2023 ވަނަ އަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ފޮނުއްވި ޚިޠާބު

بسم الله الرحمن الرحيم

الحمد لله رب العالمين والصلاة والسلام على

أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين

ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ކިޔަވައިދެއްވަމުން ގެންދަވާ ހުރިހާ މުދައްރިސުންނަށް، މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އާއި މުބާރިކްބާދީ، އިޚްލާޞްތެރިކަމާއި ޝުކުރުވެރިކަމާއެކު ދަންނަވަން. މި ތަހުނިޔާގައި، ކުރިން މުދައްރިސްކަން ކުރެއްވި ފަރާތްތަކާއި މަދަރުސާތައް ހިންގުމުގައި ބައިވެރިވެވަޑައިގެންނެވި އަދި ބައިވެރިވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކެއް ޝާމިލުކުރަން. އަދި ހަމަ މި ފުރުޞަތުގައި، ތިޔަ ބޭފުޅުންނަށާއި އަޅުގަނޑަށް ކިޔަވައިދެއްވި ހުރިހާ މުދައްރިސުންގެ މަތިން ހަނދާންކޮށް އެފަރާތްތަކަށް ހިފެހެއްޓުމެއް ނެތް ޝުކުރު ބަރުތީލަކުރަން.

މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ޔުނެސްކޯއިން ޚިޔާރުކޮށްފައިވަނީ:

“The Teachers We Need For The Education We Want: The Global Imperative To Reverse The Teacher Shortage.”

“އެދޭ ތަޢުލީމު ދިނުމަށް ބޭނުންވާ މުދައްރިސުން ލިބުމުގެ ދަތިކަން ޙައްލުކުރުން: އާލަމީ ޒަރޫރަތެއް.”

މި ޢިބާރާތުގެ މާނައަކީ، އަޅުގަނޑުމެން ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ތަޢުލީމާއި ތަރުބިއްޔަތު، ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ކޮންމެހެން މުދައްރިސުން ބޭނުންވާކަން. އަދި ރަނގަޅު މުދައްރިސުން ލިބުމުގެ ދަތިކަމަކީ ހުރިހާ ޤައުމަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަން. މިކަން އިދިކޮޅަށް ޖަހައި ރަނގަޅު މުދައްރިސުން ގިނަކުރުމަކީ ހުރިހާ ޤައުމަކުން އިސްކަންދީ، ޙަރަކާތްތެރިވާންޖެހޭ މަޖުބޫރީ ޙާލަތެއް ކަން. މި ޝިޔާރުން އަންގައިދެނީ، ތަރައްޤީ ވެފައިވާ ޤައުމުތަކަށާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވެސް މި މައްސަލަ ކުރިމަތިވެފައިވާ ކަން.

ޔުނެސްކޯއިން ފާހަގަކުރާ ގޮތުގައި، ދިވެހިރާއްޖެ ހިމެނޭ ފަދައިން، ހުރިހާ ޤައުމަކަށް ދިމާވެފައިވާ މައިގަނޑު ދެ މައްސަލައަކީ، ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސްކަން ޚިޔާރު ނުކުރާކަން. މުދައްރިސުން މަސައްކަތް ކުރަންޖެހޭ މާޙައުލުގެ ސަބަބުން، މިދާއިރާއަށް އޮތް ޒަމާންވީ ޝައުޤުވެރިކަންދަނީ ނެތެމުން. ދެވަނައަށް، ޔުނެސްކޯއިން ފާހަގަ ކުރާ މައްސަލައަކީ، ފިރިހެނުން މި ދާއިރާގައި މަސައްކަތް ކުރާލެއް މަދުކަން. ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލައިލިއަސް، އަންހެން މުދައްރިސުންގެ ނިސްބަތަކީ، %75. އާދެ! ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުން. ރާއްޖޭގައި ޚިދުމަތް ކުރާ މުދައްރިސުންގެ ތެރެއިން %22 އަކީ ބިދޭސީން. މި ހިސާބުތަކުން ދައްކައިދެނީ، ތަޢުލީމީ ދާއިރާ ކުރިއަރުވަން އޮތް ފުޅާ ފުރުޞަތުތައް.

މުދައްރިސްކަމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް، ޔުނެސްކޯއިން 7 ފިޔަވަޅެއް ހުށަހަޅާފައިވޭ. މީގެ ތެރެއިން އެއްކަމަކީ، ފަށައިގަންނަ މުދައްރިސުންގެ ތަޢުލީމަށް ދެވޭ ސަމާލުކަން އިތުރުކުރުން. ކޯސްތަކުގެ ފީގެ އިތުރަށް، ކިޔަވާ މުއްދަތުގައި ދަސްކުރާ މުދައްރިސުންނަށް އެލަވަންސް އެއް ދިނުން.

