ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ އިސްރޯލެއް އަދާކުރަނީ މުދައްރިސުންނެވެ

(ދެވަނަ ބައި)

ތަރުބިއްޔަތު ކުރުމުގައި މުދައްރިސުންގެ ދައުރު އަދާކުރެވޭ މިންވަރު ދެނެގަތުމަށް ކުރެވިފައިވާ މި ދިރާސާގައި ބޭނުން ކޮށްފައިވާނީ އެކިއެކި ޢިލްމީ ބޭބޭފުޅުންގެ ތަފާތު ލިޔުންތައް ކިޔައި، އެނަލައިޒް ކޮށްގެން ހޯދުނު މަޢުލޫމާތުގެ އިތުރުން އިންޓަރނެޓްގެ އެހީގައި، މި މައުޟޫޢާ ގުޅުންހުރި އެކިއެކި ލިޔުންތައް ބަލައި، ހޯދައި، ދިރާސާކުރުމާއިއެކު، މިއަދު މިކަމުގައި ދެކޭގޮތްވެސް އިންޓަވިއުގެ އެހީގައި ބަލައިގެންނެވެ. އެއީ މި ދިރާސާއަށް ބޭނުންވާ އެންމެހާ މުހިއްމު މަޢުލޫމާތުތައް ހޯދައި ލިބިގަތުމުގެ ބޭނުމުގައެވެ. މި ބައިގައި ބަލާލެވިފައިވާނީ، މުދައްރިސުންނަކީ ކޮބައިކަމާއި، މުދައްރިސާއިމެދު ދަރިވަރު ދެކޭގޮތެވެ. އަދި ތަރުބިއްޔަތު ކުރުމުގައި މުދައްރިސްގެ ދައުރުތަކަކީ ކޮބައިކަމާއި، އެކި ޢުމުރުގެ ކުދިންނަށް ކުރާ އަސަރުތަކާއި އަދި އެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ނިންމި ނިންމުންތަކުގެ މައްޗަށެވެ.

މުދައްރިސަކީ ކާކު ހެއްޔެވެ؟

އާދޭހެވެ! ދަރިވަރާއި، މުދައްރިސާއި ދެމެދުގައިވާ ގުޅުމަށްބަލާއިރު، މުދައްރިސަކީ ކުޑަކުއްޖާ މަދަރުސާއަށް ވަންނަ ފުރަތަމަ ދުވަހުން ފެށިގެން އެކުއްޖާގެ ޢިލްމީ ތަރުބިއްޔަތާއި ޙަވާލުވާ ފަރާތެވެ. ކުއްޖާއަށް މުދައްރިސް ފެންނަނީ، ވަކި މާއްދާއެއް ކިޔަވައިދޭ މުދައްރިސަކަށް ވީ ނަމަވެސް އެ މުދައްރިސަކީ، ހުރިހާ އެއްޗެއް އެނގޭ ކޮންމެ ސުވާލަކަށްވެސް ޖަވާބު ދެވޭ ވަރަށް އާދަޔާ ޚިލާފު މޮޅު މީހެއްގެ ގޮތުގައެވެ. މުޖުތަމަޢެއް ބިނާކުރުމުގައި މުދައްރިސްގެ ދައުރު އެހާ މުހިންމުވަނީ، އަދި މުދައްރިސުންގެ ދައުރު އެހާ ބޭނުންތެރިވެގެންދަނީ އެހެންވީމައެވެ.

މުޖުތަމަޢުގައި ކުށްކުރުމާއި، ފަސާދައާއި ކޮރަޕްޝަން ފަދަ ނުބައި ޢަމަލުތައް ޢާއްމުވެފައިވާ މިފަދަ ދުވަސްވަރެއްގައި މުޖުތަމަޢު ހަމަމަގަށް އެޅުވުމަށް އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނެ ފަރާތަކީވެސް މުދައްރިސުންނެވެ. އަދި ހަމައެހެންމެ ގޮޑްލޭޑް (1990) ހާމަކުރައްވާ ގޮތުގައި، މުދައްރިސުންނަކީ ދަރިވަރުގެ ދައުރު ބަދަލުކޮށް ދަރިވަރުގެ ކިބައިގައި ރަނގަޅު ސިފަ އަށަގަންނުވާ ފަރާތެވެ. އަދި މުދައްރިސުންނަކީ މުޖުތަމަޢުގެ އެހެން އެއްވެސް ފަރުދަކަށްވުރެ ގިނަ ވަގުތު ދަރިވަރުންނާއެކު ހޭދަކުރާ ފަރާތްކަމުގައި ނޮޓިންގްސް،( 1988) ހާމަކުރައްވައެވެ.

