މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ބާއްވައިފި- ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން

2021-2022 ވަނަ އަހަރުގެ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް  ” މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ބާއްވައިފިއެވެ. ދަރުބާރުގޭގައި ކުރިއަށްދިޔަ މި ޖަލްސާގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހްގެ ދެކަނބަލުންނެވެ. މި ޖަލްސާގައި ނައިބު ރައީސް ފައިޞަލް ނަޞީމް، އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީ އަދި ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

2021-2022 ވަނަ ދިރާސީ އަހަރު ދިވެހިރާއްޖޭގައި 6300 ދަރިވަރުން ޘާނަވީ އިމްތިޙާން ފުރިހަމަކޮށްފައިވެއެވެ. މީގެ ތެރެއިން 844 ދަރިވަރުން ވަނީ މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ  ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. މިއީ މިއިމްތިޙާން ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން 13 އިންސައްތަ ދަރިވަރުންނެވެ. ފާސްވި ނިސްބަތަށް  ބަލާއިރު، އިޚްތިޔާރީ މާއްދާތަކުން 60 އިންސައްތައަށްވުރެ ގިނަ ދަރިވަރުން ވަނީ ފާސްވެފައެވެ.

ވަކިވަކި މާއްދާތަކުން ދަރިވަރުން ހޯދާފައިވާ ކާމިޔާބިއަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ، ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ފުރަތަމަ ފަހަރަށް، 75 އިންސައްތައަށް ވުރެ ގިނަ ދަރިވަރުން ފާސް ނަތީޖާ ހޯދިކަމެވެ. އާޓްސް އަދި ސައިންސް ސްޓްރީމްގެ މާއްދާތަކުން އިމްތިޙާނުގައި ބައިވެރިވި 80 އިންސައްތަ ދަރިވަރުން ފާސް ނަތީޖާ ހޯދިއިރު، މިއީ ފާއިތުވެދިޔަ އަހަރުތަކާ އަޅާ ބަލާއިރު، ސައިންސްގެ މާއްދާތަކުންވެސް ދަރިވަރުން ހޯދާފައިވާ ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.

މަޖުބޫރު މާއްދާތައް ކަމަށްވާ އިސްލާމީ ޢިލްމާއި ދިވެހި މާއްދާއިން އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ 75 އިންސައްތަ ފާސްވަފައިވާއިރު، ހިސާބު ޢިލްމުން 62 އިންސައްތަ ދަރިވަރުން ވަނީ ފާސްވެފައެވެ. އިނގިރޭސި ބަހުން ފާސްވި ދަރިވަރުންގެ އަދަދު ވަނީ 73 އިންސައްތަ  ކުރިއަރާފައެވެ. 2020ވަނަ އަހަރުގެ ކުރިން، ހިސާބު އަދި އިނގިރޭސި މި ދެ މާއްދާއަކީ  އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ދެބައިކުޅަ އެއްބައި ދަރިވަރުންނަށް އެކަނި، ފާސް ނަތީޖާ ނެރެވޭ މާއްދާތަކެވެ.

މީގެ އިތުރުން “އޭ” ގްރޭޑް ޙާޞިލުކުރި ދަރިވަރުންގެ އަދަދު ކުރީ އަހަރުތަކާ އަޅާކިޔާއިރު، 3 އިންސައްތަ އިތުރުވެފައިވެއެވެ. އަދި “ބީ” ގްރޭޑް ޙާޞިލުކުރި  ދަރިވަރުންގެ ނިސްބަތް 1 އިންސައްތަ އިތުރުވިއިރު، އެންމެ ދަށް ގްރޭޑް ލިބުނު ދަރިވަރުންގެ ނިސްބަތް 1 އިންސައްތަ ވަނީ މަދުވެފައެވެ.

މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ޙަފްލާތަކުގެ ތެރެއިން، މި ޙަފްލާ، ތާރީޚީ ޙަފްލާއަކަށް ވެގެންދާނެއެވެ. ފުރަތަމަ ފަހަރަށް 847 ދަރިވަރުން މި އިނާމު ޙާޞިލުކުރާކަމީ ތާރީޚީ ރިކޯޑެކެވެ. މިފަހަރުވެސް 16 ދަރިވަރަކު ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންގެ ލިސްޓުން ޖާގަ ހޯދިއިރު، 9 ދަރިވަރަކު ވަނީ އެކި މާއްދާތަކުން މުޅި ދުނިޔެއިން ފަޚުރުވެރި 1ވަނަ ހޯދާފައެވެ. މި ޙަފްލާ  ޚާއްޞަވެގެންދާ މުހިންމު އެއް ކަމަކީ، ދިގު އިންތިޒާރަކަށް ފަހު، ތާރީޚުގައި ފުރަތަމަ ފަހަރަށް މަތީ އަރުތަވެރީންގެ އިނާމަށް ވާދަކުރުމުގެ  ފުރުޞަތު އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް ލިބި، ރަން ވަނަ ހޯދި ދަރިވަރުންގެ  ތެރޭގައި އެ މަދަރުސާގެ ދަރިވަރުން ވެސް ހިމެނިގެން ދިއުމެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ “މަތީ އަރުތަވެރީންގެ އިނާމު 2021-2022” ޖަލްސާގެ ދެވަނަ ދަންފަޅި މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަންފަޅި ވެސް ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނެވެ.

 

 

Leave a Comment

Your email address will not be published.