ކުދިންގެ ހެދިބޮޑުވުމާއި ތަރައްޤީއަށް ބޭނުންވާ 9 ބާވަތުގެ ޙަރަކާތްތައް ނުވަތަ ޕްލޭ (ކުޅުން)

މިއީ މަމްޖަންގްޝަން.ކޮމް ވެބްސައިޓްގައި 14 ޖުލައި 2022ގައި ޝްރީޖާ ޕިލާއީ ލިޔެ، ޑރ ނޭހާ ބޭވް ޗަލަންކަރ ރިވިއުކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.

ތަރުޖަމާ ކުރީ: މަރިޔަމް ނިހާޒް

ކުޑަކުދިންގެ ހެދިބޮޑުވުމަށް “ޕްލޭ” މުހިއްމުވަނީ ކީއްވެ؟

ކުޑަކުދިން އައު ތަކެތި ދަސްކުރުމާއ، ހަރުދަނާ އަދި ކާމިޔާބު އިޖުތިމާއީ ގުޅުންތައް އުފައްދަނީ ތަފާތު ބާވަތްތަކުގެ ކުޅުމުގެ ތެރެއިންނެވެ. މިކަމުގެ ސަބަބުން ކުދިންގެ މައްސަލަ ހައްލުކުރުމުގެ ހުނަރާއި ހިރާސް (ރިސްކް)އާއި ކުރިމަތިލުމުގެ ހުނަރު ދަސްވެ، އުފެއްދުންތެރިކަމާއި، މައްސަލަތައް ސުލްހަވެރިކަމާއި އެކު ހައްލުކުރުމާއި އަސަރުވެރި މުއާމަލާތް (އިފެކްޓިވް ކޮމިއުނިކޭޝަން) އަދި މީހުންނާއި ގުޅިގެން މަސައްކަތް ކުރުން ފަދަ ސިފަތައް ތަރައްގީވުމަށް އެހީތެރިވެދެއެވެ.

މީގެއިތުރުން، މަނޮވިޒް(2015) ހާމަކުރައްވާގޮތުގައި ޕްލޭގެ ސަބަބުން ކުދިންގެ ހިސާބު، ސައިންސް، ބަސް އަދި ކިޔުން ފަދަ ދިރާސީ (އެކަޑެމިކް) ހުނަރުތަކަށް ވެސް އަސަރުކޮށްފާނެއެވެ. މީގެއިތުރުން ޕްލޭއަކީ ތަފާތު ކަންތައްތަކަށް އޭގެ އަސަރު ފޯރުވާ ކަމެއްކަމުން، ކުއްޖާއަށް ޖިސްމާނީ، ނަފްސާނީ (އިންޓަލެކްޗުއަލް) އަދި އިޖުތިމާއީ ހެދިބޮޑުވުންވެސް ޕްލޭގެ ތެރެއިން ތަޖުރިބާކުރެވިދާނެއެވެ.

މީގެއިތުރުން، ޕްލޭގެ ސަބަބުން ކުއްޖާ ހަމަހިމޭންކުރުވާ (ރިލޭކްސް)، ކުއްޖާގެ މަސްތައް ވަރުގަދަކޮށްދެއެވެ (ރޮޑްރިގޯ، 2018).

ތިރީގައިއެވަނީ ކުއްޖާގެ ހެދިބޮޑުވުމުގެ މައި ދާއިރާތަކަށް ޕްލޭއިން ކުރުވާ އަސަރުތަކެވެ (ހެލްތް ސަރވިސަސް އެގްޒެކަޓިވް، 2019).

▪︎ ގޮރޮސް މޮޓޯ ހުނރުތައް ތަރައްގީވުން: ކުދިންނަށް މޮޓޯ ހުނަރުތައް ދަސްވެއެވެ. މީގެ ތެރޭގައި އުފުއްލުމާއި، ހަރަކާތްކުރުމާއ ބެލެންސްކުރުން ހިމެނެއެވެ. ޖިސްމާނީ ޕްލޭގެ ސަބަބުން ކުދިން ހަރަކާތްތެރިވެއުޅުމަށާއި ސިއްހަތު ރަނގަޅުކޮށް އަދި އެކުދިން އުމުރުން ދުވަސްވާ ވަރަކަށް އެކުދިންގެ ކަށިތަކާއި މަސްތައް ވަރުގަދަކުރުމަށް އެހީތެރިވެދެއެވެ.

