ލިޔުނީ: އަޙްމަދު މުޙަންމަދު، ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް
އުނގެނުމާއި އުނގަންނައިދިނުން ބިނާވެފައިވަނީ ދަރިވަރުންނާއި މުދައްރިސުންނާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށެވެ. ހަމައެއާއެކު ދަރިވަރުންނަށް ލިބިދެވޭ މަޢުލޫމާތުގެ ފެންވަރު ގުޅިފައިވަނީ ހުށަހަޅައިދެވޭ ފިލާވަޅުގެ ފެންވަރާއި، ދަރިވަރުންނާމެދު ބަހައްޓާ ގާތްކަމާއި ކިލާސްރޫމުގެ މާޙައުލާއެވެ. މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި އުނގަންނައިދިނުމުގައި ވަކި ކަހަލަ ޤަވާޢިދުތަކެއް ހިފަހައްޓަން ޖެހެއެވެ. އެއީ، ކާމިޔާބުކަމާއެކު ކިލާސްރޫމު މެނޭޖު ކުރުމެވެ.
ފިލާވަޅެއް ކިޔަވައިދިނުމަށް ރާވާއިރު ކިލާސްރޫމުގެ ޤަވާޢިދުތަކާއި ހަމަތައް ހިފަހައްޓާނެ ގޮތުގެ ވިސްނުން ގެންގުޅެންޖެހެއެވެ. އެއީ ފިލާވަޅުގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ. ހަމައެއާއެކު ކިޔަވައިދޭއިރު ދަރިވަރުންގެ ސިކުނޑީގައި މަޢުލޫމާތު ފަސޭހައިން އަށަގަންނާނެ ގޮތަކަށް ކިލާސްރޫމުގެ މާޙައުލު ހިފަހައްޓައިގެން ކުރިއަށް ގެންދިއުން މުހިންމެވެ.
ރަނގަޅަށް ކިލާސްރޫމު މެނޭޖުކުރެވިދާނެ ގޮތްތަކެއް މިވަނީއެވެ.
1) ފިލާވަޅު ގެންދާނެ ގޮތުގެ ތަފްޞީލު ޕްލޭނެއް – އޭގެތެރޭގައި ގެންދާނެ ބައިތަކުގެ އިތުރުން ބޭނުންކުރާނެ ތަކެތި ޕްލޭނުގައި ހިމެނުން.
2) ކިޔަވައިދޭއިރު ކިލާސްރޫމުގައި އަމަލުކުރެވޭނެ ޤަވާޢިދުތައް – އޭގެތެރޭގައި ހުއްދަ ހޯދައިގެން ވާހަކަދެއްކުން، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރުން ފަދަ ކަންތައްތައް
3) ތަރުހީބު ދެވޭނެ ޙާލަތްތަކާއި ގޮތްތައް ކަނޑައެޅުން
4) އުނގެނެން ގަޔާވާކަހަލަ މާޙައުލެއް އުފެއްދުން – އޭގެ ސަބަބުން ދަރިވަރުންގެ ބައިވެރިވުން އިތުރުވުމާއި ހުނަރު ދެއްކުމަށް ބޭނުންވުން
ޕްލޭން ނުވަތަ ރޭވުން ރަނގަޅުވެއްޖެނަމަ ކިޔަވައިދިނުމުގައި އެތައް ފައިދާތަކެއް ޚާއްޞަކޮށް ދަރިވަރުންނަށް ލިބިގެންދާނެއެވެ.
ކިލާސްރޫމު މެނޭޖުކުރުން މުހިންމު 5 ސަބަބެއް
ކިލާސްރޫމަކީ ތަފާތު މިޒާޖުގެބައެއް އެއްތަނެއްގައި ތިބެގެން އެކީގައި ކުރަންޖެހޭ މަސައްކަތެއް ކުރާ ތަނެކެވެ. ދަރިވަރުންނަށް އެހީތެރިވެދީ ކުރިއެރުވަށްޓަކައި ކިލާސްރޫމު މެނޭޖުކުރުމުގެ ތަފާތު އިސްތިރާޖީތަކެއް މުދައްރިސުންނަށް ގެންދެވިދާނެއެވެ. އެ އިސްތިރާޖީތައް ތިން މަރުޙަލާއަކަށް ބައިކޮށްލެވިދާނެއެވެ.
