންމެ ބޮޑަށް ކަށަވަރު ކޮށްދީފައި ވަނީ ވެސް އިސްލާމް ދީނުގައިކަން މި އޮތީ ސާބިތުވެފައެވެ.

ކާވެނިކުރުމުގެ ޙައްޤު:

އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޤަރާރު (ޫޑހރ) ގެ 16 ވަނަ މާއްދާގައި ކާވެނިކުރުމާއި ވަރިކުރުމުގެ ޙައްޤު ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާއިރު،  ދުނިޔޭގެ ޣައިރު މުސްލިމު ބައެއް ޤައުމު ތަކުގައި މި ޙައްޤު ފިޠުރަތުގެ އުޞޫލާ ޚިލާފަށް ވެސް ލިބި ދީފައިވެ އެވެ. އެހެން ނަމަވެސް އިސްލާމް ދީނަކީ ފިޠުރަތާ ޚިލާފު ކަންތައްތަކެއް ލައްވައިފައިވާ ދީނަކަށް ނުވާތީ، އެއް ޖިންސުން “ކާވެނިކުރުމުގެ” ނަމުގައި ޣައިރު މުސްލިމުން ލިބިގެންފައި ވާ ހަޑިމުޑުދާރު ފިޠުރަތާ ޚިލާފު “ޙައްޤު” އެއީ އިސްލާމީ ނަޒަރަކުން ޙައްޤެއް ކަމަކަށް ޤަބޫލެއް ނުކުރެ އެވެ. އެއީ ކުށެކެވެ. ފާފައެކެވެ. ޖަރީމައެކެވެ. ދުނިޔެއިން އިންސާނުން ހުސްވެ ނަސްލުނެތިގެން ހިނގައިދާނެ ނުބައި ޢަމަލެކެވެ. ފިޠުރަތާ އެއް ގޮތް ވާ ގޮތުގެ މަތީން ކާވެނިކުރުމަކީ އިސްލާމްދީނުގައި ބާރު އަޅުއްވައިފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. “وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ.” “ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفسތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.” (سورة الرّوم:21) މިއީ ކާވެނިކުރުމަށް އިސްލާމްދީނުގައި ތަރުޙީބުދެއްވައިފައިވާ މިންވަރު ކިތަންމެ ރީތިކޮށް ވެސް ހާމަވެގެންދާ ވަރަށް ފުރިހަމަ އާޔަތެކެވެ.

އިސްލާމް ދީނުގައި ހަމައެކަނި ކާވެނިކުރުމުގެ މިނިވަންކަން  ދީފައިވަނީކީ ނޫނެވެ. މީގެ އިތުރަށް ކާވެނިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި އަމުރުވެސް ކުރައްވައިފައި ވަނީ އެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވި އެވެ. “يا معشر الشباب من استطاع منكم الباءة فليتزوج” (“އޭ ޒުވާނުންނޭވެ! ތިޔަބައި މީހުންގެތެރެއިން ކައިވެނިކުރުމުގެ ކުޅަދާނަކަން (ޞިއްޙީ ގޮތުންނާއި، ޖިންސީ ގޮތުންނާއި މާލީ ގޮތުން) ލިބިގެންވާ މީހުން ފަހެ ކާވެނިކުރާހުށިކަމެވެ.”) ކާވެނިކުރުމަށް އިސްލާމްދީނުގައި ލިބިފައިވާ ޙައްޤުގެ މަތިވެރިކަމާއެވެ!!

