ގާފަރު ސްކޫލްގެ 2022-2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

ގާފަރު ސްކޫލްގެ 2021-2022 ވަނަ އަހަރުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ 26 މެއި 2023 ވީ ހުކުރު ދުވަހުގެރޭ ގާފަރު ސްކޫލް ހޯލުގައި ބާއްވައިފިއެވެ. މި ޖަލްސާ ޝަރަފް ވެރި ކޮށްދެއްވީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) ގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބެވެ.

މި ޖަލްސާގައި 2021-2022 ވަނަ ދިރާސީ އަހަރުގެ ގުރޭޑް 9 އަދި 10 ން ވަނަތަކަށް އައި ދަރިވަރުންނަށް ވަނީ އިނާމުދީފައެވެ.

2022-2021 ވަނަ އަހަރުގެ ގާފަރު ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ ކ. ގާފަރު ސޯސަންވިލާ، ޢާއިޝަތު އުނޫޝާ އަޙްމަދެވެ. އުނޫޝާވަނީ ވޭތުވެދިޔަ އަހަރުގެ އޯލެވެލް އިމްތިޙާނުން ރާއްޖޭގެ ގަދަ 10 ގެ 3 ވަނަ ޙާޞިލްކޮށް، ނެޝެނަލް ލެވެލްގެ ޓޮޕް އެޗީވަރސް އެވޯޑު ވެސް ޙާސިލްކޮށްފައެވެ. އަދި 2021-2022 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކައުޓަކީވެސް މިދަރިވަރެވެ.

ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމުތައް ބައްސަވައި ދެއްވީ ޝަރަފްވެރި މެހްމާން ނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިޔުކޭޝަން (އެން.އައި.އީ) ގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބާއި، ގާފަރު ސްކޫލުގެ  ޕްރިންސިޕަލް  ޢަބްދުﷲ ޚަލީލާއި، ގާފަރު ކައުންސިލް މެމްބަރުންގެ  އިތުރުން ރަށުގައި ހުރި ސަރުކާރު ބައެއް މުއައްސަސާތަކުގެ ވެރިންނެވެ.

މި ޖަލްސާގައި ޝަރަފްވެރި މެޙްމާން ދެއްކެވި ވާހަކަފުޅުގައި ޢިލްމު އުނގެނުމުގެ ޙަޤީޤީ ބޭނުމަކީ ކޮބައިކަމާ، ޢިލްމު އުނގެނިގެން ހުންނަ މީހާގެ ކިބައިން ފެންނާނެ ސިފަތަކުގެ މައްޗަށް، ދުނިޔަވީ މިސާލުތަކާއި ޢިބްރަތްތެރި ވާހަކަތަކާއެކު، ވަރަށް ތަފްސީލުކޮށް ބައްލަވައިލެއްވިއެވެ.

މި ޖަލްސާގައި ސްކޫލްގެ ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި ޒަމާނަށް އަންނަމުންދާ ބަދަލާއެކު އުނގެނުމާއި، އުނގަންނައިދިނުމުގެ ދާއިރާއަށް އަންނަމުންދާ ބަދަލުތައް ފާހަގަކުރައްވަމުން، އެކަންކަމުގައި ޢަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ބެލެނިވެރިންނަށް ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވިއެވެ.

މި ޖަލްސާގައި ރަށުގައި ހުރި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއި ސްކޫލްގެ މުއައްޒަފުން އަދި ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ.

Leave a Comment

Your email address will not be published.