އަންހެނުންގެ ޙައްޤުތައް، ފުރިހަމަޔަށް ލިބިދީފައިވަނީ ހަމައެކަނި އިސްލާމް ދީނުގައި ނޫންހެއްޔެވެ؟

ލިޔުނީ: ޙަސަން ޒަރީރު އިބްރާހީމް

(ފުރަތަމަ ބައި)

ތަޢުރީފް

މާސްމީޑިޔާއާއި ސޯޝަލް މީޑިޔާއާއި ނޫސްތަކުންނާއި ޖުމުލަކޮށް ޚަބަރު ފަތުރާ ވަރަށް ގިނަވަސީލަތްތަކުން ދުނިޔޭގެ ހުޅަނގާއި އިރުމަތިންވެސް އުތުރާއި ދެކުނުންވެސް، އެންމެ ބާރަށްއިވޭ އެއްވާހަކައަކީ އިންސާނީ ޙައްޤުތަކުގެ ވާހަކައެވެ. ވަކިންޚާއްޞަކޮށް ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ފަތުރާ އެއްއަޑަކީ އަންހެނުންގެ ޙައްޤުތަކުގެ ވާހަކައޭ ދަންނަވައިފިނަމަ، ތިޔަ ލޮބުވެތި ކިޔުންތެރިން އެއީ ދޮގެއްކަމަށް ވިދާޅުވާނެތޯއެވެ؟ އާދޭހެވެ! އ.ދ ން އިންސާނީ ޙައްޤުތައް މާނަކޮށްފައިވަނީ، އިންސާނަކަށްވީތީ އިންސާނާއަށް ލިބިގެންވާ ޙައްޤުތަކެއްގެ ގޮތުގައެވެ. މީގެ ތަފުޞީލަށްބަލާއިރު، އެއިންމާނަކުރެވެނީ އެމީހަކު އުފެދުނު ނަސްލަކަށް ނުވަތަ ނިސްބަތްވާ ޤައުމަކަށް ނުވަތަ ޖިންސަކަށް ނުވަތަ އުޅޭ ދީނަކަށް ނުވަތަ މޮށިއުޅޭ ބަހުރުވަޔަކަށް ބެލުމެއްނެތި މިނިވަންކަމާއެކު ދިރި އުޅުމުގެ ޙައްޤާއި، އަޅުވެތިކަމާއި ލާއިންސާނީ އަދަބުން ސަލާމަތްވެހުރެ، މިނިވަންކަމއެކު ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި، މަސައްކަތްކުރުމާއި، ތަޢުލީމު ލިބިގަތުމުގެ ޙައްޤު ފަދަ ޙައްޤުތަކަކީ މައިގަނޑު ގޮތެއްގައި ފާހަގަ ކުރާޙައްޤުތައް ކަމުގައިވިޔަސް މިފަދަ އެތައް ޙައްޤެއް އިންސާނީ ޙައްޤުތަކުގެ ގޮތުގައި ފާހަގަކުރެއެވެ. މިފަދަ ކޮންމެ ޙައްޤަކީ އެއްވެސް ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށް ލިބިދެވެންޖެހޭ ޙައްޤެއް ކަމުގަ ވެސް ފާހަގަކުރެއެވެ.