ތަޢުލީމު ލިބުމުގެ ޙައްޤު:

އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޤަރާރު (ޫޑހރ) ގެ 26 ވަނަ މާއްދާގައި ވަނީ “ހަމަ ކޮންމެ މީހަކަށްމެ ތަޢުލީމު އުނގެނުމުގެ ޙައްޤު ލިބިގެން”ވާ ކަމަށެވެ. އެހެން ނަމަވެސް އިސްލާމް ދީނުގައި ހަމަ އެކަނި މި ޙައްޤު ދީފައި ވަނީކީ ނޫނެވެ. އެކަމަށް އަމުރުކުރެއްވުމާއެކު އެކަމަށް މަޖުބޫރު ވެސް ވަނީ ކުރައްވައިފައެވެ. ކީރިތި ޤުރުއާނުގައި ފުރަތަމަ ބާވައިލެއްވި އާޔަތްވެސް ފައްޓަވައިފައިވަނީ “ކިޔަވާށޭ!” އަމުރުކުރައްވަމުންނެވެ. ތަޢުލީމު ޙާޞިލުކުރުމަށް އަމުރުކުރައްވައި ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވެއެވެ. “طلب العلم فريضة على كل مسلم ومسلمة” (“ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމު ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ފަރުޟެކެވެ.”) އަދިވެސް ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވެއެވެ. “اطلبوا العلم ولو بالصين” ” ސީނު ކަރަ (ޗައިނާ) އިން ނަމަވެސް ޢިލްމު ޙާޞިލްކުރާށެވެ!”) އާދެ! މި ޙަދީޘްފުޅުން މި އިޝާރަތްކުރައްވަނީ ކިތަންމެ ދަތި ޙާލަކުން ނަމަވެސް ތަޢުލީމު ޙާޞިލުކުރުމަށް އިސްލާމް ދީން ބާރު އަޅައިފައިވާ މިންވަރު ނޫން ދެން ކޮންވާހަކައެއްތޯއެވެ.

އަދި ކޮންމެ މީހަކުވެސް އެ މީހެއްގެ މުޅި ހަޔާތުގައި (ދިރިހުރިހާ ހިނދަކު) ޢިލްމު ޙާޞިލުކުރުމުގައި ދެމިހުރުމަށް އަންގަވައި ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. اطلبوا العلم من ا لمهد إلى اللحد (“މައިމީހާގެ އުނގުން ފެށިގެން ކަށްވަޅަށް ދާނދެން ޢިލްމު އުނގެނޭށެވެ!”) މި ޙަޤީޤަތްތައް ހާމައަށް އޮތް އިރު ތަޢުލީމު އުނގެނުމުގެ ޙައްޤު އިސްލާމް ދީނުގައި އޮތް މިންވަރަށް ވުރެ ބޮޑަށް އެހެން ބަޔަކަށް މި ޙައްޤު ދެވިފައި ނެތްކަން ސާބިތުވެއެވެ. ޢިލްމު ޙާޞިލުކުރުމަށް އިސްލާމްދީނަށްވުރެ ވަކިން ބޮޑަށް ބާރުއަރުއްވައިފައިވަނީ އެހެން ކޮން ދީނެއްގައި ތޯއެވެ؟ ނުވަތަ ކޮން ފަލްސަފާއެއްގައިތޯ އެވެ؟ ނޫންނަމަ ކޮން ޤަރާރެއްގައިތޯ އެވެ؟

ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤާއި ޖަމާޢަތް ހެދުމުގެ ޙައްޤު:

އަދުގެ ޑިމޮކްރެސީގައި އޮންނަން ވާނެ ކަމަށް އެންމެ ބޮޑަށް މިއަދު ގޮވައިލާ ޙައްޤަކީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމެވެ. ކޮންމެ އިންސާނަކަށް ވެސް މިނިވަންކަމާއެކު އެއްވެ އުޅުމުގެ ޙައްޤު ލިބިގެންވާކަމަށް އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޤަރާރު (ޫޑހރ) ގެ 20 ވަނަ މާއްދާގައި ވެއެވެ. މިކަން މިހެން އޮތް އިރު އެއްވެ އުޅުމަށް ކީރިތި ރަސޫލާ ވަނީ މި އުންމަތަށް އިރުޝާދުދެއްވައިފައެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. عليكم بالجماعة فإنه يأكل الذئب من الغنم القاصية  ތިޔަބައިމީހުންނަށް އޮތީ، ޖަމާޢަތާ އެކުގައި ވުމެވެ. އެހެނީ ސިންގާ އައިސް ޖަހައިގަނެގެން ކާލާނީ ބަކަރި އައިނުގެ ތެރެއިން ވަކިވެގެން ދުރުގައި އޮންނަ ބަކަރި އެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.   لكل جعلنا منكم فرقة ومنهاجا (“ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، ވަކި فرقة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ.”)

