މާސްކު އެޅުމަކީ މަޖުބޫރު ކަމެއްނޫންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގަވައިފި

ރާއްޖޭގެ އާންމު ޙާލަތާ ގުޅިގެން މާސްކު އަޅަން ނުޖެހޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ )ން ނިންމުމާ ގުޅިގެން، ބައްޔައް ޕޮޒިޓިވްވާ ރޭޓް %20 އަށްވުރެ ދަށްކޮށް އުޅޭ ރަށްތަކުގެ ސްކޫލްތަކަށް ދަރިވަރުން ހާޟިރުވާއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ނޫންކަމުގައި އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިޢުލާނުގައި އިތުރަށް ހާމަކޮށްފައިވަނީ، ބެލެނިވެރިޔާއާއި، ދަރިވަރުން ބޭނުންނަމަ ދަރިވަރަށް މާސްކު އަޅައިގެން ސްކޫލަށް ހާޟިރުވެވިދާނެކަމަށާއި، ހައި ރިސްކު ދަރިވަރުން ސްކޫލަށް ހާޟިރުވާ އިރު މާސްކުއެޅުމަކީ އެދެވިގެންވާކަމެއްކަމުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަން ހާމަ ކުރައްވައި މިފަދަ އިޢުލާނެއް ނެރުއްވާފައި މިވަނީ، ކޮވިޑް19 ގެ ޙާލަތާ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ކުއްލި ނުރައްކަލުގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު  ޞާލިޙް 13 މާރިޗް 2022 ވަނަދުވަހުގެ ރޭ، ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އުވާލެވުނުކަން އިޢުލާނުކުރެއްވުމާ ގުޅިގެންނެވެ.

ސްކޫލްތަކަށާއި އޮފީސް ތަކަށް ހާޟިރުވާއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ކަމުގައި ނުވިނަމަވެސް، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ހުންއައިސް، އަރިދަފުސް ރޯގާގެ އެއްވެސް ޢަލާމާތެއް ހުރި ބޭފުޅެއްނަމަ މާސްކު އެޅުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

Leave a Comment

Your email address will not be published.