ފަށާތަޢުލީމާއި މެދު މަދަރުސީ ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރަށް އެއްވެސްބަދަލެއް އަންނަމުންދޭހެއްޔެވެ؟

ލިޔުނީ: ޙަސަން ޒަރީރު އިބްރާާހީމް

(ދެވަނަބައި)

ތަޢާރަފް

ދިވެހިންގެ މާދަރީބަހަކީ ދިވެހިބަސް ކަމުގައިވީހިނދު ދިވެހި ޒުވާނުން މިހާރަކަށް އައިސް މި ރީތި ދިވެހިބަސް ބޭނުންކުރުމުގައި ބަދަލުތަކެއް އަންނަކަމުގައި ގިނަބަޔަކު ޤަބޫލުކުރާތަން ފެނެއެވެ. ދިވެހިބަސް ބޭނުންކުރުން މުހިންމު ޙާލަތް ތަކުގައިވެސް އެހެން ބަސްބަހުން ވާހަކަ ދެއްކުން ޢާންމު ނުވާކަމުގައި ދެންނެވެން އެބައޮތްތޯއެވެ؟ މި ދެންނެވިހެން އެގޮތަށް ވާހަކަދައްކާ ސަބަބެއް ވެސް ވާނެ ނޫންތޯއެވެ. އަދި ހަމައެހެންމެ އެކަން އެހެންއެވަނީ ކީއްވެކަން ދެނެގަނެވިގެން މެނުވީ އެކަމަށް ފަރުވާއެއް ހޯދައިގަތުމަކީ ވުމަށްވުރެން ނުވުން ގާތްކަމެއްކަމުގައި ދަންނަވަންޖެހެއެވެ. އެހެންކަމުން މި ދިރާސާ އަމާޒު ކުރެވިފައިވާނީ ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރަށް، ނުވަތަ ދިވެހިބަހުން މުޢާމަލާތު ކުރުމުގައި ނޭދެވޭ ބަދަލު އަންނަމުން ފާހަގަވޭތޯއާއި، އެގޮތަށް ދިރާސާއިން ދައްކާނަމަ، އެ ބަދަލު އަންނަނީ ކީއްވެކަން ދެނެގަނެވޭތޯ މަސައްކަތް ކުރުމުގެ މައްޗަށެވެ. އެގޮތުން ދިރާސާއިން ފެންނަ އަދި ފާހަގަކުރެވޭ ކަންކަމާއި ބަހުގެ މާހިރުންނާއި، ތަޢުލީމު ދިނުމުގެ މާހިރުން މިފަދަ ޙާލަތްތަކާއި ގުޅޭގޮތުން ހައްދަވާފައިވާ ދިރާސާތަކާއި، މި މައްސަލައާއި ގުޅުންހުރި ތިއަރީތަކާއި، އަދި ސައިކޯ ލިންގުއިސްޓުންގެ ކުރީގެ ލިއުންތަކުގެ މައްޗަށް މި ދިރާސާގައި ބަލާލެވިފައިވާނެއެވެ.

