ގަނާކުރުން

އަޝްރަފު ޢަބްދުއްރަޙީމް / ދިއްގަރު

އެމެރިކާގެ ލިޔުންތެރިއެއް އަދި ޅެންވެރިއެއްކަމަށްވާ، ލިނެޓް މާދާރ، ސުވާލުކުރައްވާފައި ވެއެވެ. ‘ތިބާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރާންޖެހުނު  އޮޕަރޭޝަނެއް ކުރާން ދަންނަ ހަމައެކަނި ޑޮކްޓަރަކީ، ތިބާ ސްކޫލުގައި އުޅުނުއިރު ގަނާ ކުރެވުނު ކުއްޖެއްނަމަ، ދެން ކަންތައްވާނީ ކިހިނެއްހެއްޔޭ؟’  ހަމަ ޔަގީނުންވެސް އެފަދަ ހާލަތެއްގައި، ގަނާ ކުރުމަކީ ކިހާ ބޮޑު ނުބައިކަމެއްކަން ގަބޫލު ކުރެވޭނެއެވެ. އެކަމުގެ ގެއްލުން އިހުސާސް ކުރެވޭނެއެވެ. އަދި އެކަމުން ނުކުންނަ ހިތްދަތި ނަތީޖާ ސިފަކުރެވޭނެއެވެ.

ގަނާ، މި ލަފުޒަކީ ‘ބުލީ’ ގެ ބަދަލުގައި ބޭނުންކުރާނޭ ދިވެހި ލަފުޒުގެ ގޮތުގައި، 26 ޖަނަވަރީ 2015 ގައި ދިވެހި ބަހުގެ އެކެޑެމީން ޢާންމުކޮށްފައިވާ ބަސްތޫރައިގެ 2 ވަނަ އަދަދުގައި ހިމަނާފައިވާ ލަފުޒެވެ. ‘ބުލީ’ އަށް އޭގެ ކުރީން ކިޔައި އުޅުނީ ހަނގާ ކުރުމެވެ. ނަމަވެސް ބަސްފޮތުގައި ބަޔާންކުރާ ގޮތުން، ހަނގާ ކުރުމަކީ ބުލީ ކުރުމާ ވަރަށް ތަފާތުކަމެކެވެ. ހަނގާ ކުރާ ކޮންމެ ފަހަރަކު ގެއްލުމެއް ނުވާނެއެވެ. އެކަމަކު ގަނާ ކުރެވިއްޖެނަމަ އެކަމުން އަނެކާއަށް ކޮންމެވެސް ސިފައެއްގައި ގެއްލުމެއްވާނެއެވެ.

ޔުނެސްކޯއިން ބަޔާންކުރާ ގޮތުގައި ގަނާ ކުރުމަކީ އަނެކާއަށް ދެރައެއް ދިނުމުގެ ނިޔަތުގައި ތަކުރާރުކޮށް ކުރާ ކަންކަމެވެ. މިފަދަ ޢަމަލުތަކުން އަނެކާއަށް ކޮންމެވެސް ސިފައެއްގައި އަނިޔާއެއް ވާނެއެވެ. ބަޔެއްފަހަރު އެ އަނިޔާ ޖިސްމާނީގޮތުން ފެންނާން ހުރެދާނެއެވެ. އަދި އަނެއްބައިފަހަރު އެއީ ނަފުސާނީ އަނިޔާއަކަށް ވެދާނެއެވެ.

ކޮންމެއަކަސް، ގަނާކުރުމަކީ ތަފާތު ގޮތް ގޮތަށް ކުރާ ކަމެކެވެ. އެގޮތުން، ޖިސްމާނީގޮތުން އަނެކާއަށް ހާނީއްކަ ކުރުމާއި ތަކެއްޗަށް ގެންލުން ދިނުން ހިމެނެނީ ޖިސްމާނީ ގަނާގެ ތެރޭގައެވެ. މަލާމާތްކުރުމާއި ބިރުދެއްކުމާއި ޖެއްސުން ކުރުމާއި އަނެކާއާމެދު ދޮގުވާހަކަ ފެތުރުމާއި ބާކީކުރުމާއި ނުރުހުމުގެ ބަސްތައް އަމާޒުކުރުމާއި އާޑަ ފުރައްސާރަކުރުމާއި ނުރުހޭ ވަނަމުން ގޮވުން ހިމެނެނީ ނަފުސާނީ ގަނާގެ ތެރޭގައެވެ.

