ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ އިސްރޯލެއް އަދާކުރަނީ މުދައްރިސުންނެވެ

ޙަސަން ޒަރީރު އިބްރާހީމް

ތަރުބިއްޔަތު ކުރުމުގައި މުދައްރިސުންނަކީ، ވަރަށް މުހިއްމު އެހާމެ ބޭނުންތެރި ދައުރެއް އަދާކުރާ ބައެކެވެ. ތަރުބިއްޔަތަކީ، ވިސްނުމާއި ޘަޤާފަތާއި އުފެއްދުނަތެރިކަމާއި، ހުނަރާއި އިސްލާމީ ގިއުގަނޑު ތެރޭގައި ބައްޓަން ކުރުމެވެ. އަދި ހަމައެއާއެކު، އިންސާނާ (ޖިސްމާނީ ގޮތުންނާއި، ނަފުސާނީ ގޮތުންނާއި، ރޫޙާނީ ގޮތުންނާއި އަދި ޖަޒުބާތީ ގޮތުން) ހުރިހާ ގޮތަކުން ޝާމިލްވާ ގޮތަށް ކުރެވޭ ކަމެއްވެސް މެއެވެ. ކަންމިހެން ހުރުމާއެކު، މުދައްރިސުންގެ ޒިންމާއަކީ ހުރިހާ ދަރިވަރުން ޝާމިލްކޮށް ކިޔވައިދީ، އުނގަންނައިދީ، ފުރިހަމަ ގޮތުގައި ތަރުބިއްޔަތު ކުރުމެވެ. މިކަން ކުރުމުގައި މުދައްރިސުން ހަރުދަނާ، ޒިއްމާދާރު އަދި ޤާބިލް ބަޔަކަށް ވާންޖެހެއެވެ. ރަނގަޅު ހަރުދަނާ ޓީޗަރެއްނަމަ، އެ މުދައްރިސަކީ ދަރިވަރުންގެ “ރޯލްމޮޑެލް” އަކަށް ވެގެން ދެއެވެ. ދަރިވަރުން އެ ދަރިވަރަކު ޤަބޫލުކުރާ މުދައްރިސެއްގެ އުޅޭގޮތް ބަލައި ކޮޕީކޮށް ހަދައެވެ. އެ ދަރިވަރުން ހެދުންއަޅާގޮތާއި، ވާހަކަދައްކާ ސްޓައިލަށް ބޮޑެތި ބަދަލުތައް ގެނެއެވެ. މިކަންކަމުގެ ސަބަބުން މުދައްރިސުންނަކީ ހުރިހާ މަޢުނައެއްގައި ވެސް ވަރަށް ނުފޫޒު ގަދަ ބާރުހުރި ބަޔަކަށް ވެގެންދެއެވެ. އެހެންކަމުން ތަޢުލީމާއި، ތަރުބިއްޔަތު ދިނުމުގައި މުދައްރިސުންގެ ދައުރަކީ މުހިއްމު ދައުރެއް ގޮތުގައި ފާހަގަވެގެން ދެއެވެ.

މި ދިރާސާގައި ބަލައިލެވިފައިވާނީ، މުދައްރިސުންގެ ދައުރަކީ ކޮބައިކަމާއި، މުދައްރިސުންގެ ދައުރުތަކަށް އަސަރުފޯރަމުންދާ މިންވަރާއި، ތަރުބިއްޔަތު ކުރުމުގައި މުދައްރިސްގެ ރޯލާއި، މުދައްރިސުންގެ ދައުރު ކަނޑައޅާ ބަހާތަކަކީ ކޮބައިކަމުގެ މައްޗަށެވެ.