މިފަދަ ވާހަކަތައް މިހެން ހުރިއިރު، މި ބިން ތައުމީރުކޮށް އާރާސްތު ކުރެއްވުމަށްޓަކައި، އިންސާނުން ފިޔަވައި ﷲ ހެއްދެވި އެއްވެސް އެއްޗެއް ޙަވާލުވާން ނުކެރުނު ޒިންމާއާއި ޙަވާލުވެގެން އެކަލާނގެ ފޮނުއްވި އިންސާނާ އެ ބިމުގައި ޚަލީފާއެއްކަމުގައި ފޮނުއްވި ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އިންސާނާއަށް، އެކަން ޙާޞިލުކުރުމަށްޓަކާ ބޭނުންވާނެ ހުރިހައި އިޚުތިޔާރަކާއި ބާރެއް ލިބިގަތުމުގެ ޙައްޤު ލިބިދެއްވާނެކަން އެއީ ބުއްދީގެ ހަމަތަކުން ވެސް ޤަބޫލުކުރަންޖެހޭކަމެކެވެ. މިކަމާއި މެދު ޝައްކުކުރާނެ އެއްވެސް ފެކްޓެއް އެބައޮތްތޯއެވެ. ނެތްކަން ޔަޤީނެވެ. ހަމައެހެންމެ އެކަން އެކަލާނގެ ޝަރީޢަތުގައި އެވަނީ ސާފުކޮށް ހާމަކުރައްވާފައެވެ. އެގޮތުން އިންސާނާއަށް ދެއްވާފައިވާ ޙައިސިއްޔަތު ދެނެގަތުމުގައި ބޭނުންކުރެވޭ މުހިންމު އެއް އަސާސަކީ ޖިންސުތަކަށް ކަނޑައެޅިފައިވާ ހައްޤު ދެނެގަތުމެވެ. ވުމާއެކު މުޖުތަމަޢު އެކުލެވިގެންވަނީ ފިރިހެނުންނާއި އަންހެނުންގެ މައްޗަށް ކަމުގައިވާތީއެވެ. މި ދެޖިންސުގެ ޒިންމާތަކާއި ޙައްޤުތަކުގައި ތަފާތުތަކެއް ލައްވާފައި ވީނަމަވެސް އިންސާނަކަށްވީތީ ލިބެންޖެހޭ އެއްވެސް ޙައްޤަކަށް އަންހެނަކަށް ވީތީ އެއްވެސް އުނިކަމެއް ކުރިމަތި ނުވާނެ ފުރިހަމަ ގޮތެއްގައި އަންހެނުންނަށްވެސް އެ ކަނބަލުންގެ ޙައްޤުތައް އިސްލާމީޝަރީޢަތުގައި ދެއްވާފައި ވާކަމުގައި މި ކުރެވޭ ދަޢުވާގައި، އެ ޝަރީޢަތުގައި ކަންއޮތްގޮތް ހާމަކުރުމުގެ ކުރިން، އަންހެނުންނާއިމެދު ތާރީޚީ ނަޒަރަކުން އިސްވެދިޔަ ބައެއް ޘަޤާފަތްތަކާއި އުއްމަތްތަކުގައި އެކަނބަލުންނަށް ދެވިފައިވާ ޙައްޤުތަކާއި ކަންކަން ކުރެވިފައިވާ ދިރާސާއިން ފެންނަން ހުރިކަންކަމާއި ގޮތް، މިކުރެވޭ ބަހުސާއިއެކު ހުށަހެޅުން މުހިންމު ކަމުގައި ދެކޭތީ، ކިޔުންތެރިންގެ އިޒުނައާއިއެކު ދަންނަވަމެވެ. ނަމަވެސް މިލިއުން ނިމެންދެން ވިދާޅުވުމަށް ފަހު އެއްޗެއް ވިދާޅުވުމަކީ އެއްމެ ރަނގަޅު ގޮތްކަމުގައި ނޫނީ ނުވާނެއެވެ.

