ލިޔުނީ:ޙަސަން ޒަރީރު އިބްރާާހީމް
(ތިންވަނަ ބައި)
ޔޫރަޕްގައި އަންހެނުންގެ ޙައްޤުތައް
މީލާދީން 1586 ވަނަ އަހަރު ޔޫރަޕްގެ މަސީޙީންގެ މެދުގައި ކުރެވުނު ބަޙުޘެއްގައި އަލި އަޅުވާލެވިފައިވަނީ އަންހެނާގެ ހަށިގަނޑުގައި ރޫހެއްވޭތޯ ނުވަތަ ނޫންތޯ ބެލުމާއި، ރޫޙެއްވާނަމަ އެއީ އިންސާނެއްގެ ރޫޙެއްތޯ ނުވަތަ ޙައިވާނެއްގެ ރޫޙެއްތޯ އާއި އިންސާނެއްގެ ރޫޙެއްނަމަ އެއީ ފިރިހެނުންނާއި އެއްފަންތިޔެއްގެ ރޫޙެއްތޯ ނުވަތަ އެއަށްވުރެން ދަށުދަރަޖައިގެ ރޫޙެއްތޯ ބެލުމުގެ މައްޗަށެވެ. މި ބަޙުޘުގެ ނަތީޖާއަކަށް އައީ އަންހެނާއަކީ ދަށުދަރަޖައިގެ އިންސާނެއްކަމަށާއި ނަމަވެސް އެއްވެސް މިނިވަންކަމެއް ނެތްބަޔެއްކަމަށާއި އަންހެނުންގެ ވަޒީފާއަކީ ފިރިހެނުންނަށް ޚިދުމަތްކުރުންކަމުގައެވެ. މީލާދީން 1802 ވަނަ އަހަރާއި ހަމަޔަށް އިނގިރޭސީންގެ ފިރިހެނުން އެބައިމީހުންގެ އަނބިން ވިއްކަމުން ގެންދިޔައެވެ. އަންހެނާގެ އަގަކީ ހަމަ އެއްމެ ޕެނީއެއްކަމުގައެވެ. އަންހެނުން ޙައްޤުތައް ޙިމާޔަތް ކުރުމަށް ވަކާލާތުރާ ބަޔެއްގެ ޓެގް އަޅައިގެން އުޅޭ މީހުންވެސް އަންހެނުންގެ ޙައްޤުތައް އިހުމާލުކޮށް ނިކަމެތި ކޮށްފައިވާ މިންވަރާއިމެދު ޙައިރާންވާން ޖެހެއެވެ.
ތަފާތު ޒަމާންތަކުގެ ޢިލްމުވެރިން އަންހެނުންގެ ޙައްޤުތަކާއި ބެހޭ ގޮތުން ވިދާޅުފައިވާ ބަސްފުޅުތަކުގެތެރެއިން;
ތޯމަސް އެޑްގާ (1632)، ވަނައަހަރު ލިޔުއްވާފައިވާ ” ލޯސް އޮފް ރިޒެލިއުޝަންސް އޮފް ވުމަންސް ރައިޓްސް ” (ދަލޯސް ޕްރޮވިޝަން ފޯތުމަންސް) މިފޮތުގައި އޭނާ ލިޔެފައިވާ ބައިތަކަށް ބަލާއިރު މިފޮތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި ކައިވެންޏާއި،ވަރިކުރުމާއި، އެކަކަށް ވުރެ ގިނަމީހުންނާ ކައިވެނި ކުރުމާއި، ރޭޕްކުރުންފަދަ ކަންކަމުގެ މައްޗަށް ލިޔެފައިވާ ޗެޕްޓާރއެއް ހިމަނާފައިވެއެވެ. އަދި މީގެ އިތުރުން ފިރީން އަނބީންނަށް އަނިޔާ ނުކުރުމަށާއި، އަނބީންގެ މުހިއްމުކަން އަންގައި ދިނުމަށް ޚާއްޞަ ޗެޕްޓަރެއް ވެސް މިފޮތުގައި ހިމަނާފައިވެއެވެ. އަދި މަތީފަންތީގެ މީހުން އަންހެނުންނާއި މެދު އިހާނެތިކޮށް ކަންކަން ކުރުން ހުއްޓާލުމަށާއި އެކަން މުޅި ދުނިޔޭގައި ޢާއްމުވެފައިވާ ކަމަށާއި، ހުޅަނގުގެ ޤައުމުތަކުގައި ޚާއްސަކޮށް ވެސް މިފޮތުގައި ލިޔެފައިވެއެވެ. އެޑްގާ ދެކިލައްވާ ގޮތުގައި ވާރުތަމުދަލުން އަންހެނުންނަށް ވެސް ބައި ލިބޭގޮތަށް ޤާނޫނުތައްހަދާ ހުވަފަތްވާ އަންހެނުންނަށް އެމުދާ ލިބިދޭން ޖެހޭ ކަމަށާއި، އަދި މިފަދަ ޤާނޫނުތައް ހެދުމާއި، މިފަދަ ޤާނޫނުތައް ތަރުޖަމާ ކުރުމުގައި އަންހެނުންގެ ދައުރު އޮންނަން ޖެހޭނެކަމަށާއި، މިކަންކަން ދުނިޔޭގެ ފެންވަރުގައި ކުރަންޖެހިފައިވާ ކަމުގައި ބަޔާން ކުރައްވައިފައިވެއެވެ.
ވިކިޕީޑިއާގައި “ވިމަންސް ރައިޓްސް” މިސުރުޚީގެ ދަށުގައި ލިޔެފައިވާ ގޮތުގައި އަންހެނުންގެ ޙައްޤުތަކާއި ބެހޭ ގޮތުން މަސައްކަތް ކުރެވެން ފެށުނީ 19 ވަނަ ޤަރުނުގެ ތެރޭގައި ކަމަށާއި އަދި 20 ވަނަ ޤަރުނުގެ ތެރޭގައި “ފެމެނިސްޓް މޫވްމަންޓް” ގެނަމުގައި މުޅިދުނިޔޭގައި މިޙަރަކާތް ފެށިގެން ގޮސްފައިވާ ކަމަށާއި، މިގޮތުން ބައެއް ޤައުމުތަކުގައި މިޙައްޤުތައް ކަށަވަރުކޮށްދީ ބަލަހައްޓައިދޭނެ އިދާރާތަކެއް އުފެދިފައިވާ ކަމަށާއި އަނެއްބައި ޤައުމުތަކުގައި ޤާނޫނުތަކުންނާއި އާދަކާދައިގެ ތެރެއިން އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ގޮތްތަކެއް ކަނޑައެޅިގެންދިޔަ ކަމަށާއި، އަދި އަނެއްބައި ޤައުމުތަކުގައި މިޙައްޤު ތަކުގެ މައްޗަށް އަޅާލުމެއްނެތި މިޙައްޤުތައް ދޫކޮށްލައިފައިވާ ކަމަށާއި، އަދި މިޙައްޤުތައް ކަނޑައަޅައި ބަޔާންކޮށްފައިވާ ޤައުމުތަކުގައި ވެސް އެއްޤައުމު އަނެއްޤައުމަށް ވާރުތަވުމާއި އާދަކާދައިގެ މަތިން އަންހެނުންގެ ޙައްޤުތައް ފިރިހެނުންގެ މައްޗަށް ހޯދައި ދިނުމަށް އުނދަގޫ ތަކެއް ހުރިކަން ފާހަގަ ކުރައްވާފައިވެއެވެ.
