ފަށާތަޢުލީމާއި މެދު މަދަރުސީ ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރަށް އެއްވެސްބަދަލެއް އަންނަމުންދޭހެއްޔެވެ؟

ރިސާރޗް ޓޮޕިކާއި، ދިރާސާ ކުރެވޭ މައްސަލައިގެ ތަޢާރަފް (ސްޓޭޓްމަންޓް އޮފް ދަ ޕްރޮބްލަމް)

މި ދިރާސާގެ ޓޮޕިކް އަދި ސުވާލަކީ، “މާލޭގެ ފަށާ ތަޢުލީމާއި އަދި މެދު މަދަރުސީ ދަރިވަރުން (އުނގެނެމުންދާ 5 ސްކޫލެއްގެ ފަށާތަޢުލީމާއި މެދުމަދަރުސީ ތަޢުލީމުގެ ބައެއް ކުލާސްތަކުގެ ކުދިން) ދިވެހިބަހުން މުޢާމަލާތު ކުރުމުގެ ފެންވަރަށް އަންނަނީ ކޮންކަހަލަ ބަދަލުތަކެއްހެއްޔެވެ؟” މިއެވެ. ދިރާސާކުރެވޭ މައްސަލަޔަކީ، ދިވެހި ޤައުމިއްޔަތުގެ އެއްމެ މުހިންމު އެއްބަހާއަކީ، ދިވެހިބަހުން ވާހަކަ ދައްކައި ލިޔެ އެކަކު އަނެކަކަށް މުޢާމަލާތު ކުރުމަށް ބޭނުން ކުރަމުން އަންނަ ދިވެހިންގެ މާދަރީ ބަހެވެ. މިވާހަކަ ބުނެލަން ފަސޭހަކަމުގައި ވިޔަސް މިކަމަކީ، ގައުމީ ނިސްބަތުން ބަލާއިރު ކުޑަކަމެއްކަމުގައި ބެލެވޭކަށް ނެތެވެ. ދިވެހިން އެއީ ދިވެހިންކަން އަންގައިދޭ އެއްމެ ހަރުދަނާ އަދި މަތިވެރި އެއް ނިޝާނަކީ، ދިވެހިން ވާހަކަ ދައްކައިއުޅޭ އެމީހުންގެ މާދަރީބަސް ކަމުގައި ބުނުމުން އެއީ ދޮގަކަށްނުވާނެއެވެ. ދިވެހިންނަކީ ޒަމާނުންސުރެ އަމިއްލަބަހަކާއި އަމިއްލަ އަކުރެއް ގެންގުޅެމުން އައިބަޔެކެވެ. އަދި މުޖުތަމަޢަށް ޚާއްޞަ ބަސްކޮށާރެއް ބޭނުންކުރަމުން އައިބަޔެކެވެ. ނަމަވެސް މިހާރަކަށް އައިސް ދިވެހި މުޖުތަމަޢުން ފެންނަމުން މިދަނީ ދިވެއްސެއްގެ ހައިސިއްޔަތުން ދެކެންބޭނުން ނުވެދާނެ ތަފާތު މަންޒަރެކެވެ. އަދުގެ ޒުވާނުންނާއި މަދަރުސާކުދިންނަށް ރީތި ދިވެހިބަހުން ބަސްމޮށެ އުޅުން މިވަނީ ދަތި އުނދަގޫ ކަމަކަށްވެފައެވެ. ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީގެ އިމްތިޙާންތަކުގައި ދަރިވަރުންނަށް ދިވެހިބަހުގެ ފެންވަރު ބެލުމަށްދެވޭ އިމްތިޙާންތަކުން ލިބޭ ނަތީޖާތައް ދަށްވަމުންދާކަމަށާއި، ކުދިންނަށް ރީތި ދިވެހިބަހުން ބަސްބުނެ ވާހަކަދައްކަން ނޭނގޭކަމަށް ބުނެ ޢާއްމުންގެ މެދުގައި ވާހަކަ ދައްކަމުންދެއެވެ. އެހެންކަމަސްވާނަމަ، މިކަމުގައިވެސް ސަބަބުތަކެއް އޮންނާނެއެވެ. ޙަގީގަތަކީ، އަދުގެ ޒުވާނުންނާއި މަދަރުސާކުދިންނަށް ވެސް ރީތި ދިވެހިބަހުން ބަސްމޮށެ އުޅުން ދަތި އުނދަގޫ ކަމަކަށާއި، ދަރިވަރުންނަށް ދެވޭ އިމްތިޙާންތަކުން ލިބޭނަތީޖާ ދަށްވަމުން ދާކަމަށް ބުނެ ދައްކާވާހަކަވެސް ވަކި މަދެއްނޫނެވެ. އެހެން އެހެންކަމަށްވާނަމަ، އެހެން އެކަން ވުމުގެ ސަބަބު ތަކެއްވެސް ވާނެއެވެ. މިއީ ޙަގީގަތުގައިވެސް އަންނަމުންދާ ބަދަލެއްތޯ ބެލުން އެއީ، ދިރާސާކުރަން ޖެހޭ މައްސަލައެއް ކަމަށް ދެކޭތީއެވެ.