އިންސާނީ ޙައްޤުތަކާ ބެހޭ އދ. ގެ ޤަރާރު (ޫޑހރ) ގެ 23 ވަނަ މާއްދާގައި ވިޔަފާރި ޖަމާޢަތްތައް ހެދުމާއި ޖަމާޢަތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެން ވާކަމަށް ބަޔާންކޮށްފައިވާއިރު ކީރިތި ރަސޫލާ އެކަމަށް ބާރުއަޅުއްވައި ޙަދީޘްކުރައްވައިފައިވަނީ يد الله مع الجما عة (ﷲ ވޮޑިގެން ވަނީ ޖަމާޢަތާ އެކުގައެވެ.) އެހެންވީމާ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ޖަމާޢަތް ހެދުމާއި ޖަމާޢަތުގައި ބައިވެރި ވުމުގެ ޙައްޤަކީ އިސްލާމްދީނުގައި ދެއްވައިފައިވާ ފުރިހަމަ ޙައްޤެކެވެ.

އިންސާނީ ކަރާމަތާއި އިންސާނުންނަށް މާތް ދެއްވައިފައިވާ ޙައްޤުތަކާއި މިނިވަންކަން:

އިންސާނާ އުފައްދަވާފައިވަނީ އެންމެ މަތިވެރި ގޮތުގައެވެ. އެންމެ ކަރާމާތްތެރި މަޚުލޫޤުގެ ގޮތުގައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. “وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلاً”.(“ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدمގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزقދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.”).(ސޫރަތުލް އިސްރާގެ:70) އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. “لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ” (“ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورةގައި އިންސާނާ ހެއްދެވީމެވެ.”) (سورة التّين:5)

މިފަދަ ފުރިހަމަ ގޮތެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ޚާއްޞަ ގޮތެއްގައި އުފައްދަވައި ބިމުގައި ޚަލީފާކުރައްވައިފައިވާ އެކަލާނގެ ޚަލީފާއިންނަށް ދެއްވައި ދަރުމަކުރައްވައިފައިވާ ޙައްޤުތަކާއި ޢިނާޔަތްތަކަކީ އަޅުގަނޑުމެންނަށް ހިމަނައި ކޮޅުން ނުލާހައި މަތިވެރި ފުރިހަމަ ކަންތައްތަކެކެވެ.