ފުރަތަމަ މަރުޙަލާ: ޢާއްމު އިރުޝާދުތައް – އޭގެތެރޭގައި ހިމެނެނީ ކިޔަވައިދޭ ތަނުގައި ހިފަހައްޓަންޖެހޭ އަޚްލާޤީ މިންގަނޑުތައް އަދި އެތަނުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް.
ދެވަނަ މަރުޙަލާ: ކުދި ގުރޫޕުތަކާ އެކުގައި މަސައްކަތް ކުރުމުގެ ޤަވާއިދުތައް – މީގެ ތެރޭގައި ހިމެނެނީ ވަކިވަކި ކުދިންނާ މުޢާމަލާތް ކުރުމަށްޓަކައި ކުރިމަތިލާނެ ގޮތްތައް (ޞުލްޙަ މަސަލަސްކަން ހިފެހެއްޓުން، އިރުޝާދުދިނުން، އިޖުތިމާޢީ ހުނަރުތައް ތަރައްޤީ ކުރުން)
ތިންވަނަ މަރުޙަލާ: އެކަނި މަސައްކަތްކުރުން – މީގެތެރޭގައި ޚާއްޞަ ސަމާލުކަން ބޭނުންވާ ދަރިވަރުންނާއެކު މަސައްކަތްކުރުން (ޝާމިލުކޮށްގެން ކިޔަވައިދިނުން)
މިހުރިހާ ގޮތްތަކެއް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ބޭނުމަކީ ދަރިވަރުންގެ ކިބައިން ފެންނަންޖެހޭ ފުރިހަމަ ޤާބިލުކަމާ ހަމަޔަށް ގެންގޮސްދިނުމެވެ. އޭގެ ސަބަބުން އެމީހުންނަށް ހިތްހަމަޖެހުން ލިބި ރައްކާތެރިކަން އިޙްސާސްވެގެން ދިއުމެވެ.
ކިލާހުގެ ދަރިވަރުން އެކަކު އަނެކަކަށް އިޙްތިރާމު ކުރާފަދަ ފައިދާހުރި ގޮތަކަށް، މުދައްރިސަށް ކިލާސްރޫމު މެނޭޖުކުރެވޭނަމަ އަންނަނިވި ނަތީޖާތައް ފެންނަމުންދާނެއެވެ.
1. ގަޔާވެގެން ކިޔަވާހިތްވާ މާޙައުލަކަށް ވުން
އުނގެނުމަކީ އެތައް ކަމެއް އޭގައި ހިމެނޭ ކަމަކަށްވާތީ އެކަމުގައި ދަރިވަރުންގެ ސަމާލުކަން ދެމެހެއްޓުމަށްޓަކައި ތައްޔާރީތަކެއް ވާންޖެހެއެވެ. އޭގެ މައިގަނޑު ޒިންމާއެއް އޮތީ މުދައްރިސަށެވެ. އެއީ، ދަރިވަރުންގެ ސަމާލުކަން ލިބޭގޮތަށް އުނގަންނައިދިނުން ގެންދާނެ ފަރާތަކީ މުދައްރިސް ކަމަށްވާތީއެވެ. އެންމެ ފުރަތަމަ ކިލާސްރޫމުތެރެ ހުންނަންވާނީ ދަރިވަރުން އެތަނަކަށް ވަދެ ގަޔާވެގެން ތިބެ ކިޔަވާހިތްވާ ފަދަ ގޮތަކަށް ޑިޒައިންކޮށް އަތުރާލެވިފައިވާ ތަނެއްގެ ގޮތުގައެވެ. ތަޖުރިބާކާރު މުދައްރިސަކަށް ދަރިވަރުން ބައިވެރިކޮށްގެން ކިލާސްރޫމު އެފަދަ ތަނަކަށް ބަދަލުކޮށްލުމަކީ މާއުނދަގޫ ކަމެއް ނޫނެވެ. ދަރިވަރުން ބައިވެރިކޮށްގެން ކަންކަންކުރުމުން ކިލާސްރޫމުގައި ދަރިވަރުންގެ ފަރާތުން މުދައްރިސަށް ކުރިމަތިވާ އުނދަގޫ ކަންކަން ޙައްލުކުރަން ފަސޭހަވެގެންދާނެއެވެ.
