ލިޔުނީ: މަރިޔަމް ސުދާ/ އެންއައިއީ
އެހެނިހެން ބަސްތަކެކޭ އެއްފަދައިން ދިވެހި ބަހަކީ ވެސް ލިޔެކިޔުމުގައި ހަމަތަކަކާއި އުޞޫލުތަކެއް ނުވަތަ ޚާއްޞަ ޤަވާޢިދުތަކެއް އެކުލެވިފައިވާ ބަހެކެވެ. އެހެންކަމުން ދިވެހި ބަހުގެ ޤަވާޢިދުތައް ދިރުވާ، އާލާކޮށް ދެމެހެއްޓުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ދެކެމެވެ. އެހެނީ، އިންސާނާގެ އިޙްސާސްތަކާއި ޖަޒުބާތުތައް އަނެކުންނާ ހަމައަށް އެންމެ އެކަށޭނަ ގޮތުގައި ފޯރުކޮށް ދެވޭނީ ބަހުގެ ހަމަތަކާއި އުޞޫލުތަކަށް ފުށުނާރާނޭހެން ބޭނުންކުރުމުން ކަމުގައިވާތީއެވެ. ނަމަވެސް އަޅުގަނޑުމެންގެ މާދަރީބަސް ކަމަށްވާ ދިވެހި ބަސް، ބޭނުންކުރުމުގައި އިހުމާލުވެވޭ މިންވަރު ދުވަހެއްދުވަހަކަށް މިވަނީ އިތުރުވާންފަށާފައެވެ. އެގޮތުން ބަހަށްދޭ އަހަންމިއްޔަތުކަން ކުޑަވުމާއި، ދިވެހިބަހުގެ ހަމަތަކާއި އުޞޫލުތައް ދޫކޮށްލައި ކުށްބަސްތައް ބޭނުންކުރެވެމުންދާ މިންވަރު އިތުރުވުމާއި، އެހެނިހެން ޤައުމުތަކުގެ ބަސްތަކާއި މަސްހުނިކޮށްގެން ދިވެހިބަސް ބޭނުންކުރުން ހިމެނެއެވެ. މިގޮތުން ފާހަގަ ކޮއްލެވޭ އެއް ކަމަކީ، ހުރުން، އިނުން، އޮތުން، މި ލަފުޒުތަކަކީ ދިވެހިބަހުގެ ޤަވާޢިދުގެ ތެރެއިން ޚާއްޞަ ސަމާލުކަމެއް ދެވިފައިވާ ތިން ލަފުޒު ކަމަށް ވީހިނދު، މި ލަފުޒުތައް ބޭނުން ކުރުމުގައި ބަހުގެ ޤަވާޢިދު ފޮތްތަކުގައިވާ ހަމަތަކާއި އުޞޫލުތަކަށް ފުށުއަރާފަދަ ގޮތްގޮތަށް ބޭނުން ކުރަމުން ދިއުމެވެ. އެހެންކަމުން މި ލަފުޒުތައް ބޭނުން ކުރުމުގައި އިހުމާލުވެވޭ ގޮތްތައް ނުވަތަ ޙާލަތްތައް ދެނެގަތުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.
ދިވެހި ބަހުގެ ޤަވާޢިދުގައި ހުރުން، އިނުން، އޮތުން، މި ލަފުޒުތައް ބޭނުން ކުރުމުގައި ހަމަތަކަކާއި އުޞޫލު ތަކެއް ކަނޑައެޅިފައި ވެއެވެ. ނަމަވެސް މިހާރަކަށް އައިސް ފެންނަމުންދާ މަންޒަރު ތަކަށް ބަލާއިރު މި ދެންނެވުނު އުޞޫލުތަކާއި ހަމަތައް ދޫކޮއްލާ އަމިއްލަ ގޮތްތައް ބޭނުން ކުރަމުންދާކަން ފާހަގަކުރެވެއެވެ. މިއިން ކޮންމެ ލަފުޒަކީވެސް މީހުންނާއި، އެއްޗިއްސާއި، ތަންތަނާއި އަދި ހާލަތާ ގުޅުވައިގެން މެނުވީ ބަދަލު ނުގެނެވޭނެ ލަފުޒު ތަކަކަށް ވެފައި ވީހިނދު، މިއިން ކަމަކަށް ރިޢާޔަތް ކުރުމެއްނެތި ބޭނުންކުރުން މިވަނީ ޢާންމު ވެފައެވެ.
