ބިލެތްދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅު

بسم الله الرّحمن الرّحيم

الحمد لله رب العالمين والصلاة والسلام على

أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު.

ދައުލަތުގެ ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރީން،

ބިލެތްދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު ޙަލީމް،

ބިލެތްދޫ ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމް،

ބިލެތްދޫ ސްކޫލުގެ ނާޒިރު އަހްމަދު ރަމީޒު ތައުފީޤް،

މަދަރުސާގެ  ލޮބުވެތި ދަރިވަރުންނާއި ބެލެނިވެރިން،

މުދައްރިސުންނާއި އެހެނިހެން މުރާލި މުވައްޒަފުން،

މަދަރުސާގެ އެންމެހާ ހިއްސާދާރުން އަދި ވަޑައިގެން ތިއްބެވި އެންމެހާ މެހުމާނުން،

އައްސަލާމް ޢަލައިކުމް.

މިއަދު މިތާ ހުންނައިރު އަޅުގަނޑު ހިތަށް އަރަނީ، އަޅުގަނޑުގެ ހަނދާނަން އަންނަނީ، 17 ނޮވެމްބަރު 2018 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވުމަށް ފަހު، ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި އުއްމީދީ ވާހަކަފުޅު.

އެވާހަކައިން އަޅުގަނޑަށް އެންމެ އުއްމީދު އާވި ޢިބާރާތްތައް. އާދެ! އެމަނިކުފާނު ވިދާޅުވި “ރާއްޖޭގެ އާބާދީގެ 37 އިންސައްތައަކީ ޒުވާނުންކަމަށް. އެހެންކަމުން، ޒުވާނުންގެ ކުރިމަގު އުޖާލާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ސަރުކާރުން ކޮށްދޭނެކަމަށް.

ޒުވާނުންނަށް ރަނގަޅު ތަޢުލީމާއި، ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ، މިންތީގެ ހަމަހަމަކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކޮށްދޭނަން ކަމަށް”

އެ ދުވަހުގެ ތަޤްރީރުގެ ބަސްފުޅުތަކުން ކުރައްސަވާދެއްވި އުއްމީދީ ތަޞައްވުރުގައި،  އަމަލީ ކުލަޖެހި ޙަޤީގަތަކަށް ވާތަން މިއަދު ފެންނަމުން އެބަދޭ.

އަޅުގަނޑުމެންގެ ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ލަފާފުޅާއެކު ތަންފީޒުކުރަމުން މިދާ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ކޮންމެ ދަރިވަރަކީ، ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ކެރޭ، މުރާލި، އޯގާތެރި، އަޅާލުންތެރި ދަރިވަރުންތަކަކަށް ހެދުން. މިފަދަ ދަރިވަރުންނަކީ، އައު ކަންކަން ދަސްކުރުމަށް ޝައުޤު ހުންނަ، މުޅި ޢުމުރުގައި ކިޔެވުމަށް ޝައުޤު ހުންނަ ކުދީން.

މި ފަދަ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި، ރަސްމީ ގޮތުން މުޤައްރަރުތަކާ އެއްގޮތަށް ކިޔަވައިދޭ ތަކެތީގެ އިތުރަށް، އެތައް އައު ހުނަރުތަކެއް ލިބިގަންނަން ޖެހޭ. އެތައް ކަންކަމެއް ދަސްކުރަން ޖެހޭ.

އޭގެ ތެރޭގައި އެކި މީހުންނާ މުޢާމަލާތް ކުރާނޭ ގޮތާއި، އެކި ޙާލަތްތަކުގައި އުޅުން ބަހައްޓާނޭ ގޮތާއި، ފުރިހަމަ ޞިއްޙަތެއްގައި ހުންނާނޭ ގޮތް އެނގެންޖެހޭ.  އަސާސީ ޚިދުމަތްތައް ރަށުން، ދިވެހީންގެ ފަރާތުން ލިބިގަނެވޭނޭ ގޮތަށް، އެހެން މީހުންނަށް ބޭނުންތެރި އަތު މަސައްކަތަކާއި އަތްތެރި މަސައްކަތް ދަރިވަރުންނަށް އެނގެން ޖެހޭ.

ކޮންމެ ކުއްޖަކީ ބިލެތްދޫންގެ ދޫވެހީންނަށް، ޢާއްމު ރައްޔިތުންނަށް ބޭނުންހިފޭ ކުއްޖަކަށް ވާން ޖެހޭ.

މިކަންކަން މަދަރުސާތަކުގެ ތެރެއިން ދަރިވަރުންނަށް ދަސްކޮށްދިނުމަށްޓަކައި މިސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކަށްވީ ދިވެހި  މަދަރުސާތަކަކީ ތަނަވަސް ވަސީލަތްތަކާ އެކު އެއް ދަންފަޅިއަށް ހިންގޭ ސްކޫލުތަކަކަށް ހެދުން.