ބަހުގެ ހުނަރުތަކާއި ބަސްކޮށާރުގެ ފެންވަރަށް އަންނަ ބަދަލު

ބަހެއް ދަސްކުރެވޭނީ އެބަހެއްގެ ޤަވާޢިދުތަކާއި އަދި އެބަހެއްގެ ހުނަރުތަކުގެ އިތުރުން ބަސްކޮށާރު ރަނގަޅަށް އެނގިގެންނެވެ. ވުމާއިއެކު ދިވެހިބަސް އުނގެނޭ ދަރިވަރުންގެ ކިބައިގައިވެސް ދިވެހި ވެއްޓާއި، ދިވެހި ސަގާފަތާއި، ދިވެހި އާދަކާދަ ފަދަ ދިވެހި ޤައުމިއްޔަތުގެ ބަހާތަކާއި އެ ބަހާތަކާއި ގުޅުންހުރި ކަންކަމާއި، ތަންތަނަށް ޒަމާނުއްސުރެ ކިޔެމުން އައިސްފައިވާ ނަންތަކާއި އެފަދަ ލަފުޒުތައް ބޭނުންކުރާ ގޮތާއި އެފަދަ ލަފުޒުތައް ބޭނުން ކުރަންޖެހޭ ޙާލަތާއި ވަގުތު އެއްމެ ކުޑަމިނުން އެ ދަރިވަރެއްގެ ގްރޭޑްގައި އެކަށީގެންވާ މިންވަރަކަށް ދަރިވަރުންނަށް އެނގި އަދި ޙަލަތާއި ވަގުތާއި ގުޅޭހެން ބޭނުންކުރަން ނުޖެހޭނެތޯ؟ މިއީވެސް މި މައްސަލައާއިމެދު އުފެދޭ ސުވާލެކެވެ. މި ބަޔާން ކުރެވުނު ބައިތައް ދަރިވަރުންނަށް އުނގަންނައި ދެވޭނީ، އަޑުއެހުމާއި، ވާހަކަ ދެއްކުމާއި، ކިޔުމާއި، ލިއުމާއި މި 4 ހުނަރު މިދެންނެވުނު ޤައުމިއްޔަތުގެ ބަހާގެ ބަހާތައް އެކުލެވޭހެން ކުރިއަރުވައި ސްކަފޯލްޑްކޮށް ތަރައްޤީ ކުރެވިގެންނެވެ. އެހެންނުވާނަމަ، ބަސް އުނގެނުމުގައި ދަތިތައް ކުރިމަތިވާނެއެވެ. ބީ،އެފް،ސްކިނާ. (1975). ގެ ބިހޭވިއަރިސްޓް ތިއަރީގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ކުދިންގެ ބަސް އުނގެނި ތަރައްޤީވުން ބިނާވާނީ އެ ކުދިން ދިރިއުޅޭ މާޙައުލުތަކުން އިވޭ އަޑުތަކާއި ފެންނަ ތަކެއްޗާއި ކަމުން ވިސްނައިގަނެވޭ ވިސްނުން ތަކުގެ އެހީގައި ކަމަށް، އެނީޓާ ވުލްފޯކް. (2010). ހާމަކުރައްވައެވެ. އަދި ހަމައެއާއިއެކު، އެންޖެލިނާ ކިކޯ. (2015) ހާމަކުރައްވާ ގޮތުގައި ކިޔަވައިދޭ މައިގަނޑު ބަހަކީ މާދަރީބަސް ނޫންބަހެއް ކަމުގައިވާނަމަ މާދަރީބަހުގެ އަކުރުތަކާއި އަޑުތައް ދެނެގަންނަން އުނދަގޫވާނެއެވެ. މިކަން މިހެން އޮތްއިރު، ދިވެހިރާއްޖޭގައި އުނގަންނައިދެނީ އިނގިރޭސި މީޑިއަމުން ކަމުގައިވުމުން އެކަމުގެ ސަބަބުން އަންނަ ކޮންމެދަތިކަމަކާއި، ގޮންޖެހުމަކާއި ދިވެހި ދަރިވަރުން ކުރިމަތިލާން ޖެހޭނެކަމީ ޔަޤީންކަމެއް ނޫންތޯއެވެ. އެހެންކަމަށްވާނަމަ، އަދި ދިވެހިބަހުގެ ބަސްކޮށާރު ތަރައްގީވުން ނުވަތަ ދިވެހިބަހުގެ ލަފުޒުތައް ދަސްވުމަށް ހުރަސް އެޅޭނެކަމުގައި ޤަބޫލު ކުރަން ނުޖެހޭތޯއެވެ.