މުދައްރިސުންގެ ދައުރު މާނަކުރާގޮތް

މުދައްރިސްގެ ދައުރަކީ ހަމައެކަނި، ރަނގަޅު ފަރުދަކު ބިނާކުރުމާއި ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ. މިކަން މިގޮތަށް އޮތް ކަމަށްވާނަމަ، ބައެއް ކަހަލަ އަސާސީ ސުވާލުތަކެއް އުފެދިދާނެއެވެ. މުދައްރިސެއްގެ ރޯލަކީ ހަމައެކަނި ކުރާ މަސައްކަތެއް ކަމަށްވާނަމަ، މިކަމަށް ބާރުދެއްވައި މުޙައްމަދު ރަޝީދު އިބްރާހީމް (1415) ހާމަކުރައްވަނީ، އުނގަންނައި ދިނުމަކީ ހަމައެކަނި މަސައްކަތެއް ކަމެވެ. އެހެނީ އޭގައި އެކުލެވޭ މަޤްޞަދެއް ނެތެވެ. އޭގައި ހިމެނެނީ ހަމައެކަނި ބޭރުފުށުގެ މަޤްޞަދެވެ. މުދައްރިސަކީ ދަރިވަރުގެ ދައުރު ބަދަލުކޮށް އޭނާގެ ކިބައިގައި ރަނގަޅު ސިފަ އަށަގަންނުވާ ފަރާތެވެ. ދަރިވަރަކީ އޭނާގެ ޙިއްޞުތަކުގެ ތަޖުރިބާއިން ޙިކުމަތާއި ބުއްދިވެރިކަން ލިބިގަންނަ ފަރުދަކަށް ހަދައިދޭން ޖެހޭނީމުދައްރިސެވެ. ބާބަރ ގެ ނަޒަރިއްޔާތުގައި މުދައްރިސާއި ދަރިވަރުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އުފެއްދުމަކީ މުދައްރިސެއްގެ ދައުރެވެ. ނޮޓިންގްސް (1988) ހާމަކުރައްވާ ގޮތުގައި، ކިޔަވައިދިނުމުގައި މުދައްރިސުން ދަރިވަރުންނަށް ސުވާލުކުރުމަކީ، މުދައްރިސްގެ ދައުރުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ކަމެކެވެ. އެހެނީ ކަންކަމާއިމެދު ދަރިވަރުން ވިސްނާ މިންވަރާއި، ވިސްނާގޮތް އެނގޭނީ ސުވާލުކޮށްގެން ކަމަށް ވާތީއެވެ.