ލޮކްވުޑް ބަރޓް ބީ. (2006). ހާމަކުރައްވާ ގޮތުގައި އަންހެނުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި ގުޅިފައިވާ މައްސަލަތަކުގެތެރޭގައި، އަންހެނުންނަށް އެއަންހެނާގެ ހަށިގަނޑާއިމެދު އޭނާބޭނުންވާ ގޮތަކަށް ކަންކަން ނިންމުމުގެ ޙައްޤު ލިބުމާއި، އަންހެނަކާއި ފިރިހެނަކު ކައިވެނި ކުރުމަށްފަހު އެހެން އަންހެނަކާއި ކައިވެނި ކުރުމުގެ ފުރުޞަތު ނައްތައިލުމާއި ޖިންސީ އަނިޔާއާއި ޖިންސީ ގޯނާއިން ސަލާމަތްވެ ރައްކާތެރިކަން ލިބިގަތުމުގެ ޙައްޤާއި ވޯޓްލުމުގެ ޙައްޤާއި އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ޙައްޤާއި ޤާނޫނީ އެއްބަސްވުން ތަކުގައި ބައިވެރިވުމުގެ ޙައްޤާއި ޢާއިލާއާއި ބެހޭގޮތުން ހެދޭ ޤާނޫނުތަކުގައި ފިރިހެނުންނެކޭ އެއްހަމައިން ޙައްޤުތައް ކަށަވަރުވެފައި ވުމާއި މަސައްކަތް ކުރުމުގެ ޙައްޤާއި ހަމަހަމަ ކަމުގެ ޙައްޤާއި މުސާރަ ލިބުމުގެ ޙައްޤާއި މިލްކުކުރުމުގެ ޙައްޤާއި އުނގެނުމުގެ ޙައްޤު ލިބެންޖެހޭނެކަމުގައި ބަޔާންކުރައްވާފައިވެއެވެ.
އެވޭލާޒަމާނުގެ ތާރީޚަށް ބަލާއިރު މެސޮޕޮޓޭމިއާ ގައި އުޅުނު ސޫމާރީންގެ އާދަކާދާގައި އެބައިމީހުންގެ މެދުގައި އަންހެނުންނަކީ ގަނެވިއްކާ މުދަލެއްގެ ގޮތުގައި ބޭނުންކުރަމުންދާ ބަޔެކެވެ. ނަމަވެސް އެދުވަސްވަރު އަންހެނުންނަށް ކޯޓްތަކުގައި ހެކިބަސް ދިނުމާއި، ވިޔަފާރި ކުރުމުގެ ޙައްޤު ލިބިފައިވެއެވެ. މީގެއިތުރުން އިނދެގެން އުޅޭ ދެމީހަކު ވަރިވާޙާލަތެއްގައި އެދެމީހުންގެ ދަރިޔަކު ހުރެއްޖެނަމަ އެފިރިހެންމިހާއަށް އެހެންމީހަކާއި ދެން ނުއިނދެވޭގޮތަށް ކަނޑައަޅާފައިވާ ކަމުގައެވެ. މިއީ އެ އަންހެންމީހާގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅެއްކަމަށާއި، މި މުޖުތަމަޢުގައި ގިނަބަޔަކު އަޅުކަންކުރަމުން ދިޔަ ކަލާނގެޔަކީވެސް އަންހެން ކަލާނގެއެއް ކަމުގައި މި ލިއުއްވުމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ފިރިމީހާއަށް ވަކިޝަރުޠުތަކަކާއިއެކު އަނބިމީހާ ވަރިކުރުން ހުއްދަކޮށްފައި އޮންނަކަމަށެވެ. ވަރިކުރުމަށް ކުރެވޭ ޝަރުޠަކީ ފިރިމީހާގެ މުދަލުން އަނބިމީހާއަށް ބަޔެއް ދިނުމާއިއެކު ޖޫރިމަނާ ދެއްކުން ފަދަ ކަންކަން އެބައިމީހުންގެ އުޞޫލުތަކުގެ ތެރޭގައި ކަނޑައަޅާފައި އޮންނަކަމަށެވެ. ފިރިމީހާގާތުން ވަރިވުމަށް އެދޭއަންހެނުން ބޮޑެތި ޢަދަދު ތަކުން ޖޫރިމަނާ ކުރުމާއި، ޒިނޭ ސާބިތުވާ އަނބީންވެސް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރެވޭ ކަމުގައެވެ. ކްރޭމާ ސެމިޔޮލް ނޯއާ. (1963). ހާމަކުރައްވާ ގޮތުގައި، ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ވަރިކުރުމުގެ ޙައްޤު ބެބިލޯނިއަނުންނާއި، އަސޭރިއަނުންގެ މެދުގައި އެބައިމީހުންގެ އާދަ ކާދައެއްގެ ގޮތުގައި ޢަމަލުކުރަމުން ގޮސްފައިވެއެވެ. ޤަދީމީ މުފައްކިރުންގެ މިވާހަތަކުން ހާމަވެގެންދަނީ ގިނަ ފަރާތްތަކުން ދެކޭގޮތުން އަންހުންނަށް، ޙައްޤުތަކުގެ ދާއިރާ އެޒަމާނުގައި އެމީހުންގެ މެދުގައި ހަނިވެފައިވާ މިންވަރުގެ ބޮޑުކަމެވެ.