ޤަދީމީ މިޞްރުގައި އަންހެނުންގެ ޙައްޤުތައް ހުރިގޮތް

ކްރޭމާ ސެމުއަލް ނޯއާ. (1063) ހާމަކުރައްވާ ގޮތުގައި އެވޭލާ ޒަމާނުގައި މިޞްރުގެ މުޖުތަމަޢުގައި ދެޖިންސުގެ ޙައްޤުތައްވެސް ލިބިގެންވެއެވެ. ނަމަވެސް ޙައްޤު ކަށަވަރުވަނީ، އެ ކަނބަލަކު ނިސްބަތްވާ ޢާއިލާއެއްގެ ދަރަޖައިން ކަމަށާއި، އެ އަންހެނާޔަކީ ނިކަމެތި ޢާއިލާޔަކަށް ނިސްބަތްވާ ފަރާތެއްނަމަ އެ ފަރާތުގެ ޙައްޤުތައް ގެއްލިގެން ދާކަމުގައެވެ. އެގޮތުން ބިންތައް މިލްކުވެގެންވާ އަންހެނުންނަށް އެބައިމީހުންގެ ބިމާއި މުދާ މަންމައެއްގެ ޙައިސިއްޔަތުން އަންހެން ދަރިންނަށް ވާރުތަކުރުމުގެ ބާރު އެޒަމާނުގައި އެބައިމީހުންގެ މެދުގައި އޮތުމުގެ އިތުރަށް އަންހެނުންނަށް ގަނެވިއްކުމާއި ޕާޓްނާޝިޕްގައި ބައިވެރިވުމާއި، ވަޞިއްޔަތުން ދިނުމުގެ ޙައްޤު ދެވިފައިވާކަމުގައެވެ. މީގެ އިތުރުން ޤާނޫނީ ކަންކަމުގައި ހެކި ދިނުމުގެ ޙައްޤާއި، ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤާއި އަދި ދަރިން އެޑޮޕްޓް ކުރުމުގެ ޙައްޤުވެސް އަންހެނުންނަށް ލިބިގެންވާކަމުގައި، ސެމުއަލް ނޯއާ ކްރޭމާ ބަޔާންކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން ޕްރޮފެސަރ ސެމުއަލް ނޯއާ ކްރޭމާ،(16އޮކްޓޯބަރ 1975) “ދަ ސޫމޭރިއަން ވިމެން” ގައި، ސޫމާރީންގެ ތެރޭގައި އަންހެނުންގެ މަޤާމާއި އެ ކަނބަލުންނާއިމެދު ޢަމަލު ކުރެވެމުން ދިޔަގޮތް ބަޔާންކުރައްވާފައިވެއެވެ. މިޙަޟާރަތްތަކުގައި އަންހެނުނުންނާމެދު ކަންކަން ކޮށްފައިވާގޮތުން ގިނަ ޙައްޤުތަކެއް އަންހެނުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ކަން ހާމަވެގެންދެއެވެ.