ތަރުބިއްޔަތު ކުރުމުގައި މުދައްރިސްގެ ދައުރު

ތަރުބިއްޔަތު ކުރުމުގައި މުދައްރިސަކީ ވަރަށް މުހިއްމު ޒިއްމާއެއް އަދާކުރާ އެއް ފަރާތެވެ. މުދައްރިސެއްގެ ދައުރަކީ ދަރިވަރުގެ ކިބައިގައި ރަނގަޅު އުޅުމާއި އަޚްލާޤް އަށަގެންނެވުމަށް އެހީތެރިވުމެވެ. އަދި ރަނގަޅު ގޮތްތައް ބުނެދީ، އެކަމަށް ދަރިވަރު ލެންބުވުމެވެ. މިކަން ރަނގަޅު ގޮތުގައި ކުރެވިއްޖެނަމަ، ދަރިވަރު އަމިއްލައަށް އެ ދަރިވަރަކު ބޭނުންވާ ކަންކަން ޙާޞިލްކުރުމުގައި ކުށެއް ނުކޮށް އެކަމެއް ކުރެވިދާނެ ރަނގަޅު ގޮތްތައް ދެނެގަނެއެވެ. މުޙައްމަދު ނަޝީދު (2009) ބަޔާންކުރައްވާ ގޮތުގައި، މުދައްރިސުންނަކީ ހަރުދަނާ ބަޔަކަށް ވާންޖެހޭ ސަބަބުތަކެއް އެބަހުރި ކަމަށާއި، އަދި ވަރަށް ބޮޑު މަސްއޫލިއްޔަތަކާއި ޙަވާލުވެފައިވާ ބައެއް ކަމެވެ. އެކުއްޖާގެ އުޅުމާއި އަޚްލާޤާއި ބަސްމަގު ވަރަށް ގިނަ ފަހަރަށް ކުދިން ކޮޕީކުރާ ނަމޫނާ ބަޔަކަށް ވާތީއެވެ. އެހެންކަމުން މުދައްރިސެއްގެ ގައިގައި ގިނަގުނަ ރިވެތި އަޚްލާޤީ މާތް ސިފަތަކެއް ފެންނަން ޖެހޭނެއެވެ. އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި، އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކު މުޢާމަލާތް ކުރުމާއި ރުޅިކޮންޓްރޯލް ކުރުމާއި، ޢަދުލު އިންޞާފަށް ލޯބިކުރުމާއި، ފިލާވަޅުތައް ނަގައިދިނުމަށް ތައްޔާރުވެގެން ގަޑިއަށް ފަރުވާތެރި ކަމާއިއެކު ސްކޫލަށާއި، ކުލާހަށްވެސް ހާޒިރުވުމާއި، އިސްލާމީ ޙުދޫދުގެ ތެރެއިން ހެދުން އެޅުން ފަދަ ކަންތައްތަކާއެކު، ސާފުތާހިރު ކަމަށް ލޯބިކުރުމަކީ މުދައްރިސެއްގެ ކިބައިގައި ހުރުން މުހިއްމު ސިފަތައް ކަމުގައި، ޑރ. އާމިނަތު ޝާފިޔާ،( 2011) ވެސް ހާމަކުރައްވައެވެ.

