(ދެވަނަ ބައި)
މި މައްސަލަޔާއި ގުޅޭގޮތުން ޢިލްމުވެރިންގެ (ލިންގުއިސްޓުން) ބައެއް ހާމަކުރެއްވުންތައް.
ތިމާގެ އަމިއްލަ މުޖުތަމަޢު ފިޔަވައި އެހެންތަނެއްގައި، އިޖުތިމާއީ، އިޤްތިޞާދީ އަދި ސިޔާސީ ކަންކަމުގެ ތެރެއިން މުޢަމަލާތުކުރާ ދެފަރާތަށް ނޭނގޭ ބަހެއް ބޭނުންކުރަން ޖެހުމުގެ ސަބަބުން މުޢާމަލާތުކުރުމަށް ބޭނުންކުރެވޭ ބަހުގެ ސިސްޓަމަށް ކިޔާނަމަކީ ޕިޖިން ކަމުގައި ހޯލްމު ޖޯން (2000) ހާމަކުރައްވާފައިވެއެވެ. އަދި ހަމަ މިއާއެކު، ވިކްޓޯރިއާ ފޮރޮމްކިން އާއި ޑޭވިދް ބްލެއަރ އަދި ޕީޓާރ ކޮލިންސް (1999) ހާމަކުރައްވާ ގޮތުގައި ޕިޖިންއަކީ ވިޔަފާރިވެރިންނާއި ދަތުރުވެރިން އެމީހުންގެ އަމިއްލަ ސަޤާފަތްތަކާއި ދުރު އެކިތަންތަނަށް ޒިޔާރަތް ކުރާއިރު ދެފަރާތުގެ މާދަރީ ބަހުގެ މައިގަނޑުތަކުން މަދުބަޔަކާއި، ޤަވާޢިދުން މަދުބަޔެއްލައިގެން ވާހަކަ ދައްކާ ގޮތެކެވެ. ކެރޯލް މިއަރ ސްކެޓޮން (2006) ހާމަކުރައްވާ ގޮތުގައި ” ޕިޖިން އާއި ކްރިއޮލްއަކީ، އަޞްލު ބަސްތަކެކެވެ. އަޞްލު ބަހެކޭ ބުނެވޭ ސަބަބަކީ މި ގޮތަށް ބަސް ބޭނުންކުރަނީ އެފަދަ މީހުން އަމިއްލަ ޙާލަތެއްގެ މައްޗަށް އެގޮތަށް ބަސް ބޭނުންކުރާތީއެވެ” (278). ޑޭވިޑް ކްރިސްތަލް (2000) ހާމަކުރައްވާ ގޮތުގައި ޕިޖިން އަކީ މުޢާމަލާތު ކުރުމުގައި އެއްބަހެއް ޙިއްޞާކުރާ ދެފަރާތުން ވިޔަފާރީގެ މުޢާމަލާތްތަކާއި އެހެނިހެން ސަބަބުތަކަށްޓަކައި ބޮޑެތި މީހުން ވާހަކަ ދެއްކުމަށް ބޭނުންކުރާ ސިސްޓަމަކަށް ކިޔާ ނަމެކެވެ.
ޕިޖިންއެއް ތަރައްޤީވެ ގިނަ ބަޔަކު ބޭނުންކުރާ ވާހަކަދައްކަން ފެށުމުން ކްރެއޯލަކަށް ވެއެވެ. ޑޭވިޑް ކްރިސްޓަލް (2000) ހާމަކުރައްވާ ގޮތުގައި ކްރެއޯލްއަކީ މުޖުތަމަޢެއްގައި ބޭނުންކުރެވޭ މާދަރީ ބަހަކަށް ވެފައިވާ ބަހަކަށް ކިޔޭނަމެއްކަމުގައެވެ. ޕިޖިންއެއް އުފެދި އެ ޕިޖިން ބަހުން ބައެއްގެ ތެރޭގައި ވާހަކަދައްކަން ފެށި އެބަސް ކުދިންނަށް އަޑުއިވެމުން ދިއުމުގެ ސަބަބުން އެކުދިންގެ މާދަރީބަހަކަށް ވެއްޖެ ޙާލަތުގައި އެ ބަހެއް ކޮރެއޯލްއަކަށް ބަދަލުވާކަމަށް ސެކޯޑާ ކޭ އާއި ޖޭ ސީގެލް (2003) ވެސް ވިދާޅުވެފައިވެއެވެ.