ޤަދީމީ ގްރީސްގައި (ޔޫނާނީ) އަންހެނުންގެ ޙައްޤުތައް

ޔޫނާނީންގެ ޤަބޫލުކުރި ޢަޤީދާތަކުގައި ބުނެވޭ ގޮތުގައި އަންހެނާއަށް ޚާއްޞަ ކުރެވިފައިވާ ނަމަކީ، “ޕެންޑޯރާ”އެވެ. ގްރީކް ބަހުން މީގެ މާނަޔަކީ ހުރިހާ ފާފަތަކަށް މަގުފަހިކޮށްދޭ މީހާއެވެ. ޕެންޑޯރާ އުފައްދަވަން މެދުވެރިވި ސަބަބަކީ ޕްރޮމެތިއުސް ކަލާނގެ އުޑުން އަލިފާން ވަގަށްނެގުމެވެ. މި އަލިފާން އެކަލާނގެ ބިމުގެ އަހުލުވެރިންނަށް ހަދިޔާ ކުރިއެވެ. މިކަމާއި މެދު ބޮޑު ކަލާނގެ ޒިޔޫސް އިންތިހާއަށް ކޯފާވެއެވެ. މިވީ ކޯފާގެ ނަތީޖާއަކަށްވީ ބިމުގެ އަހުލުވެރިން ނިޢުމަތާއި ރަޙުމަތުން މަޙުރޫމް ކުރުމަށްޓަކައި، ޕެންޑޯރާ ކިޔާ އަންހެނަކު އުފެއްދެވުމެވެ. އެ އަންހެނާއަށް ބިމުގެ ކަންކޮޅުތަކުގެ ތެރެން ވަޒަންވެރިވުމަށް އަމުރުކުރެވުނީ، އެޕިމިތިއުސް ކިޔާ ރަސްކަލަކު ރަސްކަން ކުރައްވާ ޝަހަރެއްގައެވެ. އެރަސްގެފާނު މި އަންހެނާ ދެކެ ހިތްޕުޅާ ހަމަކުރައްވައި ކައިވެނި ބައްލަވައިގަނެއެވެ. މި ޕެންޑޯރާގެ އަތުގައި “ޕެންޑޯރާ ފޮށި” މި ނަންކިޔާ ފޮށްޓެއް ހުރެއެވެ. ޕެންޑޯރާ މި ފޮށި ހުޅުވަނީ ރަސްގެފާނުގެ ގަނޑުވަރުގައި މީހުން ނުއުޅޭ ވަގުތު ބަލައިގެން ކަމަށްވެއެވެ. އެފޮށީގައި، އެއްމެހައި ފާފަތައް ރައްކާކުރެވިފައިވާތީ ކަމަށްވާތީއެވެ. އަދި އެއްދުވަހަކު އެފޮށި ހުޅުވުމާއި އެކު އެފޮށި ބަންޑުންވެ އެފޮށީގައިވާ ފާފަތައް ބިންމަތީގައި ފެތުރިގަތެވެ. އެދުވަހަށްފަހު، ނާމާންކަމާއި ފާފަވެރިކަން ބިންމަތިން ފިލައިނުދާކަމަށް އެމީހުން ޤަބޫލުކުރެއެވެ. ޔޫނާނީން ދެކޭގޮތުގައި އަންހެނުންނަކީ ވަރަށްވެސް ދަށް ބަޔެކެވެ. އަންހެނުންނަށް އޮތް މައިގަނޑު ރޯލަކީ ދަރިން ވިހެއުމެވެ. އަދި ވަކިން ޚާއްޞަކޮށް ފިރިހެން ދަރިން ވިހެއުމެވެ. މި ޤަބޫލުކުރުން ތަކުގެ ސަބަބުން އެމީހުންގެ ތެރޭގައި އަންހެނުންނަކީ އެއްވެސް ޤަދަރެއް އިޙުތިރާމެއް އަގެއް އަދި ޢިއްޒަތެއް ލިބިގެންވާ ބަޔެއްނޫނެވެ. މިހެންވުމުން އަންހެނުންގެ ފަންޑަމެންޓަލް ރައިޓްސް ވަނީ ނިގުޅައިގަނެވިފައެވެ. ވުމާއިއެކު، އަގުހެޔޮކޮށް ވިޔަފަރިމުދާ ވިއްކައިލެވޭ ފަދައިން އަންހެނުންނަކީވެސް ވިއްކައި ވިޔަފާރި ކުރާ އެއްޗަކަށް އެބައިމީހުން ގެންގުޅެއެވެ. އަދި ސިފަ ހުތުރު ކުދިން ވިހާ އަންހެނުންނަށް އަދަބު ދިނުމަކީވެސް މި މީހުންގެ މެދުގައި އެޒަމާނުގައި ކުރަމުން އައި ކަމެއްކަމުގައިވެއެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި އަންހެނުންނަކީ ހަމައެކަނި އެމީހުން ޖިންސީ އެދުންވެރިކަން ފުއްދުމުގެ އަރާމު ލިބިގަތުމަށްޓަކައި ތިބޭ ބަޔެއްގެ ގޮތުގައެވެ.

