ޖަމާޢަތުގެ ޚަބަރު، އޮންލައިންކުރަން ފެށުން އެޑިޔުކޭޝަން މިނިސްޓަރ އިފްތިތާޙުކޮށް ދެއްވައިފި

” ޖަމާޢަތުގެ ޚަބަރުގެ އޮންލައިން” މިނިސްޓަރ އޮފް އެޑިޔުކޭޝަން  ޑޮކްޓަރ އައިޝަތު ޢަލީ މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. ޖަމާޢަތުގެ ޚަބަރު އޮންލައިންކޮށް ނެރުން ފެއްޓުން މިނިސްޓަރ އިފްތިތާޙް ކޮށްދެއްވީ އެކަމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގް ރޫމް 1 ގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މިއަދު ހެނދުނު 10:00ގައެވެ. މި ރަސްމިއްޔާތުގައި އެން އައި އީ ހިންގުމާ ޙަވާލުވެހުންނެވި  މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން  ޑރ. އަބްދުﷲ ރަޝީދުއާއި އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިޔަރ މެނޭޖްމަންޓް ޓީމް މެމްބަރުންނާއި ޖަމާޢަތުގެ ޚަބަރުގެ ޝާއިޢު ކުރުމުގައި އިސްވެ އުޅުއްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއަކީ ޖަމާޢަތުގެ ޚަބަރު، ވީހާވެސް ގިނަ ބަޔަކާ ހަމަޔަށް ފޯރާނެމަގު ތަނަވަސްކުރެއްވުމުގެ ބޭނުންފުޅުގައި އެމަޖައްލާ އޮންލައިން ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް ބާރުއަޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަނާ ވަނީ ކޮވިޑްގެ ވަބާގެ ސަބަބުން ރާއްޖެ ފުރަބަންދުގައި އޮތް ދުވަސްވަރުވެސް ޖަމާޢަތުގެ ޚަބަރު އޮންލައިން ކުރެވޭތޯ މަސައްކަތްތަކެއް ކުރައްވާފައެވެ. އެކަމަނާ ދެކެވަޑައިގެންނެވި ގޮތުގައި ޖަމާޢަތުގެ ޚަބަރުގެ މަގުޞަދު  އެންމެ އެދެވޭގޮތުގައި ޙާސިލްކުރުމަށް މަޖައްލާ އޮންލައިންވެގެން ދިއުން މިޒަމާނަށް ނުހަނު ބޭނުމެވެ.

ޖަމާޢަތުގެ ޚަބަރަކީ 1978 ވަނަ އަހަރު ރާއްޖޭގައި ޝާއިއު ކުރަން ފެށި މަޖައްލާއެކެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެންމެދިގު މުއްދަތެއްގައި ޝާއިޢު ކުރަމުން ގެންދެވިފައިވާ މަޖައްލާއެވެ. އަދި މިހާތަނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ހިލޭ ފޯރުކޮށްދެމުން ގެންދިޔަ އެންމެ ދުވަސްވީ މަޖައްލާވެސްމެއެވެ. މިމަޖައްލާގެ ފުރަތަމަ މަސްއޫލުފަރާތަކީ އެޑިޔުކޭޝަން ޕްރޮޖެކްޓް އޮފީސްގެ ނަމުގައި ސަރުކާރުން 1976 ވަނަ އަހަރު އުފެއްދި އޮފީހެވެ. ފުރަތަމަ އެޑިޓަރަކީ އޭރު އެއޮފީހުގައި މަސައްކަތް ކުރެއްވި ރާޝިދާ ޔޫސުފް އެވެ.

Leave a Comment

Your email address will not be published.