ދިވެހިބަހުން އެހެން ބަހެއް (ޕިޖިން އެއް) މިހާރު އުފެދިފައި ނެތްހެއްޔެވެ؟

ލިޔުނީ: ޙަސަން ޒަރީރު އިބްރާހީމް

ތަޢާރަފް    
ސަޤާފަތުގައި ހިމެނޭ މިފަދަ މުހިންމު މަފްހޫމަކާއި ބެހޭގޮތުން ވާހަކަ ދައްކާ ހިނދު ސަޤާފަތަކީ ކޮބައިތޯ ބަލައިލަންޖެހޭއެވެ. ސަޤާފަތުގެ މާނަ ވަރަށްވެސް ފުޅާދާއިރާއެއްގައި ތަފާތު ޢިލްމުވެރިން ތަފާތު މާނަކުރައްވާފައިވެއެވެ. ސަޤާފަތަކީ، އިންސާނުން އެކިބައިބަޔަށާއި ވަކިވަކިން ވެސް އުޅެމުން އަންނައިރު އެބައެއްގެ ތެރޭގައި ވިސްނުމާއި، ޚިޔާލާއި، ފިކުރާއި، ވާހަކަދެއްކުމާއި، މަސައްކަތްތެރިކަމާއި، ކުޅިވަރާއި، މިޔުޒިކާއި އަދި މިޔުޒިކުގައި ހިމެނި އެކުލެވިގެންވާ ޙަރަކާތްތަކާއި އަދި މި ނޫނަސް މީހުންގެ މެދުގައި ހުންނަ މީހުންނާއި މީހުންގެ ދިރިއުޅުމާއި ގުޅުންހުރި ހުރިހާ ކަމަކާއި ގުޅިފައިވާ އާދަކާދަ ކަމުގައި ދިވެހި ބަސްފޮތް، 2011 ޞޮފްޙާ 1119 ގައި ބަޔާންކޮށްފައި ވެއެވެ. މީގެ އިތުރުން ގޯގާޑް (2005މ.) ހާމަކުރައްވާ ގޮތުގައި ކަލްޗަރ ނުވަތަ ސަޤާފަތު މާނަކުރައްވާގޮތުގައި، ގަސްގަހާގެހި ހެއްދުމާއި ޖަނަވާރުތައް ބެލެހެއްޓުމުގެ މާނާގައި ބޭނުންކުރުމުގެ އިތުރުން، 16 ވަނަ ގަރުނުގައި އިންސާނާގެ އަމިއްލަނަފުސު ތަރައްޤީކުރުމުގެ މާނާގައި ވެސް ބޭނުންކުރެވިފައި ވާކަމަށާއި، 19 ވަނަ ގަރުނުގައި އިންސާނާގެ ފިކުރާއި ރޫޙާނިއްޔަތާއި ޝުޢޫރު ތަރައްޤީކުރުންވެސް މީގެ ތެރޭގައި ހިމެނިގެންދާކަމަށް ހާމަ ކުރައްވާފައިވެއެވެ. އޭގެ ފަހުން ފަންނީ މަސައްކަތްތެރިކަމާއި ފާޑުވެރިކަމުގެ ނަމުގައި އަދަބިއްޔާތާއި، ކުރެހުމާއި ޑްރާމާއާއި ތިއޭޓަރގެ ހުށަހެޅުންތަކާއި ނެށުމާއި މިޔުޒިކާއި ފިލްމުކުޅުންފަދަ ދާއިރާތަކުގެ ކަންތައްތައް ކަލްޗަރުގެ ތެރޭގައި އެކުލެވިގެން ދިޔަކަމުގައެވެ. އެންތްރޮޕޮލޮޖިސްޓް، އެޑްވަރޑް ބާރނެޓް ޓައިލަރ، (1874މ.)[1] ގައި ލިއުއްވާފައިވާ “ޕްރިމިޓިވް ކަލްޗަރ” މި ނަންކިޔާ ފޮތުގައި ހާމަކުރައްވާފައިވާ ގޮތުގައި، ސަޤާފަތަކީ ޢިލްމާއި، ޢަޤީދާއާއި، ފަންނާއި، އަޚުލާޤާއި ޤާނޫނާއި، އާދަކާދައިގެ އިތުރަށް މިނޫނަސް އިޖުތިމާޢީ ވެއްޓެއްގައި ދިރިއުޅުމަށްޓަކައި އިންސާނަކަށް ބޭނުންވާނެ ހުރިހާ އާދަ ކާދައާއި، އެބައެއްގެ ކިބައިގައި ހުންނަ ކުޅަދާނަކަން ކަމުގައި ބަޔާންކުރައްވައެވެ. އެހެންކަމުގައިވާނަމަ، އެބަޔެއްގެ ތެރޭގައި ހިނގާ ކަންތައްތަކާއި ގުޅޭ އެންމެހައިކަންކަން ހާމަކޮށްދޭ، އަދި އެއްޖީލުން އަނެއްޖީލަށް ގެންގޮސްދޭ ސަވާރީއަކީ، އެބަޔަކު މޮށިއުޅޭ ނުވަތަ ވާހަކަ ދައްކައިއުޅޭ ބަސް (ލޭންގުއޭޖް) ކަމީ އެއްމެންވެސް ދެބަހެއްނުވާނެ ކަމެކެވެ. ވުމާއިއެކު ބަހާއިގުޅޭ ނަންތައް ސަޤާފީ މަފްހޫމްތަކުގެ ތެރެއިން  ހިމެނިގެން ދާނެކަމުގައި ޤަބޫލުކުރެވެއެވެ. އެގޮތުން މިއީ ސަޤާފީ މަފްހޫމެއްގެ މައްޗަށް ކުރެވޭ ދިރާސާއަކަށް ވުމާއިއެކު، މި ދިރާސާކުރާނީ “ޕިޖިން” މި މަފްހޫމުގެ މައްޗަށެވެ.

