އިސްލާމީ ނަޒަރުން މެދުމިން ވުމާއި ހައްދު ފަހަނައަޅައި ދިއުން

ލިޔުނީ: ޙަސަން ޒަރީރު އިބްރާހީމް

(ދެވަނަ ބައި)
ޙައްދު ފަހަނައަޅައި ދިޔުން

“ޙައްދު ފަހަނައަޅައި ދިޔުން ” މިބަހުގެ މާނައަށް ބަލާއިރު، ދިވެހި ބަސްފޮތުގައިވާ ގޮތުން ޙައްދު ފަހަނައަޅައި ދިޔުން މާނަކޮށްފައިވަނީ “ދާންވީ ހިސާބަށްވުރެ މާއިތުރަށް ދިއުން. ނުވަތަ ނުބައިކަމުގެ ކޮޅެއްނެތުން. ” މި މާނައިގައެވެ. ދީނީގޮތުން ބަލާއިރުވެސް ދޭހަވަނީ ހަމަ މިފަދަ މާނައެކެވެ. “ޙައްދު ފަހަނައަޅައި ދިއުން” މިބަސް ޢަރަބި ބަހުގައި އައިސްފައިވަނީ اَلْغُلُوُّ މިބަހުގެ ގޮތުގައެވެ. މިބަހުގެ މާނައަކީ ޙައްދަށްވުރެ އިތުރުވުން ނުވަތަ ޙައްދު ފަހަނައަޅައި ދިއުމެވެ. މިބަހުގެ ޝަރުޢީ މާނައަކީ : ﷲގެ އަޅަކަށް ކަނޑައެޅިފައިވާ ޙައްދުގެ އިން ފަސްދީ ޝަރުޢުގައި ބަޔާންވެފައިވާ މިންވަރާ ދުރުވުމެވެ. މިޙާލަތުގައި އޭނާގެ ޚިޔާލަކީ ޝަރުޢުގައިވާ މިންވަރަކީ މަދުމިންވަރެއް ކަމުގައެވެ. އެވަރަކުން ނުފުދޭނެ ކަމުގައެވެ. މިހެންވެ އޭނާ އަމިއްލައަށް ކަންކަން އިތުރުކުރެވެނީއެވެ. އޭރު އޭނާ ހީކުރަނީ އެގޮތަށް އެކަން ކުރުމަކީ ޝަރުޢީ ގޮތުން ލިބޭ ކުރިއެރުމެއް ކަމުގައެވެ. ވީމާ ޙައްދުފަހަނައަޅައި ދިއުމަކީ ޝަރުޢުގައި ބަޔާންވެގެންވާ މިންވަރާއި ދުރުވުން ކަމުގައި ދެންނެވިދާނެއެވެ.
މިދިރާސާގެ މައުޟޫޢަކީ “އިސްލާމީ ނަޒަރުން މެދުމިން ވުމާއި ހައްދު ފަހަނައަޅައި ދިއުން” މި ސުރުޚީ ކަމަށް ވާއިރު ދެން އުފެދޭ ސުވާލަކީ އިސްލާމީ ނަޒަރުން ބަލާއިރު މެދުމިންވުމަކީ ކޮބައިހެއްޔެވެ؟ އަދި އިސްލާމީ ނަޒަރުން ބަލާއިރު ހައްދު ފަހަނައަޅައި ދިއުމަކީ ކޮބައި ހެއްޔެވެ؟ މިސުވާލުތަކަށް ޖަވާބު ހޯދުމަކީ މި ދިރާސާގެ އެންމެ މުހިންމު އެއްމަޤްޞަދެވެ. މިދިރާސާ ކުރިއަށް ގެންދިއުމުގައި، ތަފާތު ޢިލްމުވެރިން ލިޔުއްވާފައިވާ ތަފާތު ފޮތްފޮތުންނާއި އަދި އިތުބާރުހުރި ވެބްސައިޓްތަކުން މަޢުލޫމާތު ހޯދާފައިވާނެއެވެ.

