ސައިބަރ ބުލީކުރުން – އެއީ ކޮންކަމެއްކަމާއި އެކަމާބެހޭގޮތުން އެނގެންޖެހޭ ބައެއް މުހިއްމު މައުލޫމާތު

ލިޔުނީ : މަރިޔަމް ނިހާޒް

(މިލިޔުމަކީ apa.org މިވެބްސައިޓްގައި އޭޝްލޭ އަބްރަހަމް ސެޕްޓެންބަރ 2022 ގައި ލިޔުއްވާފައިވާ ލިޔުއްވުމަކަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.)

ޒަމާނަށް އައި ބަދަލުތަކާއި އެކު ދިރިއުޅުމުގެ ކޮންމެ ކަމަކަށް ޓެކްނޮލޮޖީގެ އަސަރު ފޯރައި، އެއާއި ނުލާ ނޫޅެވޭ ހިސާބަށް މިހާރު ކަންތައްތައް މިވަނީ ގޮސްފައެވެ. މިކަމުގެ ސަބަބުން އޭގެ ފައިދާތައް ގިނަގުނަ ނަމަވެސް، ޓެކްނޮލޮޖީގެ އަނދިރި ފަރާތެއް ވާކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަންޖެހެއެވެ. މިގޮތުން، މިހާރު އިވޭ އެއް އަޑަކީ ސައިބަރ ބުލީކުރުމުގެ ވާހަކައެވެ.

ސައިބަރ ބުލީ ކުރުމަކީ ކޮބައި ހެއްޔެވެ؟

ސައިބަރ ބުލީކުރުމަކީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހަކު ނިކަމެތިކޮށް، ގެއްލުމެއް ދީ، ނުވަތަ އެހެން މީހަކަށް ވޭން ދިނުމުން ދިމާވާ ކަމެކެވެ. އެއީ ކޮންޕިއުޓަރާއި ފޯނު އަދި އެހެނިހެން އިލެކްޓުރޯނިކް ވަސީލްތައް ބޭނުންކޮށްގެން ވިސްނުންތެރިކަމާއި، ރޭވުންތެރިކަމާއިއެކު މީހަކާ ކުރިމަތިލުމުން ތަކުރާރުކޮށް ލިބޭ ގެއްލުމެވެ. ކުށްކުރާ މީހުން ކޮންމެވެސް އޮންލައިން ސެޓިންއެއްގައި އަނިޔާ ލިބޭ މީހުންނަށް ބުލީ (ހަނގާ) ކުރާއިރު، އޭގެ ތެރޭގައި ސޯޝަލް މީޑިއާ، ވީޑިއޯ ނުވަތަ ކޮންޕިއުޓަރ ގޭމް، ޑިސްކަޝަން ބޯޑް ނުވަތަ މޮބައިލް ވަސީލަތްތަކުގައި ޓެކްސްޓް މެސެޖް ކުރުން ހިމެނެއެވެ.
ދާދިވަރު (ވާޗުއަލް) ބުލީކުރުމަކީ އުމުރަކަށް ބެލުމެއް ނެތި ކޮންމެ މީހަކަށް ވެސް އަސަރު ކޮށްފާނެ ކަމެކެވެ. ނަމަވެސް “ސައިބަރ ބުލީން” މި ލަފުޒަކީ އާންމުގޮތެއްގައި ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންގެ މެދުގައި އޮންލައިންކޮށް ބުލީ ކުރުމެވެ. އޭގެ ތެރޭގައި ނަން ގޮވުން، އިންޒާރު ދިނުން، ޕްރައިވެޓް ނުވަތަ ލަދުވެތި ފޮޓޯ ހިއްސާކުރުން ނުވަތަ އެހެން މީހުން ބާކީކުރުން ހިމެނެއެވެ.