އިސްލާމް ދީނުގައި އަންހެނާގެ މަޤާމާއި ލިބިގެންވާ ޙައްޤުތައް
ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތުން އަންހެނާގެ މަޤާމާއި ޙައްޤު މަތީގައިވާ ސުރުޚީގެ ދަށުން އަލިއަޅުވާލާނީ ވަކި އަރިމަތި ސުރުޚީތަކަކަށް ބައިކޮށް ތަފްޞީލު ގެނެސްދޭގޮތަށެވެ. މި ގޮތުން އެއްމެ ފުރަތަމަ ބަލައިލާނީ!
އަންހެން ދަރިއެއް އަދި އުޚުތެއްގެ ޙައިޘިއްޔަތުން އެކަނބަލުންނަށް ލިބިދޭ ޙައްޤުތައް
އަންހެންދަރިންނަށްވުރެން ފިރިހެންދަރިންނަށް އިސްކަންދޭ މުޖުތަމަޢުތައް އުޅެމުންދެއެވެ. އެހެންނަމަވެސް އަންހެނުންނަކީ އަގެއްނެތް މުދާގަނޑެއްގެ ގޮތުގައި ގޮތުގައި ބެލެވުނު ޒަމާން ފާއިތުވެ ހިނގައްޖެއެވެ. މިބަދަލު ގެނުވައިދިނީ އިސްލާމް ދީނެވެ. މިގޮތުން ދަރިއެއްގެ އަދި އުޚުތާއަށް އިސްލާމް ދީނުގައި ލިބިދޭ ޙައްޤާއި މަޤާމަށް ބަލާއިރު، ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވެއެވެ. “ދެއަންހެންކުދިން ޞާލިޙު ދަރިންގެ ގޮތުގައި ބަލައި ބޮޑުކޮށްފިމީހާ ދަންނާށެވެ! ތިމަން ރަސޫލާއި އޭނާޔާއި ވާހުށީ މިފަދައިންނެވެ. މިހެން ވިދާޅުވެ އިޝާރާތްކުރެއްވީ އެކަލޭގެފާނުގެ ދެއިނގިލިފުޅަށެވެ.” އަދި އެހެން ޙާދީޘްފުޅެއްގައި އައިސްފައިވެއެވެ. “ދެއަންހެން ދަރިން ނުވަތަ ތިންއަންހެންދަރިން ނުވަތަ ދެއުޚުތުން ނުވަތަ ތިން އުޚުތުން ބާލިޣުވަންދެން ހެޔޮގޮތުގައި ބަލައި ބޮޑުކޮށްފިމީހާ ނުވަތަ އެޙާލުގައި ދޫކޮއްފައި މަރުވާމީހާ ދަންނާށެވެ! ތިމަން ރަސޫލާއާއި ވާހުށީ މިފަދައިންނޭ ވިދާޅުވެ އިޝާރާތް ކުރެއްވީ އެކަލޭގެފާނުގެ ޝަހާދަތް އިނގިއްޔާއި ޖެހިގެން ހުރި އިނގިލިފުޅަށެވެ.” ދަރިޔެއްގެ އަދި އުޚުތެއްގެ ޙައިޘިއްޔަތުން އަންހެނުންނަށް އިސްލާމްދީން ދީފައިވާ އަހުމިއްޔަތާއި ޤަދަރު މި ބަސްފުޅުތަކުންވެސް ހާމަވެގެން ދެއެވެ.