ހުރުން
މުޙަންމަދު ޖަމީލު (1971)، ހާމަކުރައްވާފައިވާ ގޮތުގައި “ހުރުން” މި ލަފުޒު ބޭނުން ކުރެވޭނީ އިންސާނާގެ ކިބައިގައިވާ މައުނަވީ ސިފަތަކަށާއި، ފިރިހެނުންނަށާއި، އަދި އަމިއްލަ ބާރުގެ މައްޗަށް ބުރަވެ ހުންނަ ތަކެއްޗަށެވެ. މީގެ އިތުރުން އެއްބާވަތެއްގެ ގިނަ ތަކެތި ނުވަތަ އެތައް ބާވަތެއްގެ ތަކެތި އެއްކޮށްގެން އޭގެ މައްޗަށް ބުރަވެ ވާހަކަ ދައްކާނަމަވެސް ހުރުން ބޭނުން ކުރެވިދާނެއެވެ.
މިސާލު:
1. ބިސްތައް ހުރީ ހާލީގައެވެ.
2. ހައްވަގެ ދެލޯ ހުރީ ރަތްވެފައެވެ.
3. ހަސަންފުޅު ހުރީ މާލޭގައެވެ.
4. ރުއް ހުރީ ފޯދިފައެވެ.
އިނުން
“އިނުން” މި ލަފުޒު ބޭނުންކުރެވޭނީ އަންހެނުންނަށާއި، ދިރޭ ތަކެތީގެ ތެރެއިން އިންސާނުން ފިޔަވާ ހަތަރު ފަޔަށްވުރެ ގިނަ ފައި ހުންނަ ތަކެއްޗަށާއި، ދެ ފައި ހުންނަ ދިރޭ ތަކެއްޗަށެވެ. އަދި ކައިވެނި ކުރުމުގެ މާނައިގަ އާއި ގަހުގައި އަޅާ ތަކެތި ގަހުން ވަކިނުވެ ހުންނައިރު އޭގެ ތެރެއިން އެކައްޗަށް ނިސްބަތްކޮށް ވެސް ބޭނުންކުރާނީ އިނުން ކަމުގައި ފަތުހުﷲ އަޙުމަދު (2010)، ބަޔާންކުރަށްވާފާވެއެވެ.
މިސާލު:
1- ގަހުގައި އިން ބަނބުކެޔޮ އަދި ހަރެއް ނުވެއެވެ.
2- ޚަދީޖާ އިނީ ކާށިދޫގައެވެ.
3- ފާރުގައި އެއިނީ ބޮޑު ފައިދިގު މަކުނެކެވެ.
4- ފާރުމަތީގައި ކޮތަރެއް އެބައިނެވެ.
5- ހަލީމާ މީހަކާ އިނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.
އޮތުން
“އޮތުން” ބޭނުންކުރެވޭނީ ހަތަރެސްފައި ޖަހައިގެން އުޅޭ ދިރޭ ތަކެއްޗަށާއި، ފައި ނުހުންނަ ތަކެއްޗަށެވެ. މީގެ އިތުރުން އަނެކެއްޗެއްގެ ބާރުގައި އޮވެވޭ އެންމެ އެއްޗަކަށް ނިސްބަތްކޮށްވެސް ބޭނުންކުރާނީ އޮތުމެވެ. (ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 2004).
މިސާލު:
1- އެ އޮތީ ވަރަށް ޅަ ބަކައްޓެކެވެ.
2- ހަރުފަ އޮތީ ގުދަން ކައިރީގައެވެ.
3- ވޮލެޓް އޮތީ ޖީބުގައެވެ.
ނަމަވެސް އެހެން އެއްޗެއްގެ ބާރުގައިވާ އެއްޗެއް ކަމުގައި ވިޔަސް އުއްޑުން ނަމަ ހުންނާނީއެވެ. އަދި ބަންޑުން ނަމަ އޮންނާނީއެވެ.
މިސާލު:
1- ފެންޖަގު ހުރީ މޭޒުމަތީގައެވެ.