އަޙުމަދު މާޖިދު (2014) ހާމަކުރައްވާގޮތުގައި ޕިޖިން ބަހަކީ، ވަކި ބަހަކުން ވާހަކަދެއްކުމުގައި މައިގަނޑު ގޮތެއްގައި، ފޮނޮލޮޖީ އާއި މޯފޮލޮޖީ އާއި ސެމޭންޓިކްސް އާއި ސިންޓެކްސް އަދި ޕްރޮގްމެޓިކްސް (ވާހަކަދައްކާ ރާގާއި ގޮތް) ގެ ގޮތުން “މައިބަހަށް ގެނެވޭ ބަދަލުތަކެއްގެ ތެރެއިން އުފެދޭ ބަހަކަށް” ކިޔޭ ނަމެކެވެ. ނުވަތަ އަސްލު ބަހާއި ގުޅުންހުންނަ “ކޮރެއޯލް” އެއް ކަމުގައިއެވެ. އަދި ހަމަ މިއާއިއެކު މިފަދަ ގޮތްގޮތަށް ބޭނުންކުރާ ބަހަށް ޕިޖިން ބަހޭ ކިޔައި އުޅޭކަމަށް ޑޭވިޑް ކްރިސްޓަލް (2003)[2] ހާމަކުރައްވައެވެ. އަދި ކެރޯލް މިއާރސް – ސްކޮޓަން (2006)[3] ވިދާޅުވާގޮތުގައި ޕިޖިން އެއް ބޭނުންކުރާ މީހުން ގިނަވެ އެބަހެއްގެ މާދަރީ ބަހަކަށް ބަދަލުވުމުން ކްރެއޯލްއޭ ކިޔައެވެ. މިފަދަ ދިވެހިބަހަށް ނުވަތަ އެހެންބަހަކަށް ވިޔަސް މިފަދައިން އުފެދިގެންދާ ކޮންމެ ބަހަކީވެސް އެފަދަ ޕިޖިން ބަހުންވާހަކަ ދައްކާ އާބާދީ ގިނަވެއްޖެނަމަ އެ ބަހެއް އެބައެއްގެ މައިބަހަށް ވުރެން ބާރުގަދަވެ އެބަހެއް މައިބަހަކަށް ބަދަލުވާ ޙާލަތުގައި “ކޮރެއޯލް” އޭ ކިޔާކަމުގައެވެ.

މި ދިރާސާގައި ބަލާލެވިފައިވާނީ،  ޕިޖިންބަހުގެ ސިފަތަކަށާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގަލާދޭޝްގެ މީހުން ދިވެހިބަހުން ވާހަކަދެއްކުމުގައި ބޭނުންކުރާ ބަހުގައި އަޑުގެ ގޮތުންނާއި މާނައިގެ ގޮތުން ޕިޖިންއެއްގެ ސިފަތައް ހުރިތޯއެވެ. އެގޮތުން މިކަމާއިބެހޭގޮތުން ބަހާއި ސަޤާފަތުގެ ޢިލްމުވެރިންގެ ދިރާސީ ވިދާޅުވުންތަކަށް ޙަވާލާދީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތާއި ދިރާސާގައި ބައިވެރިން ދިވެހިބަހުން ވާހަކަދައްކާފައިވާގޮތް އަޅާބަލައި މިދިރާސާގައި ގެނެސްދީފައިވާނެއެވެ.

Leave a Comment

Your email address will not be published.