ދަރިވަރުންގެ ފަށާ ތަޢުލީމުގެ ބިންގާ މާދަރީބަހުން އަޅާދިނުމަކީ ބަސްކޮށާރު ކުރިއެރުވުމަށް އެހީތެރިވެދޭ ކަމެއްކަން ލިންގްއިސްޓިކް ތިއަރީތަކާއި ބަހުގެޢިލްމުވެރިންގެ ދިރާސާތަކުގެ އަލީގައި އެހެރީ ވަރަށްވެސް ސާފުކޮށް ފެނި ހާމަވެފައެވެ. މާދަރީބަހުން ފަށާތަޢުލީމު ނުދިނުމަކީ މާދަރީބަހުގެ ފެންވަރު ދަށްވާނެ ސަބަބެކެވެ. އެގޮތަށް ބަހުގެ ފެންވަރު ދަށްވުމަށް މެދުވެރިވާ އެއްސަބަބަކީ ބަސްކޮށާރު ފަގީރުވުމެވެ. އަދި މިކަމުގެ އެއްމެ ބޮޑު އެއްހިތާމަޔަކީ، ހުރިހާއެއްޗެއް އުނގެނުމުގައިވެސް މިކަމުގެ ސަބަބުން އުނގެނުމަށް ނޭދެވޭ އަސަރުތަކާއި ބަދަލުތައް އައުމުގެ ފުރުޞަތު ފަހިވެގެންދާކަމެވެ. މިކަން، ޒެލީހާ ޔަޒުކީ، އާއި ބިނޭރު ޖެންކު، އަދި ފިލިޕް ގްރޯވަރ. (2010). ކުރި ދިރާސާއަކުންވެސް ހާމަވެފައިވާކަމުގައި އެބޭފުޅުންގެ ދިރާސާތަކުގައި ހާމަކުރައްވާފައިވެއެވެ. ހަމަ މިއާއިއެކު ޖިމް ކަމިންސް. (2011). ގައި އެކުލަވާފައިވާ ތްރެޝޯލްޑް ތިއަރީގައިވާގޮތުން މާދަރީބަހުގެ ހުނަރުތައް ރަނގަޅަށް ތަރައްޤީ ވެފައިވާ ކުއްޖެއްނަމަ، ދެވަނަ ބަހެއް ދަސްކުރަންވެސް ފަސޭހަވާނެކަމުގައި މި ދިރާސާއިން ހާމަވެއެވެ. ކެންޔާގެ ތަޢުލީމީ ސިޔާސަތު ބައްޓަން ކުރުމަށްޓަކާ މަދަރީބަހަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކާ، ކަގޫރޭ ގަޝޭޝޭ. (2010). ކޮށްފައިވާ ދިރާސާ އަކުން ހާމަވާގޮތުގައި ތަޢުލީމު ދިނުމުގައި މާދަރީބަސް ނޫން ބަހެއް ބޭނުން ކުރުމުން މާދަރީބަސް އުނގެނުމަށް އުނދަގޫވެ މާދަރީ ބަހުގެ ފެންވަރު ދަށްވާކަން އެ ދިރަސާއިން އެންގި ފާހަގަކުރެވުނެވެ. ކެރޯލް ބެންސަން. (2004). ހާމަކުރައްވާ ގޮތުގައި މާދަރީބަސް ނޫންބަހަކުން ފަށާ ތަޢުލީމު ދިނުމަކީ ވާހަކަދެއްކުމުގައި މި ބޭނުންކުރެވޭ ކޯރޑް މިކްސިންގ ކުރުމުމަށް މަގުފަހިވެގެންދާކަމެކެވެ. އަދި މީގެ އިތުރުން މާދަރީ ބަހުގެ މަފްހޫމްތައް ދެނެގަތުމަށް ބޮޑު ހުރަހެއް ކުރިމަތިކުރުވާ އެއްކަމަކީ، އެއީ ކަމުގައި ކޭޓް މެންކެން އޮފީލިއާ ގާސިއާ އޯ. (2010). ހާމަކުރައްވައެވެ. އަދި ބަސް މުއްސުނި ކުރުމަކީ ބަސް އުނގެނުމަށާއި ބަހުގެ ފެންވަރު ދަށްވުމާއި ބަސްކޮށާރު ފަޤީރުވާ ކަމެއްކަމުގައި ބޭކަރ، ސީ. (2011). ވަރަށްބޮޑަށް ފާހަގަކުރައްވަމުން އެބޭފުޅާ ހާމަކުރައްވަނީ، އެއީ އެބަހެއްގެ އަސްލުތައް މުޅިން އޮޅިނެތިގެން ހިނގައިދާވަރުގެ ނުރައްކާތެރިކަމެއްކަމުގައި ވެސް ހާމަކުރައްވައެވެ.

ދިވެހިބަހަށް ދެވޭ ސަމާލުކަން ކުޑަވުމުން އަންނަ ބަދަލު

ދިވެހިންގެ މާދަރީބަހަކީ ދިވެހިބަސް ކަމުގައިވީހިނދު ދިވެހި ޒުވާނުން ދިވެހިބަސް ބޭނުންކުރުމަށް ބަދަލުތަކެއް އަންނަން ފެށިފައިވާކަމުގައި ގަބޫލުކުރެވެއެވެ. ނާޝިޔާ މުޙަންމަދު. (2013). ހެއްދެވި ދިރާސާއަކަށް ޙަވާލާދީ ހާމަކުރައްވާ ގޮތުގައި ބަސް ކިޔެވުމަށް މެދުވެރިވާ އެންމެބޮޑު ދައްޗަކީ ބަސް އުނގަންނައި ދިނުމަށާއި އުނގެނުމަށް ވެސް އިހުމާލުތަކެއް ވެވޭތީކަން ޤަބޫލުކުރަންޖެހޭކަމުގައެވެ. މިހެނީ، ދަރިވަރުންގެ ފަށާތަޢުލީމުގެ މަރުޙަލާގައި މާދަރީ ބަސް ނޫންބަހަކުން ތަޢުލީމުގެ ބިންގާ އެޅުމުގެ ނަތީޖާއަކަށް ވެގެންދާނީ މާދަރީބަސް ދެކެ ފޫހިވުން ކަމުގައި، ޑޭވިޑް ކުރިސްޓަލް. (2002) ހާމަކުރައްވައެވެ.