ދިރާސާގެ ބޭނުން

މިފަދަ ދިރާސާތައް ކުރުމަކީ މައްސަލައިގެ ޙާލަތު ދެނެގަތުމަކީ، ކުރިޔަށް އޮތްތާގައި މިފަދަ މައްސަލަތައް ހައްލުކުރުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، އަދި ދިވެހިބަސް ކިޔަވައިދޭނެ ގޮތް ދެނެގަތުމަށް ވެސް ވަރަށްވެސް ބޭނުންތެރި އެހާމެ މުހިންމުކަމެއްކަމުގައި ދެކެވެ. އަދި އެކަމަކީ، ދިވެހިބަސް އުނގެނޭ ދިވެހި ލޮބުވެތި ދަރިވަރުންނަށާއި، ދިވެހިބަސް އުނގަންނައިދެއްވާ އަހުރަވެތި އެދުރުންނަށާއި، އަދި ދިވެހިބަސް ކިޔަވާފޮތް ތައްޔާރުކުރުމުގައިވެސް ނުހަނު ބޭނުންތެރިކަމަކަށްވާނެއެވެ.

މުޖުތަމަޢުގައި، ދިވެހިންގެ މާދަރީބަހުން (އެކުދިންގެ އަމިއްލަ ބަހުން) ސާފުދިވެހިބަހުން ދިވެހި ދަރިވަރުން މުޢާމަލާތު ކުރުމުގެ ފެންވަރަށް އަންނަ ބަދަލު ދެނެގަތުމީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވާތީއެވެ. އެފަދަ ކަންކަން ނުބެލޭނަމަ، ދިވެހިބަހަކީ ގިނަ ކުދިން ކިޔަވަންފޫހިވާ ކިޔަވާހިތް ނުވާމައްދާއަކަށް ވުމުގެ ދެރަކަމާއި ޤައުމު ކުރިލުމުގެ ފުރުޞަތު އޮތަތީއެވެ. އަދި ސްކޫލު މަރުހަލާ ނިމިގެން ނުކުންނަ ކުދިންގެ ކިބައިގައިވެސް ދިވެހިބަހުން މުއާމަލާތު ކުރުމުގައި ހުންނަން ޖެހޭ ހުނަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުހުރެދާނެތީއެވެ. އަދި ދިވެހިބަހުގެ ހުނަރުތަކަށް އަންނަ ބަދަލު ތަކެއްވެސް ބަހުގެ ހުނަރުތައް ވަކިން އެނގޭނެ ދިރާސާތައް ހަދައި އެކަން ދެނެގަންނަން ޖެހޭތީއެވެ. މިފަދަ މަސައްކަތްތަކަކީ ވަރަށްވެސް މަދުން ނޫނީ ނުކުރެވޭ ކަމެއްކަމުގައި ފެންނާތީވެސްމެއެވެ. އެހެންކަމުން މައިގަނޑު ގޮތެއްގައި މި ދިރާސާގެ ބޭނުމަކީ، މާލޭ ސަރަޙައްދުން ރެންޑަމްކޮށް ހޮވާލެވުނު ފަސް ސްކޫލެއްގެ ފަށާތަޢުލީމާއި މެދު މަދަރުސީ ކުލާސްތަކަކުން ރެންޑަމްކޮށް ނެގުނު ކުލާސްތަކެއްގެ ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމެވެ. އަދި ހަމަ އެއާއެކު އެބަދަލުތައް އަންނަ ސަބަބުތަކަކީ ކޮބައިކަން ދެނެގަތުމަކީވެސް ދިރާސާގެ އެއްބޭނުމެވެ.