2. މުދައްރިސުންނާއި ދަރިވަރުން އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުން
ކިލާސްރޫމުގެ ތެރޭގައި ކުރާ މަސައްކަތް ކާމިޔާބީއާ ހަމަޔަށް ގެންދިއުމަށްޓަކައި ކޮންމެ މުދައްރިސަކުވެސް ހަރުދަނާ އުޞޫލުތަކެއް ގެންގުޅެންޖެހެއެވެ. އެއީ ކާމިޔާބީއާ ހަމަޔަށް ދިއުމުގައި ކުރިމަތިވާ ހުރަސްތައް ގިރާކުރުމަށްޓަކައި ހިފަހައްޓަންޖެހޭ އުޞޫލުތަކެކެވެ. އޭގެ މައިގަނޑު އުޞޫލަކީ ދަރިވަރުންނާއި މުދައްރިސާ ދެމެދުގައި އޮންނަންޖެހޭ ގުޅުމާއި އިޙްތިރާމެވެ. ދެފަރާތުން ހިފަހައްޓަންޖެހޭ އަޚްލާޤީ މިންގަނޑުތަކާއި ވާހަކަދެއްކުމުގައި ގެންގުޅެންޖެހޭ ގޮތްތަކަކީ އެންމެ މުހިންމު ކަންކަމެވެ. ހުރިހާ ދަރިވަރުންނާމެދު އެއްގޮތަކަށް މުޢާމަލާތުކޮށް އެއް އުޞޫލަކުން ޤަވާޢިދުތައް ހިންގާނަމަ ވަރަށް ފަސޭހައިން ދަރިވަރުން އެކަންކަން ބަލައިގަނެ އަމަލުކުރަމުން ގެންދާނެއެވެ. އޭގެ ސަބަބުން ދަރިވަރުންގެ ތެރޭގައި އެކަކު އަނެކަކަށް އޮތް ދައުރު އެނގި ޖަމާޢަތެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބި އެކަކު އަނެކަކަށް އިޙްތިރާމުކުރަން ދަސްވެގެން ދެއެވެ.
3. ދަރިވަރުންގެ ވަކިވަކި ބޭނުންތަކަށް އެހީތެރިވުން
ކިލާސްރޫމުގައި ތިބޭނީ ތަފާތު މިޒާޖުގެ އަދި ތަފާތު ކަންކަމަށް ޝައުޤުވެރިކަން ހުންނަ ދަރިވަރުންނެވެ. އެހެންކަމުން އެންމެންގެ ސަމާލުކަން އެއްކަމަކަށް ގެނުވައިގެން މަސައްކަތްކުރުމަކީ މުދައްރިސްގެ މަސްއޫލިއްޔަތެކެވެ. ދެނެގަންނަންޖެހޭ ކަމަކީ ދަރިވަރުންގެ ވަކިވަކި ބޭނުންތަކެވެ. އެހެންކަމުން ދަރިވަރުންގެ އެކަންކަމަށް ސަމާލުވާށެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ބައެއް ކުދިންނަށް ފިލާވަޅާގުޅޭ ގޮތުން މާބޮޑަށް އޮޅުން ފިލުވައިދޭން ޖެހިދާނެއެވެ. އަނެއްބައި ދަރިވަރުންނަކީ ފަސޭހައިން ކަންކަން ދަސްކުރުމުގެ ހުނަރު ލިބިފައިވާ ދަރިވަރުންނެވެ. އެމީހުން އިތުރަށް އޮޅުންފިލުވައި ދަސްކުރަން ބޭނުންވާނެއެވެ. މި ހުރިހާ ދަރިވަރުންނަށްވެސް ފިލާވަޅާ ގުޅޭގޮތުން އަހާ އޮޅުން ފިލުވުމަށް އަދި ޚިޔާލު ފާޅުކުރުމަށް ހިތްވަރުދޭށެވެ.
4. އިޖުތިމާޢީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރިއެރުން
ފުރިހަމަ ގޮތެއްގައި ކިލާސްރޫމު ހަމަޔަކަށް އަޅުވައިގެން ކިޔަވައިދިނުން ކުރިއަށް ގެންދިއުން އެއީ ހަމައެކަނި އުނގަންނައިދިނުމަށް މުދައްރިސަށް ލިބޭ ފުރުޞަތެއް ނޫނެވެ. އޭގެ އިތުރުން އެއީ ދަރިވަރުންގެ އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަން ތަރައްޤީ ކުރުމަށް ވެސް ލިބޭ އަގުހުރި ފުރުޞަތެކެވެ. އޭގެ ތެރޭގައި ތަފާތު ޙާލަތްތަކަށް ކެތްތެރިވާން ދަރިވަރުންނަށް ދަސްވެގެންދެއެވެ. އަދި އަމިއްލަ ނަފުސަށް އިތުބާރު ކުރަން ދަސްވެ، ތިމާއަށް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންކަން އެނގި، އަމިއްލައަށް ތިމާއަށް އެންމެ ރަނގަޅު ގޮތް ނިންމުމަށް ދަސްވެއެވެ. މިކަންކަމުގެ ސަބަބުން ކުރިއަރާދަނީ ހަމައެކަނި ދަރިވަރުގެ ކިޔެވުމެއް ނޫނެވެ. އޭގެ އިތުރުން ދަރިވަރުގެ މުޅި ދިރިއުޅުމަށާއި ހެދި ބޮޑުމަށް އެތައް ފައިދާތަކެއް ލިބިގެން ދެއެވެ. ކިޔަވަން ވަންނަ ކިލާސްރޫމަކީ ދަރިވަރަށް ހިތްހަމަޖެހުން ލިބޭތަނަކަށް ނުވާނަމަ އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ފޯރައެވެ. ހިތްހަމަނުޖެހިގެން އުޅޭ ދަރިވަރަކު ފާހަގަވެއްޖެ ނަމަ އެކަން ޙައްލުކުރުމަށް މުދައްރިސަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. އެއީ ދަރިވަރަށް އުނގަންނައިދިނުމަށްޓަކައި އަޅަން މުހިންމު ފިޔަވަޅެކެވެ.
5. ކިލާސްރޫމު މާޙައުލަކީ ހަރުކަށި ޤަވާއިދުތައް އޮންނަ ތަނަކަށް ނުހެދުން
ކިލާސްރޫމުގައި ހިންގަންވާނީ ކުދިންގެ ޚިޔާލު ހޯދައިގެން އެމީހުން ރުހޭގޮތަކަށް އެކުލަވާލެވިފައިވާ ޤަވާއިދުތަކެކެވެ. އަދި ދަރިވަރުންގެ ބޭނުންތަކަށް ވިސްނައިގެން، ކިލާސްރޫމުގެ މާޙައުލަކީ އެކަކު އަނެކަކަށް އަޅާލާ އެހީތެރިވެދޭ ތަނެއްގެ ގޮތުގައި ހަދަންވާނެއެވެ. އެހެންނަމަވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ ދަރިވަރުން ހެދި ބޮޑުވަމުން އަންނައިރު ބޭނުންތައް ތަފާތުވާނެ ކަމާއި ދަރިވަރުން ބޭނުންވާ ކަންކަން ރަނގަޅު ދަނޑިވަޅުގައި ދެނެގަތުމެވެ. އެގޮތުން ދަރިވަރުންގެ އަމިއްލަ ހޯދުންތަކާއި ވިސްނުމާއި މަޝްވަރާގެ މަތިން އުނގަންނައިދެވޭ މާޙައުލެއް ގާއިމު ކުރުން ވަރަށް މުހިންމެވެ.