އިސްލާމް ދީނުގައި ނެތީ ކޮން ޙަޢްޤެއްތޯ އެވެ؟ އިންސާނީ ފިޠުރަތާ ޚިލާފު ނުވާ ހަމަ ކޮންމެ ޙައްޤެއްވެސް އިސްލާމް ދީން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އެންމެ ކުޑަމިނުން ދީނީ މިނިވަންކަން ވެސް އިސްލާމްދީނުގައިވަނީ ވަރަށް ފުރިހަމަޔަށް ދެއްވައިފައެވެ. މާތް ﷲ ދެމަގެއް (ތެދުމަގާއި ނުބައި މަގު) ދައްކަވައި އިޚުތިޔާރު ދެއްވި އެވެ. އެކަލާނގެ ވަޙީކުރައްވައިފައިވަނީ ” وَهَدَيْنَاهُ النَّجْدَيْنِ” (“އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ.”) (سورة البلد:10) މި ފަދައިންނެވެ. އަދި އިސްލާމްދީނަށް ވެއްދުމަށް މަޖުބޫރު ކަމެއް ލައްވައިފައެއް ނުވާކަން އަންގަވައި ވަޙީކުރައްވައިފައިވެއެވެ. ” لاَ إِكْرَاهَ فِي الدِّينِ ” (“دينއަށް ވެއްދުމުގައި مجبورކުރުމެއް ނެތެވެ. “) (سورة البقرة:256) އެހެން ނަމަވެސް އިސްލާމް ދީނަކީ ސަމާސާ ދީނެއް ކަމަށް ނުވާތީ އިސްލާމް ދީނަށް ވަނުމަށް ފަހު އެ ދީން ދޫކޮށްލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނޯންނާނެ އެވެ. އެހެނީ އެ ދީނަށް ވަނުމަށް މަޖުބޫރުކުރުމެއް ނެތި އެ މީހެއްގެ ވިސްނުމާ ފިކުރަށް ފެނިގެން  އެ ދީނަށް ވަނުމަށް ފަހު އެ ދީން ދޫކޮށްލުމުގެ ޙައްޤު ދީފިނަމަ އެއީ ކުޅޭކުޅޭ ކަމަކަށް ވެދާނެ އެވެ. މާތް ﷲ އެ ކަލާނގެ ދީން ޙިމާޔަތްކުރެއްވުމަށްޓަކައި މި ކަމުގައިވެސް ޙައްދު ތަކަކާއި އިންތަކެއް ކަނޑައަޅުއްވައިފައިވަނީ އެވެ. އެހެންކަމުން އެ މީހަކު ބޭނުން ދީނެއް އިޚުތިޔާރުކުރުމުގެ ޙައްޤު ވެސް އިސްލާމް ދީނުގައި އެބަވެއެވެ. ބޭނުން މަގެއް އިޚުތިޔާރުކުރުމުގެ ޙައްޤު އެބަ އޮތެވެ. އެއްމަގަކީ ޖަހަންނަމަ އަށް ދިޔުމުގެ މަގެވެ. އަނެއް މަގަކީ ނިޢުމަތްތަކުގެ ސުވަރުގެއަށް ދިޔުމުގެ މަގެވެ. އިޚުތިޔާރު އޮތީ އިންސާނާގެ އިޚުތިޔާރަށް ދޫކޮށްލައްވައިފައެވެ.

އާދޭހެވެ! އިސްވެ ބަޔާންކުރެވުނު ކަންތައްތަކާއި، އެކަންކަމުގެހެކިތަކަށް ބައްލަވައިފިނަމަ އެއްވެސް އޮޅުމެއް ނެތި ހާމަވެގެންދާނީ އިންސާނީ ޙައްޤުތަކަށް އިސްލާމް ދީނުގައި ދެއްވާފައިވާ ދަރަޖައިގެ މަތިވެރިކަމެވެ. އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތަށް މަގުފަހިވާނޭ ހުރިހާ އުޞޫލުތަކެއް އިސްލާމް ދީނުގައި ކަނޑައަޅުއަވައިފައިވާ ކަމެވެ. 10 ޑިސެމްބަރ 1948 ގައި އދ. ގެ ޢާއްމު މަޖިލީހުން ފާސްކޮށް އިޢުލާންކޮށްފައިވާ [އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރު] ގެ 30 މާއްދާގައި ބަޔާންކޮށްފައިވާ އިންސާނީ ފިޠުރަތާ ޚިލާފުނުވާ ކޮންމެ ޙައްޤަކީ ވެސް އިސްލާމް ދީން ކަށަވަރުކޮށްދެއްވައިފައިވާ ޙައްޤުތަކެއްކަން އިސްވެ ބަޔާންކުރެވުނު ދަލީލުތަކުންވެސ ޝައްކެއް ނެތްމިންވަރަށް ސާފުވެ ސާބިތުވާކަން ފާހަގަ ނުވޭތޯއެވެ.