ރަސްމީ މުޤައްރަރުތަކުގައިވާ ބައިތައް ކިޔަވައި ދިނުމަށް ފަހު، މެންދުރު ފަހުގައި ދަރިވަރުންގެ އަޚްލާޤީ މަސައްކަތްތެރި ބައިތައް އެކުދީންގެ ކިބައިގައި އަށަގެންނެވުމަށް ފުރުޞަތު ލިބޭނެ. . .  މަދަރުސާތައް އެއް ދަންފަޅިކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ތަފާސްކޮށް އޮޑިޓް ކޮށްފައި.

މިދިރާސާއިން ފެނުނު ކަންކަން ތަންފީޒުކުރުމަށް މިހާތަނަށް 1.3 ބިލިއަން ރުފިޔާ ބަޖެޓްކޮށް އިމާރާތްތައް އެޅުމުގެ މަސައްކަތް ވަނީ ފަށައިގަނެވިފައި… އަދި މީގެ ތެރެއިން އެތައް ޢިމާރާތްތަކެއް ވަނީ މިހާ ހިސާބަށް އައި އިރު، މަސައްކަތް ނިމި ބޭނުންކުރަންވެސް ފަށާފައި.

މިދައުރުގެ މިހާތަނަށް އައިއިރު ތަޢުލީމީ ދާއިރާގައި މަދަރުސާ ތަކަށް އުމްރާނީ ތަރައްޤީ ގެނައުމަށް މުޅިއެކު 247 މަޝްރޫޢު އެބަ ހިންގަން. އޭގެ ތެރޭގައި ޖުމްލަ 1716 ކިލާސްރޫމާއި، 92 މަލްޓިޕާރޕަސް ހޯލާއި 563 އެހެނިހެން އިމާރާތްތަކުގެ މަސައްކަތް އެބަ ކުރިއަށްދޭ.

އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ލެބޯރަޓަރީ، ލައިބްރަރީ، ސްޓާފް ރޫމް، އޮފީސް އިމާރާތް ފަދަ އިމާރާތްތައް ހިމެނޭ.

…….

މިއަދު މި އިހްތިފާލް ކުރެވެނީ، މި ސިލްސިލާގެ ތެރެއިން، މި ސަރުކާރުން އިމާރާތްކޮށް ނިމުނު 15 ވަނަ މަލްޓި ޕާރޕަސް ހޯލު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތު.

އަދި މިއަދު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ މި މަދަރުސާގައި މި ހުޅުވޭ މަލްޓިޕަރޕަސް ހޯލް ބޭނުންކުރަން ފެށުމާއެކު ބިލެތްދޫ ދަރިވަރުންނަށް މަދަރުސާ ތެރޭގައި ތަފާތު ކުޅިވަރުތައް ކުޅެވޭނެ މާހައުލެއް ލިބިގެންދާކަން. އަދި މި ހުޅުވޭ އެތައް ބޭނުމެއް ކުރެވޭ މާލަން، އާދެ! މަލްޓި ޕާރޕަސް ހޯލްގައި ރަށުގެ އެކިއެކި ހަރަކާތްތައް ބޭއްވޭނެތީ.

އަދި އެކިއެކި ޤައުމީ ފެންވަރުގެ ޖަލްސާތައް މި ރަށުގައި ބޭއްވުމުގެ ފުރުސަތު ފަހިވެގެން ދާނެތީ. އަދި އެކަމުގެ ސަބަބުން މަދަރުސާއާއި މުޖުތަމަޢާ އޮންނަ ގުޅުން ބަދަހިވެ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި މުޖުތަމަޢުގެ ހިއްސާ ބޮޑުވެގެންދާތީ. މިކަން ފަހިކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ފަށްފަށުން ޝުކުރު ދަންނަވަން.

މިވާހަކަތައް ދައްކަމުންދާ އިރު، އަޅުގަނޑުގެ ހަނދާނަން އަންނަނީ މީގެ ދޮޅު އަހަރު ކުރީން މިރަށަށް ކުރި ޒިޔާރަތް. އެއީ   2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ  16 ވަނަ ދުވަސް.

އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހަމަ މިތަނުގައި ހުރި ދިގު ގޮނޑިއެއްގައި އޭރު މަދަރުސާ ހިންގުމާ ހަވާލުވެ ހުންނެވި، އަދި މިހާރުގެ ނާޒިރު ރަމީޒު އާއި މި ރަށު ކައުންސިލްގެ ރައީސް އަސްލަމް އާއި މަދަރުސާގެ ސީނިއަރ މެނެޖްމަންޓްގެ ބޭފުޅުންކޮޅަކާ އަޅުގަނޑާ ދެކެވުނު ވާހަކަތައް. އެއިރު،  އަޅުގަނޑު ގެ ކުރިމަތިން މި އަދު މި ހުޅުވޭ މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް ކުރިއަށްދާތަން ފެނޭ. އޭރު އެކުރެވުނު ސައްލާގައި މިރަށު ފާޚާނާގެ ދަތިކަމާ، އޭލެވެލް ހަދާ ކުދިން ރަށް ދޫކޮށް މާލެ ނުގޮސް ރަށުގައި ބޭތިއްބޭނެ ގޮތްތަކާމެދު ވާހަކަ ދެކެވުނު.

