މުދައްރިސުންނަށް ލައިސަންސް ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލް އިފުތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ދެއްކެވި ވާހަކަފުޅު

بسم الله الرحمن الرحيم
الحمد لله رب العالمين والصلاة والسلام على
أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين

ޓީޗަރ ރެޖިސްޓްރޭޝަން ބޯޑުގެ ރެޖިސްޓްރާ އަދި ސްޓޭޓް މިނިސްޓަރ ޢާޠިޔާ ނަޞީރު،
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން އަދި މުވައްޒަފުން،
ޓީޗަރސް ރެޖިސްޓްރޭޝަން ބޯޑުގެ މެމްބަރުން،
މަދަރުސާތަކުގެ އިސްވެރިން،
ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގެ އިސްވެރިން އަދި މުވައްޒަފުން،
ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން،
އައްސަލާމް އަލައިކުމް.

މުދައްރިސުން ރަޖިސްޓްރީކުރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ޕޯރޓަލް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތަށް ތިޔަ ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން.

އެނގިވަޑައިގަންނަވާނެ ފަދައިން، މީގެ 2 އަހަރު ކުރިން، ތަޢުލީމީ ޤާނޫނަށް ޢަމަލު ކުރަން ފެށުމާއި ގުޅިގެން ތަޢުލީމީ ވުޒާރާގައި ވަނީ މުދައްރިސުން ރަޖިސްޓްރީކުރުމާ ގުޅޭ އެންމެހާ ކަންކަން ކުރުމަށްޓަކައި 5 މެމްބަރުންގެ ‘ޓީޗަރސް ރެޖިސްޓްރޭޝަން ބޯޑެއް’ އުފައްދާފައި. އަދި މިކަމުގެ މަސައްކަތް ފެށިފަ. އަދި މިހާތަނަށް އައި އިރު މި ވަނީ އެ މަސައްކަތްތަށް ނިމި، މި ފެށުނު ދިރާސީ އާ އަހަރާއެކު މުދައްރިސުން ރަޖިސްޓްރީކުރުމުގެ މަސައްކަތް ފަށައިގަނެވިފައި.

ތަޢުލީމަކީ އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމަޢުގެ ބިންގާކަމަށް ވާއިރު އެ ބިންގާ ފަރުމާކުރާ ބަޔަކީ މުދައްރިސުން. ޅަ ކުދިންގެ ސިކުނޑިތައް ހުޅުވާލާ، މަޢުލޫމާތުން މުއްސަނދިކޮށް، ތަފާތު ހުނަރުތައް އަށަގަންނުވާ، މުސްތަޤްބަލްގެ ގޮންޖެހުންތަކާ ކުރިމަތިލާން އެ ކުދިން ތައްޔާރުކުރާ ބަޔަކީ އަޅުގަނޑުމެންގެ މުދައްރިސުން. މުދައްރިސުން އެކުރައްވާ ބުރަ މަސައްކަތް ބަލައިގަނެ އެ ޚިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަށްޓަކައި މުދައްރިސުން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމަކީ ކޮންމެހެން ބޭނުންކަމެއް. އަދި މުދައްރިސުން ނަންގަވާ ޒިންމާއަށް ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް ޤާއިމުވެގެން ދިއުމަކީ ތަޢުލީމީ ދާއިރާއާ މެދު ބެލެނިވެރިންގެ އިތުބާރު ބޮޑުވެގެދާނެ ކަމެއް.

މުދައްރިސުން ރަޖިސްޓްރީކުރުމާ އެ ބޭފުޅުންނަށް ލައިސަންސް ތަޢާރުފުކުރުމުގެ އެތައް މަޤްޞަދުތަކެއްވޭ. އޭގެ ތެރެއިން އެންމެ މުހިއްމު މަޤްޞަދަކީ މުދައްރިސުންނަކީ އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި، ފަންނީ ހުނަރާއި، ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުން. މީގެ ނަތީޖާއަކަށްވަނީ މުޅި ތަޢުލީމީ ދާއިރާގެ، މުޅި ނިޒާމުގެ ފެންވަރު މަތިވެގެން ދިއުން.

މުދައްރިސުން ރަޖިސްޓްރީކުރުމާއި ލައިސަންސް ދިނުމުގެ ދެވަނަ މަޤްޞަދަކީ މުދައްރިސުންނަކީ ޤަދަރުވެރި އަދި މުޖުތަމަޢު ގަބޫލުކުރާ އަޚްލާޤީ ސިފަތައް އަށަގަނެފައިވާ ބަޔަކަށް ހެދުމަށް މަގުފަހިކުރުން. އަދި މުދައްރިސުންނަކީ އެބޭފުޅުންނާ ހަވާލުވެފައިވާ ޒިންމާތަކަށް ޖަވާބުދާރީވާ ބަޔަކަށް ހެދުން. މިކަމުގެ ސަބަބުން މުދައްރިސުންނަކީ ދަރިވަރުންނަށް އުޅުންތަކާއި ގުޅުންތަކުން ނަމޫނާ ދައްކާބަޔަކަށް ވެގެންދޭ. އަދި ބެލެނިވެރިންނާއި ދަރިވަރުންނާއި މުޅި މުޖުތަމަޢުގެ އިތުބާރު ތަޢުލީމީ ދާއިރާއަށް ލިބިގެންދޭ.