2. އިސްލާމީނަޒަރުން ބަލާއިރު މެދުމިންވުން

މެދުމިންވުމަކީ ކޮބައިކަން ތަފާތު ބޭބޭފުޅުން ތަފާތު ޢިބާރާތްތަކުން ބަޔާންކުރައްވައެވެ. އެގޮތުން އެކަމެއް ކުރުމުގައި ކަނޑައެޅިފައިވާ އިމުން ބޭރުނުވެ މަޞްލަޙަތު ނުގެއްލޭގޮތަކަށް އެކަމެއް ކުރުމަކީވެސް މެދުމިންވުން ކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ. ހަމައެފަދައިން ކޮންމެ ކަމެއް ކުރުމުގައިވެސް ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ކަނޑައެޅިފައިވާ ޙުދޫގެ ތެރޭގައި އެކަމެއް ކުރުން އެއީ މެދުމިންވުން ކަމަށް ޤަބޫލުކުރެއެވެ. ވީއިރު އިސްލާމީ ނަޒަރުން ބަލާއިރު މެދުމިންވުމަކަށްވާންވާނީ އިސްލާމީ އުޞޫލުތަކާއި އެއްގޮތަކަށް ކަންކަން ކުރުންކަމަށް ޤަބޫލު ކުރެވިދާނެ ނޫންތޯއެވެ. ކުރާ ކޮންމެކަމެއްގައިވެސް މީސްތަކުންގެ މަޞްލަޙަތަށް ރިޢާޔަތް ކުރުމާއެކު މީސްތަކުންގެ އުޅުމާއި ގުޅުންތަކަށް ބުރޫނާރާފަދަ ގޮތަކަށް އެފަދަ ކޮންމެ ކަމެއް ކުރުމަކީ އިސްލާމީ ނަޒަރުން މެދުމިންވުންކަމަށް ޤަބޫލު ނުކުރެވޭނެ ތޯއެވެ. ކީރިތި ޤުރްއާނާއި، ރަސޫލާގެ ސުންނަތުން ޘާބިތުވާ ގޮތުގައި އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ. ވީއިރު އިސްލާމްދީނުގެ ހަމަތަކާއި އުޞޫލުތަކުގެ މަތީގައި ދެމިހުރުން އެއީ އިސްލާމީ ނަޒަރުން މެދުމިންވުން ކަމަށް ޤަބޫލު ކުރަން ޖެހެއެވެ. “އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ ބޭނުމަކީ މީސްތަކުން ﷲ ގެ އެއްކައުވަންތަކަން ދެނެ، އެކަލާނގެ ޙަޟްރަތަށް އެބައިމީހުންގެ އަޅުކަންތައް ޚަލާޞްކުރުމެވެ. އެއީ އެ މަތިވެރި އަސާސުގެ މައްޗަށް މީސްތަކުން ޚަލްޤުކުރެއްވި ފިޠުރަތުގެ އަސާސުގެ މަތީގައި ލޯބިވެތިކަމާއި، އޯގާތެރިކަމާއި، އަޚުވަންތަކަމާއި، ހަމަހަމަކަމައި، ޢަދުލުވެރިކަމާއެކު އިންސާނީ އަޚުވަންތަކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުންތައް ހަރުދަނާކޮށް ދެމެހެއްޓުމާއިއެކު، މީސްތަކުންގެ ނަފުސުތައް ސާފުކުރައްވައި ކުށްފާފަފތަކުން ތާހިރު ކުރެއްވުމެވެ. އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގެ ސަޢާދަތައި ބާއްޖަވެރިކަން މީސްތަކުންނަށް ކަށަވަރު ކޮށްދެއްވުމެވެ.”
