ދަރިން ތަރުބިއްޔަތުކުރުމުގެ އެންމެ އިސްރޯލެއް އަދާކުރަނީ މުދައްރިސުންނެވެ

ތަރުބިއްޔަތުގެ ސަބަބުން ކުރަމުންދާ އަސަރުތައް

ތަރުބިއްޔަތު ކުރުމުގައި ދަރިވަރުންނަށާއި މުދައްރިސުންނަށް ތަފާތު އެތައް އަސަރުތަކެއް ކުރަމުންދެއެވެ. އެއީ ސްކޫލުގެ މާހައުލުންނާއި، ޢާއްމު ދިވެހި ވެށިން ކުރަމުންދާ އަސަރުތަކެވެ. މިއިން ކޮންމެ މާޙައުލަކުންވެސް ތަފާތު އެތައް އަސަރުތަކެއް ކުރަމުން ދެއެވެ. އެއީ ރަނގަޅު އަސަރުތަކާއި، ނުރަނގަޅު އަސަރުތަކެވެ.

މުޖުތަމަޢުގެ އަފުރާދުންނަށާއި ރަށްރަށުގެ ވެއްޓަށް އައިސްފައިވާ ބަދަލުތަކަކީ ކިޔަވާ ކުދިންގެ ސްކޫލަކަށް އަސަރުކުރުވާ ކަންކަމެކެވެ. ޤާނޫނުތަކާއި، ޤަވާޢިދުތަކަށް ކިޔަމަންތެރި ނުވުމާއި، އަނެކުންނަށް އިޙްތިރާމު ނުކުރުން މިއަދު ޢާއްމު ވެފައި ނުވާކަމުގައި ދެންނެވިދާނެ ހެއްޔެވެ؟ އަދި މިކަމުގެ ސަބަބުން މިއަދު ސްކޫލު މަދަރުސާތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ އުޅުމާއި، އަޚްލާޤަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައި ނުވާކަމުގައިވެސް ދެންނެވިދާނެ ހެއްޔެވެ؟ ލޮބުވެތި ކިޔުންތެރިންނޭވެ! މިހާރަކަށްއައިސް މުދައްރިސުންނަށް އިޙްތިރާމް ކުރުމާއި، ކިޔަމަންތެރިވުމުގެ މާތް ސިފަތައް ގިނަ ކުދިންގެ އަޚުލާގީ ފޭރާމުން ވަނީ ވަކިވެފައި ނޫންތޯއެވެ. މިފަދަ މައްސަލަތަކުގެ ކަންބޮޑުވުންތައް ހާމަކުރައްވަމުން މިކަމުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި، އިޖުތިމާޢީ ތަފާތު ޙާލަތްތަކެއްގެ ތެރެއިން އެކުއްޖެއްގެ ވިސްނުމާއި ޢުމުރާއި ގުޅޭފަދަ ގޮތަކަށް ވިސްނުން ބައްޓަންވެގެންދަނީ ކުދިން އުޅޭ ޘަޤާފީ އިޖުތިމާޢީ މާހައުލުގެ އަސަރުން ކަމުގައެވެ.