މުދައްރިސުން ރަޖިސްޓްރީކުރުމާއި އެ ބޭފުޅުންނަށް ލައިސަންސް ދޭން ފެށުމުން މުދައްރިސުންނަކީ އަބަދުވެސް މަޢުލޫމާތާއި ހުނަރުތައް ތާޒާ ކުރަމުންދާ ބަޔަކަށްވެގެންދޭ. އަދި ބަދަލުވަމުންދާ ދުނިޔެއަށް ލޯ ހުޅުވި ދަރިވަރުން އެކަންކަމަށް ތައްޔާރު ކުރުމުގެ ޤާބިލުކަން މުދައްރިސުންނަށް ލިބިގެންދޭ. މި ހުރިހާ ކަމަކުން އަޅުގަނޑުމެންނަށް ކަށަވަރުވެގެންދާނީ ދަރިވަރުންނަށް ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކަން. އަދި އެ ފެންވަރު ދެމެހެއްޓޭކަން.

މުދައްރިސުން ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދޫކުރުމުގެ ގޮތުން ޓީޗަރސް ރެޖިސްޓްރޭޝަން ބޯޑާއި މި މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާރޓްމަންޓުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފަ. އަދި މި މަސައްކަތުގައި، މުޅި މިނިސްޓްރީގެ ޓީމް، އަޅުގަނޑުމެންގެ އެސް.އެމް.ޓީ އަދި ޓެކްނިކަލް ބޭފުޅުން ބައިވެރިވެފައިވާކަން އަޅުގަނޑު ފާހަގަކުރަން. އަދި އޭގެ އިތުރުން، އަޅުގަނޑުމެންގެ މުވައްޒަފުން، ސްކޫލްތަކުން، ސްކޫލްތަކުގެ ވެރިން އަދި މުދައްރިސުން ހިމެނޭ ގޮތަށް މި މަސައްކަތުގައި ބައިވެރިވެފައިވާކަން އަޅުގަނޑު ފާހަގަކުރަން. މި ފުރުޞަތުގައި މިހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން. އަޅުގަނޑުމެންނަށް ހާސިލުވެގެން މިދަނީ ވަރަށް ބޮޑުކަމެއް ޙަޤީޤަތުގައި. އަޅުގަނޑުމެންނަށް މިކަންކަން ފަހިކޮށްދެއްވުމަށްޓަކައި ތަޢުލީމީ ޤާނޫނު ވުޖޫދުކުރުވާ އެއަށް ޢަމަލުކުރަން ފަށަން މަގުފަހިކޮށްދެއްވި ކަމަށްޓަކައި އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ފަށްފަށުން ޝުކުރުދަންނަވަން. މިއަދު މި ފެށިގެންދާ މަސައްކަތުގެ ހަޤީޤީ މޭވާ އަޅުގަނޑުމެންނަށް ފެނިގެންދާނެ، އެތައް އަހަރުތަކަކަށް ދެމިގެންދާނެ ކަމެއް މީ. މުޅި ތަޢުލީމީ ދާއިރާގެ ފެންވަރު މަތިވެގެންދިޔުމަކީ އަޅުގަނޑުމެން ކޮންމެ މީހަކަށް އޭގެ ހެޔޮ އަސަރު ކުރުވާނެ ކަމެއް. މި ފުރުޞަތުގައި މި ހުރިހާ ބޭފުޅުންގެ މަސައްކަތް ފާހަގަކުރަމުން، ވަކިން ޙާއްޞަކޮށް ޓީޗަރ ރެޖިސްޓްރޭޝަން ބޯޑުގެ ރެޖިސްޓްރާ އަދި ކޮލިޓީ އެޝުއަރެންސް ޑިޕާރޓްމަންޓު ހިންގެވުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ ޢާޠިޔާ ނަސީރަށާއި އެކަމަނާގެ ޓީމަށް ވަރަށް ޙާއްޞަ ޝުކުރެއް ދަންނަވަން. އަދި ޓީޗަރ ރެޖިސްޓްރޭޝަން ޕޯރޓަލް ފަރުމާކޮށް މުދައްރިސުންނަށް ލައިސެންސް ދޫކުރުމުގެ މަސައްކަތް ފަހިކޮށްދެއްވީތީ ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގެ އިސްވެރިންނަށާއި މުވައްޒަފުންނަށް މި ޝުކުރު ފަށްފަށް ކޮށްލަން.

މިއަދު އަޅުގަނޑުމެން މި ފަށާ މަސައްކަތުގެ ސަބަބުން ބެލެނިވެރިންނަށް ކަށަވަރުވެގެންދާނީ އެ ބޭފުޅުންގެ ދަރިން ޙަވާލުކުރެވެނީ ކަމަށް ޤާބިލު އެކުދިންނަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ލިއްބައިދޭނެ ހުނަރުވެރި މުދައްރިސުން ތަކަކާކަން. އަދި މި މަސައްކަތުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ބެލެނިވެރިންގެ އިތުބާރު ބޮޑުވެ މި ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތައްވެސް އިތުރުވެގެންދާނެ.

ތަޢުލީމީ ދާއިރާގެ ފެންވަރު ރަނގަޅުކޮށް، ފެންވަރު ދެމެހެއްޓުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން އެދި ދުޢާ ކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

ވައްސަލާމް ޢަލައިކުމް.

 

Leave a Comment

Your email address will not be published.