މަނޯސް އެންޓޮނިނިސް (2014) ހާމަކުރާގޮތުގައި މަދަރުސާތަކުން ދަރިވަރުންނަށް ގިނަފަހަރަށް ކިޔަވައިދެނީ އެކުދިންގެ ގޭގައާއި ޢާންމުދިރިއުޅުމުގައި ބޭނުންކުރާބަހުން ނޫންކަމުގައިވާނަމަ، އެކުދިންނަށް އެއްވެސްބަހެއް ރަނގަޅަކަށް ނޭނގޭނެއެވެ. ސްކޫލްތަކުގެ މުޤައްރަރު ކުދިންނަށް އެނގޭބަހަކުން ނުވަތަ ވިސްނައިގަނެވޭގޮތަށް ބައްޓަންވެފައިވާނަމަ އެކުދިން ޙާޞިލުކުރާ ނަތީޖާ ރަނގަޅު ވާނެއެވެ. އެކިއެކި ކޮންސެޕްޓްތައް އަމިއްލަބަހުން އޮޅުން ފިލުވުމަށް މާފަސޭހަވާނޭ ކަމުގައި އެކަމުގެ ހެކިދައްކަވައި ހާމަކުރައްވާފައި ވެއެވެ. އަދި އިތުރަށް މިކަމުގެ ހެކިދައްކަވަމުން ބަޔާންކުރައްވާ ގޮތުގައި އިތިއޯޕިއާގެ ގްރޭޑް 8 ގެ ދަރިވަރުންނަށް މާދަރީބަހުން ހިސާބު، އަދި ސައިންސުގެ މާއްދާތައް ކިޔަވައިދިން ކުދިންނާއި އަދި އިނގިރޭސިބަހުން ކިޔަވައިދިން ކުދިންނާއި އަޅާބެލުމުން ރަނގަޅުނަތީޖާއެއް ލިބެނީ މާދަރީބަހުން ކިޔަވައިދިން ކުދިންނަށް ކަމުގައި އެންމެފަހުގެ ރިޕޯޓުން ހާމަވެގެން ދިޔަކަމުގައި، އެންޓޯނިސް ހާމަކުރައްވައެވެ. މިގޮތަށް އެތަންތާގައި ތަޢުލީމީ ނިޒާމް ފަރުމާ ކުރުމުގެ ބޭނުމަކީ، އެމީހުން ބޭނުންކުރާ ބަސް ބޭނުންކުރުމަށް ބަދަލު އަޔަނުދިނުމަށްޓަކައެވެ. އެފަދަ ބަދަލެއް އަތުވެއްޖެނަމަ، އެމީހުންގެ ޒަމާންވީ ސަގާފަތާއި އާދަކާދައާއި މާދަރީބަހަށް އެތައް ލޮޅުމެއް އައުމުގެ ނަތީޖާއަކީ އެ ގައުމެއްގެ ޤައުމިއްޔަތު އެ ޤައުމެއްގެ ދަރިންގެ ހިތްތަކުގައި އެއްވެސް ޙުރުމަތެއް ނެތްއެއްޗަކަށް ވުމުގެ ފުރުޞަތު ނުހަނު ބޮޑަށްއޮތުމުން އެކަމުން އެޤައުމުތައް ސަލާމަތް ކުރުމަށްޓަކާ ކަމުގައިވެސް ހާމަކުރައްވައެވެ. ހަމ، އެއާއި އެކު މިކަމުގެ ސަބަބުން މާދަރީބަހުން ރަނގަޅަށް ވާހަކަދެއްކުމަށް ދެވޭ ސަމާލުކަން ނެތިވެގެން ހިނަގައިދާނެކަން ފާހަގަކޮށްލެވޭއެވެ.

(ނުނިމޭ)

 

 

 

Leave a Comment

Your email address will not be published.