ސައިންސް އާއި ހިސާބު މާއްދާގެ ޓީ.އޯ.ޓީ ކާމިޔާބުކަމާއެކު ނިންމާލައިފި

17 އޮކްޓޯބަރު 2024

ސާނަވީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސައިންސް އާއި ހިސާބު މާއްދާތައަށް ޚާއްޞަކޮށްގެން ބޭއްވި “ޓްރެއިނިންގ އޮފް ޓްރެއިނަރސް” މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި، މާލެ އާއި އަތޮޅުތަކުގެ 114 ސްކޫލަކުން ޖުމްލަ 228 މުދައްރިސުން ބައިވެރިވެ، ޓްރެއިނަރުންގެ ގޮތުގައި ވަނީ ތަމްރީނު ވެފައިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކީސްޓޭޖް 3 އަދި 4ގެ ސައިންސް އަދި ހިސާބު މާއްދާ ކިޔަވާ ދަރިވަރުންގެ ފެންވަރު މަތިކުރުމަށްޓަކައި، މިމާއްދާތައް އުނގަންނައިދެއްވާ ޓީޗަރުންނަށް ބޭނުންވާ ފަންނީ ގާބިލުކަމާއި އަދި ހާއްސަކޮށް އެ ބޭފުޅުންގެ ކިޔަވައިދިނުމުގެ ހުނަރާއި ޕެޑަގޮޖިކަލް ކޮންޓެންޓް ނޮލެޖް ތަރައްގީކުރުމެވެ.

މި ތަމްރީނު ފުރިހަމަކުރެއްވި މުދައްރިސުން، އެ ބޭފުޅުން މަސައްކަތްކުރައްވާ ސްކޫލުތަކާއި އަތޮޅުގެ އެހެނިހެން ސްކޫލުތަކުގައި މި މާއްދާތައް ކިޔަވައިދެއްވާ އެހެން މުދައްރިސުންނަށް މި ތަމްރީނު ފޯރުކޮށްދެއްވުމަށްޓަކައި ސެޝަންތައް ކުރިއަށްގެންދަވާނެއެވެ.

މި ޓީއޯޓީ ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިފަދަ ވޯކްޝޮޕްތަކުން ހޯއްދަވާ މައުލޫމާތު، ދާއިރާގެ އެހެން ބޭފުޅުންނާ ހިއްސާކޮށް، ސްކޫލުތަކުގެ ސައިންސް މާއްދާއާއި ހިސާބު މާއްދާ ކިޔަވައިދޭ މިންވަރު ހަރުދަނާ ކުރުމަށް މަސައްކަތްކުރަން ޖެހޭކަމަށެވެ.

ދެބުރަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 428 ޓްރެއިނަރސް ޓްރެއިން ކުރެވޭނެއެވެ. އެއީ 214 ހިސާބު އަދި 214 ސައިންސް ޓްރެއިނަރުންނެވެ. މި ޕްރޮގްރާމްގެ ދެވަނަ ބުރު ކުރިއަށްދާނީ އޮކްޓޫބަރު 20 -24 އަށް މީރުމާގައެވެ.

މިއީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ) ގެ އެހީތެރިކަމާއެކު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ. މި ޕްރޮގްރާމްގެ ކޮންސަލްޓެންސީގެ މަސައްކަތްކޮށްފައިވަނީ ވިލާ ކޮލެޖުންނެވެ.

Leave a Comment

Your email address will not be published.