ފުރަތަމަ ވޮކޭޝަނަލް ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅު

`

الحمد لله رب العالمين والصلاة والسلام على أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين

ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ފާޠިމަތު މުޙައްމަދު،

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިންނާއި މުވައްޒަފުން،

ތާޖުއްދީން ސްކޫލްގެ ލޮބުވެތި މުދައްރިސުންނާއި ދަރިވަރުން،

އައްސަލާމު ޢަލައިކުމް.

އަޅުގަނޑު ބޮޑުވަމުން އައި ދުވަސްވަރު، ބޮޑެތި މީހުން އަޅުގަނޑަށް އަބަދުވެސް ދެމުން ދިޔަ ނަސޭހަތަކީ މުސްތަޤްބަލް އުޖާލާ ކުރަން ބޭނުންނަމަ މޮޅަށް ކިޔަވާށޭ. މުދައްރިސުން ބުނަމުން ދިޔައީ ޑޮކްޓަރަކަށްވާން. މަންމަ ބުނަމުން ދިޔައީ މުދައްރިސަކަށް ވާން. ކާފަ ބުނަމުން ދިޔައީ ނަރުހަކަށްވާން. ޢާއިލާ އެހެން މީހުން ބުނަމުން ދިޔައީ އޮފީހަކަށް ވަންނަން. ތަފާތު ޚިޔާލުތައް އެކި ފަރާތްތަކުން ދިންކަމުގައިވިޔަސް އެންމެންވެސް އިއްތިފާޤުވީ އެއްކަމެއް ވޭ. އެއީ ކޮންމެ ވަޒީފާއެއް އަދާކުރަން ނިންމިކަމުގައިވިޔަސް އެ ވަޒީފާއެއް އަދާކުރެވޭނީ ކިޔަވާ މާއްދާތަކުން މަތީ ގްރޭޑްތައް ހޯދައިގެންކަން. އެހެންވެ އަޅުގަނޑުގެ އަމާޒު ހުރީ ކިޔެވުމަށް.

ސްކޫލު ދައުރުގައި އަޅުގަނޑު ވަރަށް ގިނަ ކަންތައްތަކެއް ކުރާ ހިތްވި. ލަވަ ކިޔާ ހިތްވި. ކުރަހާ ހިތްވި. ފަހާ ހިތްވި. ކައްކާ ހިތްވެސްވި. ނަމަވެސް އެކަންކަމަށް ވަގުތު ހުސްކޮށްފިނަމަ ކިޔެވުމަށް ބުރޫ އަރާފާނެތީ އެކަންކަން ދަސްކުރަން ފަސްޖެހުނު.

ސްކޫލު ދައުރު ނިންމުމަށް ފަހު އަޅުގަނޑު މުދައްރިސަކަށް އުޅުނިން. ކޮންމެ ކިލާހަކަށް ވަދެ، އެކި ކުދިންތައް ފެނުމުން، އަޅުގަނޑަށް ކިލާސް ސިފަވަނީ ތަފާތު އެތައް މަލެއް ފަރިވެ ފޮޅެމުންދާ މާބަގީޗާއެއްގެ ގޮތުގައި. އެކި މާމަލުގެ ސިފަ ތަފާތުވާ ފަދައިން، ކޮންމެ ދަރިވަރަކީ ވެސް ތަފާތު ނަފުސެއް. އެކި ކުދިން ޠަބީޢީ ގޮތުން މޮޅީ އެކި ކަންކަމަށް. ކިޔަވައިދިން ކިލާސްތަކުން އަޅުގަނޑަށް ފާހަގަވީ ވަރަށް ގިނަ ދަރިވަރުން ފޮތް ބަލައިގެން ކިޔެވުމަށްވުރެ ބޮޑަށް ޝައުގުވެރިވަނީ އަތުންފައިން ކުރާ ކަންތައްތަކަށް ކަމަށް. ބައެއް ކުދިން ޢިލްމީ މާއްދާތަކަށް އެހާ ޝައުގުވެރިކަމެއް ނުހުރޭ. ނަމަވެސް ހަމަ މިއިން ބައެއް ކުދިން ކުރެހުމަށް ވަރަށް ޝައުގުވެރިވޭ. ބައެއް ކުދިން އަތުންކުރާ ވަޑާން ފަދަ މަސައްކަތަށް ކުޅަދާނަ. ބައެއް ކުދިން ރަހަތައް ދެނެގަނެ، ކައްކަން ވަރަށް ޝައުގުވެރިވޭ. ބައެއްކުދިން ލަވަކިޔަން ވަރަށް ޝައުގުވެރިވޭ. އެ ދުވަސް ވަރު، އަޅުގަނޑު ހިތަށް އަރާ ކޮންމެ ކުއްޖެއްގެ ކިބައިގައި ހުންނަ ޠަބީޢީ ހުނަރުވެރިކަން ކުރިއަރުވައި، ތަރައްޤީކުރަން ފުރުޞަތު ލިބޭނަމަ ހާދަހާވާ މޮޅު ކުއްޖަކަށް ކޮންމެ ކުއްޖަކުވެސް ވާނެއޭ. ނަމަވެސް އޭރު މަންހަޖު ރޭވިފައިވާ ގޮތުން، އަދި މިހާރުވެސް މުދައްރިސުންނާއި ދަރިވަރުންވެސް ބޮޑަށް އަހައްމިއްޔަތުކަންދެނީ އެކަޑެމިކް މާއްދާތަކަށް.

ނަމަވެސް، ކޮންމެ ގަހެއްގައި ވެސް ވަކި މަލެއް ފަރިވެ ފޮޅޭ ފަދައިން، ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް އެކުއްޖަކަށް ޚާއްޞަ ގާބިލްކަމެއް ހުނަރެއްވޭ. ކިތަންމެ ކުދިންނެއް ފުރާވަރަށް އަރައި، ހަރުވެ، މުސްކުޅިވެ މި ދުނިޔެ ދޫކޮށްދަނީ މާތް ﷲ ދެއްވާފައިވާ ޚާއްޞަ ޤާބިލްކަން ފާހަގަ ނުކުރެވި، ތަރައްޤީ ނުކުރެވި. އެހެންވެ، ކޮންމެ އިންސާނަކަށް ދެއްވާފައިވާ ޤުދްރަތީ ހަދިޔާއަކީ، ޚާއްޞަ ހުނަރަކީ ކޮބައިކަން ހޯދައި، އެ ތަރައްޤީކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. މިކަން ކުރެވޭނީ، ތަފާތު އެތައް ކަމެއް ކޮންމެ ކުއްޖަކު ތަޖުރިބާކޮށްގެން، އޭނާއަށް އެންމެ މޮޅަށް ކުރެވޭ ކަންކަން ފާހަގަކޮށްގެން.

ސްކޫލްތަކުގެ ދަރިވަރުންނަށް ފޮތުން އުނގަންނައިދެވޭ ތަޢުލީމުގެ އިތުރުން މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމަކީ އަޅުގަނޑުމެންގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެއް.

