2021-2022 ވަނަ ދިރާސީ އަހަރު ޘާނަވީ ނިންމާ އިމްތިޙާންތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް “މަތީ އަރުތަވެރީންގެ އިނާމު” ދިނުމަށް ބޭއްވި ޖަލްސާގެ ފުރަތަމަ ދަންފަޅީގައި އެޑިޔުކޭޝަން މިނިސްޓަރ   ޑރ. ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅު  

الحمد لله رب العالمين والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين

މި ޙަފްލާގެ ޝަރަފުވެރި މެހެމާނުން، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން،

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް،

ދައުލަތުގެ ވަޒީރުން، ޤައުމީ އިދާރާތަކުގެ ވެރީން.

މަތީ އަރުތަވެރީންގެ އިނާމު ޙާޞިލުކުރާ ދަރިވަރުން. މި މަންޒިލަށް އެ ދަރިވަރުން ފޯރުކޮށްދިން، ހީވާގި ބެލެނިވެރިންނާއި، މުދައްރިސުން، ނާޒިރުން.

ދުރާއި ގާތުން، މި ޙަފްލާގައި ބައިވެރިވެވަޑައިންނަވާ އެންމެހާ ބޭފުޅުން.

އައްސަލާމް ޢަލައިކުމް

ކޮންމެ އަހަރަކު، ތަޢުލީމީ ދާއިރާއިން ފާހަގަކުރާ އެންމެ ބޮޑު ޢީދަކީ، ކިޔަވައިދިނުމުގެ ދާއިރާގެ  އެންމެ ކުލަގަދަ ރަސްމިއްޔާތަކީ، ސާނަވީ އެކި ފެންވަރުގެ އިމްތިޙާނުތަކުން ޚާއްޞަވަނަތައް ހޯދާ ދަރިވަރުންނަށް ޤަދަރުދިނުން. މި ކަމުގެ މައިގަނޑު ބޭނުމަކީ، ކިޔެވުމަށް ހިތްވަރުދިނުން.

އިނާމުތަކާއި އެވޯޑުތައް ލިބޭ ފަރާތްތައް އިޙްތިފާލުކުރުމުގެ ގޮތުން، އެ ކުދީންނަށް މާތްކޮށް ހިތުމުގެ ގޮތުން، މި ރަސްމިއްޔާތަށް ވަޑައިގެން ދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ޝުކުރާއެކު މަރްޙަބާ ދަންނަވަން. އެއް ނަޒަރަށް ވުރެ ގިނަ ނަޒަރުން، އެ ކުދީންގެ ކާމިޔާބީ އަކީ ތިޔަ ފަރާތްތަކުގެ ވެސް ކާމިޔާބީ. 

ދަރިވަރުންނާއި އެކުދީންގެ ކާމިޔާބީގައި ހިމެނޭ ހުރިހާ ފަރާތްތަކަށް، މުދައްރިސުންނާއި ބެލެނިވެރީންނާއި ކިޔަވައިދިނުމުގެ އެހީތެރިވި ފަރާތްތަކަށް، އިޙްތިރާމް ކުރެއްވުމުގެ ގޮތުން، މި ޖަލްސާގެ ޚާއްޞަ މެހެމާނުންނަކީ، އެންމެ އައުދާނަ ދެ ކަނބަލުން.

އާދެ! ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން.

އެ ދެކަނބަލުންނަށް، އެންމެހާ ހާޒިރީންގެ ފަރާތުން ވަރަށް ހޫނު އަތްތިލަބަޑިއަކަށް އެދެން.

ނައިބު ރައީސް ފައިސަލް ނަސީމާއި އެހެން މިނިސްޓަރުންނާއި ޚާއްޞަ މެހުމާނުން އަދި މި ހަފްލާގެ ސްޕޮންސަރު އެސްޓީއޯގެ ވެރީން މި ޖަލްސާ ޒީނަތްތެރިކޮށްދެއްވާ ކަމީ، ދަރިވަރުންނާއި އެކުދީންގެ ކާމިޔާބުގެ ކައްތިރިންނަށް ލިބޭ މަތިވެރި އުފަލެއް. ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރާއި ތަހުނިޔާ ދަންނަވަން.