އެމެރިކާގެ ޑިޕާރޓްމެންޓް އޮފް ހެލްތު އެންޑް ހިއުމަން ސާރވިސަސް އިން ބަޔާން ކުރާގޮތުގައި، ވަނަމުން ގޮވުން ހިމެނެނީ އެންމެ ގިނައިން ކުރެވޭ ގަނާގެ އަމަލުކަމުގައެވެ. އެ ޑިޕާޓުމަންޓުން ހާމަކުރާގޮތުގައި، ކުލައާއި ބުރުސޫރައާމެދު ހަޖޫ ކިޔައި، ތޫނުފިލި ކަމާމެދު އާޑަ ކިޔުމަކީވެސް ހަމަ އާއްމުގޮތެއްގައި ކުދީންނާމެދު ހިންގޭ ގަނާގެ އަމަލުތަކެވެ.

ގަނާގެ އަނެއް ބާވަތަކީ ޖިންސީ ގަނާއެވެ. ބައެއް ގައުމުތަކުގައި މިކަމަށް ޖިންސީ ފުރައްސާރައޭވެސް ކިޔައި އުޅެއެވެ. (ނަމަވެސް، ބައެއް ލިޔުންތަކުގައި، މިއީ ތަފާތު ދެކަމެއް ކަމުގައިވެސް ބަޔާންކުރެވިފައި ވެއެވެ.) މީގެ އިތުރުން ހިމެނެނީ ، މިހާރު އެންމެ އާންމު ބާވަތް ކަމަށްވާ ސައިބަރ ގަނާއެވެ. މިއީ އޮންލައިން ވަސީލަތެއް ބޭނުންކޮށްގެން ހިންގޭ ނަފުސާނީ ނުވަތަ ޖިންސީ ގަނާއެވެ. މިސާލަކަށް، ގަނާކުރުމުގެ ނިޔަތުގައި ފޮނުވޭ ޖެއްސުމުގެ، ނުވަތަ އަނެކާ ދެރަވާ ޒާތުގެ މެސެޖުތަކާ، ލަދު ގަންނަވާލުމުގެ ގޮތުން ހިއްސާ ކުރެވޭ ފޮޓޯއާއި ވީޑިއޯއާ، އެކި އެކި މަންސަތަކުގައި ދައުރުކުރުވާ ދޮގު ވާހަކަތަކަކީ ސައިބަރ ގަނާގެ ތެރޭގައި ހިމެނޭ ކަންކަމެވެ. 160 ގައުމެއްގެ ފުރާވަރުގެ ކުދީންނަށް އަމާޒުކޮށްގެން 5 ހަފުތާއަށް ކުރިޔަށް ގެންދިޔަ ދިރާސާއަކުން ހާމަވާ ކަމަށް ޔުނިސެފުން ހާމަކުރާ ގޮތުގައިދުނިޔޭގެ 70.6 އިންސައްތަ ކުދީންނަކީ ސައިބަރ ގަނާގެ ޝިކާރައަކަށްވެފައިވާ ކުދީނެވެ.

ކުޑަކުދީންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރާ މަސައްކަތަށް ކަނޑައަޅުއްވާފައިވާ، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު، މާތާ ސަންތޯސް ޕައިސް ވިދާޅުވެފައިވަނީ، ގަނާއިން ރައްކާތެރިކަން ލިބުމަކީ އަސާސީ އިންސާނީ ހައްގެއް ކަމުގައެވެ. ކުޑަކުދީންގެ އިންސާނީ ހައްގުތަކާބެހޭ އ.ދ ގެ މުއާހަދާގެ 19 ވަނަ މާއްދާގައިވާ ގޮތުން، ހުރިހާ ވައްތަރެއްގެ އަނިޔާއިން ރައްކާތެރިކަން ލިބުމުގެ ހައްގު ކުޑަކުދީންނަށް ލިބިގެންވެއެވެ. އޭގެތެރޭގައި ގަނާގެ އަނިޔާވެސް ހިމެނެއެވެ.

