މަތީ އަރުތަވެރިންގެ އިނާމު 2022-2021 ދިނުމުގެ ޖަލްސާ ބާއްވައިފި

2022-2021ވަނަ އަހަރުގެ މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް ” މަތީ އަރުތަވެރީންގެ އިނާމު” ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. ދަރުބާރުގޭގައި ރޭ ކުރިއަށްދިޔަ މި ޖަލްސާ  ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ  އިބްރާހީމް މުޙައްމަދު ޞާލިހްގެ ދެކަނބަލުންނެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޢަލީ އާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

2022-2021ވަނަ ދިރާސީ އަހަރު ދިވެހިރާއްޖޭގައި 2849 ދަރިވަރުން މަތީ ޘާނަވީ އިމްތިޙާން ފުރިހަމަކޮށްފައިވެއެވެ. މީގެ ތެރެއިން 445 ދަރިވަރުން ވަނީ މުޅި ރާއްޖެއިން އެންމެ ރަނގަޅު  10 ނަތީޖާ ހޯދި ދަރިވަރުންގެ  ތެރޭގައި ހިމެނިފައެވެ. 2022-2021ވަނަ އަހަރު 3 މާއްދާއިން *A  ހޯދައިގެން 38 ދަރިވަރަކު އެޑެކްސެލް  އެކްސެލެންސް އެވޯޑްވަނީ ޙާޞިލްކޮށްފައެވެ. މީގެއިތުރުން ވަކިވަކި މާއްދާއިން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ 20 ދަރިވަރަކު ހޯދާފައިވާއިރު، 6 ދަރިވަރަކު އެކި އެކި މާއްދާއިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައިވެއެވެ. މި އަހަރު 5 މާއްދާއިން  *A ހޯދާއިގެން 17 ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ 10ގެ 1 ވަނަ ހޯދާފައެވެ.

މިޙަފްލާ އިތުރަށް ފުރިހަމަވެގެންދިޔަ އެއް ކަމަކީ، މަތީ އަރުތަވެރިންގެ އިނާމަށް ވާދަކުރުމުގެ ފުރުޞަތު އަލްމަދަރުސަތުލް އަބަރިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް  ލިބިގެން ދިއުމެވެ. އަދި ފަޚުރުވެރި ރަން ވަނަ ހޯދި ދަރިވަރުންގެ ދަފްތަރުގައި ރޭ އެ މަދަރުސާގެ ދަރިވަރުންގެ ނަން ވެސް ހިމެނިގެންދިޔައެވެ. މިކަމުން އެނގިގެންދަނީ ޢަރަބި ތަޢުލީމަށް އަދުގެ ސަރުކާރުން ދޭ އަހައްމިއްޔަތުގެ ބޮޑުކަންކަމުގައި ފާހަގަކޮށްފައިވެއެވެ.

ޚަބަރާގުޅޭ އިތުރު ފޮޓޯ:

Leave a Comment

Your email address will not be published.