ޕިޖިން ނުވަތަ ކްރެއޯލް ތަރައްޤީވާ މަރުޙަލާތައް
ޔުނިވަރސިޓީ އޮފް ޑުއިސްބަރގް- އެސެން (ޖަރމަން) އިން 2014 ވަނައަހަރު، އެ ޔުނިވަރސިޓީގެ ރިސާޗް ފެކަލްޓިއިން ކުރެއްވި ދިރާސާއަކާ ޙަވާލާ ދެއްވައި ރިސާޗް ޓީމުން ހާމަކުރައްވަނީ،ޕިޖިން ނުވަތަ ކްރެޔޯލް ތަރައްޤީވާ މަރުޙަލާތަކެއް ހުންނަކަމަށާއި އެމަރުޙަލާތައް މައިގަނޑު 4 ބަޔަކަށެ ބަހާލެވޭ ކަމުގައެވެ. ތިރީގައިވާ ތާވަލު 1 އަށް ބަލާއިރު، އެންމެ ފުރަތަމަ ޕިޖިން ބޭނުންކުރަން ފެށެނީ ވަކި ޙާލަތްތަކެއްގައި ތަފާތު ހުރަސްތަކަކާއި އެކުގައެވެ. ނަމަވެސް ފަހުން އެކްސްޓެންޑެޑް ޕިޖިންއަކަށް ބަދަލުވެ އަމިއްލަ ވެގެން ދިއުމުގެ ފުރުޞަތު ހުޅުވެއެވެ. އެހިސާބުން މާދަރީ ބަހެއްގެ ގޮތުގައި ކުދިންނަށް ދަސްވެ ކްރެއޯލަކަށް ބަދަލުވެއެވެ. އެ ކްރެއޯލް ބޭނުންކުރެވި އެބަސް ސްޓޭންޑާޑް ބަހަކަށް ބަދަލުވުމުގެ ފުރުޞަތު ޑީކްރޮލައިޒޭޝަންގެ ސަބަބުން ލިބިގެންދެއެވެ.
ޕިޖިން ތަކުން ފާހަގަ ކުރެވޭ ބައެއް ސިފަތައް
ދުނިޔޭގައި އެތައް ޕިޖިންއެއް އުފެދި ތަރައްޤީ ވެއްޖެއެވެ. ޕީޓަރ މުއިސްކެން، ނޯވަލް ސްމިތު (1995) ހާމަކުރައްވާ ގޮތުގައި ޕިޖިންތަކުން ފާހަގަކުރެވޭ ސިފަތަކެއް ހުރެއެވެ. އެސިފަތަކުގެ ތެރޭގައި ހިމެނޭ ކަންތައް ތަކުގެތެރޭގައި؛
1. ޒަމާން މަދުވުމުން (ހަމައެކަނި ނިމުނުކަމާއި ވާނޭކަން ބޭނުންކުރުން)
2. ޒާތީ ނަމުގެ ބަދަލުގެ ނަމުގައި ބޭނުންކުރާ ނަން މަދުވުން (އަހަރެން މަ، އަޅުގަނޑު)
3. އާރޓިކަލް ބޭނުންކުރާ މިންވަރު މަދުވުން ނުވަތަ އެއްވެސް ގޮތަކަށް ބޭނުން ނުކުރުން.
4. ނަންއިތުރު ނަމުގެ ފަހަތަށް ގެނައުމާއި ގުޅުވާ ބަސް ބޭނުންކުރާ މިންވަރު މަދުވުން.
5. ނަފީކުރުން ކުރިއަށް ގެނައުން.
6. ސަބޯޑިނޭޓް ކުލޯޒް ބޭނުން ނުކުރުން / މަދުވުން.
7. ޢާއްމުކޮށް ބޭނުންކުރަނީ ސަބްޖެކްޓް، ވަރބް، އޮބްޖެކްޓް.