އިސްވެ ބަޔަން ކުރެވުނު ވާހަކަތައް، އެފަދައިން ހުރިނަމަވެސް މިފަހަކަށްއައިސް “އިސްލާމީނަޒަރުން މެދުމިންވުން” މިބަހުގެ މާނަ، ބައެއްމީހުން ކުރަމުން އަންނަނީ، އެމީހުންގެ އަމިއްލަ އެދުންތަކާއި އެއްގޮތަށްކަމަށް އެއްބަޔަކު ޤަބޫލު ކުރާއިރު، އަނެއް ބަޔަކު އަންނަނީ އެކަން ދޮގުކުރަމުންނެވެ. އެހެންނަމަވެސް އަޅުގަނޑުގެ ހިތުގެއަޑިން ޤަބޫލުކުރާ އެއްކަމަކީ އިސްލާމްދީނަކީ މެދުމިނުގެ ދީނެއްކަމެވެ. އެއީ ގުރްއާނުންނާއި ސުންނަތުން އެކަން ހާމަވާތީއެވެ. އަދި ޢިލްމުވެރިންގެ ބަސްފުޅުތަކުންވެސް މިކަން ވަރަށް ފުރިހަމަ އަށް ޘާބިތުވާތީއެވެ. އަދި ބަޔާންކުރެވިފައިވާނޭފަދައިން ސޫރަތުލް ބަގަރާގެ 143 ވަނަ އާޔަތުގައިވެސް އެކަން މާތް ﷲ ވަޙީ ކުރައްވާފައިވާތީއެވެ. މީގެ އިތުރުންވެސް ދީނީ ޢިލްމުވެރިންގެ އެކިއެކި ލިޔުއްވުންތަކުން މިއުއްމަތަކީ މެދުމިނުގެ އުއްމަތެއްކަން ދޭހަވާފަދަ ތަފާތު މިޘާލުތައް ގެންނަވާފައިވާތީއެވެ. އެގޮތުން ކޮންމެ ރެއަކާއި ދުވާލު ކުރުމަށް އަންގަވާފައިވާ ފަރުޟު ފަސްނަމާދުގެ ކޮންމެ ރަކުޢަތެއްގައި ކިޔަވާ ސޫރަތުލްފާތިޙާ ގައިވާ ދުޢާއިންވެސް މިކަން ދޭހަވެގެން ދެއެވެ.” اهْدِنَا الصِّرَ‌اطَ الْمُسْتَقِيمَ . صِرَ‌اطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ‌ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّين ” މާނައަކީ: “އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ. ” މިއީ މުސްލިމުން ނަމާދުގައި ތަކްރާރު ކުރަމުން ގެންދާ ދުޢާ އެކެވެ. މިދުޢާއިންވެސް އިސްލާމް ދީނަކީ މެދުމިނަށް ތާއީދު ކުރާ ދީނެއް ކަން ދޭހަވެއެވެ. ވީއިރު ދީނުގެ ހަމަތަކާއި އުޞޫލުތަކަށް، ތަބާވުމަކީ އިސްލާމީ ނަޒަރުން ބަލާއިރު މެދުމިންވުން ކަމަށް ޤަބޫލު ކުރަން ޖެހެއެވެ.
އިސްލާމް ދީނަކީ މެދުމިންވުމުގެ ދީނެއްކަން އަންގައިދޭ އަނެއް އަޅުކަމަކީ ޒަކާތްދިނުމެވެ. ޒަކާތުގެ ގޮތުގައި ނެގޭ މުދަލުގެ ތެރޭގައި މުދަލުގެ އެންމެ މޮޅު ވައްތަރު ނުހިމެނުމާއި އަދި އެންމެ ދެރަ ވައްތަރު ވެސް ނުހިމެނުމަށް ބާރުއަޅުއްވާފައިވާކަން ދޭހަވެއެވެ. މުޢާޛް ބިން ޖަބަލް ރަޟިޔަﷲ ޢަންހު- ޔަމަން އަށް ފޮނުއްވަމުން ކީރިތި ރަސޫލާ، އެކަލޭގެފާނަށް ކުރެއްވި ވަޞިއްޔަތްފުޅުތަކުގެ ތެރޭގައިވެއެވެ. “أَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ عَلَى فُقَرَائِهِمْ فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ فَإِيَّاكَ وَكَرَائِمَ أَمْوَالِهِمْ” މާނައަކީ: “އެބައިމީހުންގެ މުއްސަނދިންގެ އަތުން ނެގި، ފަގީރުންނަށް ދެވޭ ޞަދަގާތެއް މާތް ﷲ އެބައިމީހުންގެ މައްޗަށް ފަރްޟު ކުރައްވާފައިވާ ކަން އަންގަވާ ދެއްވާށެވެ. އެބައިމީހުން އެކަމަށް ކިޔަމަންގަންފިނަމަ، މުދަލުގެ އެންމެ މޮޅު ވައްތަރުން ޒަކާތް ނުނަންގަވާ ހުށި ކަމެވެ.” މިޙަދީޘްފުޅުގެ މާނައިން ދޭހަވާގޮތުގައި ޒަކާތުގެ ގޮތުގައި ނެރެން ޖެހެނީ މެދުމިންވަރުގެ މުދާކަން އެގެއެވެ. ވީމާ ދީނުގެ މިފަދަ މުހިންމު ރުކުންތައް އަދާ ކުރުމުގައިވެސް މެދުމިންވުމަށް ބާރު އަޅުއްވާފައިވާ ވުމުން އެގިގެން ދަނީ އިސްލާމްދީނަކީ މެދުމިންގެ ދީނެއްކަމާއި އަދި އެދީނުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް އުޅުމާއި ގުޅުންތައް ބެހެއްޓުމަކީ އިސްލާމީ ނަޒަރުން މެދުމިންވުން ކަމަށް އެއްބަސްވާކަށް ނުޖެހޭތޯއެވެ.