▪︎ ފައިން މޮޓޯ ހުނަރުތައް ތަރައްގީވުން: ކުއްޖާހިނގަން ފަށާ ހިސާބުން ސޯރޓްކުރަން ދިނުން، އަމުނަންދިނުން ފަދަ ކުޅިވަރުތަކުން ކުއްޖާގެ އިނގިލީގެ ހަރަކާތްތައް ރަނގަޅުކުރެވިދާނެއެވެ.

▪︎ ނަފްސާނީ (އިންޓަރލެކްޗުއަލް) ތަރައްގީ: ޕްލޭގެ ސަބަބުން ކުއްޖާގެ ހަނދާން، ވިސްނުން އަދި ހިޔާލު ތަރައްގީވެއެވެ. ހައިރާންކުރަނިވިކަމަކީ، އުމުރުން 2 އަދި 3 އަހަރުގެ ކުދިންނަށް ބައްޓަމާއި ބޮޑުކުޑަމިން ފާހަގަކުރަން އިނގި، ގުނާ އަދި ކުޅުމުގެ ތެރޭގައި އެކުދިންގެ ހިޔާލު (އިމޭޖިނޭޝަން) ތަރައްގީކުރަން ދަސްވެދާކަމެވެ.

▪︎ އިޖްތިމާއީ ތަރައްގީ:  ކުދިން އެކުދިންގެ ޝަހުޝިއްޔަތު ކުޅުމުގެ ތެރެއިން ތަރައްގީކޮށް، މިނިވަން ބަޔަކަށްވެދެއެވެ. މީގެ ސަބަބުން އެކުދިންގެ އިޖުތިމާއީ ގުޅުންތަކަށް ފައްސި އަސަރުތަކެއްކުރެއެވެ. އަދި އަޅާލަންދަސްވެ، ރަހްމަތްތެރި، އިޖްތިމާއީ ބަޔަކަށްވެދެއެވެ.

ތަފާތު ބާވަތްތަކުގެ ޕްލޭ

ކުއްޖާ ކުޅޭ ގޮތުން، ތަފާތު ބާވަތްތަކުގެ ކުޅުންވެއެވެ. ގިނަކުދިން ވަކި އުމުރެއްގައި ގަޔާވަނީ ވަކި ބާވަތެއްގެ ކުޅޫމަށެވެ. ތިރީގައި ބަޔާންކޮށްފައި އެވަނީ ތަފާތު ބާވަތްތަކުގެ ކުޅުމާއި އޭގެ ފައިދާތަކެވެ.

1. އަންއޮކިއުޕައިޑް ޕްލޭ:

މިއީ އެންމެ ތުއްތުއިރު ކުދިން ތަޖުރިބާ ކުރާ ބާވަތުގެ ކުޅުމެވެ. މިއީ ކުޅުމަކަށް ވުރެ ބޮޑަށް ތަޖުރިބާކުރުމާއި ވައްތަރުކަމެކެވެ. ތުއްތުކުދިން ތިބެނީ ގާތްގަނޑަކަށް ހުއްޓިފައެވެ/ ހަރަކާތެއް ނެތިއެވެ. އެކުދިންގެ ހަރަކާތްތައްހީވަނީ އެއްވެސް ރޭވުމެއްނެތް ހަރަކާތްތަކެއްހެންނެވެ. މިސާލަކަށް، ތުއްތު ކުއްޖަކު އެކުއްޖާގެ އަތުންނާއި ފައިން ވަރަށް ގިނަ ހަރަކާތްކުރާތަން ފެނިދާނެއެވެ.

ފައިދާތައް:

–  މިބާވަތުގެ ކުޅުމުގައި، ތުއްތުކުދިން އެކުދިންގެ ވަށައިގެންވާ މާހައުލުގައިވާ އަތްލެވޭ ތަކެތި ތަޖުރިބާކޮށް، އެކުދިންގެ ހަށިގަނޑު މަސައްކަތްކުރަނީ ކިހިނެތްތޯ ހޯދާ ބަލައެވެ.

–  އެކުދިންގެ ވަށައިގެންވާ ތަކެތި ކޮންޓުރޯލް ކުރާނެގޮތާއި އަމިއްލަ ނަފްސު ކޮންޓުރޯލްކުރަން ދަސްކުރެއެވެ. މީގެ ސަބަބުން ކުރިމަގުގައި ހޯދާބެލުމަށް އެހީތެރިވެދެއެވެ.