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ކުރިން މުޅި އިންސާނިއްޔަތާ މުޚާޠަބުކުރައްވައި މި ހުރިހާ ހައްޤުތަކެއް ވަނީ ބަޔާންކޮށްދެއްވައި އިޢުލާންކުރައްވައިފައެވެ. ޙައްޖަތުލްވިދާޢުގެ ޚުޠުބާގައެވެ. ސާދާ ޞަރީޙަ ބަލާޣާތްތެރި ޢިބާރާތަކުންނެވެ. އެ ޚުޠުބާގައި ކީރިތި ރަސޫލާ ޙަދީޘްކުރެއްވި އެވެ. [ހުރިހާ އިންސާނުންނަކީ އާދަމްގެފާނުގެދަރިންނެވެ. އަރަބިންނަކީ އެހެން އިންސާނުންގެ މައްޗަށް މާތެވެގެންވާ ބައެއް ނޫނެވެ. ހަމަ އެ ފަދައިންއެހެން ނަސްލުތަކުގެ އިންސާނުންނަކީ އަރަބިންގެ މައްޗަށް މާތްވެގެންވާބައެއް ނޫނެވެ. ދޮން މީހެއް ކަޅު މީހެއްގެ މައްޗަށް މާތްވެގެންނެއް ނުވެއެވެ. ހަމައެފައިން ކަޅު މީހަކު ދޮން މީހެއްގެ މައްޗަކަށްވެސް މާތްވެގެންނެއް ނުވެއެވެ. އެ މީހެއްގެ ހެޔޮ އަމަލާއި ތަޤްވާވެރިކަމުންމެނުވީއެވެ. ދަންނާށެވެ! ހުރިހާ މުސްލިމުންނަކީ އަޚުންނެވެ. ކޮންމެ މުސްލިމަކީ ވެސް އަނެއް މުސްލިމެއްގެ އަޚާއެވެ. އެއް މުސްލިމެއްގެ މުދާ އަނެއް މުސްލިމެއްގެމައްޗަށް ހުއްދަވެގެން ނުވެއެވެ. ހެޔޮ ހިތުން ދޭ ހިތުން ދިނުމުން މެނުވީއެވެ. އެހެންކަމުން، ތިޔަބައިމީހުން އަމިއްލަ ނަފްސުތައް އަދުލް އިންސާފުން ބޭރުވެ  ނުގަންނަހުއްޓެވެ! ދަންނާށެވެ!  މިއީ މި މައުޟޫޢުގައި ހުރި ހެކިތަކާއި ދަލީލުތަކުން ކުޑަ މިންވަރެކެވެ. ހަމަ އެކަނި މި މިންވަރުން އެކަނިވެސް [އިސްލާމް ދީނުގައި އިންސާނީ ޙައްޤުތަކަށް ދީފައިވާ ދަރަޖަ]އިގެ މަތިވެރިކަން ހާމަވާނެ އެވެ.

 

ޝައްކެއްނެތެވެ. އިންސާނީ ފިޠުރަތާ ޚިލާފު ނުވާ ގޮތުގެ މަތީން އިންސާނުންނަށް، ހުރިހާ ޙައްޤުތަކެއް އިސްލާމްދީނުގައި ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާ މިންވަރުކޮށްދެއްވައިފައިވާ ޙައްޤުތަކެކެވެ. އެއްވެސް ޙާލެއްގައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީފައިވަނީ 1948 ގައި ފާސްކުރި އދ.ގެ ޤަރާރަކުންނޫނެވެ. އެއީ 1400 އަހަރު ކުރިއްސުރެ އިސްލާމް ދީނުގައި ކަށަވަރުކޮށްދެއްވައިފައިވާ ޙައްޤުތަކެކެވެ.  (ނިމުނީ)

 

Leave a Comment

Your email address will not be published.