ދަރިވަރުންގެ އުނގެނުމުގެ ބިންގާ އަޅައިދޭ ތަނަކީ ސްކޫލު މަދަރުސާތަކެވެ. އެ ދަރިވަރުންގެ ސިކުނޑިތައް ހާނާ ތަރުބިއްޔަތުކޮށް ކަންތައްތައް ދަސްކޮށްދީ ހަދަނީ އެ ދަރިވަރުންގެ ދެވަނަ މައިންބަފައިން ކަމުގައިވާ މުދައްރިސުންނެވެ. އެހެންކަމުން މުދައްރިސުންނަކީ ވަރަށް ގިނަ ޒިންމާތަކެއް ބޮލުގައި އެޅިފައިވާ ބައެކެވެ. ވަރަށް ބޮޑު މަސްއޫލިއްޔަތެއް އުފުލަން ޖެހިފައިވާ ބައެކެވެ. އެގޮތުން މުދައްރިސްގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ އުނގަންނައި ދިނުމެވެ. އެގޮތުން ނޮޓިންގްސް (1988) ހާމަކުރައްވާ ގޮތުގައި، ކުލާހުގެ ކޮންމެ މިނިޓެއް ފުރާލާ، ހުރިހާ ކަމެއް މާ ބޮޑަށް ޕްލޭންކުރާ ޓީޗަރުންގެ ދަރިވަރުންނަށްވުރެ “ފްލެކްސިބަލް” ޓީޗަރުންގެ ދަރިވަރުންގެ ދަސްކުރުން ރަނގަޅު ކަމުގައި ފާހަގަ ކުރެވެއެވެ. އަދި ގޮޑްލޭޑް (1990) ބަޔާންކުރައްވާ ގޮތުގައި އެންމެ ކާމިޔާބު މުދައްރިސުންނަކީ ކުލާހުގެ ދަރިވަރުންނާއިމެދު، ޤާބިލްކަމުގެ ގޮތުން ބަލައި، އެކި ކުދިންނަށް އެކި ގޮތްގޮތަށް ސަމާލުކަންދޭ މުދައްރިސުން ކަމަށެވެ. އެގޮތުން މޮޅެތި ދަރިވަރުންނަށް މަތީ ނަޒަރަކުން ބަލައި، މެދު ފަންތީގެ ދަރިވަރުންނަށް މެދުފަންތީގެ ނަޒަރުން ބަލައި، އެންމެ ދަށު ފަންތީގެ ދަރިވަރުންނަށް އެކުދިންގެ ބޭނުންތަކާއި، ގުޅޭގޮތުން ވިސްނާ އެ ދަރިވަރުންނާ ގުޅޭގޮތަށް އަޅައިލާ ކިޔަވައިދިނުމަށް ސަމާލުވެ، އެ އުޞޫލުން ކިޔަވައިދޭ މުދައްރިސަކީ އެންމެ އުފެއްދުންތެރި މުދައްރިސެވެ. އެހެންކަމުން މުދައްރިސުން ދަރިވަރުންނަށް އުނގަންނައި ދިނުމުގައި ހޭދަވާ ކޮންމެ ކަމެއް އަދި ކޮންމެ މަސައްކަތެއް ވާންވާނީ ގާތުން ބެލޭ އަދި އެކަންކަމަށް ވަގުތުން ޖަވާބުދާރީވެވޭ ފަދަ މުދައްރިސަކަށެވެ.

ކިޔަވައިދެއްވާ މުދައްރިސެއްގެ އެންމެ މުހިއްމު އަދި އެންމެ ބޭނުންތެރި ރައުރަކީ ދަރިވަރުންނަށް މަޢުލޫމާތު ދިނުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އެހެންކަމުން މުދައްރިސާއި ދަރިވަރާ ދެމެދު ރަނގަޅު މުޢާމަލާތު ކުރެވޭ އިތުބާރުކުރެވޭ ބަދަހި ގުޅުމެއް އޮތުމަކީ މި ދެންނެވި މަގުސަދު ޙާސިލުވެގެން ދިއުމުގެ އެއްމެ މުހިއްމު އެއްއަސާސެވެ. މި ދެންނެވި ފަދަ ރަނގަޅަށް މުޢާމަލާތު ކުރުމުގެ މާޙައުލެއް ޤާއިމު ނުކުރެވިއްޖެނަމަ، ދަރިވަރުންގެ އެއްވެސް ޚިޔާލެއް އަދި ބައިވެރިވުމެއްވެސް ލިބުމަކީ ވުމަށްވުރެން ނުވުން ގާތްކަމެއް ހާމަކުރައްވައި، ހާރބަމަން (1998) ހާމަކުރައްވާ ގޮތުގައި، ދަރިވަރުންގެ މެދުގައި އޮންނަ ގުޅުންތެރިކަން ރަނގަޅު ކުރުމަށްޓަކައި، މުދައްރިސުން ވަކިވަކި ދަރިވަރުންގެ މަސައްކަތްތައް ބަލައި، ފީޑްބެކްދީ، އިރުޝާދު ދިނުމާއެކު ހިތްވަރުދީ، ތަރުހީބު ދިނުމުން ދަރިވަރުންގެ ބައިވެރިވުން އިތުރުވެ މުދައްރިސާއި ދަރިވަރާއި ދެމެދުގެ ގުޅުން ބަދަހިވުމާއިއެކު، ދަރިވަރުންނަކީ، ހުނަރުވެރި ބަޔަކަށް ވުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ. އެހެންކަމުން ކުދިންނާއެކު ރަނގަޅު މުޢާމަލާތު ކުރެވޭފަދަ  މާޙައުލެއް އުފެއްދުމަށް މިފަދަ ގޮތަކަށް މަސައްކަތްކުރުމަކީ މި ދެންނެވި މަގުސަދު ޙާސިލުވުމުގެ މަގުފަހިވާނެ ކަމެއްކަމުގައި ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.

