2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފަށަނީ

2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފެށޭނެއެވެ. މިމުނާސަބާއާ ގުޅިގެން ދިރާސީ އައު އަހަރުގެ ތަހުނިޔާއާއި މުބާރަކްބާދީ ހުރިހާ ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ސްކޫލުތަކުގެ އިސްވެރީންނަށާއި، ބެލެނިވެރީންނަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުންނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވަނީ ފޮނުއްވާފައެވެ.

އެޑިޔުކޭޝަނުން ހާމަކުރެއްވި މައުލޫމާތު ބުނާގޮތުގައި މި ދިރާސީ އަހަރު ފެށިގެން މިދަނީ 96،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކުގައެވެ. އޭގެ ތެރޭގައި 40،300 އެއްހާ އަންހެން ދަރިވަރުންނާ 42،700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ. ސަރުކާރުގެ 217 ސްކޫލެއްގައި 83،000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާއިރު، އޭގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނެވެ. ރާއްޖޭގެ ޕްރައިވެޓް ސްކޫލްތަކުގައި އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރާއިރު، އޭގެ ތެރެއިން 9،000 އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަނީ މާލޭ ސަރަޙައްދުގައެވެ.

މި އަހަރު މާލޭ ސަރަޙައްދުގެ ގްރޭޑް 1 އަށް 2،250 ދަރިވަރުން ވަނީ އެންރޯލް ކުރެވިފައެވެ. މީގެ އިތުރުން މާލޭ ސަރަޙައްދުގެ ގްރޭޑް 1 ފިޔަވާ އެހެން ގްރޭޑްތަކަށް ވަންނަން ހުށަހެޅި ދަރިވަރުންގެ އަދަދަކީ 2،081 އެވެ. އަދި މި ދިރާސީ އަހަރު، އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް1،126 ދަރިވަރުން ވަނީ ބަދަލުވެފައެވެ. ހަމައެއާއެކު، މާލޭ ސަރަޙައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް 1،000 އެއްހާ ދަރިވަރުން ބަދަލުވިއެވެ.

ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުދައްރިސުންކަން ހާމަކުރައްވައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވިގޮތުގައި މިއަހަރު ފެށޭއިރު ސަރުކާރު ސްކޫލުތަކުގައި 12،662 މުދައްރިސުން މަސައްކަތް ކުރައްވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 10،729 ދިވެހި މުދައްރިސުންނާއި 1،933 ބިދޭސީ މުދައްރިސުންނެވެ.

މި ދިރާސީ އަހަރު ސަރުކާރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެއެވެ. މި އަހަރުވެސް 6 ސްކޫލެއްގައި ސެޓެލައިޓް މަފްހޫމަށް ކިޔަވައިދޭނެއެވެ. އެ ސްކޫލްތަކަކީ ފެހެންދޫ ސްކޫލް، ފުޅަދޫ ސްކޫލް، ކޮނޑޭ ސްކޫލް، ރަކީދޫ ސްކޫލް، ވ. ތިނަދޫ ސްކޫލް އަދި އދ. ދިއްދޫ ސްކޫލް އެވެ.

ދަރިވަރުންނާއި މުދައްރިސުންނަށް އުނގެނުމާއި އުނގަންނައި ދިނުމަށް އެންމެ ފެންވަރު ރަނގަޅު ވެއްޓެއް ޤާއިމުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ޕްރޮޖެކްޓެއް، މި ދިރާސީ އަހަރުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް އެޑިޔުކޭޝަނުން ހާމަކުރެއްވިއެވެ. ކޮމިޔުނިޓީގެ އެހީތެރިކަމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓްގެ ދަށުން، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް 2 އަހަރުގެ ތެރޭގައި ސަރުކާރު ހުރިހާ ސްކޫލެއް އޭސީކޮށް ނިމޭނެއެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި މުދައްރިސުން ސްކޫލުގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މާދަމާ މި ފެށޭ ދިރާސީ އައު އަހަރަކީ ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށާއި ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް އުފާވެރި، ކާމިޔާބު އަހަރަކަށް ވެގެންދިއުމުގެ އުއްމީދު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފާޅުކުރައްވައިފައިވެއެވެ.

 

 

 

 

Leave a Comment

Your email address will not be published.