ޢިއްޒުއްދީން ސްކޫލްގެ ފުރަތަމަ ކަލަރ ވެލީ އާރޓް އެގްޒިބިޝަން ބާއްވައިފި

ޢިއްޒުއްދީން ސްކޫލްގެ ފުރަތަމަ އާރޓް އެގްޒިބިޝަން “ކަލަރ ވެލީ” ބާއްވައިފިއެވެ.

މާރޗް މަހުގެ 23 ން 24 އަށް ކުރިއަށްދިޔަ މި އެގްޒިބިޝަން ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މާލޭ ޒޯންގެ ކޯޑިނޭޓަރ އަލްފާޟިލް އަޙްމަދު ނަސީމެވެ.

އަޙުމަދު ނަސީމުގެ ވާހަކަފުޅުގައި ކިޔެވުމުގެ އިތުރުން، އިތުރު މަސައްކަތްތެރިކަން ދަސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ.

މިއީ ޢިއްޒުއްދީން ސްކޫލްގައި މި ގޮތަށް ބޭއްވި ފުރަތަމަ އެގްޒިބިޝަނެވެ. މި އެގްޒިބިޝަން ބޭއްވުމުގެ މަޤްޞަދަކީ ދަރިވަރުންގެ ކުރެހުމާއި އަތްތެރި މަސައްކަތުގެ ހުނަރު ކުރިއެރުވުމެވެ.

ކަލަރ ވެލީ އެގްޒިބިޝަންގައި ޢިއްޒުއްދީން ސްކޫލްގެ ހުރިހާ ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި،ވަރަށް ހިތްވަރާއެކު ދަރިވަރުން ހުށަހަޅާފައިވާ ކުރެހުންތަކާއި އަތްތެރި މަސައްކަތްތައް ނިންމާލާފައި ވަނީ ގާތްގަނޑަކަށް 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައިކަމަށް އެ ސްކޫލުން މައުލޫމަތުދެއެވެ. ދަރިވަރުންގެ ހުނަރުވެރިކަން ދައްކުވައިދޭ ތަފާތު، ރީތި ކުރެހުންތަކާއި ފުރިހަމަ އަތްތެރި މަސައްކަތްތަކެއް މި އެގްޒިބިޝަންގައި ފެނިގެން ދިޔައެވެ.

ކަލަރ ވެލީ އެގްޒިބިޝަން ބައްލަވާލެއްވުމާ، އުފެއްދުންތައް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ބެލެނިވެރިންނަށް އެ ފުރުސަތު ވެސް އެ ސްކޫލުން ހުޅުވާލިއެވެ.

ދެ ދުވަހަށް ދެމިގެންދިޔަ ކަލަރ ވެލީ އެގްޒިބިޝަން ކާމިޔާބުކަމާއެކު ނިންމާލެވިފައިވަނީ ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި ޓީޗަރުންގެ ވަރަށް ބޮޑު އެއްބާރުލެއްވުމެއް ލިބިގެންކަމަށާއި،  މިއީ ކުރިއަށް އޮތް އަހަރުތަކުގައި އަހަރަކު އެއްފަހަރު ބޭއްވުމަށް ތާވަލުކުރެވިފައިވާ މަޢުރަޒެކަމުގައި އެ ސްކޫލުން ހާމަކުރެއެވެ.

 

Leave a Comment

Your email address will not be published.