އެއް ބުލީއަކު ( ހަނގާ ކުރާ ފަރާތް) އޮންލައިންކޮށް އެހެން މީހަކަށް އުނދަގޫކޮށްފާނެއެވެ. ނުވަތަ އެތައް ބުލީއަކުން ގުރޫޕެއް ހަދައިގެން އެންމެ މީހަކާ ޖައްސާލައިގެން އުޅެފާނެއެވެ. ނުދަންނަ މީހަކު ގެ ކިބައިން ސައިބަރ ބުލީ ކުރުން ފެށިގެން އަންނައިރު، މިކަން ގިނައިން ދިމާވަނީ ސްކޫލުން ނުވަތަ އެހެނިހެން އިޖުތިމާއީ ސެޓިންތަކުން، ނުވަތަ ފުރާވަރުގެ ކުދިންގެ މެދުގައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބުލީކުރުން ގިނަފަހަރަށް ދިމާވަނީ ސްކޫލާއި އޮންލައިންގައެވެ.
ބޮޑެތިމީހުންގެ މެދުގައި އޮންލައިންކޮށް ކުރާ ފުރައްސާރައިގެ ތެރޭގައި ދޭދޭގުޅުމާއި ކޮންޓެކްސްޓަށް ބަލައި ތަފާތު ލަފުޒުތައް ހިމެނިދާނެއެވެ. މިސާލަކަށް، ޖިންސީ ފުރައްސާރަ، މަސައްކަތުގެ މާހައުލުގައި ފުރައްސާރަކުރުން އަދި ސްކޭމްކުރުން – މި ހުރިހާ ކަމެއް ވެސް އިންޓަރނެޓްގައި ހިނގާފާނެއެވެ.

ސައިބަރ ބުލީންގެ ސަބަބުން އަމިއްލަ ނަފްސަށް ނުވަތަ ދަރިފުޅުގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާނީ ކިހިނެއް؟

ބުލީ ގެ ކޮންމެ ބާވަތެއްގެ ސަބަބުން އަނިޔާ ލިބޭ މީހާގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކޮށްފާ ނެއެވެ. އަދި ބުލީ ކުރާ ވަގުތުވެސް އަދި މުސްތަގުބަލުގައިވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ. ސައިކޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި ސައިބަރ ބުލީއެއްގެ ޝިކާރައަކަށްވުމަކީ ސްޓްރެސް އިތުރުވެ އެންޒައިޓީ އާއި ޑިޕްރެޝަންގެ އަލާމާތްތައް ފެނިދާނެ ކަމެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އެންޒައިޓީ އާއި ޑިޕްރެޝަންގެ ސަބަބުން ޒުވާން އުމުރުގެ ކުދިން ސައިބަރ ބުލީންގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ބޮޑުވެއެވެ.

ސައިބަރ ބުލީގެ ސަބަބުން ތައުލީމީ ގޮތުން ވެސް ގެއްލުމެއް ލިބި، ދަރިވަރެއްގެ އެޓެންޑެންސް ނުވަތަ އެކަޑަމިކް ޕާފޯމަންސަށް އަސަރުކުރެއެވެ. ހާއްސަކޮށް ބުލީ ކުރުން އޮންލައިންކޮށް އަދި ސްކޫލުގައި ވެސް ދިމާވާ ހާލަތްތަކުގައި ނުވަތަ ކުލާސްރޫމުގައި ދަރިވަރަކު އޮންލައިންކޮށް ބުލީ ކުރާ ކުއްޖާ ނުވަތަ ބަޔަކާ ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި ވެސް އޭގެ ސަބަބުން ތައުލީމީ ގޮތުން ގެއްލުމެއް ލިބިދާނެއެވެ.
ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިން ސައިބަރ ބުލީންގެ ސްޓްރެސްއާ ކުރިމަތިލުމަށް ޓަކައި މަސްތުވާތަކެތީގެ ބާވަތްތައް ބޭނުންކުރުން ފަދަ ނެގެޓިވް ކޯޕިން މެކޭނިޒަމްތަކަށް ބަރޯސާވެދާނެއެވެ. މީގެ އިތުރުން، އެކްސްޓްރީމް ހާލަތްތަކުގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އަމިއްލަ ނަފްސަށް ގެއްލުމެއް ދިނުން ނުވަތަ އަމިއްލައަށް މަރުވުމުގެ ވިސްނުމާ ކުރިމަތިލާ ފަހަރު ވެސް އާދެއެވެ.

