ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ 47 ވަނަ އަހަރީ ދުވަސް މިއަދު އެއިންސްޓިޓިއުޓްގައި ފާހަގަ ކޮށްފިއެވެ. އަހަރީ ދުވަސް ފާހަގަ ކުރުންއޮތީ މިއަދު ހެނދުނު އެ އިންސްޓިޓިއުޓްގެ ސެމިނަރ ރޫމްގައެވެ.
އެން.އައި.އީގައި މަސައްކަތްކުރާ މާލޭގައި މަރުކަޒުވެގެންތިބި ހުރިހާމުވައްޒަފުން އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޙަފްލާގައި ބައިވެރިވިއެވެ. މިޙަފްލާ ޝަރަފްވެރި ކޮށްދެއްވީ އެން.އައި.އީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބުއެވެ.
ދުވަހަށް ހާއްޞަކޮށްގެން ހަދާފައިވާ ލަވަޔަކާއެކު ކުރިއަށް ގެންދިޔަ މި ޙަފްލާ ޝަރަފްވެރިކޮށްދެއްވުމަށް ދެއްކެވި ވާހަކައިގައި ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބު ވިދާޅުވީ އެން.އައި.އީގެ 47 އަހަރުގެ ދިގު ހަޔާތުގައި ރާއްޖޭގެ ތަޢުލީމަށް ވަރަށް ގިނަގުނަ ޚިދުމަތްތައް ކުރެވިއްޖެކަމަށެވެ. މިގޮތުން އެން.އައި.އީ އިން ވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުގައްރަރެއް އަލަށް ފަރުމާކޮށް ކިޔަވައިދިނުމަށް ބޭނުންވާ ފޮތްތައް ތައްޔާރުކޮށް އޭގެކުރިން ރާއްޖެ ދެކެފައިނުވާ ދުވަސްތަކެއް ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ގެނެސްދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެން.އައި.އީ އަކީ ކުރިން ހިނގަމުންދިޔަ ދެ އިންސްޓިޓިއުޓެއް ކަމަށްވާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރ އާއި ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން އެއްކޮށްލައިގެން 2012 ވަނަ އަހަރު އުފެއްދި މުއައްސަސާއެކެވެ.
1984 ވަނަ އަހަރު ރާއްޖޭގައި އަލަށް މަންހަޖެއް ފަރުމާކުރަން ފެށުމުގެ ކުރިން ސްކޫލްތަކުގައި ކިޔަވައިދެމުން ދިޔައީ އެސްކޫލަކުން އަމަލު ކުރަމުން ގެންދިޔަ މުގައްރަރަކަށެވެ. ޑީޖީ ޝަކީބު ވިދާޅުވީ ރާއްޖޭގައި ފަރުމާކޮށް ތަންފީޒު ކުރެވުނު މަންހަޖަށް އެކުލަވާލި ފޮތްތައް ބޭނުންކޮށްގެން ކިޔަވާ ދަރިވަރުން ބައިނަލް އަގުވާމީ އިމްތިޙާންތަކުގައި ބައިވެރިވެ ދުނިޔޭގެ ފެންވަރުގައި ހޯދާ ނަތީޖާއަކީ އެން.އައި.އީ ފަޚުރުވެރިވާ ނަތީޖާ ތަކެއްކަމަށެވެ.
ރާއްޖޭގެ ތަޢުލީމީ ހަޔާތަށް އެންމެބޮޑު ވިދުމެއްއައީ 1976 ވަނަ އަހަރު ޔުނެސްކޯގެ އެހީގައި ގާއިމު ކުރެވިގެންދިޔަ އެޑިޔުކޭޝަން ޕްރޮޖެކްޓް އޮފީހުންނެވެ. އީޕީއޯގެ މަސައްކަތްތައް ފަހުން ކުރިޔަށް ގެންދިޔައީ އަލަށް އުފެއްދި އޮފީހެއްކަމުގައިވާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރ އީޑީސީ އިންނެވެ. އީޑީސީން ހިންގަމުން ގެންދިޔަ މައިގަނޑު މަސައްކަތްތަކަކީ ސްކޫލްތައް އިމާރާތް ކުރުމާއި، ޓީޗަރުން ތަމްރީނު ކުރުމާއި، މަންހަޖު އެކުލަވާލުމާއި، ފޮތްތައް ތައްޔާރު ކުރުމާއި ޗާޕްކުރުމާއި ސްކޫލުން ބޭރުގައި އުޅޭ ކުދިންނަށް ތައުލީމު ދިނުމުގެ މަސައްކަތެވެ. މި މަސައްކަތްތައް ފުޅާވެ މުދައްރިސުންގެ ތަޢުލީމީ މަރުކަޒަކާއި ނުރަސްމީތައުލީމުދޭ މަރުކަޒެއް އަދި ސްކޫލްތައް އިމާރާތްކުރާ ޔުނިޓަކާއި ފޮތްޗާޕްކުރާ ބައެއް އުފެދުމުން އީޑީސީން ދެން މައިގަނޑު ގޮތެއްގައި ކުރަމުން ގެންދިޔައީ ކަރިކިޔުލަމާއި ފޮތްތަކުގެ މަސައްކަތެވެ. 2012 ވަނަ އަހަރު އެންއައިއީ ވުޖޫދުވަންދެންވެސް އީޑީސީ ޚާއްސަވީ މަންހަޖާއި ފޮތްތަކަށެވެ.
47 ވަނަ އަހަރީ ދުވަހަށް ޚާއްސަ ދުޢާ އަކުން ފެށި މިޙަފްލާގައި އެންއައިއީގެ އިސްވެރިޔާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އަޙްމަދުގެ ޚާއްސަ މެސެޖެއް އިއްވުން އޮތެވެ.
އެންއައިއީގެ ރިކްރިއޭޝަން ކްލަބުން އިންތިޒާމްކުރި މިޙަގްލާގައި މުއައްޒަފުން ބައިވެެރިވި މުނިފޫހި ފިލުވުމުގެ އައިޓަމެއް އޮތެވެ.
އެން.އައި.އީގެ އަހަރީ ދުވަހަކީ އޮކްޓޯބަރ މަހުގެ 6 ވަނަ ދުވަހެވެ.