މީގެ އިތުރުން ފޮނޮލޮޖިކަލް ގޮތުން ވަވަލް ފިޔަވާ ދެންހުންނަ ބައެއް އަޑުތައް ދުއްވާލުން (ބޭނުން ނުކުރުން) ފަދަ ކަންކަން ފެންނަކަމަށް ޕީޓަރ މުއިސްކެން، ނޯވަލް ސްމިތު (1995) ހާމަކުރައްވައެވެ. އަދި މޯފޮލޮޖީއަށް ބަލާއިރު، ލަފުޒުތަކުގެ ފަހަތުން ބައެއް ދޫކޮށްލުން ފަދަ ލަފުޒެއް އުފެއްދުމަށް އެލަފުޒު ތަކުރާރު ކުރުން ފަދަ ކަންކަން ކުރާކަން ފާހަގަ ކުރެވޭ ކަމަށް، މަކްވޯޓަރ ޖޯން (2000) ހާމަކުރައްވައެވެ. އޭނާ އިތުރަށް ވިދާޅުވަނީ ޤަވަޢިދުގެ ގޮތުން ބަލާއިރު ލަފުޒު އެތުރޭ ތަރުތީބާއި ޕޯސްޓް ޕޮޒިޝަންގެ ބަދަލުގައި ޕްރޯ ޕޮޒިޝަން ބޭނުންކުރާކަން ފާހަގަ ކުރެވޭކަމަށެވެ. އަދި ސަބޯޑިނޭޓް ކްލޯޒްގެ ބަދަލުގައި އަދި އެފަދަ އަކުރުތައް ބޭނުންކޮށްގެން ކޯޑިނޭޓެޑް ޖުމުލަ ބޭނުންކުރާ ކަމަށްވެސް، މަކްވޯޓަރ ޖޯން (2000) ހާމަކުރައްވައެވެ. މީގެ އިތުރުން ޒަމާން ބަދަލުވާކަން އަންގައި ދިނުމަށް “އޮގްޒިލެރީ” ބޭނުންކުރާކަމަށް ސެކޯޑާ ކޭ އާއި، ޖޭ ސީގެލް (2003) ހާމަކުރައްވައެވެ. ހޯލްމު ޖޯން (2000) ހާމަކުރައްވާ ގޮތުގައި ޕިޖިން ބަސްތަކުގައި މަދު ބަސްކޮށާރެއް ބޭނުން ކުރުމުގެ ސަބަބުން އެކަން ފޫބެއްދުމަށްޓަކައި މާނަތައް އިތުރުވެގެންދާ ކަމަށާއި އެއްބަހަކުން ގިނަމާނަތަކެއް އުފައްދާއިރު ކޮންޕައުންޑް ލަފުޒުތައް އިތުރުކުރާކަމަށެވެ.
ދިވެހި ބަހުގެ ޤަވާޢިދު
ދިވެހި ބަހުގައި “އަކުރު” މިލަފުޒު ދެގޮތަކަށް މާނަކުރެއެވެ. ފުރަތަމަ ގޮތަކީ ދިވެހިބަހުގެ ތަފާތު އަޑުތަކުގެ ނިޝާންތަކަށް ބޭނުންކުރާ ނަމެއްގެ ގޮތުގައެވެ. އެއަށް ހާށަވިޔަނީގެ އަކުރުތަކެކޭ ކިޔާކަމަށް މުޙައްމަދު އަމީން (2010) އަދި މުޙައްމަދު ޖަމީލު (1979) ހާމަކުރައްވައެވެ. ހަމައެހެންމެ “އަކުރު” ބޭނުންކުރެވޭ ދެވަނަގޮތް ކަމަށް ޙުސައިން ރަޝީދު އަޙުމަދު (1999) އާއި މުޙައްމަދު އާމިރު (2006) ވިދާޅުވަނީ ދިވެހިބަހުގެ ލަފުޒުތަކާ ވަކިން އެލަފުޒެއް އޮންނައިރު އެއްވެސް މާނައެއް ދޭހަނުވާ ލަފުޒުތަކަށެވެ. ދިވެހިބަހުގައި ‘ހުރުން’ ‘އިނުން’ އޮތުން’ ބޭނުންކުރާ ހަމަތަކާއި ބެހޭގޮތުން މުޙައްމަދު