ދިރިއުޅުމުގެ ޙަޔާތް ވޭތުކުރުމުގައި ޚަރަދު ކުރާއިރު އިސްރާފުނުކުރުމާއިއެކު، އަދި މާބޮޑަށް އެއްކޮށް ނުހިފޭއްޓުމަކީ އިސްލާމްދީނުގެ ރިވެތި އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދިރިއުޅުމުގެ އެކިއެކި ކަންކަމަށް ހޭދަކުރުމުގައި މެދުމިންވަރު އިޚްތިޔާރުކުރުމަށް ބާރުއަޅުއްވާފައިވާކަން ސޫރަތުލް ފުރްޤާންގެ 67 ވަނަ އާޔަތުންވެސް ހާމަވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. “وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِ‌فُوا وَلَمْ يَقْتُرُ‌وا وَكَانَ بَيْنَ ذَٰلِكَ قَوَامًا “މާނައަކީ: ” އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسراف ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.” މިއާޔަތުގެ މާނައިން އެގިގެންދަނީ، ހޭދަކުރުމުގައިވެސް އޮތީ މެދުމިންވަރު އިޚްތިޔާރުކުރުންކަމާއި އަދި އަތްމަތި އެއްކޮށް ހުސްވާ ވަރަށް ހޭދަކޮށްގެން ނުވާނެ ކަމާއި އަދި އެއްގޮތަކަށް ހޭދަ ނުކޮށް ހުރުމެއް ވެސް ނެތްކަމެވެ. ވީއިރު މިކަމުގައި އޮތީ ދޭތެރެ މެދުމިން އިޚްތިޔާރު ކުރުންކަމާއި އަދި އެގޮތަކީ އިސްލާމީ ރިވެތި ގޮތްކަން އެގެއެވެ. މިކަމަށް އިތުރަށް ބާރު ލިބގެންދަނީ ސޫރަތުލް އިސްރާގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުންނެވެ. “وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورً‌ا ” މާނައަކީ: “ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ حال، ތިބާ އިންނަން ޖެހިދާނެއެވެ.” ބަޔާންވެ ދިޔަ އާޔަތްތަކުން އެގިހާމަ ވާ ގޮތުގައި އިސްލާމްދީނަކީ މެދުމިނުގެ ދީނެއްކަން ކަށަވަރުވެއެވެ. ވީއިރު އިސްލާމީ ނަޒަރުން ބަލާއިރު މެދުމިންވުމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ދެމިހުރުން ކަމަށް އެއްބަސްވާކަށް ނުޖެހޭތޯއެވެ.
އިސްލާމީ ނަޒަރުން ބަލާއިރު މެދުމިންވުމަކީ އިސްލާމް ދީނުގެ އުޞޫލުތަކަށް ތަބާވުންކަން ތަފާތު އެކިއެކި ޢިލްމުވެރިންގެ ތަފާތު ލިޔުއްވުން ތަކުން ޘާބިތުވާކަން ކަށަވަރެވެ. އަދި އިސްލާމްދީނަކީ މެދުމިނުގެ ދީނެއްކަން ޤަބޫކުރަންޖެހޭ އެއްކަމަކީ ޝަރީޢަތުގެ ޙުކުމްތައް އެއްފަހަރާ ބާވައިލެއްވުމުގެ ބަދަލުގައި ލަސްލަހުން ބާވައިލެއްވުމެވެ. “ޝަރީޢަތުގެ ޙުކުމްތައް ލަސްލަހުން ބާވައިލެއްވުމުގެ އެއް ޙިކުމަތަކީ މީސްތަކުންނަށް ފަސޭހަކުރުމެވެ. އެއީ އެމީހުން އެކަމަށް އާދަވެފައިވާ ކަމެއް ކުއްލިއަކަށް ދޫކޮށްލުން އެއީ ވަރަށް އުނދަގޫކަމަކަށް ވާނެތީއެވެ. މީގެ މިސާލަކަށް ރާ ޙަރާމް ކުރުމުގެ މަރުޙަލާތައް ފުދެއެވެ. ފުރަތަމަ މަރުޙަލާގައި ޖުވާއާއި ރަލުގައި މީސްތަކުންނަށް ފައިދާވެސް ވާކަން އަންގަވާފައިވެއެވެ. އަދި އެއިގެ ފާފައިގެ ބޮޑުކަން ހާމަކޮށްދެއްވަމުންވެސް ވެއެވެ.”
