ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރަން ފެށުން ފާހަގަކޮށްފި

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ހޯލުގައި ބޭއްވި ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރަންފެށުން ފާހަގަކޮށްފިއެވެ.

މިއަދު ހެނދުނު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ  އެޑިއުކޭޝަން މިނސްޓަރ ޑރ. އައިޝަތު އަލީއެވެ.

މި ރަސްމިއްޔާތުގައި  އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިއަދު ތަންފީޒުކުރަށް ފެށުން ފާހަގަކުރަމުން މިދާ ދެ އިސްތިރާޖު ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ތަންފީޒުކޮށް، މި ކަމުން ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލުކުރެވޭނީ ތަޢުލީމީދާއިރާގައި މަސައްކަތްކުރައްވާ އެންމެހައި މުއައްޒަފުންނާއި، ސްކޫލްތަކާއި، ދަރިވުންގެ ބެލެނިވެރިންގެ ޙިއްސާ މިކަމުގައި އޮވެގެންކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ، ތަޢުލީމީ ވުޒާރާއިން އަބަދުވެސް އެންމެ އިސްކަމެއްދީގެން ކުރެވޭ އެއް މަސައްކަތަކީ ދަރިވަރުންގެ ކިބައިގައި ލިޓެރަސީ އެންޑް ނިއުމަރަސީގެ ހުނަރުތައް ފާގަތިކުރުމެވެ.

 

އެގޮތުން މިއަދު ތަންފީޒުކުރަން ފެށުނު 2 އިސްތިރާޖުގެ ދަށުން ލިޓްރަސީ އެންޑް މެތަމެޓިކްސް އެމްބެސެޑަރުންނަށް ދެވޭ ތަމްރީނު ޕްރޮގްރާމުވެސް މިއަދު މިވަނީ ފަށާފައެވެ. މާރިޗް 20-22 އަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ރާއްޖޭގެ  131 ސްކޫލަކުން ބައިވެރިވެއެވެ. ޖީ.ޕީ.އީގެ އެހީގެދަށުން އެން.އައި.އީން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ޚާއްސަކުރެވިފައިވަނީ ބަހުގެ ޢިލްމަށެވެ.

 

ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރުމުގެ ޕްރޮޖެކްޓުތަކަށް ޔުނިސެސެފް މޯލްޑިވްސް އާއި ގްލޯބަލް ޕާޓްނާރސް ފޯ އެޑިއުކޭޝަން (ޖީ.ޕީ.އީ)ގެ ދީލަތި އެހީލިބިފައިވެއެވެ.

Leave a Comment

Your email address will not be published.