2. ސޮލިޓަރީ (އެކަނިވެރި) ޕްލޭ:

މިއީ އާއްމުކޮށް އުމުރުން 2 އަހަރާއި 3 އަހަރާއި ދެމެދު އަންނަ މަރުހަލާއެކެވެ. އެކަނިވެރި ކުޅުމުގައި، އެކުދިން އުޅޭނީ އަމިއްލަ ނަފްސު މުނިފޫހިފިލުވައިދިނުމުގައެވެ. އަދި އެހެންމީހެއްގެ ބައިވެރިވުމެއް ބޭނުމެއް ނުވާނެއެވެ. އަދި އެއުމުރުފުރާގެ އެހެން ކުދިންނަށް ސަމާލުކަން ނުދީފާނެއެވެ. ބެލެނިވެރިން އެމީހުންގެ ކުދިންގެ އެކަނިވެރިކަމާއިމެދު ކަންބޮޑުވެދާނެއެވެ. ނަމަވެސް މިއީ ވަރަށް އާދައިގެ ކަމަކެވެ. މިސާލަކަށް އެކަނިވެރި ކުޅުމަކީ މިއުމުރުފުރާގެ ކުއްޖެއް އެކަނި އިނދެ ޕޮތެއްގެ ގަނޑުތައް އުކާހެދުން، ލެގޯ ސެޓަކާއި ކުޅުން ނުވަތަ ޕަޒަލްއެއް ހެދުމެވެ.

ފައިދާތައް:

–  މިކަމުގެ ސަބަބުން ކުރިމަގުގައި އެހެންކުދިންނާއިއެކު ކުޅުމަށް ކުއްޖާ ތައްޔާރުކޮށްދެއެވެ. އަދި އެންމެ މުހިއްމު ކަމަކީ ކުއްޖާ މިނިވަންކޮށްދެއެވެ.

–   ކުއްޖާ އެކަނި ކުޅުމުން، ކުއްޖާގެ މޮޓޯ އަދި ޖިސްމާނީ ހުނަރުތައް ބޭނުންކުރެވެއެވެ.

3. އޮންލުކަރ (ކުޅިބަލާ މީހާ) ޕްލޭ:

އޮންލުކަރ ކުޅުމުގައި، ކުއްޖާ އަދާކުރާ ދައުރަކީ ކުޅިބަލާމީހެއްގެ ދައުރެވެ. އަދި ބައިވެރިވުމުގެ ބަދަލުގައި އެހެން ކުދިން ކުޅޭތަން ބަލާނީއެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމުގެގައި އާދައިގެ މަރުހަލާއެކެވެ. އަދިމިއިން ދައްކުވައިދެނީ ކުއްޖާ ފަސްޖެހޭކަން ނުވަތަ އެހެންކުދިންނާއި ބައިވެރިވާން ބިރުގަންނަކަމެއް ނޫނެވެ.

ފައިދާތައް:

–  ބެލުމުގެ ތެރެއިން އެކުދިން އެހެންކުދިން ތަކެތި ބޭނުންކުރާ ގޮތް އަދި ދޭދޭ މީހުން މެދުގައި މުއާމަލާތްކުރާގޮތް ދަސްކުރެއެވެ.

–  ދުނިޔެ ދެނެގަންނާނެ އައު ގޮތްތައް އުނގެނި އަދި ތަކެތި ގެންގުޅެނެ ގޮތް އެހެން ކުދިން އޮބްޒަރވްކޮށްގެން ދަސްކުރެއެވެ.

4. ޕެރެލަލް (ގާތްގާތުގައި) ޕްލޭ:

މިއީ ކުދިން އެކުދިން އެކުއްޖަކު އަނެއް ކުއްޖަކާ ކައިރީގައި ނަމަވެސް އެއްކުއްޖެއްގެ ކުޅުމުގައި އަނެއް ކުއްޖާ ބައިވެރިނުވެ ކުޅޭ ކުޅުމެވެ. ޕެރެލަލް ޕްލޭގައި، ކުދިން ދަސްކުރަނީ އެއްކުއްޖަކު އަނެއްކުއްޖަކަށް އުނދަގޫނުކޮށް ކުޅުމަށް ނުވަތަ އެއްކުއްޖާގެ ކުޅުމަށް އަނެއް ކުއްޖާގެ ކުޅުމުގެ ސަބަބުން އަސަރު ނުފޯރުވުމަށެވެ.މީގެ މިސާލަކީ ދެ ކުއްޖަކު އެކުދިންގެ އަމިއްލަ ކުޅޭ ކުޅޭ ކާރާއި، އެއްކުއްޖަކު އަނެއްކުއްޖަކާއި މުއާމަލާތްނުކޮށް ކުޅުމެވެ.