އެރިކް ޑަބްލިޔު ރޮބިންސަން (2004). ( ޭރިޗ ޢ ޜޮބިނސޮނ )’އެންޝަންޓް ގްރީކް ޑިމޮކްރަސީ’ ގައި ހާމަކުރައްވާ ގޮތުގައި، އެވޭލާޒަމާނުގައި ގްރީސްގެ ބައެއްސިޓީތަކުގައި ސިޔާސީކަންކަމުގައި ބައިވެރިވެ އުޅުމުގެ ޙައްޤާއި، ހަމަހަމަ ކަމުގެ ޙައްޤު އަންހެނުންނަށް ލިބިގެނެއްނުވެއެވެ. އަންހެނަކު ފުރާވަރު ޢުމުރުން ފެށިގެން ވެސް އޭނާ ބޭނުން ތަނަކަށް ގޮސް އުޅުމުގެ ޙައްޤެއް އޭނާޔަކަށް ނޯވެއެވެ. އަދި އަންހެން ކުއްޖާ ތަޞައްރަފް ފުދުމަށްފަހު، ދަތުރު ފަތުރު ކުރުމުގެ ޙައްޤު އަންހެނާއަށް ގެއްލިގެންދެއެވެ. ގްރީސްގައި ދެޖިންސް ތަފާތުކޮށް ޤާނޫނު ހަދަން ފެށުނު ހިސާބުން، ގްރީސްގެ އަންހެނުންގެ ޙައްޤުތައް ހީނަރު ވަމުންގޮސްފައިވާ ކަމުގަ ހާމަކުރައްވައެވެ. އަދި ޤާނޫނީގޮތުން އަންހެނުންނަކީ ފިރިހެނުންފަދަ ބަޔެއް ކަމުގައިވެސް ބަލައިނުގަންނަ ކަމަށާއި، އެގޮތުން އެއީ ޝަޚުޞެއް ކަމުގައި ބަލައި ނުގަންނަ ކަމަށާއި، އަންހެން ދަރިންނަކީ ފިރިހެން ދަރިންގެ މުދަލެއްގެ ގޮތުގައި މީހަކާއި އިންނަންދެން ދެމިގެންދާކަމުގައި ބަޔާންކުރައްވާފައިވެއެވެ. މީހަކާ އިނުމަށްފަހުވެސް އަންހެނާއަށް ޤާނޫނީގޮތުން އަމިއްލައިން އެއްވެސް ކަމެއް ކުރުމުގެ ޙައްޤެއް ލިބިގެން ނުވާކަމަށާއި، އެ އަންހެނުންގެ ބަދަލުގައި އެފަދަ ކަންކަން ކުރަންޖެހޭނީ ބަލަދުވެރިކަން މަތިވެފައިވާ މީހަކު ކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އަންހެނުންނަށް މިލްކުކުރެވޭނެ މުދަލަކީ، ކައިވެނީގެ ރަނާއި، ތަރިކައިން ލިބޭއެއްޗެއްގެ އިތުރުން ހަދިޔާގެ ގޮތުގައި ލިބޭ އެއްޗެއް އެކަނި ކަމުގައިވެސް ހާމަކުރައްވައެވެ. މިފަދަ މުދާވެސް އަންހެނާގެ ކޮންސެންޓެއް ނެތި ނަގައި ބޭނުންކުރުމުގެ އިޚުތިޔާރު ބަލަދުވެރިޔާއަށް ލިބިގެން ވާކަމުގައެވެ. މި އެއްމެހައި ކަންކަމުންވެސް ހާމަވެގެންދާ ޙަޤީޤަތަކީ، އަންހެނުންގެ ޙައްޤުތައް ހިފެހެއްޓިފައިވާ މިންވަރުގެ ބޮޑުކަމެވެ. ޖުމުލަކޮށް އަންހެނުންނަކީ އެއްވެސް ޙައްޤެއް ލިބެންޖެހޭ ބަޔެއްގެ ގޮތުގައި ޤަބޫލު ނުކުރާކަމެވެ. ވިޔަފާރީގައި އަންހެނުން ބައިވެރިވުމުގައި މަޙުދޫދު (މިން) ކުރެވިފައިވަނީ އެއްގުރާމް ރަނުގެ އަގަށްވުރެން ވެސް ކުޑަ އަގެއް އެކުލެވޭ މިންވަރެއްގެ ވިޔަފާރީގައިމެނުވީ ބައިވެރިވެ ނުވޭގޮތަށެވެ. އެތެންސްގެ އަންހެނުން ޑިމޮކްރަސީގައިވަނީ އުޞޫލުތަކާއި ކަންކަން ކުރުމުންވެސް ބާކީ ކޮށްފައެވެ. މި ގޮތުން އެތެންސުގެ ރައްޔިތަކަށްވުމުގެ ޙައްޤު އެޒަމާނުގައި އެއްގޮތަކަށްވެސް އަންހެނަކަށް ލިބިފައި ނުވާކަމަށް ބަޔާންކުރައްވައެވެ. ތަޢުލީމް ޙާޞިލުކުރުމުގައި، އެތެންސުގެ އަންހެނުންނަށްވަނީ ޅެންވެރިކަމާއި، އުނގެނުމާއި، ސިޔާސީކަންކަމާއި، ފަންނުވެރި އެންމެހައި ދާއިރާތަކުން މަޙުރޫމް ކުރެވިފައިކަމުގައިވެސް ރޮބިންސަން ހާމަކުރައްވާފައިވެއެވެ. ގްރީކުގެ ޢިލްވެރިޔެއްކަމުގައިވާ އެރިސްޓޯޓަލް ޤަބޫލުކުރާގޮތުގައި އަންހެނުންނަކީ އަޅުންނާއި މުދާފަދަ އެއްޗެކެވެ. ނަމަވެސް މަޝްހޫރު ގްރީކުގެ ޢިލްމު ވެރިޔާ ޕްލޭޓޯ ޤަބޫލުކުރައްވާ ގޮތުގައި، އަންހެނުންނަށްވެސް އެމީހަކު ދިރިއުޅޭ ސަރަޙައްދެއްގައި، މަދަނީ އަދި ސިޔާސީ ޙައްޤުތައް އެމީހަކު ދިރިއުޅޭ ސަރަޙައްދެއްގެ ގޮތުން ލިބެންވާނެއެވެ. އެރިސްޓޯޓަލްގެ ވާހަކަތަކަށް ރައްދުދެމުން ޕްލޭޓޯ ހާމަކުރަނީ، އަންހެނުންނަކީ ފިޠުރީގޮތުން ތަފާތު ބަޔެއްކަމަށެވެ. ނަމަވެސް އަނބިންނަކީ ގަންނަން ޖެހޭބަޔެއް ނޫންކަމަށެވެ. އަދީ އަންހެނުންގެ އެންމެ ބޮޑު އިޤްތިޞާދީ ޙަރަކާތަކަށްވާންޖެހޭނީ ފިރިހެނުން އެބައިމީހުންނާއި ޙާވާލުކޮށްފައިވާ ގެޔާއި މުދާ ބެލެހެއްޓުންކަމުގައެވެ. މިގޮތުން މިނިވަންކަމަށް މަސައްކަތް ކުރެއްވި ފިލޯސަފަރު ޕްލޭޓޯ ދެކެލައްވާ ގޮތުގައި، ޖިންސުގެ ހަމަހަމަ ކަމާއި ހެދުން އެޅުމާއި އެއްފެންވަރެއްގެ ތަޢުލީމު ލިބުމުގައި ދެޖިންސުގެ މެދުގައި ގެންގުޅޭ ތަފާތުތައް ކުޑަކުރަންޖެހޭ ކަމުގައެވެ. ނުވަތަ މުޅިން ނައްތާލަންޖެހޭ ކަމުގައެވެ. އެގޮތަށް ތަފާތުކުރުމަކީ ފިޠުރީ ޤާނޫނާއިވެސް ޚިލާފުކަމެއްކަމުގައެވެ.

