ލިޔުނީ: އަޙްމަދު މުޙައްމަދު
ކަމެއް ކުރުމަށްޓަކައި ރަނގަޅު ގޮތެއް ނިންމުމަކީ އޭގައި މަރުހަލާތަކެއް އެކުލެވިގެންވާ ޕްރޮސެސްއެކެވެ. އޭގެ ތެރޭގައި ކަންކަން ބަލައި ހޯދުމާއި ރަނގަޅު މަޢުލޫމާތު އެއްކުރުމާއި ކުރަން ބޭނުންވެގެން އުޅޭ ކަމަކާ ގުޅުންހުރި އެހެނިހެން ކަންކަން ދެނެގަނެ ވަޒަންކުރުން މުހިންމެވެ.
ހަރުފަތަކުން ހަރުފަތެއް ގިރާކުރަމުން ދިއުމުން، ރަނގަޅު މަޢުލޫމާތު ލިބިގެން ވިސްނުންތެރިކަމާއެކު ސީދާ ކުރަން ބޭނުންވާ ކަމަކާ ގުޅޭގޮތުން، ގޮތް ނިންމަން ދަސްވާނެއެވެ. މީގެ ސަބަބުން ހިތްހަމަޖެހޭ ރަނގަޅު ގޮތް ނިންމުމަށްވެސް މަގުފަހިވެގެން ދެއެވެ.
ފިޔަވަޅު 1: ނިންމަން ބޭނުންވާ ގޮތް ފާހަގަކުރުން
ހަޤީޤަތުގައިވެސް ގޮތެއް ނިންމަން ޖެހިއްޖެކަން ދެނެގަންނާށެވެ. ކުރަން ބޭނުންވާ ކަމަކަށް ބަލައި ނިންމާ ނިންމުމުގެ ސަބަބުން ދެން ނިކުމެދާނެ ނަތީޖާއާ މެދުވެސް ވިސްނާށެވެ. ފުރަތަމަ މި ފިޔަވަޅު ވަރަށް މުހިންމެވެ.
ފިޔަވަޅު 2: ކަމާގުޅޭ މަޢުލޫމާތު ހޯދުން
ގޮތެއް ނިންމުމަށް ބޭނުންވާ ކަމަކާ ގުޅޭ ރަނގަޅު މަޢުލޫމާތު ގޮތް ނިންމުމުގެ ކުރިން ހޯދާށެވެ. ބޭނުންވަނީ ކޮންކޮން މަޢުލޫމާތެއްކަން ދެނެގަންނާށެވެ. އަދި އެ މަޢުލޫމާތު ލިބެންހުރި ވަސީލަތްތައް ހޯދައިބަލައި ލިބިގަންނާށެވެ. ބައެއް މަޢުލޫމާތަކީ ކުރަން ބޭނުންވާ ކަމެއް ފެށުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ލިބޭ މަޢުލޫމާތެވެ. އަނެއްބައި މަޢުލޫމާތަކީ ފޮތްތަކާއި އޮންލައިންގެ ޒަރީއާއިންނާއި އެކިއެކި މީސް މީހުންގެ ފަރާތުންނާއި އެހެނިހެން ގޮތްގޮތުން ލިބޭ މަޢުލޫމާތެވެ.
ފިޔަވަޅު 3: ކުރަންއުޅޭ ކަމަކާ ގުޅޭ އެހެންކަންކަން ފާހަގަކުރުން
މަޢުލޫމާތު އެއްކުރަމުން ދާވަރަކުން ކުރިއަށް ދެވޭނެ އެތައް މަގުތަކެއް ފާހަގަކުރެވެމުން ދާނެއެވެ. އެ މަޢުލޫމާތުގެ އަލީގައި ކުރަން ބޭނުންވެގެން އުޅޭ ކަންތައް ނޫން އެހެން ކަމަކާއިގެން ކުރިއަށް ދިއުމަށްވެސް މަގުފަހިވެދާނެއެވެ. މި މަރުޙަލާގެ ތެރޭގައި ކުރިއަށްދާން އެންމެ ބޭނުންވާ ކަންކަން ފާހަގަކޮށް ލިސްޓްކުރާށެވެ.