އެންމެހާ ހާޒިރީން.

މީގެ 40 ވަރަކަށް އަހަރު ކުރިން، އަރުތަވެރީންނަށް އިނާމުދޭ ޖަލްސާގައި ބައިވެރިވަނީ އެންމެ 50 ވަރަކަށް ކުދީން. ނަމަވެސް މިހާރު 17 ގުނައަށް މި ޢަދަދު މަތިވެ، ދަށު ސާނަވީގެ ވަނަ ހޯދާ ދަރިވަރުންގެ ޢަދަދު މިވަނީ 800 އަށް ވުރެ ގިނަވެފައި. އެއް ރެއަށް ނުފެއްތިގެން ދެ ރެއަށް މި ރަސްމިއްޔާތު މިވަނީ ބަހާލާފައި. ދަރިވަރުންގެ ޢަދަދު މިހާ ގިނަވެފައިވަނީ މި ދައުރުގައި. އާދެ! ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރުގައި.

ސަބަބަކީ، ސިއްރަކީ، އެ މަނިކުފާނު ތަޢުލީމީ ދާއިރާއަށް ދެއްވާ އިސްކަމާއި ސަމާލުކަން.  ދާދި ފަހުން، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ އުޖޫރައަށް ގެންނެވި ދީލަތި ބަދަލަކީ، ތާރީޚީ، ނާދިރު، ފުރަމާދަ އިޞްލާޙެއް.

މި އުޖޫރައިގެ ސަބަބުން، ފެންވަރު ރަނގަޅު އަރުތަވެރި ދަރިވަރުން މުދައްރިސްކަމާ ކުރިމަތިލާނެ. ވަޒީފާގައި އުޅުއްވާ މުދައްރިސުން، ކިޔަވައިދިނުމަށް ހުންނަ ޝައުޤާއި ސާބިތުކަން މަތިވާނެ.

މަދަރުސާ ކުދީންގެ ނާސްތާ މަޝްރޫޢު އަކީ ވެސް، މީގެ ކުރީން މަދަރުސާތަކުން ދީފައި ނުވާ މުހިއްމު ޚިދުމަތެއް. އެކަމަށް އެންމެ ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމްގެ ހެޔޮ އަސަރުތައް އަޅުގަނޑުމެންނަށް މިހާރު މިދަނީ ފެންނަމުން.

 ރޫފަ ރަނގަޅު، ސަމައްތަރު ހެޔޮ، ހިތްއަލި ދަރިވަރުން، ކެރޭ ބާރުހުރި ހުޝިޔާރު ޒުވާނުން، މަދަރުސާގެ ދޮރޯށިން ނުކުންނަތަން ތިޔަ ބޭފުޅުންނަށް ކުރިއަށް އޮތް އަހަރުތަކުގައި ފެނިވަޑައިގަންނަވާނެ.

މަދަރުސާތަކުގެ ބިނާވެށި ތަރައްޤީކުރުމަށް، އައު ޢިމާރާތްތަކާއި މާލަންތައް ހެދުމަށް، މި ދައުރަށް ވުރެ ބޮޑު ޚަރަދެއް ކުރި ދައުރެއް ތާރީޚީ ފަތްފުށްތަކަކުން ނުފެންނާނެ. އޮޑިހަރުގެ ބައްޓަމަށް އެޅި މަދަރުސާތައް، ޖާގަ ބޮޑު ޢިމާރާތްތަކަށް މިދަނީ ބަދަލުކުރަމުން.