ބިހައިންޑް ދަ ނަމްބާރސް: އެންޑް (end) ސްކޫލް ވަޔަލެންސް އެންޑް ބުލީންގެ ނަމުގައި ޔުނެސްކޯއިން ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނަނީ، ގާތްގަނޑަކަށް 130 މިލިޔަން ކުޑަކުދީން، ނުވަތަ ކޮންމެ 3 ކުއްޖަކުން 1 ކުއްޖަކީ ކޮންމެވެސް ސިފައެއްގައި ގަނާގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްކަމަށެވެ. އަދި އިތުރަށް ބުނެފައިވާ ގޮތުން، ގަނާގެ އަނިޔާގެ ސަބަބުން، ކުދީންގެ ސިއްހަތަށާއި ހެދިބޮޑުވުމަށް ހުރަސް އެޅެއެވެ. އެކުދީންގެ ދިރާސީ ނަތީޖާއަށް ނޭދެވޭ އަސަރުކުރެއެވެ. އެކުދީންގެ ދުޅަހެޔޮކަން ހީނަރުވެއެވެ.

ބެލެނިވެރީންނާއި ކުއްޖާއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ނާޒުކު ގުޅުމެކެވެ. ވަރަށް ގިނަފަހަރު، މި ގުޅުމަކީ، ކުރިމަގުގައި ކުއްޖާގެ ފަރާތުން ގަނާގެ އަމަލުތައް ފެނުމަށް މެދުވެރިވާ މައިގަނޑު ސަބަބަށްވެދެއެވެ. އ.ދ. ގެ ރިޕޯޓުގައި ފާހަގަ ކުރާގޮތުން، 5 އަހަރުން ދަށުގެ 176 މިލިޔަން ކުދީންނަކީ އާންމުގޮތެއްގައި ގެވެށިއަނިޔާއާ ކުރިމަތިލާ ކުދީނެވެ. އަދި މިގޮތަށް ގެވެށިއަނިޔާ ތަހައްމަލުކުރާ ކުދީން، އެހެން މީހުންނަށް ގެނެވެށި އަނިޔާ ކުރުމުގެ  ފުރުސަތު، އެހެން ކުދީންނަށްވުރެ 2 ގުނަ އިތުރެވެ.

މާތާ ސަންތޯސް ވިދާޅުވާ ގޮތުގައި، އަނިޔާވެރި މާހައުލެއްގެ ތެރޭގައި ވާނަމަ، އަނިޔާވެރިވުމަކީ އާދައިގެ ކަމެއް ކަމަށް ކުދީންނަށް ވިސްނެއެވެ. އެހެންކަމުން އަނިޔާވެރިވުމަކީ އެއްވެސް މައްސަލައެއްނޫންކަމަށް ކުދީން ގަބޫލުކުރެއެވެ. އަދި މިފަދަ ކުދީން ގަނާކުރާލެއް ގިނަކަން ވަނީ ފާހަގަކުރެވިފައެވެ.

ޔޫރަޕާއި އުތުރު އެމެރިކާގެ 39 ގައުމެއްގެ ފުރާވަރުގެ އުމުރުގެ ކުދީންގެ މެދުގައި ކުރެވުނު ދިރާސާއަކުން އެނގޭ ގޮތުގައި، 30 އިންސައްތަ ކުދީންނަނީ ސްކޫލުގައި ގަނާކުރުގެ ޢަމަލު ހިންގާ ކުދީނެވެ. ދިވެހި ރާއްޖެއަކީވެސް ގެވެށި އަނިޔާގެ މައްސަލަތައް ގިނަ ގައުމެކެވެ. އެގޮތުން 2021  ވަނަހަރުގެ މިހާތަނަށް (ސެޕްޓެމްބަރ މަހާ ހަމަޔަށް) 189 މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސަސް އަށް ހުށަހެޅިފައިވެއެވެ. ގެވެށި އަނިޔާގެ ނުރައްކާތެރިކަމާއި، އެކަން މުޖުތަމައުގައި އަށަގަނެފައިވާލެއް ބޮޑުކަމުން، މިރާއްޖޭގައި ވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ނަމުގައި ޚާއްސަ ގާނޫނެއްވެސް އެކުލަވާލާފައެވެ.