ޖަމީލު ދީދީ (1970) އާއި އަލީ އަޙުމަދު (1970) އާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) އަދި ޢަބްދުﷲ ޞާދިޤު (1993) ބަޔާން ކުރައްވާފައިވަނީ ‘ހުރުން’ ބޭނުން ކުރެވެނީ ތިމާގެ އަމިއްލަ ބާރުގެ މައްޗަށް ބުރަވެ ހުންނަ ތަކެއްޗަށާއި އިންސާނާގެ ކިބައިގައިވާ މަޢުނަވީ ސިފަތަކަށާއި އަދި އެތައްބާވަތެއްގެ ތަކެތި އެއްކޮށް އެމައްޗަށް ވާހަކަދެކެވޭ ވަގުތުތަކުގައި ކަމަށެވެ. ‘އިނުން’ ބޭނުން ކުރެވޭ ގޮތްތައްކަމަށް ޙުސައިން ޞަލާޙުއްދީން (1347ހ.) ބަޔާން ކުރައްވަނީ އަންހެނުންނަށާއި ދިރޭތަކެތީގެ ތެރެއިން އިންސާނުން ނޫން ދެފައިޖަހައިގެން ތިބޭތަކެއްޗަށެވެ. އަދި ‘އޮތުން’ ބޭނުންކުރެވެނީ ތިމާގައިގަ އެއްވެސް ބާރެއްނެތި އަނެކައްޗަށް އެއްލިގެންވާ ތަކެއްޗަށާއި، ދިރޭތަކެތީގެ ތެރެއިން ހަތަރެސްފައި ޖަހައިގެން ބަންޑުންތިބޭ ތަކެއްޗަށް ކަމަށް ޙުސައިން ޞަލާހުއްދީން (1347ހ.) ބަޔާންކުރައްވައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ހާމަކުރައްވާ ގޮތުގައި ދިވެހި ބަހުގެ ޒަމާންތައް 6 ބަޔަކަށް ބެހެއެވެ. އެއީ، ވާކަން، ވޭވޭހުރިކަން، ވާނެކަން، ނިމުނުކަން، ނިމިނިމުނުކަން، ނަމަވުން މިއެވެ.
ބަހެއްގެ މައިގަނޑު މިލްކިއްޔާތު ތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ސްޓްރަކްޗަރ ޑިޕެންޑެންސް އާއި ސެމޭންޓިސިޓީއެވެ. ސްޓްރަކްޗަރ ޑިޕެންޑެންސްއަކީ ޖުމުލާގައި ލަފުޒު އެތުރޭ ތަރުތީބެވެ. ސެމޭންޓިސިޓީއަކީ ވަކިތަރުތީބަކުން ލަފުޒު އެތުރި މާނަތަކެއް ލިބުމެވެ. ރާމިޒު ޢަލީ (2007) ހާމަކުރައްވާ ގޮތުގައި ދިވެހިބަހުގައި ޢާންމު ޖުމުލަ އަތުރާފައި ހުންނަނީ ފުރަތަމަ ކަންކުރާ، އެއަށްފަހު ރައްދުވާ އެއަށްފަހު ކަން އަންނަ އުޞޫލަކުން ކަމުގައެވެ. އެހެން ބަހެކޭވެސް އެއްފަދައިން ދިވެހިބަހުގައިވެސް ޖުމުލައާއި ކްލޯޒް ހުރެއެވެ. ރޭން އާއި މާޓިންއަށް ޙަވާލާދެއްވައި ރާމިޒު ޢަލީ (1997) ވިދާޅުވެފައިވާ ގޮތުގައި ސަބޯޑިނޭޓް ކުލޯޒަކީ ކޯނި ޖުމުލަގައި އޮންނަ މައިގަނޑު ބުނުމަށް (އެމްބަޑެޑް ކްލޯޒް) ބާރުދޭ ބުނުމެވެ.
ނުނިމޭ