އަލަށް އަޅާ މަދަރުސާތަކުގައި  ނާސްތާ މާލަމާއި މަސައްކަތު ވާކްޝޮޕްތައް ހިމެނޭ. އެތައް ރަށެއްގައި އެތައް ބޭނުމެއް ކުރެވޭ ބޮޑެތި ހޯލްތައް ވަނީ ބިނާކުރެވިފައި.

އެންމެހާ ހާޒިރީން.

ތަޢުލީމީ ދާއިރާއަށް އައިސްފައި މިވާ ބަހާރު މޫސުމުގައި، ޢާންމުންނަށް ހާމަނުވާ އެތައް ނިޒާމީ ކަމެއް މިދަނީ ތަންފީޒުކުރަމުން. މިގޮތުން، މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް ތަމްރީނު ދެވޭ ގޮތާއި ކިޔަވައިދޭންޖެހޭ ތަކެތި މިދަނީ މި ވުޒާރާއިން އެކަށައަޅަމުން.

ހިންގުންތެރީން ހުނަރުވެރިކުރުމަށް، ނާޒިރުން މިދަނީ ބޭރު ޤައުމުތަކުން ތަމްރީނުކުރަމުން. ދަރިވަރުން ކިޔަވާ މާއްދާތަކަކީ އެ ކުދީންގެ މުސްތަޤްބަލަށް ބޭނުންތެރި މަންހަޖަކަށް ހެދުމަށް، މުޤައްރަރުތައް މިދަނީ އައުކުރަމުން.

ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި މުދައްރިސުންނަށް ލައިސަންސް ދިނުމުގެ ކަންކަން މިދަނީ ހިންގަމުން. މިމޭރުމުން ވާހަކަ ދައްކާ ކޮޅުން ނުލާނޭ އެތައް އީޖާދީ ޙަރަކާތްތަކެއް ހިންގަމުން އެބަ ގެންދަން.

ތަޢުލީމީ ދާއިރާއަށް އައިސްފައި މިވާ ބަހާރު މޫސުމުގައި، ޢިލްމީ މާބަގީޗާގައި ހިނދޫ ކުރިތަކަކާ އެކު ހެދެމުންދާ ވަސްމީރު ކުލަރީތި މާމެލާމެލީގެ ސިއްރަކީ، އެ ބަގީޗާއަށް ފެންދެއްވާ މާލީ. އެ ބަގީޗާގެ އިސް ބުސްތާނީ. އެއީ  އެއްވެސް ޝައްކެތް ނެތް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް.  އެހެންކަމުން، ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ޙިއްޞާދާރުންގެ ނަމުގައި، އެ މަނިކުފާނަށް ތަހުނިޔާ އާއި ޝުކުރުގެ އަތްތިލަބަޑިއަކަށް އެދެން.

ލޮބުވެތި ދަރިވަރުން، އެންމެހާ ހާޒިރީން.

ދުނިޔެ މިހާރު މިވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި. ޔޫރަޕުގައި ބޮޑު ދެ ބާރެއްގެ ދެމެދުގައި ހޫނު ހަނގުރާމެއް ހިނގަމުން އެބަދޭ. މިކަމާ ގުޅިގެންނާއި، އެހެން ސަބަބުތަކާ ހުރެ، ދުނިޔެ ތަރުތީބުވެފައިވާ ގޮތް މުޅީން ބަދަލުވާނެކަމަށް މުފައްކިރުން ޤަބޫލުކުރޭ.

ތިޔަ ކުދީން މަދަރުސާގެ ދޮރޯށީގެ އޮޅި ގިރާކޮށް ދުނިޔޭގެ ދިރިއުޅުމަށް ފިޔަވަޅު އަޅާއިރު، މިކަމުގެ އަސަރުތައް ނުކޮށް ނުދާނެ. ތިޔަ ކުދީންގެ އެންމެ ބޮޑު މަޞްލަޙަތަކަށް ވާންވާނީ، ތިޔަ ކުދީން ސަމާލުކަން އެންމެ ބޮޑަށް ދޭންވާނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރަން. މި ފަސްގަނޑުގައި އަމަނާއި ޞުލްޙަ އާއި ހިމޭންކަން ޤާއިމްކުރުން.