ކޮލިސްމާކިޔާ، (1990). ހާމަކުރައްވަނީ، ސައިނިކުން ޤަބޫލުކުރާގޮތުގައި އަންހެނުން އަޅަންޖެހޭނީ ފިރިހެނުން އަޅާކަހަލަ ހެދުންކަމަށާއި އަންހެނުންނަށް ތަޢުލީމުދޭންވާނީ ފިރިހެނުންނާއި އެއްފެންވަރެއްގައެވެ. އަދި ކައިވެންޏަކީ، މަނާޣިބީ (އަޚުލާޤީ ރިވެތި) ގުޅުމެއް އުފަންކުރުން ކަމަށްވުމާއިއެކު އިޖުތިމާޢީ އަދި ޖިންސީ ބޭނުންތަކަށް ވުރެން ބޮޑަށް ދެމީހުންގެ ހަމަހަމަކަން އޮންނަން ޖެހޭނެ ކަމުގައެވެ. ސައިނިކުންގެ މިވިސްނުން، އެމީހުންނަށްވުރެން ފަހުން ދުނިޔޭގައި އުޅުނު މިނިވަންކަމަށް މަސައްކަތް ކުރިމީހުން (ސްޓޮއިކްސް) އެމީހުންގެ ތިއަރީތަކަށް އިތުރުކޮށް ޖިންސުގެ ހަމަހަމަ ކަމުގައި ސިޔާސީ، އިޖުތިމާޢީ، އިޤްތިޞާދީ ކަންކަމުގައި އަންހެނުންނަށްވެސް ފިރިހެނުންނާއި އެއްވަރުގެ ޙައްޤެއް ލިބިދިނުމުގެ ފިލޯސަފީއެއް ގެންގުޅެފައިވާކަމަށް ކޮލިސް މާކިޔާ ބަޔާންކުރައްވައެވެ. އެހެންނަމަވެސް މިކަމަކީ އެ މުޖުތަމަޢު ބަލައިގަތް ކަމަކަށް އޮތީނުވެފައެވެ.