ހުންނަ ޝައުގުވެރިކަމުގެ ސަބަބުން، އެއްކުއްޖަކު ކުޅޭ ގޮތް ބަލައިގެން އަނެއް ކުއްޖަކު ނަކަލުކުރަން އުޅުމަކީ އެކަށީގެންވާކަމެކެވެ. އަނެއް މިސާލަކީ، ކުޅެން ތިބި ކުދިންތަކެއްގެ ކައިރިއަށް ކުއްޖަކު ގޮސް، ކުޅޭ ކުޅޭ ކާރެއް ނެގުމަށް ފަހު، އެކުދިންނާއި ވާހަކަނުދައްކާ ނުވަތަ މުއާމަލާތްނުކޮށް އަމިއްލައަށް ކާރާއި ކުޅެން ފެށުމެވެ.

ފައިދާތައް:

–  މިކަން ފެންނަނީ ވާރމް-އަޕް ހަރަކާތެއްގެ ގޮތުގައެވެ. އެއީ އެކުދިން ހަމަހިމޭންކަމުގައި އެދަސްކުރަނީ އެހެން މީހުންނާއި މުއާމަލާތްކުރާނެ ތަފާތު ގޮތްގޮތާއި ބެހޭގޮތުންނެވެ.

–  މިބާވަތުގެ ޕްލޭއިން އެކުދިންގެ އައު ހުންރުތައް ފަރިތަ ކުރުމަށް އެހީވެދެއެވެ.

5. އެސޯސިއޭޓިވް ޕްލޭ:

މިއީ އެހެން މީހުންނާއި އެކު މަޖާކުރަން ދަސްކުރުމާދިމާއަށް އަޅާ ފުރަތަމަ ފިޔަވަޅެވެ. އެސޯސިއޭޓިވް ޕްލޭގެ ތެރޭގައި، ކުއްޖާގެ ޝައުގުވެރިކަން ހުންނާނީ އެހެން ކުދިންކުރާ ހަރަކާތްތައްކުރުމަށް ނުވަތަ އެހެން ކުދިން ބޭނުން ކުރާ ކުޅޭއެއްޗެހި ބޭނުން ކުރުމަށެވެ. ނަމަވެސް އެކުދިން މިކަން ކުރާނީ އަނެއް ކުދިންނާއި މުއާމަލާތްނުކޮށެވެ. މިސާލަކަށް، ޕާކެއްގެ ސްލައިޑެގައި ކުދިން ކުޅެމުން ދާނަމަ، ކޮންމެ ކުއްޖެއް ކުރާނީ ތަފާތުކަމެކެވެ. މިސާލަކަށް ސްލައިޑަށް އެރުމާއި، ފުންމުމާއި ސްލައިޑްކުރުމެވެ.

ފައިދާތައް:

–  މިއީ އޮންލުކަރ (ކުޅިބަލާ) އަދި ޕެރެލަލް ޕްލޭގައި ކުދިން އޮބްޒަރވްކުރި ކަންތައްތައް ފަރިތަކުރުމަށް ލިބޭ ފުރުސަތެކެވެ.

–  މީގެ ސަބަބުން ބޮޑެތި މީހުންނާއި ކުޑަކުދިންނާއި އިޖުތިމާއީ ގޮތުން ގުޅި، އައު މުއާސަލާތީ ހުނަރުތައް ތަރައްގީކުރުމަށް ބިންގާއަޅާދެއެވެ.

6.  ކޯޕަރޭޓިވް(ގުޅިގެން)ޕްލޭ:

ކޯޕަރޭޓިވް ޕްލޭގައި، ކުދިންނަށް ދަސްވަނީ އެހެންމީހުންނާއި އެކު ގުޅިގެން، ރާވައިގެން އުޅުމަށެވެ. އެކުދިންގެ ޝައުގުވެރިކަން ހުންނަނީ ކުރިއަށް ގެންދެވޭ ހަރަކާތާއި އެއްވަރަށް އެހަރަކާތުގައި ބައިވެރިވާ ކުދިންނަށްވެސްމެއެވެ. އަދިވެސް ކުއްޖާ އަންނަނީމީހުންނާއި އިޖުތިމާއީ ގުޅުންތައް ގާއިމުކުރަން ދަސްކުރަމުންކަމަށްވާތީ، އެކުދިންނަށް އަތުގައި އޮންނަ ކުޅޭ އެތި ވަގުތުން ހިއްސާ ކުރަން، އެއްކުއްޖެއް ނިމުމުން އަނެއް ކުއްޖާގެ ފުރުސަތު ލިބެންދެން މަޑުކުރުން، ވާހަކަދައްކައިގެން ކަންތައްތައް ހައްލުކުރުމާއި ދެފަރާތް އެއްބަސްވުމަކަށް އައުންފަދަ ކަންތައްތައް އުނދަގޫވެއެވެ.

