ކޮމަންވެލްތް އޮފް ލާރނިންގ އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގުޅިގެން ކުރިޔަށް ގެންދާ “ބްލެންޑެޑް ކޯސް ޑިވެލޮޕްމެންޓް ވޯރްކްޝޮޕް” ފެށިގެން ކުރިޔަށް އެބަދެއެވެ.
2024 އޯގަސްޓް 11 އިން 15 އަށް (ފަސްދުވަހުގެ މުއްދަތަށް) އެން.އައި.އީ ސެމިނަރ ރޫމުގައި ކުރިޔަށްދާ މި ވޯރކްޝޮޕް ރަސްމީކޮށް ފައްޓަވައިދެއްވީ، އެންއައިއީ ހިންގުމާ ޙަވާލުވެ ހުންނެވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނައިބު، ޑޮކްޓަރ ފާޠިމަތު ނިޝާނެވެ.
ކޮމަންވެލްތް އޮފް ލާރނިންގ ގެ އެހީގައި ކުރިޔަށް ގެންދާ މި ވޯރކްޝޮޕްގެ މައިގަނޑު މަޤުޞަދަކީ، ކުރިމަގުގައި އެންއައިއީ އިން ކުރިޔަށް ގެންދިއުމަށް ބޭނުންވާ ޓްރޭނިންގ ގެ 20 ޕެކޭޖް ޑިވެލޮޕްކުރުމެވެ.
އަތޮޅުތަކުގެ ޓީ،އާރު.ސީ ތަކުގައި މަސައްކަތް ކުރައްވާ ޓީ.އާރު.ސީ. ކޯޑިނޭޓަރުން ޝާމިލުވާ ގޮތަށް އެންއައި،އީ އިން ހޮވާލެވުނު ފަންނީ 24 މުވައްޒަފުން ބައިވެރިކޮށްގެން ކުރިޔަށްގެންދާ މި ވޯރކްޝޮޕް ނިމޭއިރު 20 ޕެކޭޖް ޑިވެލޮޕްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވެއެވެ.
މި ވޯރކްޝޮޕްގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ވައިސްޗާންސެލަރ ޑޮކްޓަރ ޢަލީ ފަވާޒު ޝަރީފް އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ފަންނީ މުވައްޒަފުންނެވެ.