ގަނާ ކުރުމުގެ މައްސަލައަކީ އަޅާނުލައި ތިބެވޭނޭ މައްސަލައެއްނޫނެވެ. އެހެންކަމުން، ދަރިވަރުންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިއްބައިދިނުމަކީ މުހިންމު ކަމަކަށްވާތީ، ގަނާކުރުން ހުއްޓުވުމުގައި އަމަލުކުރާނޭ ގޮތުގެ ސިޔާސަތުތައް ބަޔާންކޮށް، 2019 ވަނަ އަހަރު ވަނީ ވަކި އުސޫލެއް އެކުލަވާލެވި ޢަމަލުކުރާން ފެށިފައެވެ.  އެ އުސޫލު ބުނާ ގޮތުންނަމަ، ގަނާކުރުން ހުއްޓުވުމަށްޓަކައި އެންމެ އިސްކަމެއްދީގެން ކުރާންޖެހޭ ކަމަކީ އެކަކު އަނެކަކަށް އިހުތިރާމުކުރުމެވެ. އިންސާނުންގެ މެދުގައި ހުންނަ ތަފާތުތަކަށް އިހުތިރާމުކުރާން ދަސްކޮށްދިނުމެވެ. އިންސާނީ ކަރާމަތާއި ގަދަރު އުފުލުމަކީ އެންމެން ގުޅިގެން ކުރާންޖެހޭ ކަމެއްކަން ކުދީންނަށް އުނގަންނައި ދިނުމެވެ.

ތާރީހުގައި މިހާތަނަށް އެންމެ ދިގު މުއްދަތެއްގައި އެމެރިކާގެ ފަސްޓްލޭޑީގެ ދައުރު އަދާކުރެއްވި އެލީނަރ ރޫޒްވެލްޓް ވިދާޅުވެފައިވަނީ،

“Everyone has the right to be respected and the responsibility to respect others.”

‘އިޙުތިރާމު ލިބުމަކީ ކޮންމެ މީހެއްގެވެސް ހައްގެކެވެ. އަދި އެހެންމީހުންނަށް އިހުތިރާމު ކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ’.

ގަނާގެ ސަބަބުން އަނެކާގެ ކަރާމަތަށް އުނިކަން ލިބެއެވެ. ނަފުސާނީގޮތުން ބަލިކަށިވެއެވެ. ދުނިޔެމަތީން ފޫހިވެ، ތިމާއަކީ އެއްވެސް މީހެއް ނޫންކަމުގެ އިހުސާސް ކުރެވެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައިވެސް މިކަން ވަނީ މުޅީން މަނާ ކުރައްވާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ، ސޫރަތުލް ޙުޖުރާތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވައި އަންގަވާފައިވެއެވެ.

“އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް އައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް އައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަގަބުތަކުން (އެބަހީ: ނުރުހޭ ވަނަމުން!)  ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ”.

ކޮންމެ އަކަސް ގަނާކުރުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. ގަނާގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އެންމެބޮޑީ، އުނގެނުމުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނާ، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނެވެ. އަދި ދިގުމުއްދަތަކަށް ބޭސްފަރުވާ ކުރާންޖެހޭ، ޖިސްމާނީ ނުވަތަ ނަފްސާނީ ބަލި ހުންނަ ދަރިވަރުންނާ، ދިރިއުޅުމުގެ ހާލަތު ދަށް ދަރިވަރުނެވެ. އެހެންކަމުން ގަނާގެ ހާދިސާއެއް ދިމާވެއްޖެ ނަމަ، އެކުއްޖާގެ ވާހަކަ ކަނުލައި އަޑުއަހާން ޖެހޭނެއެވެ. އެކުއްޖަކަށް ރައްކާތެރިކަން ދޭން ޖެހޭނެއެވެ. އަދި ބޮޑެތި މީހުންގެ ފަރާތުން ހިމާޔަތް ލިބޭނޭ ކަމުގެ އިހުސާސް އެ ކުއްޖަކަށް ކުރެވޭ މިންވަރަށް އެކުއްޖަކަށް ޙިމާޔަތް ދޭންވާނެއެވެ.

ދުނިޔޭގެ ނިސްބަތުން ގަނާކުރުން އިތުރުވެ، ކުދީންނަށް އެކަމުގެ ގެއްލުން ބޮޑުވެފައިވާތީ، ޔުނެސްކޯގެ 40 ވަނަ ޢާންމު ބައްދަލުވުމުގައި އެ ޖަމުއްޔާގެ 193 މެންބަރު ގައުމުގެ އިއްތިފާގުން މިހާރު ފާސްކޮށްފައިވަނީ،  ސްކޫލުގައި ހިނގާ އަނިޔާއާއި ގަނާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގައި،  ކޮންމެ ނޮވެންބަރު މަހެއްގެ ފުރަތަމަ ބުރާސްފަތި ދުވަސް ފާހަގަ ކުރުމަށެވެ. މިއަހަރުގެ (2021 ވަނަ އަހަރުގެ) މިދުވަހަކީ މިހިނގާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހެވެ.

Leave a Comment

Your email address will not be published.