މުޖުތަމަޢުގެ ކޮންމެ މީހަކީ، މުޖުތަމަޢުގެ އެހެން ކޮންމެ މީހަކާ ނުފެންނަ އުއިފަށްތަކަކުން ގެތި، ގުޅި، ލާމެހި، ބެނދެވިފައިވާ މީހެއް. މުޖުތަމައުގެ އެކި ފަރުދުންގެ މެދުގައި އޮންނަ އުޅުންތަކާއި ގުޅުންތަކަކީ، އެއްބައެއްގެ ގޮތުގައި، އެކަތިގަނޑެއްގެ ގޮތުގައި، އެ މުޖުތަމަޢު ހިފަހައްޓާ ތެރަސް ނުވަތަ އުއިތައް. މިއުއިފަށްތައް ގާތްވި ވަރަކަށް، ބަދަހިވި ވަރަކަށް، މުޖުތަމަޢުގެ ފޭރާން ގަދަވާނެ.

މުޖުތަމަޢުގެ ފޭރާމުން މި މާނަކުރަނީ، މުޖުތަމަޢުގެ މީހުންގެ މެދުގައި އޮންނަ އާދަތަކާއި އުޅުންތައް ބަހައްޓާ ގޮތްތަކުން، ވަކި ފަރުދުންގެ މެދުގައި  އޮންނަ ގާތްކަމާއި އެއްބައިވަންތަކަން. އިޖްތިމާޢީ ފޭރާން ބަދަހިވި ވަރަކަށް، އެ މުޖުތަމަޢުއަށް ވެރިވެފައި އޮންނާނީ ފާގަތިކަމާއި ފަހިކަން.

މުސީބާތްތަކުން އަރައިގަތުމުގެ ވިލުންވެރިކަން. ކާރިސާތަކުން ރައްކާތެރިވުމުގެ ހިތްވަރާއި ފަންވަރު.

ހަމަ މި ބީދައިން، މުޖުތަމަޢުގެ ފޭރާމުގެ އުއިތައް ދުރުވެ، ފިނދި، ކަފާސްވި ވަރަކަށް، މުޖުތަމަޢުއަށް ވެރިވާނީ ނޭންގާނިކަމާއި ނުރައްކާ. ގެއްލިގެންދާނީ މުޖުތަމަޢުގެ ހިމޭންކަމާއި އަމަން. ގިނަ ފަހަރަށް މި އުއިތައް ދުރުވެ، ފޭރާން ދެރަވަނީ، މުޖުތަމަޢުގެ މަދު ބައެއްގެ ސަބަބުން. އެނގިވަޑައިގަންނަވާނޭ ފަދައިން، ފޭރާމެއްގެ އެންމެ އުއި ފަށެއްގެ ސަބަބުން، އެންމެ ރޮއްޖެއް ފޭރާމަކުން ނެގުމުން، މުޅި ފޭރާންގަނޑުގެ އޮމާންކަން ގެއްލި، އަގުވެއްޓި، ބަދަހިކަން ގެއްލިގެންދޭ.

ތިއިން ކޮންމެ ކުއްޖަކީ، މި އިޖްތިމާޢީ ފޭރާމުގެ އުޔެއް. ކޮންމެ ކުއްޖެއްގެ އުޅުމާއި ގުޅުންތައް ބަހައްޓާ ގޮތެއްގެ ސަބަބުން، މުޖުތަމަޢުގެ ފޭރާމުގެ ބަދަހިކަން، އުއިތަކުގެ ގާތްކަން، ނަގާލެވިދާނެ.