ޕްރޭކޭއޯ. (2012). ވިދާޅުވާގޮތުގައި އެތެންސް ފިލޯސަފަރު އެރިސްޓޯޓަލް ދެކެލައްވާ ގޮތުގައި، އަންހެނުންނަކީ ނަޖިސް މުޑުދާރު ބަލިފަތުރާ ބައެއްކަމަށެވެ. މުޖުތަމަޢުގެ ތެރޭގައި އުޅުމުން އެއްކިބާކޮށް ވަކިކޮށްލުމަކީ ހައްލެއް ކަމުގައިވެސް އެރިސްޓޯޓަލް ހާމަކުރައްވާކަމުގައެވެ. ބަޔާންވެދިޔަހެން އަންހެނުން ވަކިކޮށްފައި ބައިތިއްބާ ތަންތަނަށް ކޮޓަރި ފަދަ ތަންތަނަށް އެޒަމާނުގައި ކިޔައި އުޅުނުނަމަކީ “ގައިނައިކޮން ގުިނެަ ޝޮިނ /” (މަދު ފައިސާކޮޅަކަށް ވިއްކާއެއްޗެއް) ކަމުގައެވެ. އެތެންސުގެ އަންހެނުން ގޭގޭގައި ކުރަންޖެހޭ މަސައްކަތް ކުރުމަށްފަހުގައި ފިރިހެނުންނާއި އެކު ހޭދަކުރެވެނީ ވަރަށްކުޑަ ހިނދުކޮޅެއްގައި ކަމަށާއި، އަންހެނުން ވިހާދަރީންނަކީ ފިރިމީހާގެ ދަރީންތޯ ބަލައި ޔަޤީންކުރުމުގެ ޘަޤާފަތެއްވެސް އެތާގައި އެޒަމާނުގައި އޮތްކަމަށްވެސް ޕްރެކޭއޯ ހާމަކުރައްވާފައިވެއެވެ.9–

ބަޔާންވެދިޔަ ކަންކަމުން ހާމަވެގެންދާ ޙަޤީޤަތަކީ، ޔޫނާނީންގެ މެދުގައި އަންހުނުންނަށް މުޖުތަމަޢުގައި އިންސާނެއްގެ ޙައިޘިއްޔަތުންވެސް ރަސްމީކޮށް ލިބެންޖެހޭ ޙައްޤެއް ނެތްކަމެވެ.

(ނުނިމޭ)

 

 

 

 

 

 

 

Leave a Comment

Your email address will not be published.