ލ.އަތޮޅުތައުލީމީ މަރުކަޒުގެ އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓު ތަރައްގީކޮށް، ރަސްމީކޮށް ހުޅުވައިފި

ބައިނަލްއަޤްވާމީ “ޑައުން ސިންޑްރޮމް” ދުވަހާއި ގުޅުވައިގެން  ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓު ތަރައްޤީކޮށް، ރަސްމީކޮށް ހުޅުވައިފިއެވެ.

21 މާރިޗް 2022 ވަނަ ދުވަހު މި ޔުނިޓު ރަސްމީކޮށް ހުޅުއްވަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑރ.އަބްދުﷲ ރަޝީދު އަޙުމަދެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު އަޙުމަދު ދެއްކެވި ވާހަކަފުޅުގައި ސްކޫލްގައި ހުރިހާދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ މުހިއްމުކަމާމެދު އަލިއަޅުވާލެއްވިއެވެ. އަދި ޚާއްސަކޮށް އާރލީ އިންޓަރވެންޝަން ހަރުދަނާކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން، ޝާމިލްކޮށްގެން ކިޔަވައި ދިނުމަށްޓަކައި، މެއިންސްޓްރީމް ޓީޗަރުންވެސް، ޔުނިވާސަލް ޑިޒައިން ފޮރ ލާރިންގެ އުކުޅުތަކާއި، ޑިފަރެންޝިއޭޓޭޑް އިންސްޓްރަކުސަންގެ އުކުޅުތައް ބޭނުންކުރުމުގެ މުހިއްމުކަމުގެ މައްޗަށް އިޝާރާތް ކުރެއްވެވިއެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޤާއިމްކުރެވުނު އިންކްލޫސިވް ސަޕޯރޓް ޔުނިޓަކީ ދިވެހި ރާއްޖޭގެ ޤައުމީ މަންޙަޖުގެ އަމާޒު ކަމުގައިވާ، ކޮންމެ ދަރިވަރަކީވެސް ދިރިއުޅުމަށް ތައްޔާރު ކުރެވިފައިވާ ކުއްޖަކަށް ހެދުމަށް ސްކޫލަށް ލިބިގެންދިޔަ އިތުރު އެހީއެއްކަމާއި، އަދި މިއީ ދިވެހި ރާއްޖޭގެ ޤައުމީ މަންޙަޖުގެ އެއް އަސާސްކަމުގައިވާ ހުރިހާކުދިން ޝާމިލް ކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް ލިބިގެން ދިޔަ ކުރިއެރުމެއްކަމަށް އެ ސްކޫލުން ދެކެއެވެ.

މި ޔުނިޓްގެ ފަރާތުން ދަރިވަރުންނަށް އުނގެނުމުގެ ޙާލަތައް ރިޢާޔަތްކޮށް، މައިގަނޑު 4 ޕްރްގްރާމެއްގެ ތެރެއިން ކިޔެވުމުގެ ފުރުސަތު ހޯދައިދެވެއެވެ. އެގޮތުން ހޯމްބޭސްޑް ލާރނިން ޕްރޮގްރާމް، ސްކޫލް ރެޑިނަސް ޕްރޮގްރާމް، އާރލީ އިންޓަރވެންޝަން ޕްރޮގްރާމް އަދި މެއިންސްޓްރީމް އެޑިއުކޭޝަން ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދެވޭނެކަމަށް ސްކޫލުން މަޢުލޫމާތު ދެއެވެ.

ލ.އަތޮޅު ތަޢުލީމީ މަރުކަޒަކީ 743 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލުކުރަމުން ގެންދާ ސްކޫލެކެވެ. މީގެތެރެއިން 68 ދަރިވަރުން އިންކްލޫސިވް ސަޕޯރޓް ޔުނިޓްގައި ރަޖިސްޓްރީ ކުރެވިފައި ވެއެވެ.

 

މި ރަސްމިއްޔާތުގައި ލ.އަތޮޅުތަޢުލީމީ މަރުކަޒުގެ ސީނިއަރ މެނޭޖްމެންޓާއި، މުދައްރިސުންނާއި، ޕީޓީއޭގެ މެމްބަރުންނާއި ދަރިވަރުން އަދި ބެލެނިވިވެރިންވެސް ބައިވެރިވެ ވަޑައިގަތެވެ. ރަސްމިއްޔާތު ނިމިގެންދިޔައީ، ޝަރަފުވެރި މެހުމާން ސަޕޯޓް ޔުނިޓްގައި މަސައްކަތް ކުރިއަށް ދާގޮތް ބައްލަވައި ލައްވާ ޔުނިޓުގައި ކިޔަވާ ބައެއް ދަރިވަރުންނާއި ބައްދަލު ކޮށްލެއްވުމަށް ފަހުގައެވެ.

Leave a Comment

Your email address will not be published.