ސްކޫލްތަކުގައި ވޮކޭޝަނަލް އެޑިޔުކޭޝަންގެ ތަޢުލީމު ދިނުމަށް ގާއިމްކުރެވޭ ފުރަތަމަ ލެބް، ތާޖުއްދީން ސްކޫލްގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޢަލީ ހުޅުއްވައިދެއްވައިފި

ސްކޫލްތަކުގައި ވޮކޭޝަނަލް އެޑިޔުކޭޝަންގެ ތަޢުލީމު ދިނުމަށް ގާއިމްކުރެވޭ ލެބްތަކުގެ ތެރެއިން އެންމެ ފުރަތަމަ ލެބް، ތާޖުއްދީން ސްކޫލްގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޢަލީ އިއްޔެ ހުޅުއްވައިދެއްވައިފިއެވެ.

މި ލެބްތަކުގެ އެހީގައި، ދަރިވަރުން އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު ހުނަރުތައް ކަމަށްވާ ކެއްކުމާއި، ފެހުމާއި، ވަޑާންކުރުމުގެ މަސައްކަތް އަދި އާޓް & ކްރާފްޓްގެ މަސައްކަތްތައް އެކުދިންނަށް ދަސްކޮށްދެވޭނެއެވެ. އަދި، ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އެކުދިންނަށް، އުފެއްދުންތެރި ވިސްނުމާއި، ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު، މުސްތަގުބަލުގައި ހުނަރުވެރި، ޤާބިލު ތަޢުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ޖެނެރަލް ލެބްގެ އިތުރުން އަދި ވަކި ވަކި ހުނަރުތައް ދަސްކޮށްދިނުމަށް ޚާއްސަކޮށްގެން ހުޅުވާ ލެބްތައްވެސް ކުރިއަށްއޮތް ތަނުގައި މި ސްކޫލްތަކުގައި ހުޅުވިގެން ދާނެއެވެ. މީގެ ތެރޭގައި އެއަރ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށްދޭ ލެބްތައް، އިލެކްޓްރޯނިކް މަސައްކަތް އަދި ވަޑާމުގެ މަސައްކަތަށް ޚާއްޞަކޮށްފައިވާ ލެބްތައް ހިމެނޭނެއެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ކިޔަވައިދޭނީ މިހާރުގެ މަންހަޖުގައި ކިޔަވައިދޭ މާއްދާތަކަށް މަސައްކަތްތެރިކަމާއި ހުނަރުގެ ބައިތައް އެއްކޮށްގެންނެވެ. މިއީ ދަރިވަރުން ޝައުޤުވެރިވާގޮތަށް ތަޢުލީމު ބައްޓަން ކުރެއްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭގޮތަށް، 28 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތައުލީމު ދަސްކޮށްދޭ ލެބްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުވިގެން މިދިޔައީ މީގެ ތެރެއިން ފުރަތަމަ ލެބް އެވެ.

މިއީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. އޭ.އީ.ޑީޕީ އަކީ ވޯލްޑް ބެންކުގެ ނުވަ މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ އެއް މިލިއަން ޑޮލަރު ހިމެނޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ޤާއިމުކުރެވިފައިވާ 10 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

 

 

 

 

Leave a Comment

Your email address will not be published.