ދަރިވަރުންނަށް ކިޔަވައިދެމުންދާއިރުވެސް  މުދައްރިސުން މިދެންނެވި ގޮތަށް ނަމޫނާ ދެއްކުމަކީ، ޓީޗަރުންގެ ކިބައިގައި ހުންނަ ސިފަތަކާއި އުޅޭގޮތް އެއީ އުނގަންނައިދިނުމުގައި އެއްމެ މުހިންމު އެއްބަހާއެވެ. އެހެނީ ދަރިވަރުންނަކީ އަބަދުވެސް ޓީޗަރުން ނަމޫނާއަކަށް ބަލައިގެން އުޅޭ ބައެކެވެ. ހަރބަމަން (1998) ވިދާޅުވާ ގޮތުގައި، ޓީޗަރަކު ކިޔަވައިދިނުމުގައި ކުރާ ކަންތައްތަކުގެ 75 އިންސައްތަ ކަންކަމުން ރަނގަޅު ޓީޗަރެއްކަން ނުވަތަ ނޫންކަން ދެނެގަނެވޭނެއެވެ. އަދި ހަމައެއާއެކު މިދާއިރާގެ ތަޖުރިބާ ވެރިޔެއްކަށްވާ، އާމިނަތު ޝާފިޔާ (2011) ބަޔާންކުރައްވާ ގޮތުގައި، ކާމިޔާބު ޓީޗަރަކީ، ކުލާސްރޫމުގައި ފާހަގަ ކުރެވޭ ކުދިންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ވެރި، މަޢުލޫމާތުގެ ގޮތުން މުއްސަނދި ދަރިވަރުންގެ އިޙްސާސްތައް ދަނެގެން މަޢުލޫމާތު ހުށަހަޅައިދޭ މުދައްރިސުންނެވެ.

މުދައްރިސްގެ ފަރާތުން ދަރިވަރުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. އެހެނީ ރައްކާތެރިކަން ނުދެވިއްޖެނަމަ، އެކަމުގެ ނުބައި އަސަރު ޓީޗަރަށާއި އެހެން ދަރިވަރުންނަށް އަދި މުޖުތަމަޢަށް ފޯރާނެތީއެވެ. ކުލާސްރޫމުތެރޭގައި ކުދިންނަށް ބުލީ ކުރުމަކީ މިއަދު ޢާއްމު ކަމެކެވެ. މިއީ ވަރަށް ނުބައި ނަތީޖާ ނިކުމެދާނެ ކަމެކެވެ. މިކަމާ ގުޅިގެން ގޮޑްލޭޑް (1990) ހާމަކުރައްވާ ގޮތުގައި، 15 އިންސައްތަ ކުދިންނަކީ ޤަވާޢިދުން ބުލީ ކުރެވޭ ކުދިންނެވެ. ނުވަތަ ނޫނީ ބުލީ ކުރާ ކުދިންނެވެ. މިކަމާގުޅިގެން ކަންތައްތައް ކުރަންވީ ރަނގަޅުގޮތް ކިޔައިދިނުމާއި އޮޅުންފިލުވައިދިނުން ފަދަ ކަންކަމަކީ އުނގަންނައި ދިނުމުގައި ދަރިވަރުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަންކަމެވެ. މިކަންކަން އެންމެ ރަނގަޅަށް ކުލާސްރޫމުން ކިޔައިދީ އެހީތެރިކަން ފޯރުކޮށްދެވޭނީ ޓީޗަރަށެވެ. އެހެންކަމުން ކުލާސްރޫމު ތެރެއިންނާއި ސްކޫލު މާހައުލުން އަދި މުޖުތަމަޢުގެ ތެރެއިން ދަރިވަރަށް ރައްކާތެރިކަމާއި އަޅާލުން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.  (ނުނިމޭ)

 

 

Leave a Comment

Your email address will not be published.