ބަޔާން ވެ ދިޔަ ފަދަ ޙާދީޘާތަކުން އެގެނީ އިސްލާމް ދީން ވަރަށް ބޮޑަށް މީސްތަކުންގެ މަޞްލަޙަތަށް ރިޢާޔަތް ކުރާ ކަމާއި އަދި މީސްތަކުންނަށް އުނދަގޫވެދާނޭފަދަ އެންމެހައި ކަންކަން ކުރުމަށް އެންގެވުމުގެ ބަދަލުގައި މީސްތަކުންނަށް ވީހާވެސް ލުއިފަސޭ ވާނެގޮތަކަށް ދީނުގެ ޙުކުމްތައް ކަނޑައަޅުއްވާފައިވާކަމެވެ. ވީއިރު އެއްވެސް ކަމެއްގައި ޙައްދުފަހަނައަޅައި ނުގޮސް މެދުމިންވުމުގައި ޢަމަލުތައް ސީދާ ކުރެއްވުމަށް އިސްލާމްދީން ބާރު އަޅުއްވާފައިވުމުން އިސްލާމްދީނަކީ މެދުމިނުގެ ދީނެއްކަމާއި، އަދި އިސްލާމީނަޒަރުން މެދުމިންވުމަކީ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއިއެއްގޮތަށް ޢަމަލުތައް ބެހެއްޓުން ކަމަށް ޤަބޫލުކުރަންޖެހެއެވެ. އިސްލާމީ ރިސާލަތަކީ އެންމެހައި ޒަމާންތަކަށާއި އެންމެހައި މީސްތަކުންގެ ގާތަށް ފޮނުއްވުނު ރިސާލަތެއްކަށަވަރުވެގެންދެއެވެ. އިސްލާމް ދީނަކީ އެބަޔަކު ބޭނުންވީމާ ބޭނުންގޮތަކަށް ކަންކަން ކުރެވޭނެ ފަދަ ގޮތަކަށް އިންތިޡާމް ކުރެވިފައިވާ ދީނެއް ނޫނެވެ. އެއީ އެންމެހައިމީސްތަކުންނަށް ތަކްލީފަކަށް ނުވާނޭފަދައިން ކަންކަން އިންތިޡާމްކުރެވިފައިވާ ފުރިހަމ މެދުމިނުގެ ދީނެކެވެ. މެދުމިނުގެ ޝަރީޢަތެކެވެ. “އެޝަރީޢަތުގައި ބަޔާން ކުރައްވާފައިވާ އެއްވެސް ކަމަކީ އެކަމެއް ޤަބޫލުކޮށް އެއަށް އީމާންވުން މީސްތަކުންނަށް އުނދަގޫވާފަދަ ކަމެއްކަމުގައި ނުވުމާއި އެ ޝަރީޢަތުގައި އަންގަވާފައިވާ އެއްވެސް ކަމަކީ، އެކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މީހުންނަށް ދަތިވާފަދަ ކަމެއްކަމުގައެއް ނުވެއެވެ. ” މިކަން ސޫރަތުލް ބަޤަރާގެ 286 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ ” ﷲ އެއްވެސް ނަފްސަކަށް އެނަފްސަކަށް ކުޅަދާނަ ވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ” ވީމާ، މިކަންކަމުން އަޅުގަނޑުމެން ޔަޤީން ކުރަންވީ ދީނުގައި އެއްވެސް ކަމެއްގައި ޙައްދުފަހަނައަޅައި ދިއުމެއް ނެތްކަމާއި ހުރިހާ ކަމެއްގައިވެސް އޮތީ މެދުމިންވުން ކަމާއި އަދި މެދުމިންވުމަކީ އިސްލާމްދީނުގެ މަތިވެރި ތަރަޙައިގެ ތެރޭގައި ދެމިތިބުން ކަމެވެ.