އެހެންކަމުން، އާދެ! އެހެންކަމުން، ތިއިން ކޮންމެ ކުއްޖެއްގެ އެންމެ ބޮޑު ޤައުމީ ވާޖިބަކީ، މުޖުތަމަޢުގެ މި ޖާމީ ފޭރާމުގެ އުއިތައް ބަދަހިކޮށް ގާތްކޮށް ބެހެއްޓުން. އެއިން ނެއްޓޭ އުއިފަށްތައް، ވީ އެންމެ އަވަހަށް ފޭރާމުގެ ތެރެއަށް ގަތައި ނުލައިފިނަމަ، މުޅި ފޭރާން ކަފާސްވެ، ފިނދިގެން ދާނެ.

އިޖްތިމާޢީ ފޭރާމުން މާނަކުރަނީ، ރަށެއްގައި ދިރިއުޅޭ ހުރިހާ މީހުން ވަކިވަކި މީހުންނާ މެދު އޮންނަ ގާތްކަމާއި ގުޅުންތަކާއި މުޢާމަލާތްތަކަށް. މި ގުޅުންތައް ގިނަވެފައި ފުންވި ވަރަކަށް، އެ ބައެއްގެ އިޖްތިމާޢީ ފޭރާން ގަދަވާނެ.

ހަމަ މިފަދައިން، މުޖުތަމަޢުގެ މީހުންގެ ގުޅުންތައް މަދުވެފައި ހީނަރުވި ވަރަކަށް، އިޖްތިމާޢީ ފޭރާން ބަލިވެ އިރައިގެން ދިޔުން އަވަސްވާނެ. އިޖްތިމާޢީ ފޭރާން ގަދަކުރެވޭނީ، ރަށްރަށުގެ މީހުންގެ ގުޅުންތަކާއި މުޢާމަލާތްތައް ގިނަކޮށްގެން.

މީހުންނާ އެކުވެރިވާނޭ ފުރުސަތުތައް ގިނަކޮށްގެން… ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވާނޭ ގޮތްތައް ހޯދައިދީގެން… ރާއްޖޭގެ ރަށްތަކަކީ ހިތްފަހި ދިރިއުޅޭން ހިތްގައިމު ތަނެއްގެ ގޮތުގައި ބޭއްވުމުގެ ރޫޙް އާލާކޮށްގެން. އަޅުގަނޑުގެ ނަޒަރުގައި މި ނަތީޖާ ނެރެވޭނީ، ދިވެހިބަހަށާއި ޒަމާންވީ ދިވެހި އާދަކާތަކަށް އައު ދިރުމެއް ގެނެސްގެން. ދިވެހި ސަގާފަތްތައް އިޙްޔާކޮށްގެން.

އެންމެހާ ހާޒިރީން.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، މިރޭ އިނާމު ލިބޭނޭ ހުރިހާ ދަރިވަރުންނަށާއި އެކުދީންގެ ކާމިޔާބުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ޝުކުރާއި ތަހާނީ ދަންނަވަން.

މި ހިތްގައިމު ޖަލްސާގެ އިންތިޒާމުތައް ބެލެހެއްޓިވި ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް ކަލާފާނު ސްކޫލްގެ ވެރިންނާއި، މުވައްޒަފުންނާއި ދަރިވަރުންނަށް ޝުކުރު ދަންނަވަން.

މި ޙަފްލާގެ ސްޕޮންސަރު ކަމުގައިވާ އެސްޓީއޯ އާއި އެކުންފުނީގެ ވެރިންނާއި މުވައްޒަފުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން.

މި ޖަލްސާގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ޝަރަފުގައި، ވަގުތު އެއްކިބާކުރައްވައިގެން ބައިވެރިވެވަޑައިގެން ދެއްވާ ކަމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެ ކަނބަލުންނަށް  އެންމެ އިޚްލާޞްތެރި  އެންމެ ވަފާތެރި ޝުކުރު ރައްދުކުރަން.

ވައްސަލާމް ޢަލައިކުމް.

17 މޭ 2023

Leave a Comment

Your email address will not be published.