ދިރާސާގެ އެއިމްއާއި އޮބްޖެކްޓިވްސް

މި ކޭސް ސްޓަޑީ ދިރާސާގެ އެއިމަކީ، މާލޭ ސަރަޙައްދުން ރެންޑަމްކޮށް ހޮވާލެވުނު ފަސް ސްކޫލެއްގެ ފަށާތަޢުލީމާއި މެދު މަދަރުސީ ކުލާސްތަކަކުން ރެންޑަމްކޮށް ނެގުނު ކުލާސްތަކެއްގެ ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމެވެ. އަދި ހަމަ އެއާއިއެކު އެބަދަލުތައް އަންނަ ސަބަބުތަކަކީ ކޮބައިކަން ދެނެގަތުމަކީވެސް ދިރާސާގެ އެއްބޭނުމެވެ. އަދި ދިވެހިންގެ މާދަރީ ބަހަކީ ދިވެހިބަސް ކަމުގައިވާއިރު، ކިޔަވާކުދިންނަށް މި މާއްދާ ކިޔަވަން އުނދަގޫވެ ފެންވަރު ދަށްވާނަމަ، މިކަމުގެ ސަބަބުން ކުރިއަށް އޮތް ޤަރުނުގައި އުވިގެންދިޔުމުގެ ބިރު އޮތް ބަސްތަކުގެ ތެރޭގައި މިރީތި ދިވެހިބަސް ހިމެނުމަކީވެސް ވެދާނެކަމެއް ކަމަށް ޤަބޫލު ކުރެވޭއެވެ. ވުމާއެކު ދިވެހިބަސް ހިމާޔަތް ކުރެވިދާނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ވާޖިބަކަށް ހަދަންޖެހޭކަމަށް ދެކިގެންނެވެ. އަދި އެމަގުން ކުޑަނަމަވެސް މަސައްކަތެއް ކުރުމުގެ ޢަޒުމާއި އެ އުންމީދުގައެވެ.

 މަޤުޞަދުތައް

މިދިރާސާގެ މަގުސަދުތައް ވަކިވަކިން ބަލާއިރު ތިރީގައިވާ ބައިތައް ފާހަގަކޮށްލަމެވެ.

(1) ދިވެހިބަހުގެ ފެންވަރަށް އަންނަ ބަދަލު ދެނެގަތުން

(2) ދިވެހި ބަހުގެ ފެންވަރަށް އަންނަ ބަދަލުތަކުގެ ސަބަބު ދެނެގަތުން.

(3) ދިރާސާގެ ސުވާލުގައިވާ މައްސަލައާއިމެދު ލިބޭ މަޢުލޫމާތު ދިރާސާގައި ހާމަކުރުން.

(4) މި ދިރާސާއިން ލިބޭ މަޢުލޫމާތު އުނގަންނައިދިނުމުގެ މަސައްކަތްކުރާ މުވައްސަސާ ތަކާއި ޙިއްޞާކުރުން.

ދިރާސާގެ ސިގްނިފިކަންސް

ދިރާސާގެ ސިގްނިފިކަންސްއަކީ، އެ ދިރާސާއެއް މުހިއްމުވާ ފަރާތްތަކެވެ. ނުވަތަ މުހިއްމު ވާ ދާއިރާތަކެވެ. މި ދިރާސާއަކީ ދިވެހިދަރިވަރުން އެކުދިންގެ މާދަރީބަހަށް (ބަހުގެ އެއްމެހައި ހުނަރުތަކަށް) ދުވަހެއް ދުވަހަކަށް ކުރާ އަސަރާއި، އެއަސަރުން ދިވެހިބަހުގެ ފެންވަރަށް އަންނަ ބަދަލުތަކާއި އެބަދަލު އަންނަން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރެވޭ ދިރާސާއެކެވެ. މިދިރާސާގައި އުނގަންނައިދިނުމާއި ދަރިވަރުންނާއި މައިގަނޑު ގުޅުން އޮންނަ ދެ ފަރާތް ކަމަށްވާ މުދައްރިސުންނާއި ބެލެނިވެރިން ގެ ތެރެއިން ސާމްޕަލިންގ ކަނޑައަޅައި އެފަރާތްތަކާއި އިންޓަވިއުކޮށް ދިރާސާގެ މައްސަލާގައި އެފަރާތްތައް ދެކޭގޮތް ހާމަކޮށްފައިވާނެއެވެ. މި ދިރާސާގެ ސަބަބުން ދަރިވަރުންނަށް އުނގަންނައި ދިނުމުގައި ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންތައްތަކެއް ފާހަގަވެގެން ދިޔައެވެ. އެއީ ދަރިވަރުންގެ މުޅި މުސްތަޤުބަލަށް އޭގެ ބޭނުން ހިފޭނެ އެއްޗަކަށް ވާނެކަމުގައި އުންމީދު ކުރަމެވެ.

(ނުނިމޭ)

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.