ދަރިވަރުން އުނގެނުމަށް ދޭ ސަމާލުކަން ކުޑަވުމަކީ މުދައްރިސުންނަށް ކްލާސްރޫމުގައި އުނގެނުމަށް ދިމާވާ ކަންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކަމެވެ. މުދައްރިސުން އުނގަންނައި ދިނުމަށް ތައްޔާރުވެގެންދާ ފިލާވަޅުތަކުން އުނގަންނައި ދިނުމަށް ބޭނުންވާ ފެންވަރަށް އަދި ބޭނުންވާ ފުންމިނުގައި، ފިލާވަޅުތައް ގެންދިއުމަށް ކުދިން ކިޔެވުމުގައި ބަހައްޓަންޖެހޭ  ޝައުޤުވެރިކަން ދަށްވުމުގެ ސަބަބުން، އެކުދިންގެ ވިސްނުން ތަރައްޤީ ކުރުވުމަށް މުހިންމުވާ މަޢުލޫމާތު ޑެލިވަރ ކޮށްދިނުމުގައި މުދައްރިސުންނަށް ވަނީ ވަރަށް ބޮޑު ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. މިކަމާމެދު ޢިލްމުވެރިން ދެކެލައްވާ ގޮތުގައި، ސްކޫލްތަކުން ދަސްކުރުމުގެ ފުރިހަމަ މާޙައުލެއް އުފައްދައި ޙަރަކާތްތެރިކަމާއެކު ދަރިވަރުންގެ އަމިއްލަ ބޭނުންތައް ދެނެގަނެ އުނގަންނައި ދިނުން ކުރިއަށްގެންދެވޭނެ ފަދަ މާހައުލެއް ބިނާކޮށްދޭންޖެހޭނީ ސްކޫލުން ކަމުގައެވެ. އެހެންކަމުން މިފަދަ ރަނގަޅު މާޙައުލެއް ޤާއިމް ކުރެވިގެން ދިއުމަކީ އިސްވެ ދެންނެވުނު ކަންކަމަށް ހައްލުލިބި ޓީޗަރުންނަށާއި ދަރިވަރުންނަށް އުނގެނުމަށް ފަހިވެ މުދައްރިސުންނަށް އުނގަންނައި ދިނުމަށް މަގުފަހި ވެއްޖެކަމުގެ ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއްކަމުގައި މި ދާއިރާގެ ގިނަބަޔަކު ގަބޫލުކުރެއެވެ. 

ތަރުބިއްޔަތުން ކުރާ އަސަރުތަކުގެ ޙައްލު 

ކޮންމެ މުދައްރިސަކަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނުވަތަ އަސަރަކީ ކިޔަވާ ކުދިންގެ އަޚްލާޤް ދަށްވުމުގެ މައްސަލައެވެ. މިކަމުގެ ސަބަބުން މުދައްރިސުންނަށް ދިމާވަމުންދާ ދަތިތައް ޤައުމީ ފެންވަރުގައާއި ސްކޫލު ފެންވަރުގައި ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިދާނެއެވެ. އެގޮތުން އުނގަންނައި ދިނުމުގެ ކަންތައް މަޢުނަވީ ގޮތެއްގައި ރާވާލައިގެން ހިންގުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ސްކޫލު މަދަރުސާތަކުގައި އުނގަންނައިދިނުމުގެ ކަންތައް ދަރިވަރުން ގަޔާވާގޮތަށް މުދައްރިސުން އިންތިޒާމު ކުރުމަކީ ކުދިންގެ އަޚްލާޤަށް ހެޔޮ އަސަރު ކުރުވާނެ ކަމެކެވެ. ދަރިވަރުން އެއްޗެހި އުނގެނެނީ އެކި ކުދިން އެކިގޮތަށް ކަމަށްވެފައި، އަދި އެކި މިންވަރަށް ވުމާއެކު ތަފާތު ގޮތްގޮތަށް ބޭނުންކުރުމަކީ ގިނަ ކުދިންނަށް އުނގެނުމަށް އެހީވެދޭނެ ކަމެކެވެ.

