‘ކެމްބްރިޖް ޓީޗަރސް ޖޮބް އެލައިކް ސެޝަންސް’ ގެ ނަމުގައި ބާއްވާ ޚާއްޞަ ފޯރަމް އިފްތިތާޙުކޮށްފި

މުދައްރިސުންގެ ފެންވަރުމަތި ކުރުމާއި، އޯ ލެވެލްއަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް މަޝްވަރާގެ އަލީގައި ޙައްލު ހޯދުމާއި އުނގަންނައި ދިނުމުގެ މާޙައުލުން ކުރެވޭ ތަފާތު ތަޖުރިބާ ޙިއްސާ ކުރުމުގެ ތެރެއިން އުނގެނުން ފަހި ކުރުމުގެ މަޤުޞަދުގައި ބާއްވާ ‘ކެމްބްރިޖް ޓީޗަރސް ޖޮބް އެލައިކް’ ފޯރަމް ފެށިގެން ކުރިޔަށް އެބަދެއެވެ.

12 އޯގަސްޓް 2023 ވީ ހޮނިހިރު ދުވަހު (މިއަދު) ހެނދުނު 8:00 ގައި ޣިޔާސުއްދީނު ސްކޫލް އިންޓަރނޭޝަނަލް ސްކޫލްގައި މި ފޯރަމް އިފްތިތާޙު ކޮށް ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އަޙުމަދު އެވެ.

މާލޭ ސަރަޙައްދުގެ ސްކޫލް ތަކުގެ ގްރޭޑް 9 އަދި 10 އަށް ކިޔަވައިދެއްވާ 257 ޓީޗަރުން މި ފޯރަމްގައި ބައިވެރިވެއެވެ. މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދެއްވާ މާއްދާ ތަކުގެ ތެރޭގައި ހިމެނެނީ، އިނގިރޭސި ،ހިސާބު، ފިޒިކްސް، ކެމިސްޓްރީ ، ބައޮލޮޖީ، ގެ އިތުރުން އާރޓް އެންޑް ޑިޒައިން އަދި ކޮމްޕިއުޓަރ ސައިންސާއި މެރިންސައިންސެވެ.

މި ފޯރަމްގައި ހުރިހާ ބައިވެރިންނަށް އެއްކޮށް މަޢުލޫމާތުދޭ 3 ސެޝަންގެ އިތުރުން ވަކިވަކި މާއްދާތަކަށް ޚާއްޞަކުރެވިފައިވާ 3 ސެޝަން ކުރިޔަށް ގެންދެވޭނެއެވެ.

މި މާއްދާ ތަކާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ، ރާއްޖެއިން ބޭރުން ވަޑައިގެންނެވި 3 މާހިރުންނާއި ރާއްޖޭގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

މިފޯރަމަކީ، އިންޑިޔާގެ ޝްރީ އެޑިޔުކެއަރ ލިމިޓެޑްގެ އެހީގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގުޅިގެން ފަރުމާކުރެވިފައިވާ ޚާއްޞަ ފަންނީ ޙަރަކާތެކެވެ.

މި ޚާއްޞަ ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު  ފައިޞަލް ނަސީމް އެވެ.

 

 

 

Leave a Comment

Your email address will not be published.