ފިޔަވަޅު 4: ލިބުނު މަޢުލޫމާތުގެ ޞައްޙަކަން އަޅާކިޔުން
ކުރަންއުޅޭ ކަމަކާ އެއާ ގުޅުންހުރި ހުރިހާ ކަމެއް ލިސްޓްކޮށްލާށެވެ. އަދި އެއިން ކޮންމެ ކަމަކުން ނިކުމެދާނެ ފައިދާ އާއި ގެއްލުން ފާހަގަކުރާށެވެ. އަދި އެއަށްފަހު ފުރަތަމަ ފިޔަވަޅުގައި ބުނެވިދިޔަ ގޮތަށް، އެއްކަމެއް ކުރަން ކަނޑައަޅާއިރު އަނެއްކަމަކަށް ހުރަސްއެޅޭނެ ކަންކަން ފާހަގަކުރާށެވެ. މި ޕްރޮސެސްގެ ތެރެއިން މަސައްކަތްކޮށް ނިމޭއިރު މަޤްޞަދު ޙާޞިލު ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ދެނެގަންނަން އެނގޭނެއެވެ. ހަމައެއާއެކު އިސްކުރަންވީ ކަންކަމަކީ ކޮބައިކަންވެސް އަމިއްލައަށް ދެނެގަނެވޭނެއެވެ.
ފިޔަވަޅު 5: ފާހަގަ ކުރެވުނު ކަންތައްތަކުން ކަމެއް ޚިޔާރުކުރުން
ލިބުނު މަޢުލޫމާތުތައް އަޅާކިޔައި ނިމިއްޖެއެވެ. މިހާރު ތިޔަ ހުރީ ފާހަގަކުރެވުނު ކަންތައްތަކުން އެންމެ ބޮޑަށް ކުރާހިތްވާ ކަމެއް އިޚްތިޔާރު ކުރުމުގެ މަގު ފަހިވެފައެވެ. އެއްކަމެއްގެ ބަދަލުގައި ދެކަމެއް އެއްކޮށްލައިގެން ކުރިއަށް ދިއުންވެސް އެންމެ ރަނގަޅު ކަމަކަށް ވެދާނެއެވެ. މިފިޔަވަޅުގެ ފުރަތަމަ ހޮވުމަކީ ފިޔަވަޅު 4 ގައި ލިސްޓްކުރި ފަހުކަންތައް ކަމަށްވުމީވެސް ވަރަށް ގާތްކަމެކެވެ.
ފިޔަވަޅު 6: ގޮތެއް ނިންމުން
މިހާރު ތިޔަހުރީ 5 ވަނަ ފިޔަވަޅުން ޚިޔާރުކުރި ކަންތަކާއިގެން ކުރިއަށް ދިއުމަށް ގޮތެއް ނިމިފައެވެ.
ފިޔަވަޅު 7: ނިންމުނު ނިންމުމާމެދު އަލުން ބަލާލުން
ތިމާ ކުރަންއުޅޭ ކަމަކާމެދު ގޮތެއް ނިންމުމަށްޓަކައި ނަތީޖާއެއް ނެރެން ކުރެވުނު މަސައްކަތާމެދު ވިސްނައި ފުރަތަމަ ފިޔަވަޅުގައި ފާހަގަކުރެވުނުހެން، ނިންމަން ބޭނުންވާ ގޮތް ނިންމިއްޖެކަން ޔާޤީން ކުރާށެވެ. މުޅިން ހިތްހަމަ ނުޖެހޭނަމަ މި ޕޮރޮސެސްގެ ބައެއް ފިޔަވަޅުތައް ތަކުރާރު ކުރެވިދާނެއެވެ. އަދި ތަފާތު ދެނެގަތުމަށްޓަކައި، އިތުރު ތަފްޞީލު ހޯދައި އިތުރަށް ދިރާސާކުރެވިދާނެއެވެ.
މަޢުލޫމާތު:
https://www.umassd.edu/fycm/decision-making/process/