ބަޔާންވެ ދިޔަ އެންމެހައި ދަލީލުތަކަކީ ސީދާ ނައްޞުން ޘާބިތުވާންހުރި ކަންކަން ކަމުގައިވީނަމަވެސް، “އިސްލާމީނަޒަރުން ބަލާއިރު މެދުމިންވުން” މިސުރުޚީގެ މާނަ، ދީނުގައި އަންގަވާފައިވާ ގޮތާއި ޚިލާފަށް ބައެއް ފަރާތްތަކުން މާނަ ކުރާކަމުންދާ ކަމީ މިއަދު އެކަންކަންކަމާމެދު އިންތިހާއަށް ދެރަވާންޖެހޭ ކަންކަމެވެ. އެކަންކަމަކީ އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ހަމަނުޖެހުން އުފެދި، މުޅިމުޖުތަމޢުގެ މަޞްލަޙަތު ގެއްލިގެންދާ ފަދަ ކަންކަމެވެ. މެދުމިންވުމަކީ ކޮބައިކަން އިސްލާމްދީނުގައި އަންގާވާފައިވާއިރުވެސް، ބައެއް ފަރާތްތަތަކުން އެބަޔަކު ހިތަށްއެރިގޮތަކަށް ކަންކަން މާނަކުރަމުން ގެންދާތީއެވެ. މިފަދަ މީހުން ސުންނަތެއް ގަބޫލެއް ނުކުރެއެވެ. އަދި ބާޠިލްކަންތައްތަކަށް އިންކާރެއްވެސް ނުކުރެއެވެ. އެގޮތުން އެފަދަ މީހުންގެ ދުނިޔަވީ އެކިއެކި ބޭނުންތައް ޙާޞިލުކުރުމަށްޓަކައި ދީން ހަތިޔާރަކަށް ހެދުމަކީ އެފަދަ ފަރާތްތަތަކުން ކުރަމުން އަންނަ ވަރަށްވެސް ހުތުރުކަން ބޮޑުވެގެންވާ ޢަމަލެކެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެފަދަ މީހުންގެ އެ ނުބައި ޢަމަލަކީ ދީނަށް ކުރެވޭ ފުރައްސާރައެކެވެ. “ލުބްނާނުގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ، ޢަލީ އަލްއަމީން ވިދާޅުވަނީ، ޢިރާޤާއި ބަޙުރައިންގެ ބައެއް ޖަމާޢަތްތަކުން ނެރޭ ދީނީ ފަތުވާތައް އެއްގަލަކަށް ނާރާ ކަމަށެވެ. އޭގެ އެއްމިސާލަކީ، ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމާމެދު ދީފައިވާ ފަތުވާތަކާއި ދައްކާ ވާހަކަތަކެވެ. ޢިރާޤުގެ ދީނީ ޝައިޚުން ބުނަމުން ގެންދަނީ، ސަރުކާރާ ދެކޮޅަށް ނުކުމެ މުޒާހަރާކުރުމަކީ، ޙަރާމްކަމެއް ކަމަށެވެ. ބަޙުރައިނުގެ ދީނީ ޝައިޚުން ހިތްވަރުދީ އަޑުއުފުލަނީ، ސަރުކާރާ ދެކޮޅަށް ނުކުމެ މުޒާހަރާ ކުރުމަކީ ވާޖިބެއް ކަމަށެވެ. އަދި ބަޙުރައިނުގެ ޝައިޚުންގެ އެބާރުއެޅުމުގެ ނަތިޖާއަކަށްވަނީ ތަންތަން ލޫޓުވައި، ޢާއްމުންގެ މުދާތައް ހަލާކުކޮށް، ރަށުތެރޭގައި ހަމަނުޖެހުން ހިންގުމެވެ. ނައްވާފު ބިން ޢަބްދުއްރަޙުމާން އަލްޤުދައިމީ އަކީ، އިސްލާމީ ދުނިޔެ ދިރާސާކުރައްވާ މުޙައްޤިޤެކެވެ. އޭނާއަކީ ސުޢޫދީ ޢަރަބިއްޔާގެ ރައްޔިތެކެވެ. އޭނާ ވިދާޅުވަނީ، ދީނީ ގޮތުން މެދުމިނުގެ ވާހަކަ ދައްކާ ކޮންމެ މީހަކާ ދެކޮޅުވެރިވާނެ ގިނަ ޢަދަދެއްގެ ބަޔަކު މިހާރު އިސްލާމީ ދުނިޔޭގައި ވާ ކަމަށެވެ. އެއީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ މީހުންނެވެ. އެމީހުންނަކީ ސުލްހަމަސަލަސްކަމާ އެކު ދިރިއުޅެން ބޭނުންވާ ބަޔެއް ނޫނެވެ. އެމީހުން ބޭނުންވަނީ، ހަރުކަށި ގޮތްތަކެވެ. އެމީހުންގެ އަމާޒަކީ ދެކޮޅުވެރިވުމެވެ. އެމީހުންގެ މަންހަޖަކީ ކަންބޮޑުކުރުމާއި ގޮތްބޮޑުކުރުމެވެ. އަޑުގަދަކުރުމާއި ހަޅޭލެވުމެވެ. އެމީހުންގެ ބޭނުންވަނީ މަޒުހަބީ އަރާރުންތަކާއި ދީނީ ބައިބައިވުންތައް މުޖުތަމަޢުގައި ގިނަކޮށް މީސްތަކުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށެވެ. މާތްވެގެންވާ އިސްލާމްދީނަށް ޚިދުމަތެއް ލިބުމުގެ ބަދަލުގައި އެމީހުންގެ ޢަމަލުތަކުން އިސްލާމްދީނަށާއި މުސްލިމުންނަށް ލިބެމުންދަނީ ހީވެސްނުކުރާފަދަ ބޮޑެތި ގެއްލުންތަކެވެ. މިފަދަ ކަންކަމަކީ އިސްލާމީނަޒަރުން މެދުމިންވުމާއި އިދިކޮޅު ޢަމަލުތަކެވެ.”

މިއަދު ދުނިޔޭގެ ގިނަ ބައެއްގެ ތެރޭގައި، ދީނީ މިފަދަ ކަންކަމުގައި ކިތަންމެވަރަކަށް ޚިޔާލުތަފާތުވެފައި ވީނަމަވެސް ފެންނަންހުރި އިތުބާރުހިފޭ ދަލީލުތަކުގެ އަލީގައި ޤަބޫލު ކުރަންޖެހޭ ކަމަކީ މާތްވެގެންވާ އިސްލާމްދީނަކީ މެދުމިނުގެ ދީނެއް ކަމެވެ. މިދީނުގެ ދީނީ ޢިލްމުވެރިންގެ ތެރެއިން މެދުމިނުގެ އަހުލުވެރިން ނެތިއްޖެނަމަ، މި މާތް ދީނުގެ އަލިކަން ދައްކައިދޭނެ ބަޔަކު ނުތިބޭނެކަމެވެ. ހަމައެފަދައިން އިސްލާމީ ޤައުމުތައް ޒަމާނުގެ ޙާލަތަށް ބަލައިގެން ހިންގާނޭ ޙިކުމަތްތެރި ބަޔަކު ނެތިއްޖެނަމަ، އިސްލާމީ ނަޒަރުން މެދުމިންވުންކަމަށް ޤަބޫލު ކުރަމުންމިދާ، އިސްލާމްދީނުގެ އުޞޫލުތަކަށް ތަބާވުގައި ދެމިތިބި ޤައުމުތައް، މިވުޖޫދުން ފޮހެވިގެން ހިނގައިދާނެކަމެވެ. ދުނިޔަވީ ބޭނުންތަކަށްޓަކައި ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ މީހުން ހިތުހުރި ގޮތަކަށް އުޅެން ދޫކޮށްލައިފިނަމަ، އަޅުގަނޑުމެންގެ މިފަދަ މުޖުތަމަޢުތައް، ހަނގުރާމައިގެ މަސްރަޙަކަށް ބަދަލުވެގެން ހިނގައިދާނެކަމެވެ. މިއީ މިއަދު ހަމަ ކޮންމެ މީހަކުމެ ފުންކޮށް ވިސްނާ ފިކުރުކުރަން ޖެހޭނެ ފަދަ ކަންކަމެވެ. އަދި މިއީ ހިތުގެ އަޑިން ޤަބޫލު ކުރަން ޖެހޭނެ ޙަޤީޤަތެއްކަން ޔަޤީނެވެ.
(ނުނިމޭ)

 

Leave a Comment

Your email address will not be published.