ރާއްޖޭގެ ތަޢުލީމީ ސިޔާސަތާ އެއްގޮތަށް، ވަށާޖެހޭ ތަޢުލީމެއް ކުދިންނަށް ދީގެން އެކުދީން ދިރިއުޅުމަށް ތައްޔާރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ހުޅުވިގެންމިދާ ވޮކޭޝަނަލް އެޑިޔުކޭޝަންގެ ޖެނެރަލް ލެބަކީ ދަރިވަރުންނަށް މަސައްކަތްތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ތަނަވަސްވެގެންދާ ވަރަށް ބޮޑު ފުރުޞަތެއް. 21ވަނަ ޤަރުނުގެ ގޮންޖެހުންތަކާ އިތުބާރާއެކު ވާދަކުރެވޭނެ ދަރިންތަކެއް ބިނާ ކުރުމަށްޓަކައި އެޅޭ ފިޔަވަޅެއް. ސްކޫލް ނިންމާ ދަރިވަރުންނަށް އެ ކުދިން ޝައުގުވެރިވާ ދާއިރާތައް ބަލާ ހޯދައި، ހުނަރު ދަސްކުރުމަށް ހިތް ޖައްސަން އެޅޭ ފިޔަވަޅެއް. ޤައުމު ބިނާކުރުމުގައި ހުނަރުވެރިންނާއި ފަންނުވެރިންގެ މަސައްކަތުގެ މުހިއްމުކަން ދަރިވަރުންނަށް ހާމަކޮށްދޭން ކުރެވޭ މަސައްކަތެއް.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް، 28 ސްކޫލެއްގައި މަސައްކަތްތެރިކަން ދަރިވަރުންނަށް ދަސްކޮށްދޭން ޤާއިމްކުރެވޭ ލެބްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޖެނެރަލް ލެބް ހުޅުވިގެން މިދަނީ މިސްކޫލްގައި. މި ލެބްތަކުގެ އެހީގައި، ދަރިވަރުންގެ އާންމު ދިރިއުޅުމުގައި ކޮންމެހެން ދަސްކުރަންޖެހޭ މުހިންމު އެތައް ހުނަރަކާއި އާޓް އެންޑް ކްރާފްޓްގެ މަސައްކަތްތައް އެކުދިންނަށް ދަސްކޮށްދެވޭނެ. އަދި، ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އެ ކުދިންނަށް، އުފެއްދުންތެރި ވިސްނުމާއި، ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު، މުސްތަޤުބަލުގައި ހުނަރުވެރި، ޤާބިލު ތަޢުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ޖެނެރަލް ލެބްގެ އިތުރުން އަދި ވަކި ވަކި ހުނަރުތަކަށް ޚާއްޞަކޮށްގެން ހުޅުވާ ލެބްތައްވެސް ކުރިއަށްއޮތް ތަނުގައި މި ސްކޫލްތަކުގައި ހުޅުވިގެން ދާނެ. މީގެ ތެރޭގައި އެއަރ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށްދޭ ލެބްތަކާއި އިލެކްޓްރޯނިކް މަސައްކަތާއި ވަޑާމުގެ މަސައްކަތަށް ހާއްސަކޮށްފައިވާ ލެބްތައް ހިމެނޭ.

މި ލެބްތަކުގެ ފޮނި މީރުކަން ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނީ ކިޔަވައިދެއްވަން ތިއްބަވާ މުދައްރިސުންގެ ޝައުގުވެރިކަމާއި މަސައްކަތުންކަން ހަމަ ޔަޤީން. ދަރިވަރުންގެ ފިލާވަޅުތަކުގެ ތެރެއަށް ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ބައިތައް ހިމަނައިގެން، މި ލެބްތަކުގައި ލިބެންހުރި ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމުގައި ތިޔަ މުދައްރިސުންނަށް ލިބިލައްވާފައިވާ ތަމްރީނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި ހީވާގިކަމާއެކު ކުރިއަށްގެންދެވުމަށް މުދައްރިސުންގެ އަރިހުން އަޅުގަނޑު އެދެން.

ހުނަރުވެރި ދިވެހި ދަރީންތަކެއް އުފެއްދުމަކީ ދިވެހިރާއްޖެއަށް ވަރަށް ބޭނުންވެފައިވާކަމެއް. މިއީ ހުނަރުވެރި ދިވެހިން އުފެއްދުމަށް ކުރަމުންދާ މަސައްކަތުގައި ގަތާލެވޭ އިތުރު ބޮޅެއް. މިއީ ސްކޫލް މާހައުލުން ނުކުންނަ ދަރިވަރުންނަކީ މަސައްކަތުގެ މާހައުލުގައި ފަސް ނުޖެހޭ، މަސައްކަތްކުރަން ދަންނަ ކުދިބަޔަކަށް ހެދުމަށް އެޅޭ ބިންގަލެއް.

މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން ބައެއް އިޖްތިމާޢީ މައްސަލަތައް ވެސް ހައްލުވެގެންދާނެ. ކަމެއް ނެތިގެން މަގުމައްޗަށް ނުކުންނަ ޅަފުރައިގެ ކުދިން މަދުވެގެންދާނެ. ބޮޑުވެގެން ކުރާނެ އަބުރުވެރި މަސައްކަތެއް ހިޔާރުކުރަން ދަރިވަރުންނަށް ލިބޭ އެހީއަކަށް ވެގެންދާނެ. ތިމާ ޝައުގުވެރިވާ ދާއިރާތައް ތަޖުރިބާކޮށް ތިމާގެ ހުނަރުތައް ތަރައްޤީކުރަން ދަރިވަރުންނަށް ފުރުޞަތު ފަހި ވެގެންދާނެ.

ޤައުމު ބިނާކުރަން ބޭނުންވަނީ ފޮތު ޢިލްމަށްވުރެ އަމިއްލައަށް ކަންކަން ކުރަން ދަންނަ ހުނަރުވެރިން. ޤައުމު ބިނާކުރަން ބޭނުންވަނީ ރޮބޮޓްތަކަކަށްވުރެ އަމިއްލަ ސިކުނޑިން އީޖާދީ ވިސްނުން ވިސްނާ ފަންނުވެރިން. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އަމާޒު ހުރީ މިފަދަ ދަރިންތަކެއް ރާއްޖޭގެ ސްކޫލުތަކުން ތައްޔާރު ކުރުމަށް.

އަޅުގަނޑު މި ދަންނަވަނީ އެއްވެސް ގޮތެއްގައި، ކިޔެވުމަށް ދޭ ސަމާލުކަން ކުޑަކުރަން ޖެހޭ ވާހަކައެއް ނޫން. ކޮންމެ ދަރިވަރަކު ވެސް، މަދަރުސާތަކުގައި ކިޔަވައިދޭ އިލްޒާމީ ތަޢުލީމު ފުރިހަމަ ކުރަން ޖެހޭނެ. ނަމަވެސް، ކިޔެވުމުގެ އިތުރަށް، އެކުއްޖަކު ޝައުގުވެރިވާ އެކުއްޖަކަށް ރަނގަޅަށް ކުރެވޭ ކަމެއް، ހުނަރެއް ދަސްކުރަންވާނެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަސައްކަތް ކުރަންވާނެ. ޚާއްޞަކޮށް މަދަރުސާ ދައުރުގައި ހީވާގިކޮށް ހަރަކާތްތެރިވެ އުޅުމުގެ އާދަކާދަ ލިބިގަންނަން ވާނެ.

އަޅުގަނޑު އެދެނީ ސްކޫލު ނިންމާ ކުދިންނަކީ ކޮންމެ މަސައްކަތެއްވެސް ކުރަން ފަސްނުޖެހޭ، އަބުރުވެރި ބަޔަކަށް ވުން. ކޮންމެ ކުއްޖަކީ އެކުއްޖެއްގެ އާއިލާއަށް، ރަށަށް އަދި މި ދިވެހި ޤައުމަށް މަތިވެރި ނިޢުމަތެއްކަމަށް ވާނޭ ގޮތަށް، ރަށުގެ ތަރައްޤީއަށާއި ޤައުމު ބިނާ ކުރުމުގައި ދެމިތިބޭނެ ކުދިބަޔަކަށްވުން. މާﷲ އަޅުގަނޑުމެންގެ މަސައްކަތުގައި ބަރަކާތް ލައްވާށި! އާމީން.

ވައްސަލާމް ޢަލައިކުމް.

19 ޞަފަރު 1445

04 ސެޕްޓެންބަރު 2023

 

 

 

 

 

Leave a Comment

Your email address will not be published.