މި ފަދަ ކޮންމެ ދިރާސާއެއް ކުރުމަކީ މިއަދު އަޅުގަނޑުމެންނަށް ވަރަށް މުހިއްމު މަސައްކަތަކަށްވާނެކަމީ ޝައްކެއްނެތި އެނގޭކަމެކެވެ. އެއީ މިއަދުގެ މުޖުތަމަޢުން ފެންނަމުންދާ މަންޒަރުތަކަށް ބެލުމުން ރަނގަޅު ތަރުބިއްޔަތުގެ އަސަރު ނުހަނު ރަނގަޅަށް ފެންނަންޖެހުނަސް ފެންނަންޖެހޭ ކަމަށް ޤަބޫލުކުރެވޭގޮތަށް ފެންނަމުން ދާކަމަކަށް ޤަބޫލު ނުކުރެވޭތީއެވެ.  ޚާއްޞަކޮށް މިއަދުގެ ގިނަ ޒުވާނުންނާއި، ކިޔަވާކުދިންނާއި، ހަރު ޢުމުރުގެ މީހުންގެ ފަރާތުންވެސް ތަރުބަވީ ރިވެތި އުޞޫލުތަކަށް ބޭނުންވެފައިވާ މިންވަރު ހާމަވާތީއެވެ. މި ދެނެނެވި ހަމަތަކާއި، ރިވެތި އުޞޫލުތަކަށް ޢަމަލު ނުކުރުމާއި، ރަނގަޅަށް ނޭނގުމުގެ ސަބަބުން މިއަދުގެ މުޖުތަމަޢަށް މިވަނީ ވަރަށް ބޮޑު ނިކަމެތިކަމކާއި ކުރިމަތިލާން ޖެހިފައެވެ. ބައެއްޒުވާނުންގެ ފަރާތުން ފެންނަމުންދާ މާރާމާރީއާއި، މީހުންނަށް އިޙްތިރާމު ނުކުރުމާއި، އެހެންމީހުންގެ ޙައްޤުތަކަށް އަރައިގަތުން ފަދަ ނޭދެވޭ އެތައް ސިފަތަކެއް ވެސް މިދަނީ ފެންނަމުންނެވެ. އެހެންކަމުން ތަރުބިއްޔަތުގެ ފުރިހަމަ ސިފަތައް އެންމެ އެދެވޭ ގޮތަށް މިއަދުގެ މުޖުތަމަޢަށް މިވަނީ ފޯރުކޮށްދޭން ޖެހިފައެވެ.

މި ދެންނެވިހެން ކަންތައްތައް ހުރުމާއިއެކު މުދައްރިސެއްގެ ދައުރަކީ ދަރިވަރުގެ ކިބައިގައި ރަނގަޅު އުޅުމާއި އަޚްލާޤް އަށަގެންނެވުމަށް ފުރިހަމައަށް އެހީތެރިވުމެވެ. މިކަމާއި ގުޅިގެން ގޮޑްލޭޑް (1990) ބަޔާންކުރައްވަނީ، މިކަންކަން ރަނގަޅު ގޮތުގައި ނުކުރެވިއްޖެނަމަ، ދަރިވަރު އަމިއްލައަށް އެ ދަރިވަރަކު ބޭނުންވާ ކަންކަން ޙާޞިލްކުރުމުގައި ކުށެއް ނުކޮށް އެކަމެއް ކުރެވިދާނެ ރަނގަޅު ގޮތްތައް ދެނެގަންނަ ކަމަށެވެ. ދަރިވަރުން މިފަދަ ގޮތަށް ހޭނުވޭނީ، އެ ދަރިވަރުންނަށް ހިތްވަރުދިނުމާއެކު، މުދައްރިސުން އެ ކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިގެންނެވެ. ނަމަވެސް ދަރިވަރަކަށް ގޯސްކަމެއް ކުރެވިއްޖެނަމަ، އެދަރިވަރަކާއި ވަކިން މުދައްރިސް ބައްދަލުކޮށް ނަޞޭޙަތް ދެއްވައިފިނަމަ، މިކަމަކީ ފަސޭހައިން ޙައްލުވާނެ މައްސަލައެކެވެ.

މަޤްޞަދަކީ ތަރުބިއްޔަތު ކުރުމުގައި މުދައްރިސްގެ އެންމެހާ ދައުރުތަކަކީ ކޮބައިތޯއާއި، ތަރުބިއްޔަތު ކުރުމުގައި ހުރި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުގެ ސަބަބުން މުޖުތަމަޢަށް އަންނަމުންދާ ބަދަލުތަކަކީ ކޮބައިތޯ ބަލައި ހޯދައި ދެނެގަތުމެވެ. އަދި މީގެއިތުރުން މި ތަރުބިއްޔަތު ކުރުމުގައި މުދައްރިސް “ނަމޫނާ ރޯލްމޮޑެލެއް” ގެ ގޮތުން ފެންނަން ފަށައިފިނަމަ، ކުރިމަގުގައި ދިމާވެދާނެ ކަމަށް ފާހަގަކުރެވޭ ކަންތައްތަކަކީ، ކޮބައިތޯ ބަލައި ދެނެގަތުމެވެ. އަދި މީގެއިތުރުން ތަރުބިއްޔަތު ކުރުމުގައި ޙިއްޞާވާ ފަރާތްތަކަށް ކުރާ އަސަރުތަކާއި، އެ އަސަރުތަކުގެ ޙައްލުތައް ހޯދައި، ތަރުބިއްޔަތު ކުރުމުގައި އިސްރޯލެއް އަދާކުރެވޭނީ މުދައްރިސުންކަން ދެނެގަތުމެވެ. (ނުނިމޭ)

 

Leave a Comment

Your email address will not be published.