އެގޮތުން ދަރިވަރުން ރަށުގައި ބޭތިއްބުމަށް އެންމެ ބޮޑު އެހީއަކަށް ވާނީ މި މަދަރުސާގައި އޭލެވެލް ކުދިން ބޭނުންކުރާނެ ފެންވަރު ރަނގަޅު ސައިންސް ލެބެއް ޤާއިމުކުރެވުމުން ކަމަށް އެބޭފުޅުން ވިދާޅުވި.

އަޅުގަނޑު މާލެ ގޮސް، މަދަރުސާއަށް ދަތިވެފައިވާ ފާހާނާގެ ކަންތައްތަކަށް ހައްލު ހޯދައިދިނިން.  ރައީސުލް ޖުމްހޫރިއްޔާގެ އެހީތެރިކަމާ މިދާއިރާގެ ރައްޔިތުން މަޖިލިހުގެ މެމްބަރުގެ މަސައްކަތާއެކު މަދަރުސާއަށް އެންމެ ބޭނުންވެފައިވާ ސައިންސްލެބުގެ މަސައްކަތް ކުރިއަށްދާތަން އެއޮތް ފެންނަނީ. އެތަން ނިމި، އެތަނަށް ބޭނުންވާ ސާމާނާއެކު، ރައީސުލްޖުމްހޫރިއްޔާ މީގެ ހައެއްކަ މަސް ދުވަހުގެ ފަހުން ހުޅުއްވާ ދެއްވާތަން ފެނުމަކީ، އަޅުގަނޑަށް އެންމެ މަޢުނަވީ ހިތް ހަމަޖެހުމެއް ލިބޭނޭ އެއްކަން.

މި ޙަޤީޤަތްތަކުން ފައުޅުވެގެން ދަނީ، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރެއްވުމުގެ ސިޔާސަތު. ބަސްފުޅާއި ޢަމަލުފުޅުގެ ސީދާކަން.

މިހުރިހާ ކަމެއް ފަހިކޮށްދެއްވިކަމަށްޓަކައި، ބިލެތްދޫއަށް ރަށްވެހި، ތަޢުލީމީ ބަހާރު މޫސުމެއް ގެނެސްދެއްވާކަމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އުއްމީދަކީ މި މަދަރުސާގެ ވަސީލަތްތައް ފުރިހަމަވުމާއެކު އެކަމުގެ އެދެވޭ މަންފާ، ހުރިހާ ރައްޔިތުންނަށް ލިބިގެން ދިއުން. ބިލެތްދޫގެ ފަޚުރުވެރި މާޒީ، އިޢާދަވުން.

ފާފުއަތޮޅުގެ ޖައްވުގައި، ތަޢުލީމީ ގޮތުންނާއި ރަށްވެހިކަމުގެ ގޮތުން އެންމެ ބޮޑަށް ބަބުޅާ ތަރިއަކީ ބިލެތްދޫ ކަމަށް ވުން. ބިލެތްދޫ ރައްޔިތުންނަކީ އުފާވެރި، ހިތްގައިމު ހިމޭން ދިރިއުޅުމެއް އުޅެމުންދާ ބަޔަކަށް ވުން. ކުށްމަދު، އެކި ފަންނުތަކަށް އަރާހުރި، އެހެން އަތޮޅުތަކާއި ރަށްތަކަށް ލާމަސީލް ނަމޫނާއަކަށް ބިލެތްދޫ ވުން.

މިއަދު އަޅުގަނޑަށް ލިބޭ އެންމެ މަތިވެރި އުފަލަކީ ބަބުޅާ ބިލެތްދޫގެ ތަޞައްވުރަށް ދިރުންދޭ ސިލްސިލާގެ ތެރެއިން އެކުވެނި މާލަން ހުޅުވޭކަން. މި އުފާ އެތައް ގުނައަކަށް އިތުރުވަނީ، މާލަން ހުޅުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެން ދެއްވީތީ. ރައީސުލްޖުމްހޫރިއްޔާ އަކީ، ބިލެތްދޫގެ މަޝްރޫޢުތަކަށް އިސްކަން ދެއްވައި، ޢުމްރާނީ ޕްރޮގްރާމްގެ ކުރިއަށް ބިލެތްދޫގެ މަޝްރޫޢުތައް ގެނެސްދެއްވި ފަރާތް.

އެހެންކަމުން، މިތަނުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބިލެތްދޫ މަދަރުސާގެ އެކުވެނި މާލަން، އާދެ! ސްކޫލުގެ މަލްޓި ޕާރޕަސް ހޯލު ރަސްމީގޮތުން ހުޅުވައިދެއްވުމަށް އެދެން.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން..

Leave a Comment

Your email address will not be published.