ދަރިވަރުންގެ ޢަޤީދާ އާއި އީމާންތެރިކަން އިތުރުކުރެވޭފަދަ ޕްރޮގްރާމްތައް ހިންގުމާއި، ދީނީ ދަރުސް ދިނުމާއި، ﷲ ވާޖިބު ކުރައްވާފައިވާ ކަންކަން ކުރުމުގައި އިރުޝާދު ދިނުމާއި، އަދި އެފަދަ ކަންކަމުގައި މުދައްރިސުންގެ ފަރާތުން ނަމޫނާދެއްކުމާއި، ވަކިންޚާއްޞަކޮށް ފަރުޟް ނަމާދުތައް ކުރުމަށް އާދަކުރުވުމަކީ، ކުދިންގެ އަޚްލާޤަށް ވަރަށް ބޮޑު ހެޔޮ ރަނގަޅު އަސަރު ކުރާނެ ކަމެއްކަމާއިމެދު ޝައްކުރެވޭނެ ފުރުޞަތެއް އެބައޮތްތޯއެވެ! މީގެއިތުރުން ދަރިވަރުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލަމުން ގެންދަވާ ދަރިވަރުންގެ ބެލެނިވެރިން ދަރިވަރުން ގެންގުޅެ ތަރުބިއްޔަތު ކުރުމުގައި ފަރުވާތެރިވުމާއެކު، މުދައްރިސުންނާއި، އެހެންމީހުނަށް އިޙުތިރާމް ކުރުމާއި، ކެތްތެރިކަމާއި، މާފުކުރުމާއި، ހެޔޮބަސް ބުނުމާއި، ޙަސަދަވެރިކަމާއި ނަފްރަތު ކުރުމުން ދަރިވަރުން ރައްކާތެރި ކުރުމަށް ޒިންމާދާރު ކަމާއިއެކު، ވީހާވެސް ގާތުން ބަލައި ގިނަގިނައިން ނަޞޭޙަތް ދެއްވާ ހެދުމަކީ ކުދިންގެ އަޚްލާޤް ރަނގަޅުވާނެ މުހިންމު ކަންކަމެވެ. އަދި ކްލާސްތަކުގައި ދަރިވަރުންގެ ފަރާތުން ދިމާވާ އަޚްލާޤީ މައްސަލަތައް މަދުވެ  ރީތި އަޚުލާގަށް މަގުފަހިވެގެންދާނެ ކަމެކެވެ. އެގޮތުން ޝުޢައިބް ޔޫސުފް (1424) ހާމަކުރައްވާ ގޮތުގައި، ދަރިވަރުން އުނގެނުމަށް ޝައުޤްވެރި ކުރުމަށްޓަކައި ކުލާހުގައި ތިބި ހުރިހާ ދަރިވަރުންގެ އުނގެނުމުގެ ވައްތަރުތަކަށް އަމާޒުކޮށްގެން އުނގަންނައި ދިނުން ބައްޓަން ކުރުން ވަރަށް މުހިއްމެވެ. އެހެންކަމުން ތަރުބިއްޔަތު ކުރުމުގައި ހުރި މައްސަލަތައް ޙައްލު ކުރުމުގައި ސްކޫލު މާޙައުލުންނާއި، މުޖުތަމަޢުގެ އެއްބާރުލުން ލިބުމަކީ އަޚްލާޤަށް ހެޔޮ ބަދަލު ގެނައުމަށް ކުރެވިދާނެ ކަންކަމެކެވެ.

ނިންމާލަމުން

ދަރިވަރުންގެ ކުރިމަގަށްޓަކައި މުދައްރިސުން ކޮށްދޭންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ. ކޮންމެ ޓީޗަރެއްގެ މައިގަނޑު ބޭނުމަކީ ކިޔަވައިދިނުން ކަމަށްވާއިރު، ކިޔަވައިދޭ ޓީޗަރުގެ ކިބައިގައި ދަރިވަރު ޤަބޫލުކުރާ ރަނގަޅު ރީތި ސިފަތަކާއި، އަގު ކުރެވޭ ރަނގަޅު ބަހާތަކެއް ހުންނަން ޖެހެއެވެ. ޓީޗަރަކީ ކިޔަވައިދިނުމުގެ ތެރެއިން ދަރިވަރުންނަށް ރަނގަޅު އަޚްލާޤީ ސިފަތަކާއި ޢިލްމާއި މަޢުލޫމާތު ދަސްކޮށްދެވޭ މީހަކަށް ވާންވާނެއެވެ. މުދައްރިސުންނަކީ ހަރުދަނާ ބަޔަކަށް ވާންޖެހޭ ސަބަބުތަކެއް އެބަހުރިކަން ހާމަވެގެން ހިނަގއްޖެއެވެ. އެގޮތުން މުދައްރިސަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ޙަވާލުވެފައިވާ ވަރަށްވެސް ޒިންމާދާރު އިސްރޯލެއް އަދާކުރާންޖެހޭ ފަރާތެއްކަން ޔަގީންވެގެން ހިނގައްޖެއެވެ. އެއީ އައު ޖީލެއް ތަޢުލީމީ ބައެއްގެ ގޮތުގައި ނެރުމުގެ ބޮޑުޒިންމާއެއް އަދާކުރާ މީހާ ނޫންތޯއެވެ. އަދި އެކުއްޖެއްގެ އުޅުމާއި އަޚްލާޤާއި ބަސްމަގު ވަރަށް ގިނަފަހަރަށް ކުދިން ކޮޕީކުރާ ނަމޫނާއެވެ. މިހެން މިކަންއޮތްނަމަ! މުދައްރިސެއްގެ ގައިގައި ގިނަ ރިވެތި އަޚްލާޤީ މާތް ސިފަތަކެއް އަށަގަންނުވަން ޖެހެއެވެ. އެއީ ތުއްތު ދަރިންނަށް ރިވެތި ނަމޫނާ ދެއްކޭނީ އެހެން އެކަން އޮތުމުން ކަމަށްވާތީއެވެ. އެހެންކަމުން އިސްލާމް ދީނުގައިވާ ރިވެތި އުޞޫލު ތަކުގައި ހިފެހެއްޓުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެގޮތުން އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކު މުޢާމަލާތް ކުރުމާއި، ރުޅި ކޮންޓްރޯލް ކުރުމާއި، ޢަދުލުވެރިކަމާއި، އިންޞާފަށް ލޯބިކުރުމާއި، ފިލާވަޅު ނަގައިދިނުމަށް ތައްޔާރުވެގެން ގަޑިއަށް ފަރުވާތެރިވެ، އިސްލާމީ ޙުދޫދުގެ ތެރެއިން ހެދުން އެޅުން ފަދަ ކަންތައްތަކާއެކު ސާފުތާހިރު ކަމަށް ލޯބިކުރުމަކީ މުދައްރިސެއްގެ ކިބައިގައި ހުންނަންޖެހޭ ލާޒިމް ސިފަތަކެވެ. އެއީ ތަރުބިއްޔަތު ކުރެވޭނީ މިފަދަ އެންމެހާ ސިފަތަކަށް ސަމާލުކަންދީގެން ކަމަށް ވާތީއެވެ.

