ލިޓެރަސީ އެމްބެސެޑާރސް ޓްރެއިނިންގ (ނިންމުން)

ރިޕޯޓް

(ތިންވަނަ ދުވަސް)

20 މާރިޗް 2022ން 22 މާރިޗް 2022 އަށް ކުރިއަށްގެންދިޔަ ލިޓެރަސީ އެމްބެސެޑާރަސް ޓްރެއިނިންގެ އެންމެ ފަހު ދުވަހު ކުރިއަށްގެންދެވުނު ބައިތަކަށް ބަލާލާއިރު، އެންމެ ފުރަތަމަ ގަޑީގައި ބައިވެރިންނަށް ކުރިއަށްގެންދިޔައީ “ޝެއާރޑް ރައިޓިންގ”އެވެ.

ޝެއާރްޑް ރައިޓިންގ އަކީ ދަރިވަރާއި މުދައްރިސް ބައިވެރިވެގެން ކުރެވޭ މަޝްވަރާތަކުގެ މައްޗަށް އެކުލަވާލެވޭ ލިޔުމެވެ. މިގޮތައް ލިޔެވޭ ލިޔުމަކީ، އަލަށް ފަށައިގަންނަ ޢުމުރުގެ ދަރިވަރުން މުދައްރިސާއި ދަރިވަރާއި މެދު ކިލާސް ރޫމުގައި ދެކެވޭ ވާހަކަތައް ޖުމްލަތަކަށް ހަދައި، މުދައްރިސް ދަރިވަރަށް ލިޔެދޭ ލިޔުމެކެވެ. އަދި ކީސްޓޭޖް 2 ން މަތީގެ ކީ ސްޓޭޖްތަކުގައި ކިޔަވާ ދަރިވަރު މުދައްރިސްގެ އެހީއާއިއެކު، ކިލާހުގައި ދެވޭ މައުޟޫއަކަށް ނުވަތަ މަޝްވަރާއަކަށް ލިޔެއުޅެއެވެ.

ތަމްރީނުގެ ބައިވެރިން ގްރޫޕްތަކުގެ މެދުގައި ކިލާސްރޫމެއްގެ މާޙައުލު ޤާއިމްކޮށް ޝެއަރޑް ރައިޓިންގ ގަޑިއެއް ކުރިއަށްދާނެގޮތް ތަޖުރިބާކުރިއެވެ. އަދި މި ތަޖުރިބާއަށް ބަރޯސާވެ ރަނގަޅުކުރަންވީ ކަންކަމާއި، ޝެއަރޑް ރައިޓިންގ ކިލާހެއް ދަރިވަރުން ޝައުޤުވެރިވާނެހެން ކުރިއަށްގެންދެވިދާނެ ގޮތްތައް ގްރޫޕުތަކުގެ މެދުގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރެވުނެވެ.

ދެވަނަ ގަޑީގައި ބައިވެރިންނަށް މަޢުލޫމާތު ދެވުނީ ” މާރްކިންގ ރައިޓިންގ” އާއި ގުޅޭގޮތުންނެވެ.

ދަރިވަރުންގެ ފިލާވަޅުތަކާއި ގުޅޭގޮތުން ދެވޭ މަސައްކަތްތައް މާރކްކުރާނީ ކިހިނެއްކަމާއި، މާރކް ކުރުމުގައި ގެންގުޅެންޖެހޭނެ އެކި އުކުޅުތަކާއި، މަސައްކަތްތައް މާރކުކޮށް ނިންމަންވާނެ މުއްދަތާއި، މާރކް ކުރުމުގައި ބޭނުންކުރާނެ “ސިމްބަލް”ތަކާއި، މުދައްރިސުން ގެންގުޅެންވީ ޗެކްލިސްޓު ބައިވެރިންނަށް ކިޔައިދެވުނެވެ.

މި ސާލަކަށް ދަރިވަރުގެ މަސައްކަތުގައި ނުރަނގަޅުކޮށް އޮންނަ ތަންތަން ރަނގަޅުކުރުމަށް ޢަމަލުކުރާނެ ގޮތްތަކާއި، އެއިން ނިކުމެދާނެ ނަތީޖާ ބައިވެރިންނާއި ޙިއްސާކުރެވުނެވެ.

މި ގަޑީގައިވެސް ތަމްރީނުގެ ބައިވެރިން، ޢަމަލީގޮތުން ދަރިވަރުން ކޮށްފައިވާ މަސައްކަތްތަކެއްގެ މިސާލު ނަގައި، އެ މިސާލުތައް މާކު ކުރާނެގޮތުގެ ތަޖުރިބާކޮށް، ބައިވެރިންގެ މެދުގައި ޚިޔާލުބަދަލުކުރެވުނެވެ.

ތަމްރީނު ނިންމާލުމުގެ ކުރިން ބައިވެރިންނަށް “ޕްލޭނިންގ ސެޝަނެއް” ކުރިއަށްގެންދެވުނެވެ.

މި ސެޝަންގައި ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖާއި، އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރުމަށް،މި ތަމްރީނު ޕްރޮގްރާމުގައި ތަމްރީނުކުރެވޭ މުދައްރިބުން ތަމްސީލުކުރާ ސްކޫލުގައި މި މަސައްކަތް ކުރާނެގޮތުގެ ޕްލޭންނެއް އެކުލަވާލުމަށް ކުރާނެ ކަތައްތައް ބައިވެރިންނަށް ބުނެދެވުނެވެ. އަދި ޕްލޭން އެކުލާވާލުމަށް ފަހު 14 އޭޕްރިލްގެ ކުރިން އެން.އައި.އީއަށް ޕްލޭން ފޮނުވުމަށާއި، 24 ޖޫން 2022 ގައި މި ދެ އިސްތިރާޖު ސްކޫލުތަކުގައި ތަންފީޒުކޮށް ނިންމުމަށް ބައިވެރިންނަށް އިރުޝާދުދެވެވުނެވެ.

ކާމިޔާބު ކަމާ އެކު ތަމްރީނު ނިންމާލެވުނު އިރު ދިވެހިރާއްޖޭގެ 131 ސްކޫލެއްގައި ބަހުގެ ޢިލްމުގެ އިސްތިރާޖު ތަންފީޒުކުރުމަށް ތަމްރީނު ކުރެވިފައިވާ މުދައްރިބުންތަކެއްތިބިކަމީ އެން.އައި.އީން ފަޚުރުވެރިވާ ކަމެއްކަމުގައި، މި ތަމްރީނު ރާވައި، ވިލަރެސްކޮށް ފެސިލިޓޭޓްކުރި އެން.އައި.އީގެ ޓީޗާރ ޓްރެއިނިންގް ޔުނިޓުން ހާމަކުރިއެވެ. އަދި ތަމްރީނުކުރެވުނެ މުދައްރިބުން މެދުވެރިކޮށް އެހެން ސްކޫލްތަކުގެ މުދައްރިސުން ތަމްރީނުކުރުމަށް ބޭނުންވާނެ އެހީ އާއި މަދަދު ފޯރުކޮށްދޭނެކަމަށްވެސް އެ ޔުނިޓުން ހާމަކުރިއެވެ.

Leave a Comment

Your email address will not be published.