މައިންބަފައިން ދަރިންނާ ސައިބަރ ބުލީންގެ ވާހަކަ ދައްކާނީ ކިހިނެއް ؟
ސައިބަރ ބުލީން އާއި އެއާ ގުޅުންހުރި ގެއްލުންތައް ހުއްޓުވުމުގައި މައިންބަފައިންގެ ދައުރު ވަރަށް ބޮޑެވެ. ކުދިން އޮންލައިންކޮށް ކުރާ ކަންކަމާއި، ކުއްޖާގެ ޑިވައިސް ޗެކްކުރިޔަސް، އެކުދިންގެ އޮންލައިން ބިހޭވިއާއާ ބެހޭ ގޮތުން ވާހަކަ ދެއްކިޔަސް، ނުވަތަ މޮނިޓަރިން ޕްރޮގްރާމެއް އިންސްޓޯލް ކުރިޔަސް އެކަމަށް ބެލެނިވެރިން ހޭލުންތެރިވާންވާނެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދަރިފުޅަށް ރައްޓެހިވެ، މުއާމަލާތް ކުރެވޭނީ ކާކާތޯ ކަނޑައަޅާނެ ވަކި އުސޫލެ ގެންގުޅޭށެވެ.
މިސާލަކަށް ދަރިފުޅަށް ބުނެދޭންވީ ގެއަށް މީހަކު ދައުވަތު ނުދެވޭނަމަ އެކުދިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް އެކްސެސް ދީގެން ނުވާނެ ކަމެވެ.
އަދި ސައިބަރ ބުލީންގެ އަލާމާތްތައް ބެލެނިވެރިން އަހުލުވެރި ކުރުވަން ޖެހެއެވެ. އޭގެ ތެރޭގައި ޑިވައިސް ބޭނުންކުރުން އިތުރުވުމާއި ޑިވައިސް އެއް ބޭނުންކުރުމަށްފަހު ރުޅިއައުން ނުވަތަ ކަންބޮޑުވުން ނުވަތަ އެހެން މީހުން ކައިރީގައި ތިބޭއިރު ޑިވައިސްތައް ފޮރުވުން ހިމެނެއެވެ.

ސައިބަރ ބުލީންއާ ބެހޭ ގޮތުން ގަވާއިދުން މުއާމަލާތް ކުރުމަކީ ކުއްޖާގެ ދުޅަހެޔޮކަމަށް ބުރޫ އެރުން ހުއްޓުވުމުގައި ވަރަށް މުހިންމު މާއްދާއެކެވެ. ސައިކޮލޮޖިސްޓުން ލަފާ ދެނީ އިންޓަނެޓްގެ ޕާސަނަލް އެކްސެސް ލިބުމުގެ ކުރިން އޮންލައިންކޮށް ރައްކާތެރިވާނެ ގޮތަކާ ބެހޭ ގޮތުން ކުދިންނާ ވާހަކަ ދެއްކުމަށެވެ.
ސައިބަރ ބުލީންގެ ކޮންސެޕްޓް ކުއްޖާއަށް ވިސްނޭހާ އަވަހަކަށް އަހުލުވެރިކުރުވަންވާނެއެވެ.
އަދި އެހެން މީހަކަށް އަނިޔާކުރާކަން އެނގޭނަމަ ކަން ކުރަންވީ ގޮތް ކުދިންނަށް ދަސްކޮށްދިނުމަކީ ވެސް މުހިންމު ކަމެކެވެ.
މިސާލަކަށް ދަރިފުޅަށް އެނގޭ މީހަކު ސައިބަރ ބުލީންގެ ޝިކާރައަކަށް ވެއްޖެނަމަ މުދައްރިސަކަށް ނުވަތަ ބެލެނިވެރިއަކަށް އެންގުމަށް ހިތްވަރުދޭންވާނެއެވެ. ސައިބަރ ބުލީންއާ ބެހޭ ގޮތުން ވާހަކަ ދައްކަން ކުޑަކުދިން ފަސްޖެހެނީ އެކުދިންގެ ޑިވައިސްތަކަށް ވަނުމުގެ ފުރުސަތު ގެއްލޭނެ ކަމުގެ ބިރު އޮތުމުންކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. މީގެ އިތުރުން، ސައިބަރ ބުލީންގެ ވާހަކަ ދެއްކުމުން ދަރިފުޅަށް އުނދަގުލެއް ނުވާނެކަން ހަނދާންކޮށްދީ، ތިބާއާ އެކު ހާމަގޮތެއްގައި މުއާމަލާތް ކޮށްހެދުމަށް ހިތްވަރު ދީ ތިބާގެ އަމާޒަކީ އޮންލައިންކޮށް ރައްޓެހިންނާ ރައްކާތެރިކަމާއެކު މުޢާމަލާތު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުންކަން ސާފުކޮށް ބަޔާންކުރަންވާނެއެވެ.

Leave a Comment

Your email address will not be published.