2- ތަށިއޮތީ ބަންޑުން ބާއްވާފައެވެ.
ދިވެހި ބަހުގެ ޤަވާޢިދު ފޮތްތަކުގައި ހުރުން، އިނުން، އޮތުން، ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ހަމަތަކާއި އުޞޫލުތައް އަދި ޙާލަތްތައް އެހާ ފުރިހަމަކޮށް ބަޔާންކުރެވިފައި ވީނަމަވެސް، މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރެއިން ފެންނަމުންމިދަނީ މުޅިން ތަފާތު މަންޒަރުތަކެކެވެ. މަޑުލު މުޙަންމަދު ވަހީދު (2007) ލިޔުއްވާފައިވާގޮތުގައި ރާއްޖޭގައި ބިދޭސީން އިތުރުވުމުގެ ސަބަބުން ދިވެހިބަސް ބޭނުންކުރުމުގައި އައު ގޮތްތައް ތަޢާރަފުވެ، މިކަމުގެ ނޭދެވޭ އަސަރު ދިވެހި މުޖުތަމަޢުގެ ތެރެއިން މިވަނީ ފެންނަން ފަށާފައެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ހުރިހާ އެއްޗެއްވެސް ތިބޭނީއެވެ. ނުވަތަ ހުންނާނީއެވެ. މިސާލަކަށް؛ ފިހާރައިގައި ފޮތް ތިބެނީއެވެ. ހަނޑޫވެސް ތިބެނީއެވެ. ނުވަތަ ބޭބެ ހުންނަނީ ޖޯލިފަތީގައެވެ. ހަމަ މިފަދައިން ނޫސްތަކާއި މަޖައްލާތަކުގައި ލިޔެ ޝާއިޢު ކުރެވިފައިވާ ބައެއް ލިޔުންތަކުގައި، އިސްވެ ދެންނެވުނު ލަފުޒުތައް ލިޔެފައިވަނީ ރަނގަޅަށް ނޫންކަން ސާބިތު ވެއެވެ.
ދިވެހިބަހުގައި “ހުރުން”، “އިނުން”، “އޮތުން” ބޭނުންކުރުމުގެ ހަމަތަކަކާއި އުޞޫލުތަކެއް ލިޔެވި، ބަޔާންކުރެވިފައި ވެއެވެ. އަދި މި ލަފުޒުތައް ބޭނުން ކުރުމުގައި މީހުންނަށާއި، އެއްޗިއްސަށާއި، ތަންތަނަށާއި، ހާލަތާ ގުޅުވައިގެން މެނުވީ ބަދަލެއް ނުގެނެވޭނެއެވެ. ލަފުޒު ބޭނުންކުރުމާއި ބަދަލުގެނައުމުގައި ވެސް ހަމަތަކެއް ބަޔާންކުރެވިފައިވެއެވެ. ނަމަވެސް ހިތާމަކުރަންޖެހޭކަމަކީ މިހާރު ދިވެހި މުޖުތަމަޢުގެ ތެރޭގައި ކިޔަވައިގެންތިބި ތަޢުލީމީ ޤާބިލް ބޭބޭފުޅުން ވެސް މި ދެންނެވުނު ތިން ލަފުޒު، ޤަވާޢިދު ފޮތްތަކުގައި ބަޔާން ކުރެވިފައިވާ ގޮތާ ފުށުއަރާ ފަދަ ގޮތްގޮތަށް ލިޔުން ތަކުގައި ގެނެސްފައި ހުރުމެވެ. ވުމާއެކު، އަޅުގަނޑުމެންގެ ތެރޭގައި މިހާރުވެސް މި ލަފުޒުތައް ބޭނުން ކުރުމުގައި އިހުމާލު ވެވޭކަން ހާމަވެގެން ދިޔައެވެ. އެހެންކަމުން ކުށްތަކުން ބަރީއަވެގެންވާ ބަހުގެ ވެއްޓެއް ޤާއިމުކުރުމަށް އެދޭނަމަ، މިދެންނެވި އުޞޫލުތަކާއި ގޮތްތައް އުނގެނި ދަސްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމުގައިދެކެމެވެ.
ފޮޓޯ ކްރެޑިޓް: ޙުސައިން ވަޙީދު
ރިފަރެންސް ލިސްޓް8
އަޙުމަދު އަމީން މުޙައްމަދު (3 ޖުލައި 2016). މަލާމާތުން ލިބުނު ހިތްވަރު. ވަގުތު. ނެގީ،
https://vaguthu.mv/evaguthu/story/433701/ އިން.
އަޙުމަދު ނަދީމު (23 ސެޕްޓެމްބަރ 2016). އެންމެ މަގުބޫލީ އަދި އެންމެ ޑިމާންޑް ބޮޑީވެސް މިހާރު އައްްޒަ. އަވަސްް. ނެގީ، https://avas.mv/22875 އިން.
އަހުމަދު ވަޖީހު (11 އޭޕްރީލް 2012) ހުރުން، އިނުން، އޮތުން. ނެގީ، http://www.authorstream.com/Presentation/wajeeh-1386381/ އިން.
އަޒުމީ އަލީ (26 ޑިސެމްބަރު 2016). ސުނާމީ ވަގުތުގައި އަހަރެންގެ ތަޖުރިބާ. މިދުވަސް. ނެގީ،
http://dhuvas.mv/37993 އިން.
ޢަބްދުﷲ ޞާދިޤު (1993). ބަހުގެ ހަމަތަކުގެ އަތްމަތީ ފޮތް. ދިވެހިބަހާ ތާރީޚައް ޚިދުމަތްކުރާ ޤައުމީ މަރުކަޒް.
ޢަބްދުﷲ ޞާދިޤު (2012). ބަހުގެ ހަމަތަކުގެ އަތްމަތީ ފޮތް. ދިވެހި ބަހުގެ އެކަޑަމީ.
މުޙައްމަދު ޖަމީލު. (1971). ފިޔަވަޅު (ވޮލިއުމް 3). މާލެ: މުސައްނިފު.
މަރިޔަމް ވަހީދާ (23 ޖުލައި 2016). ބިކަހާލު ޖެހުނީ އަމިއްލައަށް ކުރި ކަމަކުން ކަމަށް ޤަބޫލު ކުރަން. ވަގުތު. ނެގީ، https://vaguthu.mv/evaguthu/story/440203/ އިން.
މިއްލި އިބްރާހިމް (2013). މުއްސަނދިކަމާއި، ކާމިޔާބާއި ލޯބި. އެސްފިޔަ. ނެގީ، https://www.esfiya.com/126/ އިން.
މަރިޔަމް ވަހީދާ (29 ޖުލައި 2016). ހިތި ތަޖުރިބާ. ވަގުތު. ނެގީ،
https://vaguthu.mv/evaguthu/story/441974/ އިން.
މުޙަންމަދު އަޒްހީމު (22 ފެބުރުއަރީ 2016).”ކުޑަ ކުއްޖެއްގެ ސިފައިގައި ހުރީ އިންސާނެއް ނޫންކަން އެނގުނީ މާ ފަހުން”. ވަގުތު. ނެގީ، https://vaguthu.mv/evaguthu/388272/ އިން.
ފަޒްލީނާ ޙުސައިން (21 އޭޕްރީލް 2016). މަދޫރީ ހުރީ ރަނގަޅު ސްކްރިޕްޓެއްގެ އިންތިޒާރުގައި. ސަން. ނެގީ، https://sun.mv/72819 އިން.
ފަރީޙާ ޢަބްދުﷲ (2 ފެބުރުއަރީ 2016). އައްޒަ އާއި ޖުމާގެ އެނބުރި އައުން. ތިންލައްކަ ރުފިޔާގެ ބޮޑު ބަޖެޓެއް. ވަގުތު. ނެގީ، https://vaguthu.mv/evaguthu/maldives-film-industry/382051/ އިން.
ފަތުހުﷲ އަޙުމަދު (14 މެއި 2010). ދިވެހި ބަހުގެ ޤަވާޢިދު ފޮތްތަކުގެ ތެރެއިން. ޙުސައިން ސަލާހުއްދީނުގެ ތުޙުފަތުލް އަދަބިއްޔާތު
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2004). ދިވެހިބަހުގެ ގަވާޢިދު. 1،2،3،4 މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.