މަންމައެއްގެ ޙައިޘިއްޔަތުން އަންހެނުންގެ ޙައްޤުތައް
އިސްލާމްދީނުގައި މަންމައެއްގެ ޙައްޤާއި މަޤަމަކީ އެހެންއެއްވެސް ދީނެއްގައި ލިބިގެން ނުވާފަދަ މަތިވެރި މަޤާމެކެވެ. މަންމައިންނަށް ލިބިގެންވާ ޙައްޤާއި މަޤާމަކީ ބައްޕައެއްގެ ޙައްޤަށްވުރެން ތިންގުނަ މަތިވެރި މަޤާމެއްކަން ޞައްޙަ ޙަދީޘުން ޘާބިތުވެފައިވެއެވެ. އެއްދުވަހަކު ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަރިއަހަށް މީހަކު އައިސް ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! ތިމަން މީސްތަކުންގެ ތެރެއިން އެންމެ ހެޔޮގުޅުމެއް ބާއްވައި އެއްމެ ބޮޑަށް އޯގާތެރިކޮށް ހިތަންޖެހޭނީ ކާކަށްތޯއެވެ؟ އެހިނދު ކީރިތިރަސޫލާ ޙަދީޘް ކުރެއްވިއެވެ. ‘ތިބާގެ މަންމަޔަށެވެ.’ އެމީހާ ދެންނެވިއެވެ. ދެން ކާކަށްތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. ‘ތިބާގެ މަންމައަށެވެ. މިފަދައިން ތިންފަހަރު ތަކުރާރު ކުރެއްވުމަށްފަހު ހަތަރުވަނަ ފަހަރު ދެންނެވުމުން ޙަދީޘްފުޅުކުރެއްވިއެވެ. ‘ތިބާގެ ބައްޕަޔަށެވެ.’ ” ހަމަ މިޔާއިއެކު، މިނޫނަސް އިސްލާމް ދީނުގައި މައިންގެ ދަރަޖަ ހާމަވާ ތަފާތު ކަންތައްތައް އެބަހުއްޓެވެ. މިގޮތުން މަންމައަށް އޯގާތެރިވުމަށް އަންގަވައި، އަމްރުގެ ޞީޣާއިން މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ. މާނައީ: އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރުކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ.! އެނބުރި ރުޖޫޢަވުންވަނީ، ހަމަ ތިމަންރަސްކަލާނގެ ހަޟުރަތަށެވެ.” ކޮންމެ އިންސާނަކުވެސް އުފަންވަނީ މަންމައެއްގެ ފަރާތުން ކަމަށްވުމާއިއެކު އެ ބުރަ އުފުލާ މަންމައަށް އިސްލާމީ ޝަރީޢަތުގައި ދީފައިވާ ޤަދަރާއި މަތިވެރިކަމާއިމެދު ޙައިރާންވާހާ ވެއެވެ.