ޔުނެސްކޯއިން ދެން ފާހަގަކުރާ އަނެއް ކަމަކީ، މުދައްރިސުންގެ އުޖޫރައާއި ޢިނާޔަތްތައް. މި ޢިނާޔަތްތައް ވާންޖެހޭނީ، މުދައްރިސަކަށް ވާން ކިޔަވަން ޖެހޭ މުއްދަތާއި މަސައްކަތް ކުރާ ގަޑިއާ އަޅާ ބަލާއިރު، އެހެން ދާއިރާތަކާ އެއްފަދަ އެއްޗަކަށް. ދާދިފަހުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމަކުން، މުދައްރިސުންގެ މުސާރަތަކަށްވަނީ، ދިވެހި ތާރީޚް ދެކެފައިނުވާ ފަދަ، ބޮޑު ކުރިއެރުމެއް ގެނެސްދެއްވާފައި. ނިސްބަތުން ހުރިހާ މުދައްރިސުންގެ މުސާރަ %65 އަށް ވުރެ މަތިކޮށްދެއްވާފައި.

ޔުނެސްކޯއިން ދެކޭގޮތުގައި، މުދައްރިސުން ކިޔަވައިދިނުމަށް ހުސްވާގޮތަށް، އިދާރީ މަސައްކަތްތައް މަދުކުރުމާއި، މަސައްކަތު ވަގުތު އެދެވޭ މިންވަރަކަށް ހިފެހެއްޓުމާއި، މަދަރުސާތައް ހިންގާ ފަރާތްތަކުން މުދައްރިސުންގެ މަސައްކަތަށް ވާގިވެރިވުމަކީ ވެސް މުހިންމު ކަންކަން. މިކަންކަމަށް އިސްކަން ދެވިއްޖެނަމަ، ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ޙައްލެއް ލިބިގެންދާނެ.

ލޮބުވެތި މުދައްރިސުން،

މިއަދު އަޅުގަނޑުމެން ކުރިމަތިލާފައި މިވަނީ 21 ވަނަ ގަރުނުގެ އުފެއްދުންތެރި ވިސްނުމާ. އިއްޔެ އަޅުގަނޑުމެން އުގަންނައިދިން ގޮތަށް މިއަދު އުގަންނައިދީގެން ފަރުޖައްސާލެވޭކަށް ނެތް. ކުރިއަރާފައިވާ ޤައުމުތަކުގެ ތަޢުލީމީ ނިޒާމުގައި ފަހިކޮށްދެވޭފަދަ ފަހި ފުރުޞަތުތަކާއެކު، އަޅުގަނޑުމެންގެ މަންހަޖުގައި ބުނާފަދަ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ތަމްރީންކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި ފަންނީ ހުނަރުތަކުގެ ތެރެއަށް ދަރިވަރުންގެ ލޯތައް ހުޅުވާލަދޭން ޖެހޭ. ކުރިން ވެސް ދެންނެވި ފަދައިން ދަރިވަރުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކީ އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދެމުންއައި އަދި މިއަދުވެސް ދެމުންގެންދާ މަސައްކަތް. ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއަށް ސްޓެމް އެޑިޔުކޭޝަން ތަޢާރަފްކުރުމާއި ވޮކޭޝަނަލް ސެންޓަރުތައް ތަޢާރަފުކުރުމުގެ ބޭނުމަކީ މިއީ. މިހާރު ކުރިއަށް ގެންދާ ލިޓްރަސީ، ނިއުމަރަސީ ޕްރޮގްރާމް [ލޭމްޕް] ގެ އަމާޒަކީ ވެސް ހަމަ މިއީ. އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ ދަރިވަރަކީ ވެސް ހަޤީގީ މާނައިގައި ލިޔަންކިޔަން ދަންނަ، ހަޤީގީ މާނައިގައި ދިރިއުޅުމަށް ތައްޔާރުވެގެން، ޤައުމަށް ޚިދުމަތްކުރަން ނުކުންނަ ދަރިއަކަށް ހެދުން.

ލޮބުވެތި މުދައްރިސުން،

ތަޢުލީމީ ދާއިރާގައި އަޅުގަނޑުމެންނަށް ފާއިތުވީ ފަސްވަރަކަށް އަހަރުގެ ތެރޭގައި ގެނެވިފައިވާ ކާމިޔާބުތަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ވަޤުފްކުރާނީ ތިޔަ ލޮބުވެތި މުދައްރިސުންނަށް. ސްކޫލްތަކުގެ އިސްވެރިންނަށް. މެނޭޖްމަންޓްތަކަށް. އިދާރީ މުވައްޒަފުންނަށް. އަދި އެޑިޔުކޭޝަން މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި އިދާރާތަކުގެ ހިންގުންތެރި އެންމެހައި ވެރިންނާއި މުވައްޒަފުންނަށް.

މާތް ﷲ މުދައްރިސުންގެ މަތިވެރި މަސައްކަތަށް ހެޔޮ ޖަޒާ ދެއްވައި، އެ މުދައްރިސުންނަށް ރުއްސެވުމާއި ފުއްސެވުން މިންވަރު ކުރައްވާށި! އާމީން.

ވައްސަލާމް ޢަލައިކުމް.

20 ރަބީޢުލްއައްވަލް 1445

05 އޮކްޓޫބަރު 2023

 

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.