ވޯރލްޑް ބޭންކްގެ އެހީގައި ހިންގާ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ ދަށުން ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ކުރިޔަށް ގެންދާ ފެހި މަދަރުސާ ޕްރޮގްރާމްގެ ތެރެއިން ހިރިޔާ ސްކޫލުންވަނީ ހައިޑްރޮޕޯނިކްސްގެ ފުރަތަމަ ލެޓިއުސް ބެޗް ހައްދައި، ފެހިފަހި ހަރަކާތްތަކެއް އެސްކޫލްގައި ފަށާފައެވެ. އޭއީޑީ ޕްރޮޖެކްޓަކީ ވޯލްޑް ބޭންކްގެ އެހީގައި ކުރިޔަށް ގެންދެވޭ ޕްރޮޖެކްޓެކެވެ.
އޭއީޑީޕީގެ ދަށުން ފެހި މަދަރުސާގެ އަމާޒަކީ ދަރިވަރުންގެ މެދުގައި ތިމާވެށީގެ ރައްކާތެރިކަން އުފައްދައި ދަރިވަރުންގެ މެދުގައި ތިމާވެށީގެ ލިޓަރެސީ ޙަރަކާތްތައް އިތުރުކުރުމެވެ.
ހިރިޔާ ސްކޫލްގެ ތިމާވެށީގެ ކުލަބްގެ ދަރިވަރުންނާއި ޓީޗަރުންގެ އުފެއްދުންތެރި އެކަމަކު ބުރަ މިމަސައްކަތް ބަލައިގަނެވުނު މަސައްކަތެއްކަމުގެ އެންމެ ބޮޑު ހެއްކަކީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ބެޗް އުފެއްދުންތައް ވިއްކާލެވިފައިވާ ކަމެވެ.
މިޙަރަކާތަކީ މުޅި ސްކޫލް މުޖުތަމަޢު ބައިވެރިކޮށްގެން ފެށި ޙަރަކާތެކެވެ. ބެލެނިވެރިންނާއި މުދައްރިސުންނާއި ސްކޫލް މެނޭޖް މަންޓުގެ އެއްބާރުލުމާއެކު ފެށި މިޙަރަކާތް ކާމިޔާބުވުނުގައި ވެލްނެސް މެޓާރސް އާއި ލަކްސް ސައުތު އަރި އެޓޯލްގެ އެހީތެރިކަން ބޮޑެވެެ.
ދިރިއުޅުމުގެ މިހަގީގީ އުނގެނުމުގެ ތަޖުރިބާތަކުގެ ޒަރީއާއިން ދަރިވަރުންގެ ހުނަރާއި އަޚްލާޤާއި ވިސްނުން ތަރައްޤީކޮށް ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށް އެކުދިންގެ ވިލުންތެރިކަން (ރެޒިލިއަންސް) ބިނާކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތަކަށް މިކަން ވެގެންދާނެއެވެ.
ހިރިޔާ ސްކޫލްގައި އިއްޔެ މިކަމާގުޅިގެން ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. އަޙްމަދު މުޙައްމަދެވެ.
މިރަސްމިއްޔާތުގައި މާލޭ ޒޯން ކޯޑިނޭޓަރ އަލްފާޟިލް އަޙްމަދު ނަސީމާއި ހިރިޔާ ސްކޫލްގެ މެނޭޖްމަންޓާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.