އަތްނބެއްގެ ޙައިޘިއްޔަތުން އަންހެނުންގެ ޙައްޤުތައް
އަތްނބެއްގެ މަޤާމުގައި ތިބޭ އަންހެނުންނަށްވެސް އިސްލާމް ދީނުގައި ޤަދަރާއި ޢިއްޒަތްތެރިކަމުގެ ޙައްޤުތައް ކަށަވަރު ކުރައްވާފައިވެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللَّهُ عَزِيزٌ حَكِيمٌ- މާނައީ: “އަދި އެކަނބަލުންނަށްވެސް އެކަނބަލުންގެ ފިރިންނަށް ލިބިގެންވާ ޙައްޤުތައް ޢަދުލުވެރިގޮތުގައި ލިބިގެންވެއެވެ. ނަމަވެސް ފިރިންވަނީ އެކަނބަލުންގެ މައްޗަށް ދަރަޖައެއް އުފުލިގެންނެވެ. އަދި ދަންނާށެވެ.! ﷲ އީ ގަދަކީރިތިވަންތަ ޙިކުމަތްވަންތަ ރަސްކަލާނގެއެވެ.” ޢާއިލީ ދިރިއުޅުމުގައި އަނބިމީހާގެ މަޤާމުގެ ނަމުގައި ގޭގައި ގެންގުޅޭ ޚާދިމެއްގެ މަޤާމުގައެއް ނޫނެވެ. ބަސްނުވިކޭ އަދި މަންޒަރު ބަލަން އިންނަ މީހެއްގެ މަޤާމުގައެއްވެސްނޫނެވެ. ބަސްވިކޭ ޒިންމާދާރު ޤަދަރުވެރި މަޤާމެއްގައެވެ. އަނބިމީހާއަކީ ޢާއިލީ ދިރިއުޅުމުގެ ޤަވާޢިދުތަކަށް ބޯލަނބަންޖެހޭ ހަމައެކަނިމީހާވެސް ނޫނެވެ. ރަސޫލާގެ ޙަދީޘެއްގައިވެއެވެ. ثم ذكر النساء فوعظ فيهن فقال:”يعمد أحدكم فيجلد امرأته جلد العبد فلعله يضا جعها من أخر يومه ” ثم وعظهم في ضحكهم من الضر طة, وقال: ” لم يضحك أحد كم مما يفعل؟ މާނައީ: މާތްﷲ ރުއްސުންލެއްވި އަބްދުﷲ ބުން ޛަމްޢާގެ ކިބައިން ރިވާވެގެންވެއެވެ. އަނބިމީހާ ދެކެ ހިތްހަމަނުޖޭ ހިނދު، ތިޔައިން މީހަކު އެމީހާގެ އަޅެއްގެ ގައިގައި ތަޅާފަދައިން އނބިމީހާގައިގައި ތަޅައި އަނިޔާކުރެއެވެ. އެއަށްފަހު ދުވާލުގެ ފަހުގެ ވަގުތެއްގައި އެކަނބުލޭގެއާއެކު އެއްދާން ކުރެއެވެ. (މީގެމާނަޔަކީ، ދެމަފިރިންގެ ގުޅުން އޮތްގޮތަކީ މިފަދައިން ކަމަށްވުމާއިއެކު، އަނބިމީހާގެ ގައިގާ ފިރިމީހާ ތަޅައި އަނިޔާކުރުމަކީ ކުރެވޭނެ ކަމެއްނޫންކަން ހާމަވެގެންދެއެވެ. އެއާއި ޚިލާފަށް ފިރިމީހާގެ ޒިންމާޔަކަށް ވާންޖެހޭނީ އަނބިމީހާއަށް ޢަފޫކޮށް އޭނާގެ މައްޗަށް ހިންހެޔޮކުރުމެވެ.) وعن أبي هريرة (ر) قال: قال رسول الله (ص ) ” لا يفرك مؤمن مؤمنة إن كرة منها خلقا رضي منها أخر” أو قال “غيره” މާނައީ: މާތްﷲ އެކަލޭގެފާނަށް ރުއްސުން ލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު(ޞ)ޙަދީޘްކުރެއްވިއެވެ. މުއުމިން ފިރިހެނަކަށް އޭނާގެ އަނބިމީހާދެކެ ނަފުރަތާއި