އެހެންކަމުން މިބާވަތުގެ ކުޅުމުގައި ހިމެނޭނީ ހަމަނުޖެހުމެވެ. އަދި މިއީ އާއްމުކަމެކެވެ. މިސާލަކަށް، ގުރޫޕެއްގެ ކުދިން ބިލްޑިންގް ބްލޮކްސްއިން އެއްޗެއް އިމާރާތްކުރާ ނަމަ، އެކުދިން އިރުއިރުކޮޅާ ބްލޮކްތައް އަތުރަންވީގޮތާއިމެދު ދެބަސްވެދާނެއެވެ.

ފައިދާތައް:

–  މިބާވަތުގެ ކުޅުމުގެ ސަބަބުން ކަންތައްތައް އޮބްޒަރވްކޮށް، މައްސަލަ ހައްލުކުރުމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ދަސްވެއެވެ.

–   އެކުދިންނަށް ގުރޫޕްގެ ލަނޑުދަނޑިތައް ކަނޑައަޅަން ނުވަތަ ގޭމްގެ ގަވާއިދުތައް އެކުލަވާލަން ދަސްކޮށްދެއެވެ.

7.   ޑިޖިޓަލް ޕްލޭ: ކުދިން ބައިވެރިކުރުމަށާއި އެކުދިންނަށް އުނގަންނައިދިނުމުގެ ގިނަ ފުރުސަތުތަކެއް އޭގައި ހިމެނޭ ރަނގަޅު ކޮންޓެންޓް ވާ ތަފާތު ބާވަތްތަކުގެ ޓެކްނޮލޮޖީވެއެވެ. ވީޑިއޯ ގޭމްސް ހިމެނޭ ގޮތަށް ޑިޖިޓަލް ޕްލޭއަކީ އޭގައި ހުރަސްތަކެއް ހުރި ޕްލޭގެ ބާވަތެކެވެ. މީގެ ތެރޭގައި ޖިސްމާނީ ހަރަކާތްތެރިވުން ހިމެނެއެވެ. ނަމަވެސް ރަނގަޅަށް ބޭނުން ކުރެވުމުން އަދި ބެލެނިވެރިންގެ ބެލުމުގެ ދަށުން ބޭނުންކުރެވިއްޖެނަމަ، ސިކުނދީގެ ސިމިއުލޭޝަން މިބާވަތުގެ ޕްލޭއިން ކުދިންނަށް ގެނުވައެވެ.

ފައިދާތައް:

–  އައު ލެވެލްއެއްގެ ބައިވެރިވުމެއް އަދި ތަފާތު އުނގެނުމުގެ ތަޖުރިބާ ގެނުވައެވެ.

–  ޑިޖިޓަލް ލިޓަރަސީ އަދި އައި.ޓީ ހުނަރުތައް ކުރިއަރުވައެވެ. މީގެ އިތުރުން އުނގެނުމާއި ތައުލީމީ ޕާރފޯމަންސް ތަރައްގީކޮށްދެއެވެ.

8.  އެކްޓިވް ޕްލޭ: 

މިބާވަތުގެ ޕްލޭގައި ހިމެނެނީ ޖިސްމާނީ ގޮތުން ކުދިން ހަރަކާތްތެރިވުމެވެ. އަދި މިހަރަކާތްތައް ކުރިއަށް ދާނީ އިމާރާތްތަކުގެ ތެރޭގައާއި ބޭރުގައެވެ. މިބާވަތުގެ ޕަލޭގެ ތެރޭގައި ފުޓުބޯޅަކުޅުމާއި އޮބްސްޓަކަލް ކޯސް އަދި ވާދެމުންފަދަ ކުޅިވަރުތައް ހިމެނެއެވެ. އެކްޓިވް ޕްލޭގެ ސަބަބުން ކުދިންނަށް އެކުދިންގެ ހުދޫދުތައް އިނގި، އެހެން ބާވަތްތަކުގެ ކުޅުމުން އުގެނނުނު ހުނަރުތައް ބޭނުން ކުރަން އެހީތެރިވެދެއެވެ. ކުއްޖާއަށް އެކުއްޖާގެ ގޮރޮސް މޮޓޯ ހުނަރުތައް ބޭނުންކޮށް ފަރިތަވެސް ކުރެވޭނެއެވެ.