އާދޭހެވެ! މިދެއްކެނީ މުދައްރިސުންނާއި، މަދަރުސާގެ ވާހަކައެވެ. ނަމަވެސް ކޮންމެކަމެއްގައިވެސް އެކަމެއްގައި ޝާމިލްވާ އެއްފަރާތަށްވުރެން ގިނަ ފަރާތްތަކެއްވާނެއެވެ. ހަމަ އެހެންމެ ކޮންމެ ޙައްގަކާއިއެކު ޒިންމާއެއް އޮވޭ ނޫންތޯއެވެ! އެހެންނަމަ، މުދައްރިސުންނަށް އިސްވެ ބަޔާންކުރެވުނު ކަންކަން ކުރުމުގައި ދަރިވަރުންނާއި ބެލެނިވެރިންގެ މަސްއޫލިއްޔަތެއް ނޯވެ ދާނެތޯއެވެ؟ އޮނާނެކަން ޔަގީނެވެ. ދަރިވަރުންނަކީ، މުދައްރިސުންނާއި ސްކޫލުގެ ގަވާޢިދުތަކާއި، އުޞޫލުތަކަށް އިޙުތިރާމްކުރާ އެކަންކަމަށްރައްކާތެރިބަޔަކަށް ދަރިވަރުން ހެދުމަށްޓަކާ ކެތްތެރިކަމާއި އިހުތިރާމާއިއެކު ޙިކުމަތްތެރިކަން އިސްކޮށްގެން މުދައްރިސުންނާއި، ބެލެނިވެރިންނާއި ގުޅިގެން ކުށްދެއްކުމުގެ ބަދަލުގައި ބިނާކުރަނިވި މަޝްވަރާތައްކޮށްގެން ކަންކަން ނިންމުމަށް ރަނގަޅު ރޭވުންތައް ރާވައިގެން ކަންކަން ކުރުމުގެ މަގު އިޚުތިޔާރު ކޮށްފިނަމަ، މުދައްރިސުންނަށް ދަރިވަރުންގެ ޙަޔާތް ބާއްޖަވެރި ކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެވިދާނެއެވެ. އެހެންނޫނީ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތުގެ އެދެވޭ ނަތީޖާއެއް ނެރެނުދެވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މި ދެންނެވި ފަދަ ކަންތައްތަކަށް ބެލުމަށްފަހު ތަރުބިއްޔަތު ކުރުމުގައި އެންމެ އިސްރޯލެއް އަދާކުރަނީ ހަމަ މުދައްރިސުންނެވެ.    (ނިމުނީ)

 

 

 

 

Leave a Comment

Your email address will not be published.