ރުޅިވެރިކަމުގައި ދެމިނުހުރެވޭހުއްޓެވެ. މިހެނީ އެކަނބުލޭގެ ކިބައިން ފެންނަ އެއްކަމަކާއިމެދު ފިރިމީހާ ހިތްހަމަނުޖެހޭނަމަ، ހިތްހަމަޖެހޭ އެހެން ސިފަޔެއް އެކަނބުލޭގެ ކިބައިން ފެންނަހުއްޓެވެ. ނުވަތަ ހިތްހަމަޖެހޭ އެހެންކަމެއް ފެންނާނެ ކަމުގައެވެ. މިފަދައިންނެވެ. ޙައްޖަތުލް ވަދާއުގެ ތެރޭގައި ރަސޫލާ ޙަދީޘްކުރެއްވިއެވެ. ألا وستوصو با النساء خيرا فإنما هن عوان عندكم ليس تملكون منمهن شيئا غير ذلك إلا أن يأتين بفاحشة مبينة فإن فعلن فاهجرو هن فى المضاجع واضربو هن ضربا غير مبرح فإن أطعنكم فلا تبغو عليهن سبيلا ألا إن لكم على نسائكم حقا ولنسائكم عليكم حقا, فحقكم عليهن أن لا يؤ طئن فرشكم من تكرهون, ولا يأذن في بيوتكم لمن تكرهون ألا وحقهن عليكم أن تحسنوا إلهين في كسوتهن وطعا مهن”. މާނައީ: ތިޔަބައިމީހުން އަންހެނުންނަށް ހެޔޮކޮށްހިތުމަށް އެއްބަޔަކު އަނެއް ބަޔަކަށް ވަޞިއްޔަތް ކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން، އެކަބަނލުންނާ ތިޔަބައިމީހުން އެއްދާންކުރުމާއި، ކައިވެނީގެ ރައްކައުތެރިކަމުގައި އެކަނބަލުން ތިޔަބައިމީހުންގެ ގާތުގައި ހިފެހެއްޓިފައިވުމާއި، ތިޔަބައިމީހުންގެ މުދަލާއި ދަރީންނާނަށް އެކަނބަލުން ރައްކައުތެރިވުން ފިޔަވައި އެހެން ކަމެއްގައި އެކަނބަލުންގެ މައްޗަށް ތިޔަބައިމީހުންނަށް އެއްވެސް ބާރެއް، އިޚްތިޔާރެއް ލިބިގެނެއްނުވެއެވެ. މިފަދައިން ޙަދީޘްކުރައްވާފައިވުމުން ހާމަވާ ޙަޤީޤަތަކީ، އެއިން ކަނބަލަކު ފާޙިޝު ޢަމަލަކަށް އަރައިގަތްކަން ޘާބިތުވުމުން މެނުވީ އެކަނަބަލުންނާއިމެދު ގަދަކަން ދައްކައިގެން ނުވާނެކަމެވެ. އަދި އެފަދަ ކަމެއް ފެންނަ ޙާލަތުގައިވެސް އަނިޔާކުރުމަށްވުރެން ބޮޑަށް ބާރުއަޅުއްވާފައިވަނީ، އަނިޔާނުވާ ގޮތަށް ޖަހައި ހެދުމަށްކަމާއި އަދި ފިރިމީހާގެ ތަންމަތިން އެކަނބަލުން އެކަހެރިކުރުމަށްކަމެވެ. އަދި އެކަނބަލުން ކިޔަމަންތެރި ވެއްޖެނަމަ އެކަނަބަލުންނަށް އަނިޔާކުރުމުގެ އެއްވެސް ޢަމަލެއް ނުހިންގުމަށެވެ. ދަންނާށޭ، ތިޔަބައިމީހުންގެ މައްޗަށްވާ އެކަނބަލުންގެ ޙައްޤުތަކެއްވެއެވެ. މިއީ އިސްލާމީ ޝަރީޢަތުގައި އަންހެނުންނަށް އެކަނބަލުންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ މިންވަރު ހާމަކޮށްދޭ މަތިވެރި ދަލީލުތަކެވެ.