އުނގަންނައިދިނުމުގައި މުދައްރިސް ބޭނުންވާ ކަންކަމާއި ދަރިވަރުން ބޭނުންވާ ކަންކަމުގައި ހަމަހަމަކަމެއް ގެންގުޅުމީ އެންމެ ރަނގަޅު ގޮތެވެ. އެއީ ދެފަރާތުގެ ދެމެދުގައި ދެކެވޭ ވާހަކައާމެދު އިތުބާރު އުފެދިގެން ދިއުމަށާއި ދެވޭ އިރުޝާދާ އެއްގޮތަށް ދަރިވަރުންގެ ޢަމަލުތައް ބައްޓަން ކުރުވުމަށާއި ދަރިވަރުންގެ ޤާބިލުކަން އެންމެ މަތީ ދަރަޖައަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
ދަރިވަރުންގެ ބޭނުންތަކަށް ބަލައިގެން އުނގަންނައިދިނުން ބައްޓަންކުރުމަކީ ކިލާސްރޫމު ކުޅިވަރުގެ މައިދާނަކަށް ބަދަލުކޮށްލުމެއް ނޫނެވެ. އޭގެ ބަދަލުގައި އެކަން ވާންވާނީ، ދަސްކުރަން ބޭނުންވާ ހުނަރުތައް، އިތުބާރާއެކު ފަސޭހައިން ދަސްކުރެވޭ ހުރިހާ ގޮތަކުން ދަރިވަރުންގެ ތަރައްޤީއަށް މަގުފަހިވާ ކަމެއްގެ ގޮތުގައެވެ.
ކިލާސްރޫމުގައި ވަކި އުސޫލުތަކަކާއި ހަމަތަކެއް ހިފެހެއްޓުން – ދަރިވަރުން ކުރިއަރާދިއުމުގައި މުހިންމު ދައުރެއް އަދާކުރޭ
ކިޔަވައިދޭއިރު ކިލާސްރޫމު މެނޭޖުކުރުމަކީ ކޮންމެ މުދައްރިސަކުވެސް ކޮންމެހެން ދަސްކުރަންޖެހޭ މުހިންމު ހުނަރެކެވެ. ދަރިވަރުންނަށް ޙާޞިލުވާ ކޮންމެ ކަމެއް ބިނާވެފައިވަނީ ކިލާސްރޫމުގައި ދަރިވަރަށް ލިބޭ މަޢުލޫމާތުގެ މައްޗަށެވެ. ރަނގަޅަށް މަގުދައްކައި ދެވިއްޖެ ނަމަ ޓީޗަރުގެ ސަބަބުން ދަރިވަރުގެ އަޚްލާޤަށް ރަނގަޅު ބަދަލުތަކެއް ގެނެވޭނެއެވެ. އަދި އޭގެ ސަބަބުން ދަރިވަރުގެ ނަފުސަށާއި ކިޔެވުމަށް ކުރިއެރުންތަކެއް ހޯދޭނެއެވެ. ކިލާސްރޫމުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއްގައި ހިފަހައްޓައިގެން ކިޔަވައިދެވިއްޖެނަމަ ކޮންމެ ދަރިވަރަކީވެސް ކާމިޔާބު އަދި ރަނގަޅު ތަޢުލީމެއް ޙާޞިލުކޮށްގެން ނިކުންނަ، މުޖުތަމާއު ބަލައިގަންނަ މީހަކަށް ވާނެއެވެ.
މި އަމާޒަށް ވާސިލުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. ކެތްތެރިކަމާއި މަޑުމައިތިރިކަން އިޚްތިޔާރު ކުރުމުގެ އިތުރުން ކިޔަވައިދިނުމުގެ އާގޮތްތައް ހޯދައި ދިރާސާކޮށް ފަންނީގޮތުން މުދައްރިސުން ތަރައްޤީވާން ޖެހެއެވެ. މިކަންކަމާއެކު ކުރިއަށް ދިއުމަކީވެސް އުނގެނުމާއި އުނގަންނައިދިނުމުގެ ބައެކެވެ.
ބޭނުންވާ މަޤްޞަދު ޙާޞިލުކުރުމުގައި މުދައްރިސްގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންގެ ދައުރުވެސް ބޮޑެވެ.
މަޢުލޫމާތު ނެގީ:
https://www.allisonacademy.com/students/education/higher-education/why-is-classroom-management-important/