ފައިދާތައް:

–  ކުއްޖާގެ ޝައުގުވެރިކަން ދެމިހުންނަ މިންވަރު އަދި ކާމިޔާބީއާއި ހަމައަށް ދެވެންދެން ހިތްވަރާއިއެކު އުނދަގުލުގައި ވެސް މަސައްކަތްކުރުން ކުރިއަރުވަދެއެވެ. އަދި މޮޅުވީމާ އުފާވުމާއި، ދެރަވީމާ ނުތަނަވަސްވުމަށް ހާނުވައެވެ.

–  ކުދިންގެ މެދުގައި މޮޅުވުމުގެ ފުރުސަތު ހަމަހަމައަށް އޮތްކަން ކުދިންނަށް ދަސްކޮށްދެއެވެ.

– ކުއްޖާގެ ބުންވަރު އަދި ޖިސްމާނީ ސިއްހަތު ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ.

9. ކްރިއޭޓިވް (އުފެއްދުންތެރި) ޕްލޭ: 

މިބާވަތުގެ ޕްލޭގައި ހިމެނެނީ ކުއްޖާގެ ހިޔާލު، އުފެއްދުންތެރިކަން އަދި އުފެއްދުންތެރި ހިޔާލު (އިންވެންޓިވް އައިޑިއާ) ބޭނުންކުރުމެވެ. މިއީ ކުއްޖާގެ ހިޔާލާއި ހާމަކުރުންތައް ބޭރުކުރާ މަގެއްކަމަށްވެސްވެދާނެއެވެ. ކްރިއޭޓިވް ޕްލޭގައި ހިމެނެނީ ތަފާތު ފަންނުވެރި ހަރަކާތްތަކެކެވެ. އޭގެތެރޭގައި ކުރެހުމާއި، ނެށުމާއި، ލަވަކިޔުމާއި އެކްޓުކުރުންހިމެނެއެވެ.

ފައިދާތައް:

–  ކުދިން އުފެއްދުންތެރިބަޔަކަށްވުމަށް ފުރުސަތު ފަހިކޮށްދީ، އާއްމު ހިޔާލުތަކާއި ތަފާތުވުމަށް ބާރުއަޅައެވެ.

–   އެކުދިންގެ ޝައުގުވެރިކަމާއިގެން ކުރިއަށް ދިއުމަށް ބާރުއަޅައެވެ. އަދި ކުރިމަގުގެ އިންވެންޓަރުންނާއި އިނޮވޭޓަރުންނަށްވުމަށް މަގުދައްކައިދީފާނެއެވެ.

ޕްލޭއަކީ ކުއްޖާގެ ވަށާޖެހޭ ހެދިބޮޑުވުމަށް ލާޒިމުކަމެކެވެ. އެހެންކަމުން، ބެލެނިވެރިން ދަރިން އެކުދިންގެ އުމުރާއި ގުޅޭ ގޭމުތަކާއި ހަރަކާތްތަކުގައި ކުއްޖާގެ ތުއްތު އިރުން ފެށިގެން ބައިވެރިކުރަންޖެހެއެވެ. ކޮންމެ ކުއްޖަކުވެސް ޕްލޭގެ ތަފާތު މަރުހަލާތައް ކަޑައްތުކުރާނެއެވެ. އަދި މިމަރުހަލާތަކުގައި އެކުދިން ގަޔާވާނީ ވަކިވައްތަރެއްގެ ޕްލޭގައި އުޅުމަށެވެ. ވީމާ، އެކުދިންގެ ހެދިބޮޑުވުމުގެ ބޭނުންތައް ދަނެ، އެކުދިންނަށް ރަނގަޅު މާހައުލެއް ގާއިމުކޮށްދޭށެވެ. އަދި އެކުދިންގެ ބޮލުގައި އުންމީދުތަކެއް އެޅުވުމުގެ ބަދަލުގައި އެކުދިންގެ ވަށައިގެންވާ މާހައުލު ދެނެގަތުމަށް އަދި ގޮތް ނިންމުމަށް އެހީތެރިވާށެވެ.

 

 

Leave a Comment

Your email address will not be published.